بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގައި ފިނޭ ތަމްސީލު ކުރައްވާ ޢިއްޒަތްތެރި މެންބަރު ޢަބްދުލްޣަފޫރު މޫސާ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ފިނޭ ކައުންސިލްގެ ރައީސް ޢަދުނާން ޢަބްދުﷲ، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، ކުންފުނިތަކުގެ ޑިރެކްޓަރުންނާއި، ސީ.އީ.އޯ. އިން، ފިނޭގެ ލޮބުވެތި ރައްޔިތުން އަދި ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ހދ. ފިނޭގައި އަޅުގަނޑު މިތާ މިހުރީ ހިތްހަމަޖެހުމާއެކު. އަޅުގަނޑުމެން ވެރިކަމަށް އައިސް ވީ ވަޢުދުތައް ފުއްދަމުން ދިޔުމުގައި މިއަދަކީ އަނެއްކާވެސް އަޅުގަނޑު މިދެންނެވިހެން ހިތްހަމަޖެހުމެއް އަޅުގަނޑުމެންނަށް ލިބޭ ދުވަހެއް. ޙަޤީޤަތުގައި މިއަދު ފިނޭ ބަދަލުވެގެން މިދަނީ އިންސާނުން ދިރިއުޅޭ ރަށަކަށް. ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކޮށް ބާރު ސްޕީޑްގައި ކުރިއަށް ގެންދެވޭނެ ސެންޓަރަކަށް. މީހުން ދިރިއުޅެން ބޭނުންވާ އަސާސީ ޒަރޫރީ ޚިދުމަތްތަކެއް ހުރޭ. ފެނާއި ބޯފެން ލިބުން. ތަޢުލީމާއި ޞިއްޙަތު ލިބުން. ލަފާފުރުން ފަސޭހަވުން. އަދި މިނޫންވެސް ކަންތައްތައް ހުރޭ. މިގޮތުން، މިއަދު މި ރަށުގައި ފުރިހަމަވެގެން މިދަނީ މި ދެންނެވި ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު ތިން ކަންތައް.

ފިނޭގެ ފެނުގެ ނިޒާމު މިއަދު ހުޅުވިގެން މިދިޔައީ. ނަރުދަމާގެ ނިޒާމު ޤާއިމުކުރެވިއްޖެ. ކަރަންޓުގެ ޚިދުމަތް ފެނަކައިން ފޯރުކޮށްދޭން މިއަދު އެ ފެށީ. ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާޙު ކުރަމުން، އަޅުގަނޑު އެ ދުވަހު ދެންނެވި ވާހަކައެއް އަޅުގަނޑު ތަކުރާރުކޮށްލާނަން. އެދުވަހު އަޅުގަނޑު ދެންނެވިން. "ދެން ވާން އޮންނާނީ ހަމަ އެންމެ ގޮތެކޭ. އެއީ ކަމަށް ބޭނުންވާ އިމާރާތްތައް އުފުލި، މެޝިނަރީ ގެނެވި، ހޮޅިތައް ވަޅުލެވި، ތަރައްޤީގެ ވާހަކަ ދައްކަން ފަށާ ހިސާބުގައި ގައިންތާހިރުވުމުގެ ފެން މުޅި ރާއްޖެ އެކުއެކީ ހިނގާން ފެށުމޭ." އިރާދަކުރެއްވިއްޔާ މި ރަށުގައި އެކަން ޢަމަލީގޮތުން ފެށިގެން މިއަދު މިދަނީ.

އަޅުގަނޑުގެ ކަނާތްފަރާތުން މި ފެންނަނީ އެ ޒަމާން. ދެން މި ފެންނަނީ މި ޒަމާން. ބަދަލުވަމުން އައިގޮތުގެ ވަރަށްރީތި މިސާލެއް. 18 އަހަރު ކުރިން މި ރަށުގެ އިންޖީނުގެ ހުރިގޮތާއި، މިއަދު ފެނަކައިން އެ ގެނައި ބަދަލު ތިޔަބޭފުޅުންނަށް ތަޞައްވުރުވެގެން އެދަނީ. ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން މި މަންޒަރު އިރާދަކުރެއްވިއްޔާ ފެންނާނެ. އަޅުގަނޑުމެންގެ މި ފަސް އަހަރު ނިމުމުގެ ކުރިން ޚިދުމަތް ފުރިހަމަކޮށްދީ ރައްޔިތުންނަށް ފޯރުކޮށްދޭނަން.

