بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބަފުޅަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރ. އަތޮޅު ކައުންސިލްގެ ރައީސް ޙުސައިން ޢާޞިފް، މިނިސްޓަރ އޮފް ޓޫރިޒަމް ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު، ރ. އަތޮޅަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ރިޒޯޓުތަކުގެ އިސްވެރިން، އަތޮޅު ކައުންސިލް، ރަށު ކައުންސިލް އަދި ޑަބްލިޔު.ޑީ.ސީ.ގެ އެންމެހައި މެންބަރުން، ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން، އަދި ދުވާފަރާއި، ރ. އަތޮޅުގެ އެންމެހައި ޚިދުމަތްތެރި ރައްޔިތުން، މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް މިއަދު އަޅުގަނޑުމެން މި އަތޮޅަށް އައުމުން، މި އަތޮޅުގެ ހަތަރު ރަށަކަށް އައި އައުމުގައި، މި އަތޮޅުގެ ރައްޔިތުން އެ ވިދާޅުވި ހޫނު މަރްޙަބާއާއި އަދި އަޅުގަނޑުމެންނަށް ދެއްވި މެހްމާންދާރީއަށްޓަކައި، އަޅުގަނޑާއި އަޅުގަނޑާއެކު ވަޑައިގެންނެވި ޓީމުގެ އެންމެހައި ބޭފުޅުންގެ ނަމުގައި ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ހަމައެއާއެކު މިރޭގެ މި ޙަފްލާގައި "ރ. ޓޫރިޒަމް އެކްސްޕޯ 2022" ނިންމުމުގެ މި ޙަފްލާގައި، މި އެވޯޑިންގ ސެރަމަނީގައި އެކިއެކި އެވޯޑުތައް، ރިކޮގްނިޝަންތައް ހާސިލުކުރި ރިޒޯޓުތަކާއި، އަދި އަމިއްލަ ފަރުދުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު، އަޅުގަނޑު ތަހުނިޔާ ދަންނަވައި، މުބާރިކްބާދީ ދަންނަވަން.

އާދެ، އަޅުގަނޑުމެން މި ފާހަގަކުރަމުން މިދަނީ، ދިވެހިރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރިގެންދާ މުނާސަބަތު. އާދެ، ޝައްކެއްނެތް، ޓޫރިޒަމް މިނިސްޓަރުވެސް އެ ވިދާޅުވިގޮތަށް، 50 އަހަރު އަންނާނީ އެއްފަހަރު. އެންމެ ފަހަރަކު. މިފަދަ ވަގުތެއްގައި، ގޯލްޑަން ޖުބިލީ ފާހަގަކުރާ ވަގުތެއްގައި، އަޅުގަނޑުމެން ހަމަ ވިސްނާލަންޖެހޭނެ، އަޅުގަނޑުމެން ފާހަގަކޮށްލަން އެބަޖެހޭ، މިއަދާ ހަމައަށް ކާމިޔާބުކަމާއެކު، ދިވެހިރާއްޖޭގެ ޓޫރިޒަމް ދެމެހެއްޓެނިވި ގޮތަކަށް ގެނެސްދެއްވި ފަރާތްތަކުގެ މަތިން.

އާދެ، އަޅުގަނޑުމެންނާ ހަމައަށް ކާމިޔާބު ޓޫރިޒަމެއް، މުޅި ދުނިޔެ ނަމޫނާއެއްގެ ގޮތުގައި ދެކޭ ޓޫރިޒަމެއް މި ގެނެވުނީ ކޮންގޮތަކަށްކަން. އާދެ، ގިނަ ވާހަކަތަކެއް އަޅުގަނޑު އެކަމާ ގުޅޭގޮތުން ނުދެންނެވި ނަމަވެސް، ވޭތުވެދިޔަ ހަފްތާ ވެގެންދިޔައީ ޓޫރިޒަމްގެ މި ގޯލްޑަން ޖުބިލީ ފާހަގަކުރުމަށްޓަކައި ވަރަށް ގިނަ އިވެންޓްތައް، ވަރަށް ގިނަ ޖަލްސާތައް، ބޭއްވިގެންދިޔަ ހަފްތާއަކަށް. ދުވަސްތަކަކަށް. 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ޓޫރިޒަމް މިއަދާ ހަމައަށް ގެނައުމަށްޓަކައި ކުރެވިގެންދިޔަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވައިލައި، އެއިން ކޮންމެ ރެޔަކުވެސް ވަރަށް ސާފުކޮށް، އެ ވާހަކަ ދެކެވިގެންދިޔަ.

