بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم ކިބައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ، ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިން، ކުންފުނިތަކުގެ އިސްވެރިން، ސްޓޭޓް މިނިސްޓަރުން، އަދި މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑު އެންމެ ފުރަތަމަވެސް ފާހަގަކޮށްލަނީ މިއަދު މި ފެށޭ މަސައްކަތަކީ، މިއީ ވަރަށް މުހިންމު މަސައްކަތެއްކަން. އެނގިވަޑައިގަންނަވާނެ، މިއަދު މުޅި ދުނިޔެ މިވަނީ ލާމެހި ގުޅިފައި. އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ، ޑިޖިޓަލް ޓެކްނޯލޮޖީއަށް އަޅުގަނޑުމެން ބަރޯސާވެފައި ތިބި މިންވަރު. އާދެ، ޑިޖިޓަލް ޕްލެޓްފޯރމްތަކާއި، އިންޓަރނެޓާ، މި ވަސީލަތްތަކާ ނުލައި މިއަދު ހަމަ އެންމެ މިނިޓެއްވެސް ހޭދަކުރުން، އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ ދަތިކަމެއްގެ ގޮތުގައި.

އެނގިވަޑައިގަންނަވާނެ، ދަރިވަރުންގެ ކިޔެވުމަށް ބަލައިލިކަމުގައިވިޔަސް، އަދި އޮފީސްތަކުގެ މަސައްކަތްތަކަށް ބަލައިލިނަމަވެސް، އަދި ޑޮކްޓަރަށް ދެއްކުމުގެ ކަންތައްތަކަށް ބަލައިލިޔަސް، އެކިއެކި މީހުންނާއެކީ ކުރެވޭ މުޢާމަލާތްތަކަށާއި އަދި ޢާއިލީ ގުޅުން ބަދަހިކުރުމަށް ބަލައިލިނަމަވެސް، ޑިޖިޓަލް ޕްލެޓްފޯރމް، ޑިޖިޓަލް ޓެކްނޯލޮޖީއާއި، އިންޓަރނެޓާއި ނުލައި އަޅުގަނޑު ދަންނަވާނީ، ހަމަ މިއިން ކޮންމެ ކަމެއް ކުރުމަށް އަޅުގަނޑުމެންނަށް ވަރަށް ދައްޗޭ. އާދެ، ވަކިން ޚާއްޞަކޮށް، މިކަމުގެ މުހިންމުކަން ފެނިގެންދިޔައީ، އަޅުގަނޑުމެންނަށް ދިމާވެގެން މިދިޔަ ޕެންޑަމިކްގައި. ކޯވިޑް-19ގެ ބަލިމަޑުކަމުގައި، ޙަޤީޤަތުގައި ޓެކްނޯލޮޖީގެ މުހިންމުކަން އަޅުގަނޑުމެންނަށް އެންމެބޮޑަށް ވިސްނިގެންދިޔައީ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ މުޅި ދިރިއުޅުމުގެ ކަންތައްތައް، މުޅި ލައިފް އެކީ ބަދަލުކޮށްލިޔޭ ދެންނެވިޔަސް ދޮގަކަށްނުވާނެ. ނޫނީ އަޅުގަނޑުމެންގެ ނަސީބަކަށް ވެގެންދިޔައީ، ދެންނެވިދާނެ ދުނިޔޭގައި މި ކުރިއަރާފައިވާ ޓެކްނޯލޮޖީއޭ. ސްކޫލްތައް ބަންދުކޮށްގެން ކިޔަވައިދޭން މަޖުބޫރުވީ. އޮފީސްތައް ބަންދުކޮށްގެން، ރައްޔިތުންނަށް ޚިދުމަތްތައް ދޭން މަޖުބޫރުވީ. ހޮސްޕިޓަލްތަކުގައިވެސް ވަރަށްގިނަ ރެސްޓްރިކްޝަންތަކާއި ލިމިޓޭޝަންތަކާއެކު އެހެންނަމަވެސް، ފަރުވާދިނުން އެއީކީ ހުއްޓާލެވޭނެ ކަމަކަށް އަޅުގަނޑުމެންނަކަށް ނުވި. އަދި އެކި ތަކެތި ގަތުމާއި، ޕަރޗޭސް ކުރުން، އޯޑަރުކުރުން، މިހެންގޮސް މިއިން ކޮންމެ ކަމެއްވެސް ހުއްޓުމެއްނެތި އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވުނީ، އަޅުގަނޑު ދަންނަވާނީ މި ވަސީލަތްތަކުގެ ސަބަބުންނޭ.

