بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ނައިވާދޫ ތަމްސީލު ކުރައްވާ ޢިއްޒަތްތެރި މެންބަރު ޢަބްދުލްޣަފޫރު މޫސާ، އަދި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ނައިވާދޫ ކައުންސިލްގެ ރައީސް ޢަލީ ރަޝީދު، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، ނައިވާދޫގެ ލޮބުވެތި ރައްޔިތުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ފުރަތަމަ ކަމަކަށް، މި ހޫނު ވަގުތު އަޅުގަނޑުމެން މި ރަށަށް އައުމުން، ނައިވާދޫގެ ލޮބުވެތި ރައްޔިތުންނާއި ކައުންސިލްގެ ފަރާތުން އަޅުގަނޑުމެންނަށް ވިދާޅުވި މަރުޙަބާއަށްޓަކައި، އަޅުގަނޑާއި އަޅުގަނޑާ އެކުގައި މި ރަށަށް އައި ޓީމުގެ ފަރާތުން ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާ އެކުގައި ޝުކުރު ދަންނަވަން.

އާދެ، މިއަދު ނައިވާދުއަށް އަޅުގަނޑުމެން އައިސް މިތިބީ ޒަމާންތަކެއް ވަންދެން މި ރަށަށް ވަރަށް ބޮޑަށް ބޭނުންޖެހިފައި އޮތް ކަމެއް ފެށުމުގެ ރަސްމީ އިޙްތިފާލުގައި ބައިވެރިވުމަށް. ނައިވާދުއަކީ ރާއްޖޭގެ ގިނަ ރަށްރަށެކޭ އެއްގޮތަށް، ސާފު ބޯފެން އަދި ނަރުދަމާގެ ނިޒާމު މިހާތަނަށް އައިއިރުގައި ނުލިބި އޮތް ރަށެއް. އެހެން ނަމަވެސް، އަޅުގަނޑުމެން ރިޔާސީ އިންތިޚާބުގައި އެ ވާހަކަ އެ ދެއްކިގޮތަށް، އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް މި ވާހަކަ މިގޮތަށް ދެއްކުމަށްފަހު، ޙަޤީޤަތަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން ޢަމަލީ މަސައްކަތް ފަށައިގަތީމު.

ނައިވާދުއަކީ ވެރިކަންކުރާ މާލެއާ 299 ކިލޯ މީޓަރު ދުރުގައި އޮތް ރަށެއް. އަޅުގަނޑަކީ ޅ. އަތޮޅު ހިންނަވަރަށް އުފަން މީހެއް. ޕްލޭނިންގ މިނިސްޓަރ އަސްލަމަކީ ގދ. ފަރެސްމާތޮޑާއަށް އުފަން ބޭފުޅެއް. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަސްލަމް، އެއީ ހިތަދޫ ސިޓީއަށް ނިސްބަތްވާ ބޭފުޅެއް. މިނިސްޓަރ މާރިޔާ، ސީދާ މާލެއަށް ނިސްބަތްވާ ބޭފުޅެއް. އެހެން ނަމަވެސް، އަޅުގަނޑުމެންވީ ވަޢުދަކީ، އެންމެބޮޑު ވަޢުދަކީ ތަފާތުނުކުރުން. އެއްވެސް ރައްޔިތަކު ތަފާތުނުކޮށް، ހަމަހަމަކަމާއެކީގައި ޚިދުމަތްތައް ފޯރުކޮށްދިނުން.