އަޅުގަނޑުމެންގެ މި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ފެނަކައަކީ ވަރަށް މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެއް. ބުރަ މަސައްކަތްތަކެއް ދައްޗާއި އުނދަގުލުގައި ރެޔާއި ދުވާލު މެދުނުކެނޑި ކުރައްވަމުން އެބަ ގެންދަވާ. މިކަމުގައި އެންމެ އިސްކޮށް ހުންނެވި ފެނަކައިގެ އެމް.ޑީ. އަޙްމަދު ސަޢީދަށާއި އަދި އެ މަނިކުފާނާ އެކުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު މިއަދު ފަށްފަށުން ޝުކުރު އަދާކުރަން.

ފެނަކައިގެ މަސައްކަތް އެގޮތަށް ނުކުރެވޭ ކަމަށްވާނަމަ، އަޅުގަނޑުމެން މި ބޭނުންވާ ތަރައްޤީއެއް މި ސްޕީޑަކު ރަށްރަށަކަށް ނުގެނެވުނީސް. އޭގެއިތުރަށް، ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ފެނަކައިން ދިނުމުގެ އިތުރަށް މިހާރު އިތުރު މަސައްކަތެއް އަޅުގަނޑުމެން ހަވާލުކޮށްފިން. އަޅުގަނޑު އެ ވާހަކަ ފުރަތަމަ ދެއްކީ ފޯކައިދޫގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތެރެއިން. އަޅުގަނޑު އެ ދުވަހު ދެންނެވިން. "ފެނަކައިގެ އޮފީސްތައް ރާއްޖޭގެ ކޮންމެ ރަށެއްގައި އެބަހުއްޓޭ." ރާއްޖޭގެ ގިނަ ރަށްރަށަކީ މަސްވެރިން ދިރިއުޅޭ ރަށްރަށަށްވާތީ، މަސްވެރިންނަށް ބޭނުންވާ އައިސް ފަސޭހައިން ލިބޭނެގޮތެއް ހެދުމަށްޓަކައި މިކަން އެންމެ ފަސޭހައިން ކޮށްދެވޭނީ ފެނަކައިން ކަމުން، އެކަން ފެނަކައާ ހަވާލުކުރުމަށް އަޅުގަނޑު އެ ދުވަހު ގޮވާލިން. އިރާދަކުރެއްވިއްޔާ މިހާރު އެވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ރަށްރަށުގައި ހުރި އައިސް ޕްލާންޓްތައް ފެނަކައިން ހަވާލުވެ އެ ޚިދުމަތް ދޭން ތައްޔާރުވެފައި. އަޅުގަނޑުގެ ޔަޤީންކަން އެބައޮތް ފެނަކަޔާ ދޭތެރޭގައި. ދެން ކުރިއަށް މި އޮތް ތަނުގައި ދަތިނުވެ ހުރިހާ މަސްވެރިންނަށް އެ ރަށަކުން އެ ހުރި ސެންޓަރަކުން އައިސް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތް. އެކަމަށްޓަކައި އަދިވެސް އެއްފަހަރު ފެނަކައަށް އަޅުގަނޑު ޝުކުރު އަދާކުރަން.

އާދެ، ތަފާތުނުކުރުން، ހަމަހަމަކޮށް ކަންތައް ކުރުން މިއީ، އަޅުގަނޑުމެންގެ މެނިފެސްޓޯއަށްވުރެ ކުރީގައި އޮތް ކަމެއް. އަޅުގަނޑުމެން ވީ ވަޢުދުތަކަށްވުރެވެސް ބޮޑު ވަޢުދެއް. ސަރުކާރުން އިރާދަކުރެއްވިއްޔާ މަސައްކަތް މިކުރަނީ މެނިފެސްޓޯ ތަންފީޒު ކުރުމުގައިވެސް، ވަޢުދުތައް ފުއްދުމުގައިވެސް އަޅުގަނޑު މި ދެންނެވި ދެ ކަންތައް އިސްކޮށްގެން ކުރިއަށް ގެންދަން. ތަފާތުނުކުރުން، ޚިދުމަތްތައް ހަމަހަމަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުން.