އެހެންވީމާ، މި ކަންތައްތައް އަޅުގަނޑުމެންގެ ލޮލުގެ ކުރިމައްޗަށް ހަމަ ފެނި، އޭގެ ފަސޭހަކަން އަޅުގަނޑުމެން މިވަނީ އެންޖޯއި ކޮށްފައި. އަޅުގަނޑު މީގައި ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނަށް މިހުރިހާ ފަސޭހަތަކެއް ލިބޭއިރު، އެއާއެކީ އަންނަ ނުރަނގަޅު ކަންތައްތަކުގެ މަތިން އަޅުގަނޑުމެން ވިސްނާލަންޖެހޭ. އެނގިވަޑައިގަންނަވާނެ، ކޮންމެ ފަސޭހަކަމެއްގެ ތެރެއިންވެސް އާދޭ އަޅުގަނޑުމެން ދޫކޮށްލަންޖެހޭ ކަންތައްތަކެއް. އޭގެތެރޭގައި އެހެންކަހަލަ އޮއިވަރުތަކެއް ހުރެދާނެ ކޮންމެ ކަމެއްގައިވެސް. އެ ކަންތައްތަކަށް އަޅުގަނޑުމެން ރައްކާތެރިވުމަކީ އެއީ، ވަރަށް މުހިންމު ކަމެއް. އަޅުގަނޑު ގަބޫލުކުރަނީ، މިއަދު މިފެށޭ ޕްރޮގްރާމް ވެގެންދާނީ، ކުރިއަށް އޮތް ތަނުގައި އިރާދަކުރެއްވިއްޔާ، ރައްކާތެރިކަމާއެކު އިންޓަރނެޓް އަދި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމަށްޓަކައި، ކުރީގައިވެސް އަޅުގަނޑު މި ދެންނެވިގޮތަށް އަޅުގަނޑުމެންނަށް އެޅޭ ބިންގަލެއްގެ ގޮތުގައި.

އެހެންވީމާ، ލަސްނުވަނީސް އެ މަސައްކަތް ފެށުމަކީ އެއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން އެކަމެއް ކުރަންޖެހޭ ވަގުތު، އެކަމެއް ނުކޮށްފި ކަމަށްވަންޏާ، ރަނގަޅަށް ޕްލޭން ކުރެވިގެން، ރޭވިގެން، އެކަމުގައި ބައިވެރިވާންޖެހޭ ހުރިހާ ފަރާތްތައް ބައިވެރިވެގެން ނުކޮށްފި ކަމަށްވަންޏާ، ދެން އަޅުގަނޑުމެން ކުރަންޖެހޭ ޚަރަދާއި، އަޅުގަނޑުމެން ކުރިމަތިލާންޖެހޭ ގެއްލުމާއި، އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ ބޮޑުވަމުން އަންނަ ކުދިންނަށް އެއިން އަންނާނެ އެޑްވާރސް އިފެކްޓްތައް އެއީ، އަޅުގަނޑުމެންނަށް ހަމަ ހިތަށް ގެންނަންވެސް ދަތި، އެހާ ބޮޑެތި ކަންތައްތަކެއް.