އާދެ، އެންމެ ފުރަތަމަ އެ ރިސްކް ނަންގަވައި، މުޅި ޤައުމަށްޓަކައި އަޅުގަނޑުމެން މިއަދު ފަޚުރުވެރިވާ، އަޅުގަނޑުމެންގެ އިކޮނޮމީ، އެ ދާއިރާއަށް މުޅިން އަޅުގަނޑުމެން ބަރޯސާވެފައި މިވާ ޓޫރިޒަމް ކާމިޔާބުކަމާއެކު ގެނައުމަށްޓަކައި އެ ކަންތައްތައް ފެށްޓެވި ފަރާތްތަކަށް، އެ ޗެލެންޖް ނަންގަވައި، އެ މަސައްކަތް އަދި ފަހުންވެސް ކުރެއްވި އެންމެހައި ފަރާތްތައް ހިމެނޭގޮތަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، އެ ފަރާތްތަކަށް ޝުކުރު ދަންނަވަން.

އާދެ، ބައެއްގެ ބުރަ މަސައްކަތުން، ހޭދަތަކަކުން ތަންތަން ބިނާކުރިޔަސް، ރިޒޯޓުތަކެއް އަދި ހެދިނަމަވެސް، ކާމިޔާބުކަމާއެކު ކުރިއަށް މިގެންދެވެނީ، ކުރެވޭ ވަރަށް ގިނަ، ވަރަށް ބުރަ މަސައްކަތްތަކަކުން. އާދެ، 1972 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް، އާދެ، މި 50 އަހަރުގެ ތެރޭގައި، ފަތުރުވެރިކަން ކާމިޔާބު ކަމެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި، ޚާއްޞަކޮށް، ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން، ވަރަށް ގިނަ ޒުވާނުން ބުރަ މަސައްކަތްތަކެއް ކޮށްފައި އެބަވޭ. އާދެ، ހަމައެއާއެކު އަޅުގަނޑުމެންގެ ޓީމު މެންބަރުންގެ ގޮތުގައި، އެހެނިހެން ޤައުމުތަކުގެ ރައްޔިތުންވެސް އަޅުގަނޑުމެންނާއެކު މަސައްކަތްތައް ކޮށްފައި އެބަހުރި. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ކާމިޔާބުގެ ސިއްރަކީ، ކާމިޔާބުގެ އަޞްލަކީ ޚާއްޞަކޮށް، އަޅުގަނޑުމެންގެ ދިވެހި ޒުވާނުން ރިޒޯޓުތަކުގައި ތިބެގެން އެ ކުރެއްވި މަސައްކަތޭ.

އާދެ، މިއަދު އަޅުގަނޑުމެންނަށް ދަތުރުފަތުރުގެ ކަންތައްތައް ފަސޭހަކަމާއެކު އޮތްނަމަވެސް، އެއްރަށުން އަނެއް ރަށަށް އާދެ، ރިޒޯޓުތަކުން ހެނދުނު ފުރައިގެން ގޮސްފައި، ހަވީރު އަނެއްކާ ރިޒޯޓަށް ދެވުނު ނަމަވެސް، ކުރީގައި ކަންތައްތައް އޮތީކީ އެގޮތަކަށް ނޫން. ޢާއިލާއާ ދުރުގައި، ދަރިންނާ ދުރުގައި، އަހަރަކު އެއްފަހަރު ކަހަލަ ގޮތަކަށް ޢާއިލާ ދެކެން ފުރުޞަތު މި ލިބެނީ. އެދުވަހުވެސް ވަރަށް ބުރަ މަސައްކަތްތަކެއް ބަޔަކު ކުރި. ދަތި އުނދަގުލުގެ ތެރޭގައި މަސައްކަތްތަކެއް ކުރި.

