ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއްނެތި ހުރިހާ ރަށަކަށް ޖަޒީރާ ފަސޭހަ ދިރިއުޅުން ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކަކީ އިހުގައި އޮތް ޤައުމިއްޔަތު އަނބުރާ ދިރުވުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 1444 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާޞަބާ ފާހަގަކުރުމަށް މިއަދު ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ކެބިނެޓްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ  ޕޯޗްގީޒުންގެ ކިބައިން ބޮޑުތަކުރުފާނު ރާއްޖެ ސަލާމަތްކުރެއްވުމަށް ކުރެއްވި މަތިވެރި ޖިހާދުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ޤައުމީ ދުވަހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބޮޑުތަކުރުފާނު ޤައުމަށްޓަކައި ކޮށްދެއްވި އެންމެ މުހިންމު ކަމަކީވެސް އަދި ވެވަޑައިގެންނެވި އެންމެ ބޮޑު ގުރުބާނީއަކީ ވެސް ދިވެހި ޤައުމިއްޔަތު ޙިމާޔަތްކޮށްދެއްވުން ކަމަށެވެ. އެގޮތުން ބޮޑުތަކުރުފާނު ކުރައްސަވައި ދެއްވި ޤައުމިއްޔަތުގެ ޗާޓުން ދައްކަނީ، މެހެމާނުންނަށް ކަމޭ ހިތާ އިޙްތިރާމްކޮށް އޯގާތެރިވުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރައި މުޅި ދުނިޔޭގެ މަޤްބޫލުކަން ހޯދާފައި ވަނީ ވެސް މި އަސާސްގެ މަތީކަން ފާހަގަކުރައްވާފައެވެ.

ދިވެހިންގެ އަމިއްލަވަންތަކަން ދެމެހެއްޓުމަށްޓަކައި ތާރީޚާއި، ސަގާފަތާއި، އާސާރުތައް ދަމަހައްޓަން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދިވެހި ޤައުމިއްޔަތު ދައްކުވައިދޭ ތަންތަނުގެ ތެރޭގައި އުތީމު ގަނޑުވަރު ފަދަ މިއަދު ފެންނަން ހުރީ މަދު އާސާރުތަކެއްކަން ފާހަގަކުރައްވައި ޚާއްޞަކޮށް ކަޅުވަކަރު މިސްކިތް ފަދަ މާލޭގައި ހުރި ތާރީޚީ ބިނާތައް ޙިމާޔަތްކުރުމަށް މި ސަރުކާރުން ކުރެއްވި މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހުރި ތާރީޚީ އާސާރުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތްތައް ވަކި ސިޔާސަތަކާ އެކު، ސަރުކާރުން ކުރަމުން އަންނަ ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ އިސްލާމް ދީނުގެ މަތިވެރި އަޤީދާގެ ނަމޫނާ ކުދިންނަށް ދައްކައިދީ، މިންތީގެ ހަމަހަމަކަމާއެކު، ގެވެށި އިންސާފު އެކުދިންނަށް ދަސްވާނެ ފަދައިން އަދި، މޫސުމާ، ތިމާވެއްޓަށް އަންނަ ބަދަލާ ގޮންޖެހުންތަކަށް ވިސްނާ ދަރިންތަކެއްގެ ގޮތުގައި ދަރިން ތަރުބިއްޔަތު ކޮށްދިނުމަކީ ދިވެހި ކޮންމެ ރައްޔިތަކު ވެސް ޤައުމަށްޓަކައި ކޮށްދޭންޖެހޭ އެންމެ މުހިންމު އެއްކަންތައްކަން ހަނދާންކޮށްދެއްވާފައެވެ.

މި ޖަލްސާގައި އުތީމު ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް ވެދުމަށް އަރުވައިފައި ވެއެވެ.