بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން، މިނިސްޓަރ އޮފް ޓޫރިޒަމް ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ފަތުރުވެރިކަމުގެ ޞިނާޢަތް ރާއްޖެއަށް ތަޢާރުފް ކުރެއްވި ޕައިނިއަރުން، އަދި މި ޞިނާޢަތުގައި ދެމިތިއްބެވި އެހާރާއި މިހާރުގެ ހުރިހާ ބޭފުޅުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މިރޭގެ މި ފިނި މާޙައުލުގައި އަޅުގަނޑުމެން ފާހަގަކުރަމުން މިދަނީ ވަރަށް އުފާވެރި މުނާސަބަތެއް. މިރޭގެ މި ބައްދަލުވުމަކީ، ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ޓޫރިޒަމް މިނިސްޓްރީން އިންތިޒާމު ކޮށްފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ކަންތައް ފާހަގަކުރާ ރޭ.

މިރޭގެ މި ބައްދަލުވުމުގައި، މި ޞިނާޢަތު ރާއްޖެއަށް އުފަންކުރުވި ސްޓޭކް ހޯލްޑަރ ޕައިނިއަރުންނާއި، އަދި ރިޒޯޓް އޯނަރުންނާއި، އޮޕަރޭޓަރުންނާއި، އެހެންގޮސް މި ޞިނާޢަތުގައި ދެމިތިބި، ޙަރަކާތްތެރިވާ އެތައް ބަޔަކު އެއްތަނުން ބައިވެރިވެ، ބައްދަލުކޮށް، މި އުފާ ފާހަގަކުރުމަށް މި ފުރުޞަތު ލިބިގެންދިޔުމަކީ ވަރަށްވެސް އުފާވެރި ވަގުތުކޮޅެއް ކަމުގައި އަޅުގަނޑު ދެކެން.

މިރޭގެ މި ހޯލުގައި މި ތިއްބެވި ބޭފުޅުންގެ އިތުރަށް، އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، ކައިރީގައި އަދި ދެތިން ހޯލެއްގައި މިއަށްވުރެ ގިނަ ބޭފުޅުން އެބަ ތިއްބެވި. މިރޭގެ މޫސުމް ތަން ނުދިނުމުގެ ސަބަބުން އަޅުގަނޑުމެންނަށް އެއްތަނެއްގައި މިކަން ކުރުމަށް ޖާގަ ނުލިބުނު ނަމަވެސް، އަޅުގަނޑު ހިތުން މިއީ ވަރަށް އުފާވެރި، ވަރަށް އުންމީދީ ރެއެއް.

އާދެ، މިރޭގެ މި އިވެންޓްގެ މަޤްޞަދަކީ، ތިޔަބޭފުޅުން ރާއްޖެއަށް ޓޫރިޒަމް ތަޢާރުފްކޮށް، މިހިސާބަށް ގެނައުމުގައި ކޮށްދެއްވި މަސައްކަތުގެ އަގުވަޒަންކޮށް، އެޕްރިސިއޭޝަންގެ ގޮތުގައި ކޮންމެވެސް ކަމެއް ކޮށްލަދިނުން. އަޅުގަނޑު ހިތުން ދެވޭ ކުޑަކުޑަ ފިލަޔަކުން، ނޫނީވިއްޔާ ދެކެވޭ ވާހަކައަކުން ކުރެވޭވަރަށްވުރެ މާބޮޑު، މާ މުހިންމު، ބޭނުންތެރި މަސައްކަތްތަކެއް ތިޔަބޭފުޅުން ކުރައްވާފައިވަނީ.

އެކަމަށްޓަކައި، ރާއްޖެއަށް ޓޫރިޒަމް ތަޢާރުފް ކުރެއްވި މިނިސްޓަރ އަޙްމަދު ނަސީމް، އެމް.ޔޫ. މަނިކު، ޙުސައިން ޢަފީފް އަދި އަޅުގަނޑުމެންގެ ތެރޭގައި މިވަގުތު ވަޑައިގެން ނެތް ނަމަވެސް، ޖޯޖް ކޯބިން އަޅުގަނޑު ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށް، އެބޭފުޅުންނަށް ޝުކުރު އަދާކުރަން.