އެހެންވީމާ، އަޅުގަނޑު މިރޭ އެންމެ ބޮޑަށް ފާހަގަކޮށްލަން ބޭނުންވަނީ، މި ދެންނެވި އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރެއްވި ފަރާތްތައް. އަޅުގަނޑު ޤަބޫލުކުރަނީ، އެއީ އެބޭފުޅުން ޤައުމަށްޓަކައި މިދުވަސް ގެނައުމަށްޓަކައި ވީ ހަމަ ޤުރުބާނީއެއްގެ ގޮތުގައި. އެހެންވީމާ، އެ ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު، އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ، ކުރެވޭ ކޮންމެ ކަމެއްގެ އަގުވަޒަންކުރުން. ކަންކަން ބަލައިގަތުމަކީ، އެއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑަށް މިފެންނަނީ، ރ. އަތޮޅު ކައުންސިލް، މުޅި ރ. އަތޮޅު ހިމެނޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، އަދި ކައުންސިލް މެންބަރުންނާއި، އަދި އަންހެނުން ކޮމިޓީގެ މެންބަރުންނާއި، މުޅި ރަށުގެ، މުޅި އަތޮޅުގެ ރައްޔިތުން ހިމެނިގެން ރ. އަތޮޅުގައި ޚާއްޞަކޮށް މިކުރެވޭ މަސައްކަތްތައް. އާދެ، 17 ރިޒޯޓެއްގައި 18 އޮޕަރޭޝަނެއްގެ ގޮތުގައި، އަޅުގަނޑުމެންނަށް މި ފެންނަނީ ރިޒޯޓުތައް ހިންގަމުންދާ ތަން. މި ރިޒޯޓުތަކުގައި އެ ކުރެވޭ މަސައްކަތްތަކާއި އަދި އެނޫންވެސް، މި ރަށްތަކުގައި މި ރިޒޯޓުތަކާ ގުޅޭގޮތަށް އެ ކުރާ މަސައްކަތްތައް އަޅުގަނޑު ފާހަގަކުރަން. މިފަދަ ކަމެއް ކުރުމަކީ މިއީ އަޅުގަނޑު ދަންނަވާނީ، އަތޮޅު ކައުންސިލުން ކުރެއްވި ވަރަށް ރަނގަޅު މަސައްކަތެކޭ. މިކަމަށްޓަކައި މިކަންތައް އިންތިޒާމު ކުރެއްވި، މިކަމަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، 50 އަހަރަށް ފަހު، ކުރިއަށް އޮތް ދުވަސްތަކުގައި މި ކާމިޔާބު މަސައްކަތް، މި ނަމޫނާ ދެމެހެއްޓުމަކީ ރަނގަޅު ވާހަކަފުޅެއް. ޓޫރިޒަމް މިނިސްޓަރުވެސް ވިދާޅުވެއްޖެ، އުނދަގޫ ކަމެއް. ކާމިޔާބުކޮށްފައި، ދެމެހެއްޓުން އަދި މާ އުނދަގޫވޭ. އަޅުގަނޑުމެން އެއްގޮތަކަށްވެސް ހީކޮށްގެން ނުވާނެ، އަޅުގަނޑުމެންނަށް ކުރިއަށް އޮތީކީ، އަދި އަޅުގަނޑުމެންނާ ކުރިމަތިލާންޖެހޭނީކީ، އެހާ ފަސޭހަ ދުވަސްތަކެއް ކަމަށް. މާޒީގައި ދާދި އިހަކަށްދުވަހު އަޅުގަނޑުމެންނަށް މި ކުރިމަތިވެގެން މިދިޔައީ ކޯވިޑްގެ ޕެންޑަމިކް. އެއަށްފަހު އަޅުގަނޑުމެންނަށް ހިންދަމައިނުލެވެނީސް، ކުރިމަތިވެގެން މި ދިޔައީ، ޓޫރިޒަމަށް ގެއްލުން ބޮޑު ކަމެއް. އާދެ، ހަނގުރާމައެއް. ކޮންފްލިކްޓެއް.