އާދެ، އަޅުގަނޑު މިދެންނެވި ފަސޭހަތަކާއި، ހިތްހަމަޖެހުމާއި، އަވަސް އެފިޝެންޓް ސަރވިސްތައް ލިބިގެންދާއިރު، އަޅުގަނޑުމެން އެކަމަކަށް ހަމަ ހޭލުންތެރިވާންޖެހޭ. ވަރަށްބޮޑަށް ވިސްނައި، ވިޖިލަންޓް ވާންޖެހޭ ކަންތައްތަކެއް އެބަހުރި. އެނގިވަޑައިގަންނަވާނެ، އެކިއެކި ނަންނަމުގައި، އެކިއެކި ޕޭޖްތައް ހެދިގެން، އެކިއެކި ފޯނުކޯލްތަކުން، އަޅުގަނޑުމެންނަށް ސައިކަލެއް ލިބޭ ވާހަކަ އެއްދުވަހު އަތުވެދާނެ. އަނެއް ދުވަހަކު އަޅުގަނޑުމެންނަށް ފްލެޓެއް، ހަމަ ހިލޭ މި ލިބެނީ. ދެން އަނެއް ދުވަހަކު، ހަމަ މިލިއަނެއްހާ ރުފިޔާ، ހަމަ އެއްވެސް މަސައްކަތެއްނުކޮށް ގޭގައިހުއްޓާ ލިބޭ ވާހަކަވެސް އަތުވެދާނެ. މިގޮތަށް ގޮސް އެންމެފަހު ވަގުތު، އެތައް އަހަރެއް ވަންދެން ކުރާ ބުރަ މަސައްކަތުން ހޯދާފައި ހުންނަ ލާރިކޮޅު، އެތައް ހާސް ރުފިޔާއެއް، އެތައް މިލިއަން ރުފިޔާއެއް ގެއްލިގެން މިދަނީ.

އެހެންވީމާ މިއަދު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ. އެނގިވަޑައިގަންނަވާނެ، ބައެއްކަހަލަ ތަކެތި ވިއްކާއިރު، އަޅުގަނޑުމެން ކުޑައިރުވެސް، އެތަން އަބަދުވެސް އަޅުގަނޑުމެން ދެކެން، ބައެއްކަހަލަ މުދާ ވިއްކާއިރު، އެ ގަންނަ ފަރާތްތަކަށްދޭ ވޯރނިންގ މެސެޖްތަކެއް ހުންނާނެ. އެކަމަކުން ލިބިދާނެ ގެއްލުންތަކެއްގެ ވާހަކަވެސް، އޭގެ ބޭރުގައި ލިޔެފައިވެސް އޮވެދާނެ. ނޫނީ އެނޫން ގޮތްގޮތަށް އިޝްތިހާރު ކުރުމުގެ ތެރޭގައިވެސް އަންނާނެ. ކޮންމެވެސް ކަހަލަ ވޯރނިންގ މެސެޖްތަކެއް، ނަސޭހަތެއްގެ ގޮތުގައި އަންނާނެ.

އާދެ، އަޅުގަނޑަށް އެބަ ފެނޭ ޚާއްޞަކޮށް، މި ދާއިރާގައި މަސައްކަތް ކުރައްވާ އިންޓަރނެޓް ޕްރޮވައިޑަރސް އާއި އަދި ޓެކްނޯލޮޖީގެ ވަސީލަތްތައް ދިވެހިރާއްޖޭގައި އެންމެ ބޮޑަށް ތަޢާރުފު ކުރައްވައި، އެ ކަންތައްތައްވެސް ކުރައްވާ ބޭފުޅުން އަޅުގަނޑަށް އެބަ ފެނޭ. އަދި މިތަނުގައި ވަޑައިގެން ނެތް ނަމަވެސް، އެހެން ބޭފުޅުންވެސް މިކަމަށް ސަމާލުކަން ދެއްވައި، މިއަދު މި ފެށޭ މަސައްކަތަކީ މިއީ ޙަޤީޤީ ރަނގަޅު މަސައްކަތެއްގެ ގޮތުގައި ހައްދަވައި، މީގެ ފައިދާ މުޅި މުޖުތަމަޢަށް، ޚާއްޞަކޮށް އަޅުގަނޑުމެންގެ ދަރިވަރުންނަށް، ބޮޑެތިވެގެން އަންނަ ކުދިންނަށް ކުރާނެ ގޮތަކަށް މަސައްކަތްތައް ކުރަން އެބަޖެހޭ. ހަމައެކަނި އަޅުގަނޑުމެން ޕްރޮމޯޓް ކުރަންވީކީ، ޓެކްނޯލޮޖީގެ ވަސީލަތްތައް ވިއްކައި، އެ ވިޔަފާރިއާއި، އެ ކަންތައްތަކެއް އެކަންޏެއް ނޫން. އެއާއެކުގައި އެއިން ލިބިދާނެ ގެއްލުންތަކަކާއި، އޭގައި ހުރި ޑިސްއެޑްވާންޓޭޖް، ހެޔޮގޮތުގައި، ރަނގަޅު ގޮތުގައި، ބޭނުން ނުކުރެވިއްޖެނަމަ، ކުރާނެ ގެއްލުންތަކުގެ ވާހަކަ ދައްކައި، އެ ކަންތައް ކުރަން އެބަޖެހޭ.