އާދެ، އަޅުގަނޑުމެން ކިތަންމެ ބައްދަލުވުމެއްގައި، ކިތަންމެ ޖަލްސާއެއްގައި ރާއްޖެއަށް ޓޫރިޒަމް ފެތުރިގެން އައިގޮތާއި، އޭރު އެބޭފުޅުން ވީ ޤުރްބާނީގެ ވާހަކަ ދައްކައިފިން. އެއީކީއެއް ބާވާނެ ވާހަކައެއް ނޫން. އަޅުގަނޑުމެން ތަކުރާރުކޮށްވެސް ދައްކަންޖެހޭ ވާހަކައެއް. ސަބަބަކީ އޭރު ރާއްޖޭގައި ޙާލަތު އޮތްގޮތާއި، އެކަން ކުރުމަށް ހުރި ދަތިތަކާއި ގޮންޖެހުންތައް ބޮޑުކަމުން.

ރާއްޖެއަކީ ވަކިވަކިން އޮތް ޖަޒީރާ ކުދިކުދި ރަށްތަކަކަށްވީއިރު، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން އެއީ އުނދަގޫ ކަމެއް. އެއިން ރަށަކަށް ލަފާފުރުމަކީވެސް ދަތި އުނދަގޫ ކަމެއް. ވައިގެ މަގުން ރާއްޖެއަށް އަންނަ ޓޫރިސްޓުން ހުޅުލެއިން އެއިން ރަށަކަށް ގެންދިޔުމަކީ، ރިޒޯޓަކަށް ގެންދިޔުމަކީ އަދި އެހާބޮޑަށް ދަތި އުނދަގޫ ކަމެއް. އެތެރޭގެ ދަތުރުތައް އެހާ އުނދަގޫ. ކާބޯތަކެތި ހޯދުން އެއީ އޮތް ގޮންޖެހުމެއް. ފަސޭހައިން އިމްޕޯޓެއް ނުކުރެވޭ. އެކަށީގެންވާ މީހުންނެއް ތަމްރީނު ކުރެވިފައެއް ނެތް. އެހެން ނަމަވެސް، މިހާހިސާބަށް ތިޔަބޭފުޅުން މި ޞިނާޢަތް ގެނެސްދެއްވީ، ނުގުޑާފަދަ ޢަޒުމެއްގައި ކުރެއްވި ވަރަށް ވަރަށް ބުރަ މަސައްކަތަކުން.

މިރޭ އަޅުގަނޑުމެން ވަޒަން މިކުރަނީ، ޓޫރިޒަމް ތަޢާރުފް ކުރެއްވި ބޭފުޅުންގެ އަގު. މިހާހިސާބަށް މި އިންޑަސްޓްރީ ތަރައްޤީ ކުރުމުގައި ތިޔަބޭފުޅުން ކުރެއްވި ބުރަ މަސައްކަތް. ދިވެހިންގެ ފަޚުރާއި ޝަރަފް ކަމުގައި ޓޫރިޒަމް ވެގެންދިޔައީ މިފަދަ އެތައް ހާސް ބައެއްގެ މަސައްކަތުން ރެޔާއި ދުވާލު އޮހޮރުވި ދަލާއި، ވެފައިވާ މަތިވެރި ޤުރްބާނީގެ ސަބަބުން. ރާނާ މީހުންނާއި، ވަޑިންނާއި، އާކިޓެކްޓުންނާއި، އިންޖިނޭރުންނާއި، ކެއްކުންތެރިންނާއި، ވެއިޓަރުންނާއި، ރޫމްބޯއިންނާއި، ލަވަކިޔުންތެރިންނާއި މޫސީގާރުންނާއި، ނެށުންތެރިންގެ މުނިއަވަސްފިލުވުންތަކުންނާއި، މިހެންގޮސް އެތައް އެތައް ނަމެއް އަޅުގަނޑުމެންނަށް މި ލިސްޓުގައި ކިޔިދާނެ. ރާއްޖޭގެ އެއްގަމާއި ކަނޑުގެއަޑީގެ ރީތިކަން ހާމަކޮށްދިން ފޮޓޯގްރާފަރުންނާއި، ޑައިވަރުންނާއި، ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުންނާ، މިހެންގޮސް މިކަމުގައި ޤުރްބާންވި އެތައް ބައެއްގެ ނަން އެތައް ގޮތަކަށް އަޅުގަނޑުމެންނަށް މި ލިސްޓްގައި ހިމެނިދާނެ.