މިއަދު ފިނޭގައި ހުރެ އަޅުގަނޑު މި ވާހަކަ ދައްކާއިރުގައި ހިތްހަމަޖެހުން ލިބޭ އެންމެބޮޑު ސަބަބަކީ އެއީ. ދިރިއުޅެން ފައްކާވެފައި އޮތް ރަށެއް. ހަނިމާދޫ އެއަރޕޯޓް މިއޮތީ 10 މިނިޓާއި 15 މިނިޓާ ހިސާބުގައި. ދުއްވާލާފައި ދެވޭ ހިސާބުގައި. މި ރަށުގެ ތަރައްޤީއަށް ލޯކަލް ޓުއަރިޒަމް ވިޔަސް، ދަނޑުވެރިކަންވެސް ފަށައިގެން ކުރިއަށް ގެންދަންވީ. ސަރުކާރުން އަޅުގަނޑުމެން މިތިބީ ރައްޔިތުންނަށް ބޭނުންވާ މި ކަންތައްތައް ކުރުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް.

ކުރިންވެސް ދެންނެވި ފަދައިން، ފެނަކައިން އެ އަންނަނީ ބުރަ އުނދަގޫ މަސައްކަތްތަކެއް ކުރަމުން. އެ ޒަމާނުގައި ރަށްރަށަށް ކަރަންޓްގެ ޚިދުމަތް ދިނުމާއި، ނަރުދަމާގެ ޚިދުމަތް ދިނީ، ސަރުކާރުން ކޮށްދޭންޖެހޭ ކަމެއްގެ ގޮތުގައި ބަލައިގެން އެގޮތަކަށް ނޫން. ކޮންމެ ރަށެއްގައިވެސް ކަރަންޓުގެ ޚިދުމަތް ދޭން އޭރު ފެށީ އެ ރަށުގައި ހުންނަ ކޮންމެވެސް ތަނަވަސް މީހެއް. ނަރުދަމާގެ ނިޒާމުވެސް އޮތީ ހަމަ އެގޮތަށް. ނޫނީވިއްޔާ އެ ރަށެއްގެ ކައުންސިލުން، ނޫނީވިއްޔާ އެ ރަށެއްގައި އޮންނަ ކޮންމެވެސް ކްލަބަކުން އިސްނަގައިގެން، ފައިސާ ހޯދައިގެން އެކަން ކުރަމުން އައީ. އެއީކީއެއް ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަމެއްގެ ގޮތަކު ސަރުކާރަކުންނެއް އޭރަކު ނުދެކޭ.

އެ ވިސްނުމުގައި މި ރާއްޖެ ތަރައްޤީއެއް ނުކުރެވޭނެ. ރާއްޖެ ތަރައްޤީ ކުރެވޭނީ މި ދެންނެވިހެން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް، އެއިރަކު އޮންނަ ސަރުކާރަކުން ފޯރުކޮށްދީގެން. ޚަރަދުވެސް ހިނގާނެ. އެހެން ނަމަވެސް، ވަށައިގެން ދެން އަންނަ ކަންތައްތަކުގެ ސަބަބުން އަޅުގަނޑު މި ދެންނެވި ތަރައްޤީއާ އެކީގައި ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ. ކުރިއަށް މިއޮތް އަހަރުތަކުގެ ތެރޭގައި މި ރަށުންވެސް އެކަން ބޮޑުތަނުން ފެނިގެންދާނެކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން.