އަޅުގަނޑު މިހެން މި ދެންނެވީ، އަޅުގަނޑަކަށް ހީއެއްނުވޭ، ހަމަ މިއަދު އުމުރަށް ބަލައިފައެއް ނޫންހެން މިއަދު މި ވަސީލަތްތައް ބޭނުންކުރަނީ. ކުޑަވިޔަސް، ބޮޑުވިޔަސް، ޢުމުރުން ދޮށިވިޔަސް، ހަގުވިޔަސް، މިއަދު ފޯނެއް އަތުގައި ހަމަ ނެތް އެކަކު، އަޅުގަނޑަށް ނުވެސް ފެނޭ. އެހެންވީމާ، އެއީ ކުރަންޖެހޭނެ މުހިންމު ކަމެއްގެ ގޮތުގައި ހަމަ އަޅުގަނޑު ދަންނަވާލައި، ސީރިއަސްކޮށް ކަންތައްތައް ނެގުމަށް އަޅުގަނޑު ދަންނަވާލަން. މިގޮތަށް ވަރަށް ގިނަ ހަރަކާތްތައް، ކެމްޕެއިންތައް، އެވެއަރނަސްއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެށޭ. ދެން މިއަދު ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެވެއަރނަސް މަންތުގެ ގޮތުގައި، މި މަސް އަޅުގަނޑުމެން ފާހަގަކުރިޔަސް، އަޅުގަނޑު ގަބޫލުކުރަނީ މިއީ ދިގުދެމިގެންދާ، ނިމުމެއް ނެތް ކަމެއްގެ ގޮތުގައި ގެންދަންޖެހޭނެ ކަމެއް. އެހެންވީމާ، އެކަންތައް އަޅުގަނޑު ހަމަ ތަކުރާރުކޮށްލަން.

އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ހަމަ މި ވާހަކަ ދައްކާއިރު، ވިސްނާލަންޖެހޭ ކަންތައްތަކެއް އެބަހުރި. އަޅުގަނޑުމެންނަށް މިއަދު މި ވަސީލަތްތަކާ ދުރުގައި ނޫޅެވޭނެކަން އެނގޭ. އެންމެ މިނިޓަކަށްވެސް ހަމަ ދުރަށްދިޔުމަކީ މިވަނީ، އުނދަގޫ ކަމަކަށް ވެފައި. އެކަމަކު، އަޅުގަނޑަށް ފެންނަ އެއްޗެއް ހަމަ ދަންނަވާލަން ބޭނުން. ވަރަށް ގިނައިން، ވަރަށް މުހިންމު މީޓިންގތައް، ވަރަށް މުހިންމު ޖަލްސާތައް، ލައިވްކޮށް ޓީ.ވީ.އިން ފެންނައިރުވެސް އަޅުގަނޑުމެންނަށް ހަމަ ފެނޭ ފޯކަސް ގެއްލޭތަން. ސްޓޭޖްމަތީގައި ހުންނަ މީހަކު ދައްކާ ވާހަކަތަކެއް އަޑުއަހަން އާންމުކޮށް ބޭފުޅުން ވަޑައިގަންނަވާނީ. އެއީ މިސްކިތުގައި ހުކުރު ޚުޠުބާ ކަމަށްވަންޏާ، އަޅުގަނޑުމެން ކަނުލައި އަޑުއަހާނީ ހުކުރު ޚުޠުބާ. ދެން އެ ވިދާޅުވާ އެއްޗެއް. ދެން ހަމަ ޖަލްސާއަކަށް ދިޔަޔަސް މަޢުލޫމާތެއް، ނޫނީ މުހިންމު ކަންތައްތަކެއްގެ އަޑުއަހަން އަޅުގަނޑުމެން މިދަނީ. އެހެންނަމަވެސް، ހިތާމައާއެކު ފާހަގަކޮށްލަންޖެހެނީ، ވަރަށް ގިނައިން ހަމަ ދިމާވޭ، ފެނޭ، މިކަހަލަ ކަންތައްތަކުގެ ތެރެއިންވެސް، ފޯނާހެދި އެ ފޯކަސް ގެއްލިފައި، ވަރަށްބޮޑަށް ފޯނަށް ގެއްލިފައި ތިބޭ މަންޒަރު. އެއީކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫން. އަޅުގަނޑުމެން ދިގުކޮށް މި ވާހަކަ ދައްކަންވެއްޖިއްޔާ، އަޅުގަނޑުގެ ވާހަކަ މާ ދިގުވެދާނެ. އެހެންނަމަވެސް، އަޅުގަނޑު ހަމަ ކުރުކޮށް ދަންނަވާލާނީ. ތަނަކަށް އަޅުގަނޑުމެން ދަނީ، ކޮންމެވެސް މަޢުލޫމާތުތަކެއް ލިބިގަންނަން. އެއީ، އިންސާނާގެ ތަރައްޤީއަށް، ކުރިއެރުމަށް ވަރަށް މުހިންމު ކަމެއް. ތިމާއަށް އެނގިފައި ހުންނަ އެއްޗެއްގެ މައްޗަށް ތިމާ، އެހެން މީހުން ދައްކާ ވާހަކަތަކާއި، އެ ކަންތައްތަކުގެ އަޑުއަހައި، ތިމާގެ ސެލްފް ޑިވެލޮޕް ކުރުމަށްޓަކައި އިމްޕްރޫވް ކުރުމަށްޓަކައި، މަސައްކަތް ކުރަންޖެހޭ. އެހެންވީމާ، އެއީ، ރަނގަޅު ފުރުޞަތެއްގެ ގޮތުގައި ބަލައިގެން، އަޅުގަނޑުމެން ކަންތައްތައް ކުރުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ހަމަ ދަންނަވާލަން.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ އަޅުގަނޑުމެންގެ ކުދިންނަށް ދިމާވާ ކަންތައްތައް. ސްކްރީން ޓައިމް. ގޭމްސް އަދި އެނޫން ގޮތްގޮތަށްވެސް އަޅުގަނޑުމެންނަށް ގޮތްނޭނގޭ ބާވަތްތަކަށް އަޅުގަނޑުމެންގެ ކުދިން ދޫކޮށްލެވުމަކީ އެއީ، ކުރީގައި އަޅުގަނޑު މި ދެންނެވި ގޮތަށް، ހަމަ އަޅުގަނޑުމެންނަށް ރިވާރސް ނުކުރެވޭނެވަރުގެ ގެއްލުންތަކެއް އެއިން އަތުވެދާނެ ކަންތައްތައް. އެކިއެކި ގްރޫޕްތަކުގައި، އެކިއެކި ނަންނަމުގައި، ޕޭރަންޓެލް ގައިޑެންސް ނެތި، ކުދިން ދޫކޮށްލުމަކީ އެއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫން. މީގައި ފާހަގަކޮށްލަންޖެހޭ، ހަމަ ގޭތެރޭގެ ކަންތައްތައް ހުންނަގޮތްވެސް. ކިހާވަރަކަށްތޯ އަޅުގަނޑުމެން މިކަމަށް ގެއްލިފައި ތިބެނީ. ޓީ.ވީ.ގެ ސްކްރީނަށް، ނޫނީ އަތުގައި އޮންނަ ފޯނުގެ ސްކްރީނަށް ބޮޑެތި މީހުން، އެޑަލްޓުން ގެއްލިފައި ތިބެނީ. އަޅުގަނޑުމެން ބަލައިލަން އެބަޖެހޭ. އެއަށްފަހުކަންނޭނގެ، އަޅުގަނޑުމެންނަށް ކުޑަކުދިންނާ ދިމާއަށް އެއްޗެކޭ ބުނެވޭނީ. ގިނަފަހަރަށް ކުއްޖާއަށް މި ފެންނަނީ އަޅުގަނޑުމެން އުޅޭގޮތެއް. ހެޔޮކޮށް އުޅޭކަމަށްވަންޏާ ހެޔޮގޮތްތައް، އާންމު ގޮތެއްގައި އަށަގަންނަނީ. އެހެންވީމާ، މިއީ އަޅުގަނޑު ދަންނަވާނީ ހަމަ އަޅުގަނޑުމެން މިއަދު ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމެކޭ.