އެމީހަކު އުޅޭ ރަށެއް، އަތޮޅެއް، ސިޓީއެއް ތަފާތުނުކޮށް ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، ހަމަހަމަޔަށް އެންމެންނަށް ފޯރުކޮށްދިނުން. މިއީކީއެއް މެނިފެސްޓޯއެއްގައި ލިޔަންޖެހޭ ވާހަކައެއް ނޫން. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ މެނިފެސްޓޯއަކު ނޯންނާނެ، ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކޮށްދޭނެ ވާހަކައެއް. އެއީ، އެއަށްވުރެ އަސާސީ ކަމަކަށްވާތީވެ. ޤާނޫނުއަސާސީގައި ބުނަނީ ރައްޔިތުންގެ މެދުގައި ތަފާތުނުކުރުމަށް. ތަފާތުނުކުރުމަކީ ހަމައެކަނި ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި، އެތާ އިންނަވާ ފަނޑިޔާރު ކުރައްވަންޖެހޭ ކަމެއް ނޫން. އަދި ފުލުސް އޮފީހަށް ހުށަހެޅޭ ތަޙުޤީޤެއް ކުރުމުގައި، ހަމައެކަނި އެތާ އިންނަވާ ތަޙުޤީޤުކުރާ ބޭފުޅަކު ކުރައްވަންޖެހޭ ކަމެއް ނޫން. އެއީ، އެއިރަކު ރައްޔިތުން އިންތިޚާބުކޮށްފައި އޮންނަ ސަރުކާރަކުން ރައްޔިތުންނާ ދޭތެރޭގައި ކުރަންޖެހޭވެސް ކަމެއް. އަޅުގަނޑުމެން ވީ ވަޢުދަކީ އެއީ. ތަފާތުނުކޮށް ހަމަހަމަކަމާއެކީގައި އިންޞާފުން އެންމެންނަށް ކަންތައްތައް ކޮށްދިނުން. އިރާދަކުރެއްވިއްޔާ، އެ ބޮޑު ވަޢުދު އަޅުގަނޑުމެން އެގޮތަށް ފުއްދަމުން ގެންދާނަން.

މި ރަށަށް ދިމާވެފައި ހުރި ބޮޑެތި ކަންތައްތަކުގެ ތެރެއިން އެންމެބޮޑު، އެންމެ މުހިންމު އެއްކަމަކީ ފެނުގެ ދަތިކަމުގެ ވާހަކަކަން، ކައުންސިލްގެ ރައީސް ޢަލީ ރަޝީދު މުޙައްމަދާއި، ސްކޫލްގެ ޓީޗަރު މުޙްސިނާ ޢަބްދުލްޣަނީ ވަރަށް ސާފުކޮށް އެ ވިދާޅުވީ. ބައެއް ދުވަސްވަރު ފެނަށްޖެހި، އެއްގޮތަކަށްވެސް ފެންފޮދެއް ނުލިބޭ ހިސާބަށްދިޔަ ދުވަސްތައް އެބަހުރި. އެހެން ނަމަވެސް، މިއަދު މި ފެށޭ ފެނުގެ ނިޒާމު ރައްޔިތުންނާ ހިސާބަށް ލިބެން ފެށުމުން، އަޅުގަނޑު ހިތުން މިކަމަށް ވަރަށްބޮޑު ޙައްލެއް ރައްޔިތުންނަށް ލިބިގެންދާނެ.

އަޅުގަނޑުމެން މި މަސައްކަތްތައް ފަށައިގަތީ ކޯވިޑުގެ ދަތިކަމުގެ ތެރޭގައި. އަޅުގަނޑުމެން މިއިން ކޮންމެ ކަމަކަށް ބޭނުންކުރާ ކޮންމެ އެއްޗެއް ގެންނަންޖެހެނީ ބޭރުން. ހިލަޔަކަސް، ހިލަވެއްޔަކަސް، ވަޅުލާ ހޮޅިޔަކަސް، ފިޓިންގއަށް ބޭނުންވާ ކޮންމެ އެއްޗަކަސް، ގެންނަން ޖެހިފައި އެއޮތީ ބޭރުން. އެހެން ނަމަވެސް، ކޯވިޑާ ގުޅިގެން މުޅި ދުނިޔެ ބަންދުވުމާ ގުޅިގެން، މި ތަކެތި ރާއްޖެއަށް އެތެރެކުރުމަށް ވަރަށްބޮޑެތި ހުރަސްތަކެއް އެޅިގެންދިޔަ. އެހެން ނަމަވެސް، އެ ދައްޗާ އެކީގައި ޕްލޭނިންގ މިނިސްޓްރީއާއި އަދި ސަރުކާރުގެ އެކިއެކި ވުޒާރާތަކާއި ކުންފުނިތަކާ ގުޅިގެން އެ ކުރެވުނު މަސައްކަތުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވަޢުދުތައް މި އަންނަނީ ދުވަހުން ދުވަހަށް ބަރާބަރަށް ފުދެމުން.