ތިޔަބޭފުޅުންގެ ބުރަ މަސައްކަތުން އެ ދަތި އުނދަގުލުގައި ފެށްޓެވި މަސައްކަތުން މިއަދު މިވަނީ ދުނިޔޭގެ އެންމެ މަޤްބޫލު ޑެސްޓިނޭޝަނަށް ރާއްޖެ ވެފައި. މި މަގާމު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ވަރަށްގިނަ މަސައްކަތްތަކެއް އެބަހުރި. ދުނިޔޭގައި ޓޫރިޒަމްގެ ވާދަވެރިކަން އެބައޮތް. ރާއްޖެ ނަމޫނާއަކަށް ބަލައިގެން، މިފަދަ އެތައް މަންޒިލްތަކެއް ތަރައްޤީ ކުރަމުން އެބަދޭ. އަޅުގަނޑުމެން ޓޫރިޒަމްގެ މި މަގާމު ދެމެހެއްޓުމަށްޓަކައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރަންޖެހޭ އެއްކަމަކީ، މެހްމާންދާރީ އަދާކުރުން. އެއީ، ޒަމާނުއްސުރެ ރާއްޖެއާ ދޭތެރޭގައި ސައްޔާޙުން، ދަތުރުވެރިން އަބަދުވެސް ދައްކަމުން އައި ވާހަކަ. ދިވެހިންނަކީ އޯގާތެރި، މީހުންނަށް އަޅާލައި، ބޭރުން އަންނަ މީހުންނަށް މެހްމާންދާރީ އަދާކުރުމުގައި ނަމޫނާ ބައެއްގެ ގޮތުގައި.

ފުރަތަމަ ކަމަކަށް، އަޅުގަނޑުމެން ދަމަހައްޓަންވީ އެ ސަގާފަތް. ކޮލިޓީ ސަރވިސް ދޭން އެބަޖެހޭ. ރާއްޖެ ވާދަކުރަން މިޖެހެނީ މި ދެންނެވިހެން މިހާރު އެންމެ ޓޮޕް ލެވެލްގެ ޓޫރިޒަމާ. އެންމެ ބޮޑެތި ހޮޓެލް ޗެއިނާ. އެކަށީގެންވާ ކޮލިފައިޑް މީހުން ހޯދަންޖެހޭނެ. އަޅުގަނޑުމެންނަކަށް ހަމައެކަނި ރާއްޖޭގެ ވިޔަފާރީގެ ބާޒާރަށް އަމާޒުކޮށްގެން މިކަމެއް ނުވާނެ. އަޅުގަނޑުމެން ވާދަކުރަންޖެހޭނީ ބައިނަލްއަޤްވާމީ ބާޒާރާ. ވަޒީފާވިޔަސް އަދި އެހެން ކަމަކަށްވިޔަސް.

އެހެންވީމާ، އެ ދޮރު އަޅުގަނޑު ހިތުން ޓޫރިޒަމް މިނިސްޓްރީއަށް ހުޅުވިފައި އޮންނަންޖެހޭނީ. ކަމަށް އެކަށީގެންވާ ކޮލިފައިޑް މީހުން ރިޒޯޓްތަކަށް ހޯދުމުގެ ފުރުޞަތު ފަސޭހައިން ހުޅުވިފައި އޮންނަންވާނީ. ހަމައެއާއެކީގައި، ދިވެހިންނަށް މިއަދު ހުޅުވިފައި އޮތް ދޮރު ފުޅާވެފައި ފަސޭހަ. ކޮންމެ ރޮނގަކުން ތަޢުލީމު ޙާޞިލްކޮށް، ކޮންމެ ރޮނގަކުން ތަމްރީނު ހޯދައި، އެފަދަ މީހުންނާ ވާދަކޮށް މަގާމުތައް ހޯދުމުގެ ފުރުޞަތު މިއަދު ދިވެހިންނަށް އެބައޮތް.