ދެން ޙަޤީޤަތަކީ މީގެ ސަބަބުން، ލިބޭ ގެއްލުންތައް ވަރަށް ގިނަ. މީގެ ފަހުން އަންނަ ޕްރެޒެންޓޭޝަންތަކާއި، އަދި ބައްދަލުވުމުގެ ތެރެއިންވެސް މި ކަންތައްތައް އަންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. ޑިޕްރެޝަންވެސް އާދޭ، އެންޒައިޓީ އާދޭ، ސްލީޕިންގ ޑިސްއޯޑަރ އާދޭ. އަދި ވަރަށް އެހެންކަހަލަ ކަމެއް، ސޯޝަލް ކޮންޓެކްޓް އިނގޭތޯ. އަޅުގަނޑުމެން އެކަކު އަނެކަކާ މުޢާމަލާތް ކުރުމާއި، މިބައި ހަމަ އެކީ ނެތިދޭ މިހާރު. ފޯނަށް ގެއްލިގެންގޮސް، ފޯނަކީ ތިމާގެ ބައިވެރިޔާގެ ގޮތުގައި ކޮންމެ ކަމެއްގައިވެސް މި ފެންނަނީ.

އެހެންވީމާ، އެއީ ވަރަށް ދެރަ މައްސަލައެއް. ކުދިން އަބަދުވެސް ވާހަކަ ދައްކަންޖެހޭނެ. އެކަކު އަނެކަކާ ސުވާލުކޮށް ޖަވާބުދީ، ކަންތައްތައް އޮޅުންފިލުވައި، ކަންތައްތައް ހަމަޖެހިފައި އޮންނަ ގޮތްތައް ބަލައި ސާފުކޮށް، ސުވާލުކުރުމަކީ މިއީ، ވަރަށް މުހިންމު ކަމެއް. ކަންތައްތަކާމެދު ވިސްނަންޖެހޭނެ. އެހެންނަމަވެސް، މި ފޯނުން، އަޅުގަނޑުމެންނަށް ލިބޭ އެއް ޑިސްއެޑްވާންޓޭޖްގެ ގޮތުގައި މި އޮންނަނީ، އެހެންގޮތަކަށް އަހާލާނެ ދެން ފޯނުގައި، އަހާލީމާ ދެން ބައެއް ޖަވާބުވެސް ލިބޭ. އަޅުގަނޑަކަށް ދެން ނޭނގެ، ކޮންމެ ފަހަރަކު ލިބެނީ ރަނގަޅު ޖަވާބުކަމެއް.

އެހެންވީމާ، މީގައި އަޅުގަނޑު ހަމަ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޚާއްޞަކޮށް ބެލެނިވެރިންނަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އަޅުގަނޑު ހަމަ ސްކޫލްގެ ޓީޗަރުންނަށް ވަރަށް ބޮޑަށް ދަންނަވާލަން ބޭނުން، މިކަމުގައި ރަނގަޅު މަސައްކަތްތަކެއް އަޅުގަނޑުމެން މިއަދު ފަށަންޖެހޭނެއޭ. އަޅުގަނޑު ކުރީގައި ދެންނެވީ، ލަސްވެއްޖެ ކަމަށްވަންޏާ، ޙައްލުކުރަން ދައްޗޭ އަޅުގަނޑު ދެންނެވީ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ތެރޭގައި ހުރި ސޯޝަލް މައްސަލަތައް އަޅުގަނޑުމެން ބޭނުންވާވަރަށް ޙައްލުނުވެގެން މިއުޅެނީކީ، އެކަމަށް މަސައްކަތްތަކެއް ޙަޤީޤަތުގައި ނުކުރެވިގެނެއް ނޫން. ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކުންވެސް، މި ސަރުކާރުންވެސް ވަރަށް ގަދައަޅައި މަސައްކަތްކުރޭ އަޅުގަނޑުމެންނާ ކުރިމަތިވެފައި ހުރި، ސޯޝަލް ކަންތައްތައް ޙައްލު ކުރުމަށްޓަކައި. ކުރުގޮތަކަށް ދަންނަވާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ތެރޭގައި އޮތް މަސްތުވާތަކެތީގެ ވަބާއިން، ސަލާމަތް ކުރުމަށްޓަކައި ކުރެވޭ މަސައްކަތްތައް ކުޑައެއްނޫން. އަދި ހަމަ އެނގިވަޑައިގަންނަވާނެ، ދުންފަތުގެ އިސްތިޢުމާލު ކުރުން، މިއިން ކޮންމެ ކަމަކީވެސް، އެޑިކްޝަނަކަށް ދިޔައިމާ، ދެން އެކަންތައް މުޅި މުޖުތަމަޢުން ފުހެލަން ވަރަށް އުނދަގޫ ކަމެއް. އެހެންވީމާ މިއީ، ވަރަށް ރަނގަޅު ވަގުތެއް. އެނގިވަޑައިގަންނަވާނެ،                  "There is no wrong time to do right thingއެހެންވީމާ، އަޅުގަނޑުގެ އެދުމެއް، މި މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދިޔުން.