މި މަސައްކަތް މިހާ ރަނގަޅަށް ކޮށް މި ނިންމާލެވުނީ، މިކަމަށް އެކަށީގެންވާ ރަނގަޅު ކުންފުންޏަކާ މި މަސައްކަތް ހަވާލުކުރެވިފައި އޮތީމަ. އިތުބާރާ އެކީގައި މިފަދަ މަސައްކަތް ކުރާ ރާއްޖޭގައި އޮތް އެއް ކުންފުންޏަކީ ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް. މި މަސައްކަތް މިހާ ފުރިހަމައަށްކޮށް ނިންމައިދެއްވި ކަމަށްޓަކައި މެނޭޖިންގ ޑިރެކްޓަރ ސަވާދަށް މިއަދު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

މި ރަށަށް އަދި ކޮށްދޭންޖެހޭ ވަރަށްގިނަ ކަންތައްތައް އެބަހުރި. ރިޔާސީ އިންތިޚާބުގައި ކަންތައްތަކެއް ކޮށްދޭން އަޅުގަނޑު ވަޢުދުވީން. އަޅުގަނޑު ފާހަގަޖަހަމުންދާއިރުގައި، އެ ވަޢުދުތަކުގެ ތެރެއިން މިހާތަނަށް ނުފެށި އޮތް މަސައްކަތަކީ ބަނދަރުގެ މަސައްކަތް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މި ދައުރުގައި ލަސްތަކެއްނުވެ އެ މަސައްކަތްވެސް ފަށައި، މި ރަށުގެ ބަނދަރަށް ދިމާވެފައި އޮތް ދަތިކަން އަޅުގަނޑުމެން ޙައްލުކޮށްދޭނަން.

އޭގެއިތުރުން، މި ރަށަށް ބޭނުންވެފައި ހުރި ކަންތައްތަކެއްގެ ވާހަކަ ދެންމެ ކައުންސިލްގެ ރައީސް އެ ވިދާޅުވީ. ފުޓްބޯޅަ ދަނޑުގެ މަސައްކަތް މިހާރުވަނީ ބަޔަކާ ހަވާލުކުރެވިފައި. އިރާދަކުރެއްވިއްޔާ އެ ދަނޑު ނިމިގެންދާއިރުގައި، ކައުންސިލްގެ ރައީސް އެ ވިދާޅުވިގޮތަށް، އެތާ ޓާރފް އެޅި، ރޭގަނޑު ކުޅެވޭގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދައިދޭނަން.

ރަށް ޙިމާޔަތް ކުރުމަކީ ކުރަން ޖެހިފައި އޮތް ކަމެއް. މިނިސްޓަރ އަސްލަމް އެކަމާ ދޭތެރޭގައި ޕްލޭނެއް އެބަ ގެންގުޅުއްވާ. މިހާރު ސްޓަޑީއެއް ހެދުމަށްފަހުގައި އެއާބެހޭ ފީޒިބިލިޓީއާ އެކީގައި މަސައްކަތް ކުރިއަށް ގެންދިޔުމާ ހަމައިގައި މިވަގުތު އޮތީ. އެއީ، މި ރަށުގައި ދިމާވެފައި އޮތް ދައްޗެއް ކަމަށް އަޅުގަނޑުމެން ދެކި، އެކަން އަޅުގަނޑުމެން ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން.

މި ރަށުގެ ޞިއްޙީ މަރުކަޒު އެއީ، އަޅުގަނޑުމެން މަޖިލިސް އިންތިޚާބުގައި މި ރަށަށް ކޮށްދޭން ބުނި ކަމެއް. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، ބޭނުންވާ އަޕްގްރޭޑިންގގެ މަސައްކަތް މިހާރުވަނީ ނިމިފައި. އެކަމަކު އަދިވެސް ރާއްޖޭގެ އެކި ރަށްރަށަށް އެންމެ ބޮޑަށް ބޭނުންވެފައި އޮތް އެއް ދާއިރާއަކީ، ޞިއްޙީ ޚިދުމަތް މިހާރަށްވުރެ ރަނގަޅުކުރުން ކަމަށް އަޅުގަނޑުމެން ގަބޫލުކޮށް، މިހާރަށްވުރެވެސް ރަނގަޅަށް އެ ޚިދުމަތްތައް ރަށްރަށުގައި ދިނުމާ ބެހޭގޮތުން އަޅުގަނޑުމެން މަސައްކަތްތަކެއް ފަށައިގެން އެބަ ގެންދަން.