އަޅުގަނޑުމެން މިތިބީ ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމް އިންޑަސްޓްރީއެއް ތަޢާރުފްކޮށްފައި. މިކަންކުރީ ދިވެހިން. އެހެންކަމަށްވާނަމަ، އެތަނުގައި މަސައްކަތް ކުރާނެ މީހުންވެސް އަޅުގަނޑުމެންނަށް އުފެއްދޭނެ. ދިވެހިން އުފެއްދޭނެ. އެހެން ނަމަވެސް، އެއަށް ވާދަކުރެވޭނެ ފުރުޞަތު ބޭރު ފަރާތްތަކާ އެކީގައި އޮންނަންޖެހޭނެ.

އަޅުގަނޑުމެންގެ ޤުދުރަތީ ރީތިކަން ޙިމާޔަތް ކުރެވެންޖެހޭނެ. ގޮނޑުދޮށްތަކާއި، މޫދާއި، ފަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ޙިމާޔަތް ކުރެވެންޖެހޭނެ. ހަމައެއާއެކު، ރާއްޖޭގެ ބްރޭންޑެއްގެ ގޮތުގައިވާ "ވަން ރިޒޯޓް، ވަން އައިލެންޑް" އެއީ، އަޅުގަނޑުމެންނަށް ދޫކޮށްލެވޭނެ ބްރޭންޑެއް ނޫން.

އެއީ، ދިވެހިރާއްޖެއަކީ. އެއީ ދިވެހިރާއްޖޭގެ ޓޫރިޒަމަކީ. އެހެންކަމުން، އަޅުގަނޑުމެން ހަނދާނުގައި ބަހައްޓައިގެން، އެއާ ދޭތެރޭގައި ވިސްނުން ގެންގުޅެންޖެހޭނެ. އަޅުގަނޑު ހިތުން ޢަފީފް، މޮހޮދޭ، ނަސީމް، މިބޭފުޅުން މީގެކުރިން ކިތަންމެފަހަރަކު މި ވާހަކަ ދައްކަވައިފި. އެބޭފުޅުން އެ ވާހަކަ އެ ދައްކަވަނީ، ތަޖުރިބާޔާ އެކީގައި. އެއީ މި ރާއްޖެއަށް އޮތް އެންމެ މުހިންމު އެއްކަމަކަށްވާތީ. އެހެންވީމާ، އަޅުގަނޑުމެން އެ ވިސްނުން އަޑުއަހައި، އެކަމުގައި އަޅުގަނޑުމެން ކުރިއަށްދާންވާނެ.

އާދެ، މިރެޔަކީ އަޅުގަނޑު މާގިނަ ވާހަކަ ދައްކަން އައި ރެއެއް ނޫން. އަޅުގަނޑު ހިތުން މީގެ ދެ ރޭ ފަހުން ރާއްޖޭގެ ފުރަތަމަ ޓޫރިޒަމް ޑޭ ފާހަގަކުރުން އެބައޮތް. އަދި އެކަމަށް އެކަށީގެންވާ މާޙައުލެއްގައި، އެކަމަށް ކަނޑައެޅޭ އިވެންޓްތަކަކާ އެކީގައި، މިނިސްޓަރ މަޢުޞޫމް އެކަން ކުރިއަށް ގެންދަވަން ޤަޞްދު ކުރައްވާފައި އެބައޮތް. އެހެންކަމުން، މިރޭގެ ވަގުތުކޮޅު އުފަލާ އެކީގައި، އެހާރާއި މިހާރުގެ ނުފެނި ތިބި އެތައް ބަޔަކު އެއްތަނަކުން ބައްދަލުކޮށް، ހިތްހަމަޖެހުމާ އެކީގައި ވަގުތު ހޭދަކޮށްލުމަށްޓަކައި އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލާނަން.

އަޅުގަނޑު އެދެނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އަބަދުވެސް ކުރިއެރުމާއި ފަހިކަން. ދިވެހިރާއްޖެއަށް ނަޞްރާއި ނަޞީބާއި ކާމިޔާބު އަބަދުވެސް މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.