ދާއިރާގެ މެންބަރު މިހާރުވެސް އެ ހުންނެވީ މި ރަށުގެ ޚިދުމަތުގައި. ވަރަށް ބޮޑެތި އެހީތެރިކަން އަޅުގަނޑުމެންނަށް ފޯރުކޮށްދެއްވާ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަންތައްތައް ނިންމުމުގައި ފުރިހަމަ އެއްބާރުލުމާއި އިތުބާރު، ޔަޤީންކަން އެ މަނިކުފާނު އަޅުގަނޑުމެންނަށް ދެއްވާ. ތިޔަބޭފުޅުން ހޮއްވަވައިގެން ތިޔަ ހުންނެވީ މިކަމަށް އެންމެ އެކަށީގެންވާ އެއް މެންބަރު. އެގޮތުގައި ތިޔަބޭފުޅުން ކުރިއަށް ވަޑައިގަތީމާ، މި ދާއިރާގެ ކަންތައްތައް ތަރައްޤީ ކުރުމުގައި އެއްވެސްކަހަލަ ހުރަހެއް ނޯންނާނެ. އެކަމަށްޓަކައި ދާއިރާ ތަމްސީލު ކުރައްވާ ޢަބްދުލްޣަފޫރު މޫސާއަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

ކައުންސިލްގެ ރައީސް ޢަދުނާން ޢަބްދުﷲ ދެން އިތުރަށް ވިދާޅުވީ، ސްކޫލްގެ މަލްޓި-ޕަރޕަސް ހޯލުގެ ވާހަކައާއި، ސްކޫލްގެ ކްލާސްރޫމްތަކުގެ ވާހަކަ. އޭގެއިތުރަށް، ޒުވާނުން ކުޅިވަރު ކުޅެން ބޭނުންވާ ދަނޑުތަކާއި ޖިމް ނެތުމުގެ ވާހަކަ. އަދި އެއަށްވުރެ ބޮޑަށް ފާހަގަކުރެއްވީ، ރަށުގެ ބަނދަރުގެ ވާހަކަ. އަޅުގަނޑު ހިތުން މި ރަށުގެ ބަނދަރަކީ މިހާރު ބޮޑުކުރަންޖެހިފައި، ބަދަލުކުރަން ޖެހިފައި އޮތް ތަނެއް. މި ދެންނެވި ތަރައްޤީ މި ރަށަށް އަންނާނީ، ދެން ބަނދަރަށް ބަދަލެއް ގެނެސްގެން. އަޅުގަނޑު އުންމީދު ކުރަނީ، ޕްލޭނިންގ މިނިސްޓްރީން މިކަމާ ދޭތެރޭގައި ގޮތްތަކެއް ހޯއްދަވާނެ ކަމަށް.

ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ ތަރައްޤީގެ ވަރަށްގިނަ މަޝްރޫޢުތައް އެބަހުރި. އެހެންކަމުން، އޭގެތެރޭގައި މި ރަށުގެ ބަނދަރުގެ މަޝްރޫޢުވެސް އަޅުގަނޑުމެން ހިމަނާނަން. މިއަދު މިވެނި ތާރީޚެއްގައި ފެށޭނެއޭ އަޅުގަނޑަށް ޔަޤީންކަމާއެކީގައި ނުދެންނެވުނު ނަމަވެސް، އެއީ އިސްކަންދޭނެ ކަމެއް ކަމުގައި އަޅުގަނޑު މި ރަށުގެ ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން.

އާދެ، ވަރަށް ހޫނުގަދަ ވަގުތެއް. ތިޔަބޭފުޅުން އިންތިޒާރު ކުރައްވަމުން ތިޔަ ގެންދެވި ތިން މަޝްރޫޢުގެ ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަދު ހުޅުވިގެން އެދިޔައީ.

އަޅުގަނޑުގެ ދުޢާއަކީ، މި ރަށަށް މިއަށްވުރެ އުފާވެރި މާދަމާއެއް ﷲ މިންވަރު ކުރެއްވުން. އަޅުގަނޑުގެ ދުޢާއަކީ، ފިނޭއަށާއި، ހދ. އަތޮޅަށް މިއަށްވުރެ ބޮޑު ތަރައްޤީއެއް މާދަމާ ﷲ މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.