އަދި ހަމައެއާއެކު، އަޅުގަނޑުމެންނަށް ދެން ހުރި ޗެލެންޖްތައް، ގޮންޖެހުންތައްވެސް ކުޑައެއް ނޫން. ތިމާވެށްޓަށް އަންނަ އެކިއެކި ބަދަލުތަކާއި، ރާއްޖޭގެ ކުދި، ބޮޑު ރަށްތަކަށް ކުރިމަތިވާ އެކިއެކި އުދައެރުމާއި، އެނޫނަސް މޫސުމާ ގުޅޭގޮތުން އަންނަ ބަދަލުތަކާ ގުޅިގެން ލިބޭ ގެއްލުންތައް ޙައްލުކުރަމުން އަޅުގަނޑުމެން ކުރިއަށްދާން މި ޖެހެނީ. އެހެންވީމާ، އަޅުގަނޑުމެން ކުރިއަށް އޮތް ދުވަސްތަކުގައިވެސް މަސައްކަތްތައް ކުރަންޖެހެނީ، ވަރަށް އެކުއެކީގައި، ވަރަށް އެކުވެރިކަމާއެކު. މިކަންތައްތަކަކީ ކުރިމަތިވެދާނެ ކަންތައްތަކެއްކަން ދަނެގެން، ވަރަށް ގަދަފަދަ ޢަޒުމެއްގައި.

އާދެ، މިއަދު އަޅުގަނޑުމެން ތައްޔާރުވާން އެބަޖެހޭ. އަޅުގަނޑުމެންނަށް ދިމާވާ މިފަދަ ކޮންމެ ކަމަކުން، އެ ލިބޭ ޝޮކްގެ ސަބަބުން ޤައުމަށް، ރައްޔިތުންނަށް އެ ލޮޅުން ނާންނާނެ ގޮތަކަށް، އަޅުގަނޑުމެންގެ ކަންތައްތައް ބައްޓަން ކުރުމަށް. އެއީވެސް ވަރަށް މުހިންމު ކަމެއް. އާދެ، އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ފާހަގަކުރަން ބޭނުން، މި ދެންނެވި ޕެންޑަމިކްގެ ދުވަސްވަރު، އެނގިވަޑައިގަންނަވާނެ، މުޅި ފަތުރުވެރިކަން އެކީ ހުއްޓި، ރިޒޯޓުތައް ބަންދުކުރަންޖެހި، ހިތަށްވެސް ނުގެނެވޭފަދަ ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް އަޅުގަނޑުމެންނަށް ކުރިމަތިވެގެން ދިޔައީ.

އާދެ، އަޅުގަނޑުމެންނަށް މިއަދު މިފެންނަ ޓޫރިޒަމް އާދެ، މިއަދާ ހަމައަށް މި އަހަރުގެ ޓޫރިޒަމްގެ އެރައިވަލްއަށް ބަލައިފި ކަމަށްވަންޏާ، 1.2 މިލިއަން މިހާރު މިވަނީ ފަހަނަޅައިފައި. އާދެ، މިގޮތަށް މިކަންތައްތައް ކުރެވުނީ، އަނެއްކާވެސް އެކުއެކީގައި ވަރަށް ބޮޑަށް ކުރެވުނު މަސައްކަތަކުން. އާދެ، އަޅުގަނޑު މީގައި ހަމަ ވަރަށް ޚާއްޞަ ޝުކުރެއް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދަންނަވައިލަން ބޭނުންވޭ. އެމަނިކުފާނު ރެޔާއި ދުވާލު ޚާއްޞަ ނަޒަރަކުން، ވަރަށް ޚާއްޞަ ގޮތަކަށް، ރާއްޖޭގެ ޓޫރިޒަމްގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯއްދެވުމަށްޓަކައި އެ ކުރެއްވި މަސައްކަތްޕުޅަށް.