އާދެ، ޚާއްޞަކޮށް މިނިސްޓަރ ޝައުނާ، މި މަސައްކަތްތަކާ ހަވާލުވެވަޑައިގަތް ފަހުން ގިނަ ކަންތައްތަކެއް ކުރައްވާކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. ކްލައިމެޓާ ގުޅުންހުރި ކަންތައްތައް. އަދި ޚާއްޞަކޮށް، މި ޓެކްނޯލޮޖީއާ ގުޅޭ މަސައްކަތްތައް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ކުރީގައި ނުދާ މިންވަރަށް ބާރަށް. ސަރުކާރުގެ މުއައްސަސާތަކާއި އަދި އަމިއްލަ ފަރާތްތަކާ ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައި، އެއިން ލިބޭނެ ފައިދާތަކުގެ މައްޗަށާއި، އަދި އެއިން ލިބިދާނެ ގެއްލުންތަކުގެ މައްޗަށް ވަރަށް ފުންކޮށް ވިސްނަވައި، މިނިސްޓަރާއި މިނިސްޓަރުގެ ޓީމުން، އެ ކުރައްވާ މަސައްކަތްތައް އަޅުގަނޑު ހަމަ ފާހަގަކޮށް، ޚާއްޞަކޮށް، މިނިސްޓަރާއި ޓީމަށް މިކަމުގައި އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން ބޭނުން.

އާދެ، އަޅުގަނޑު ހަމަ ނިންމާލުމުގެ ކުރިން، ރާއްޖޭގައި ޚާއްޞަކޮށް މި އެވެއަރނަސް ހިންގުމަށްޓަކައި އެކިއެކި ފަރާތްތަކުންނާއި، އެކިއެކި ޖަމުޢިއްޔާތަކުން މަސައްކަތްތައް ކުރައްވާކަން އަޅުގަނޑު ހަމަ ފާހަގަކުރަން. އަދި އަޅުގަނޑުމެންގެ ތެރޭގައި ހުރި އެހެނިހެން ކުންފުނިތަކުންވެސް ގިނަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކޮށް، މިކަމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އުންމީދަކީ، މިއަދު މި ފެށޭ މަސައްކަތް ހުއްޓަވާނުލައްވައި، އަޅުގަނޑުމެން ކުރިއަށް ގެންގޮސް، ހެޔޮ ބަދަލުތަކެއް އަޅުގަނޑުމެންގެ މުޖުތަމަޢަށް ގެނެސް، އަޅުގަނޑުމެން ދައްކައިދޭންޖެހޭ ރަނގަޅު މަގުތައް މި ފަރާތްތަކަށް އަޅުގަނޑުމެންނަށް ދައްކައިދިނުމުގެ މަސައްކަތް ކުރެއްވުން.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް اللَّـهُ سُبْحَانَهُ وَتَعَالَىٰ ހެޔޮ ގޮތްތައް މިންވަރު ކުރައްވައި، ހެޔޮ ވިސްނުން އަޅުގަނޑުމެންނަށް ދެއްވައި، ހެޔޮގޮތުގައި އަޅުގަނޑުމެންގެ އަތުގެ ހުރިހާ ތަކެއްޗެއް ބޭނުންކުރުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރައްވައި އަދި ދިވެހިރާއްޖެއާއި ރައްޔިތުންނަށް ފާގަތި ދުވަސްތަކެއް މިންވަރު ކޮށްދެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.