އަޅުގަނޑު ހިތުން މި ރަށުގެ ޞިއްޙީ މަރުކަޒުވެސް އަޕްގްރޭޑް ކުރި ނަމަވެސް، އަދިވެސް ހުންނާނެ ބޭނުންވާ ކިތަންމެ ކަމެއް. އަޅުގަނޑުމެން މިއަދު ކައުންސިލާ އެކީގައި ބައްދަލުވުންވެސް އެބަ ބާއްވަން. އެހެންވީމާ، އެކަން ހޯދައި މި ރަށުގައި ހުރި އެހެން ކަންތައްތަކާ ބެހޭގޮތުން އަޅުގަނޑުމެންނަށް މަޝްވަރާ ކުރެވި ގޮތްތަކެއް ހޯދުމަށް މަސައްކަތް ފެށިގެންދާނެ.

ރާއްޖޭގެ ދަތުރުފަތުރަށް އެންމެ ބޮޑު ބަދަލެއް ގެނުވާ އެއްކަމަކީ އާރު.ޓީ.އެލް.ގެ ޚިދުމަތް. އެއް ރަށުން އަނެއް ރަށަށް ރައްޔިތުންނަށް ދެވި، ޚިދުމަތްތައް، އެއް ރަށުން ނުލިބޭ ޚިދުމަތް އަނެއް ރަށުން ހޯދައި، ޞިއްޙީ ޚިދުމަތް އަދި އެނޫންވެސް އެކިއެކި ކަންތައްތަކަށް އެއްރަށުން އަނެއް ރަށަށް ދެވޭގޮތް ހަދައިދިނުމަކީ އަޅުގަނޑުމެން ވީ އެންމެ ބޮޑު ވަޢުދު. އިރާދަކުރެއްވިއްޔާ، ބޮޑު ތިލަދުންމަތީގައި އެ މަސައްކަތް ފެށި، މިހާރު އެދަނީ ކުރިއަށް.

މި ރަށުގައި ހުރެ އަޅުގަނޑު ރިޔާސީ އިންތިޚާބުގައި އެދުވަހު ބުނި ވާހަކަ ހަމަ ތަކުރާރުކޮށް އަޅުގަނޑު ދަންނަވާލާނަން. "ދަތުރުފަތުރުގެ ނިޒާމުގެ ދަށުން ހެޔޮ އަގުގައި ފަސޭހަކަމާއެކު ހަލުވި ސްޕީޑްގައި އެއް ރަށުން އަނެއް ރަށަށް ޚިދުމަތް ހޯދުމަށާއި، ވަޒީފާގެ ބޭނުންތަކަށް ދެވޭނެގޮތް ހަމަޖައްސައިދޭނަން." މިއީ، އެ ދުވަހު މި ރަށުގައި ހުރެ އަޅުގަނޑު ދެއްކި ވާހަކައިގެ ކުޑަ ތަންކޮޅެއް. އިރާދަކުރެއްވިއްޔާ އެ ކަންތައްތައް މިދަނީ ރަނގަޅަށް ފުރިހަމަވެ، އަޅުގަނޑު ހިތުން މިހާރު މިތަނުން މި ފެންނަ އާރު.ޓީ.އެލް.ގެ ފެރީ ހަޓުން ފަސޭހަކަމާއެކީގައި ލޯންޗަށް އަރައި، އެއް ރަށުން އަނެއް ރަށަށް، 41 ރަށް އެކީގައި ގުޅުވާލެވިފައި މިއޮތް، މި ސަރަޙައްދުގައި ފަސޭހަކަމާ އެކީގައި ދަތުރު ކުރުމުގެ ނިޒާމު މިވަގުތު މިވަނީ ހަމަޖެހިފައި. އެކަމަށްޓަކައި މި ބުރަ މަސައްކަތް ހަވާލުވެވަޑައިގެން ކުރައްވާ އެމް.ޓީ.ސީ.ސީ.ގެ ހީވާގި ސީ.އީ.އޯ.އަށާއި މުވައްޒަފުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަބަދުވެސް ހުންނާނެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ މަސައްކަތް. އެއީ ހުއްޓުމެއް ނެތް ކަމެއް. އަބަދުވެސް އިތުރަށް ބޭނުންވާ ކަންތައްތައް ހުންނާނެ. ދެންމެ ކައުންސިލްގެ ރައީސް ޢަލީ ރަޝީދު އެ ވިދާޅުވިފަދައިން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކޮންމެ ރަށަކަށްވެސް އެ ބޭނުންވާ ކަންތައްތައް ދެނެގަނެ، އެ ކަންތައްތައް ކުރުމުގައި ދެމިތިބޭނެ ވާހަކަ ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، ނައިވާދުއަށާއި މި އަތޮޅަށް މިއަށްވުރެ އުފާވެރި ފާގަތި މާދަމާއެއް ﷲ މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.