އާދެ، އަޅުގަނޑުމެންނަށް ކާމިޔާބު ލިބުނީ، އެންމެން އެކުގައި ކުރެވުނު މަސައްކަތްތަކަކުން. އަޅުގަނޑު ތަފްޞީލު ދޭން ޖެހިއްޖިއްޔާ، ވާހަކަ މާ ދިގުވެދާނެ. އެހެން ނަމަވެސް، ކުރުގޮތަކަށް އަޅުގަނޑު ދަންނަވައިލަން ބޭނުން. ކައުންސިލްތަކާއި އަދި ރަށްރަށުގެ ޓާސްކްފޯސްތަކާއި، ރަށްރަށުގެ މުއައްސަސާތަކާ އެކީ، ޓޫރިޒަމް މިނިސްޓްރީއާއި، ސަރުކާރުގެ އިދާރާތަކާއި، ހެލްތު މިނިސްޓްރީއާއި، ކަމާގުޅޭ ހުރިހާ ފަރާތްތަކާއެކު ކުރެވުނު މަސައްކަތް، އަޅުގަނޑަށް ހީވަނީ، މިއީ ހަމަ "ސަކްސަސް ސްޓޯރީ" އެއްހެން. އަޅުގަނޑުމެންނަށް ދައްކައިދެވުނީ އެކުވެރިކަން. ކަމެއް ދިމާވި ވަގުތު، އެންމެން އެކުގައި ކުރެވުނު މަސައްކަތަކުން ކުރިއަށްދާނެ ގޮތެއް އަޅުގަނޑުމެންނަށް ހޯދުނީ. އެ މަސައްކަތުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އެ ނިންމެވި ނިންމެވުން ވެގެންދިޔައީ، ޤައުމަށްޓަކައި ވެރިޔަކަށް ނިންމެވޭނެ، ކުރެއްވޭނެ އެންމެ ރަނގަޅު ކަންތަކަށް. އެދުވަސް އިރާދަކުރެއްވީތީ، އަޅުގަނޑުމެންނަށް މި ފެންނަނީ. ވަރަށް ބޮޑަށް ޝުކުރިއްޔާ. ޚާއްޞަކޮށް، ޓޫރިޒަމް ދާއިރާގައި ރިޒޯޓުތަކުގައި އެ ދަތި ކަންތައްތަކުގެ ތެރޭގައި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް.

Those joining us from all the resorts, I would like to thank you for your commitment and dedication for providing excellent services. My humble request to you is to have these engagements with the island community and to give the best contribution that is possible for you all the time.  

Thank you very much for all those coming from the resorts.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މިފަދަ ފުރުޞަތެއް ލިބުނީތީ، އެކަމަށްޓަކައިވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ޓޫރިޒަމަކީ، އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް އެންމެ މުހިންމު ކަންތައް. އެހެންވީމާ، ނިންމާލުމުގެ ކުރިން، އަދިވެސް އެއްފަހަރު އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ދަންނަވާލަން އޮތީ، އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި، ޤައުމީ ރޫޙު އަޅުގަނޑުމެން އިސްކުރަންޖެހެއޭ. ކަންތައްތައް މި ކާމިޔާބު ކުރެވެނީ އެކުގައި ކުރެވޭ މަސައްކަތްތަކަކުންކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ.

އަޅުގަނޑުގެ އެދުމަކީ، ރ. އަތޮޅަށާއި އަދި މުޅި ދިވެހިރާއްޖެއަށްވެސް، ފަތުރުވެރިކަމުގެ ތެރެއިން ހުރިހާވެސް ކާމިޔާބީއެއް ލިބިގެންދިޔުން. ޒުވާނުންނަށް އިތުރު ފުރުޞަތުތައް ހުޅުވިގެންދިޔުން. އިތުރު މީހުން މި ދާއިރާއަށް ބިނާވެގެންދިޔުން. ތައްޔާރުވެގެންދިޔުން. އަޅުގަނޑުމެންގެ ރަށްރަށުގައި އުފައްދާ ތަކެއްޗާއި، ވަކިވަކި ފަރުދުން އުފައްދާ ތަކެތީގެވެސް އެކަށީގެންވާ ނަފާއެއް، ރިޒޯޓުތަކާއި އެހެން މާކެޓްތަކުންވެސް އެ ފަރާތްތަކަށް ލިބިގެންދިޔުން.

اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން ކުރާ ހެޔޮ މަސައްކަތުގައި ބަރަކާތްލައްވައި، ކާމިޔާބު ހޯދުމަށްޓަކައި ކުރާ މަސައްކަތުގައި ހެޔޮ ތައުފީޤު ދެއްވާށި.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.