بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم ގެ ކިބައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ދައުލަތުގެ ވަޒީރުން، މި ޕްރޮގްރާމުގެ ޕާޓްނަރުން ކަމަށްވާ ދިރާގު، ސްޓެލްކޯ އަދި ޕީ.އެސް.އެމް، ސްކޫލްތަކުގެ ޕްރިންސިޕަލުން، ޓީޗަރުން، އަދި މި ޕްރޮގްރާމުގެ ފެސިލިޓޭޓަރުން ކަމަށްވާ، މަސްޢޫދު ޢަލީ، އަދި ޙުސައިން ޢަފީފް، ވަކިން ޚާއްޞަކޮށް، މިއަދުގެ މި ޕްރޮގްރާމުގައި ބައިވެރިވާ ސްކޫލްތަކުގެ އެންމެހައި ދަރިވަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ވަރަށް ބާއްޖަވެރި ދުވަހަކަށް، ހެނދުނަކަށް އެދެމުން، އަޅުގަނޑު ދަންނަވާލާނީ، މިއީ ވަރަށް މުހިންމު ޕްރޮގްރާމެކޭ. އާދެ، އަޅުގަނޑުމެންނަށް ކޮމިޓީއެއް އެކުލަވައިލެވި، މީގެ ދުވަސްތަކެއް ކުރިން، މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ފެށިގެންދިޔަ. ދެން އެހެންނަމަވެސް، އަޅުގަނޑުމެންނަށް ދަތިތަކެއް ކުރިމަތިވި، މި ޕްރޮގްރާމް މިގޮތަށް ފިޒިކަލްކޮށް، ފޭސް ޓު ފޭސްކޮށް މިގޮތަށް ގެންދިޔުމަށްޓަކައި. ކޯވިޑުގެ ދަތިތަކާ ހެދި އަޅުގަނޑުމެންނަށް ޖެހުނީ ކޮންމެވެސްވަރަކަށް ފަސްކޮށްލަން. މި ފަސްކޮށްލިކޮށްލުން، އަޅުގަނޑު ގަބޫލުކުރަނީ، ޙަޤީޤަތުގައި ލަސްވެސްވެއްޖެ ކަމަށް. އެހެންނަމަވެސް، އަޅުގަނޑުމެން ކޮންމެ ކަމެއްގައިވެސް ގަބޫލުކުރަނީ، ބެޓަރ ލޭޓް ދެން ނެވަރ. އެހެންވީމާ، ފަސްވިކަމުގައިވިޔަސް މުހިންމު ކަމެއް ކަމަށްވަންޏާ، ރަނގަޅު ކަމެއް ކަމަށްވަންޏާ، އެކަން ދޫކޮށްނުލައި ފެށުމަކީ އެއީ، ވަރަށް މުހިންމު ކަމެއް.

އާދެ، އަޅުގަނޑު ދަރިވަރުންނަށް ބުނެލަން އޮތީ، މި ޕްރޮގްރާމުގެ ފުރިހަމަ ބޭނުންހިފާށޭ. އެނގިވަޑައިގަންނަވާނެ، ސްކޫލް އުމުރަކީ އެއީ، ޚާއްޞަކޮށް ތިމާ ގައިގައި ރަނގަޅު ސިފަތައް، އާދަތައް، ރަނގަޅު އަޚްލާޤު، އެހެން މީހުންނާ ދޭތެރޭގައި އޯގާތެރިވުމުގެ ހެޔޮ ސިފަތައް އަށަގެންނެވުމަށްޓަކައި އެންމެ ރަނގަޅު އުމުރު. ސްކޫލް ދައުރަކީ އެއީ ކަންކަން ދެނެގަނެ، ކަންތައްތައް ދަސްކޮށް، މުޖުތަމަޢުގައި ތިމާއަކީ ބޭނުންތެރި މުހިންމު މީހެއްގެ ގޮތުގައި އުޅުމަށްޓަކައި، އެ ލިބޭ އެންމެ ރަނގަޅު ފުރުޞަތު. އެނގިވަޑައިގަންނަވާނެ، ކޮންމެ ކަމަކަށްވެސް ވަކި އުމުރުތަކެއް ނުވަތަ ވަކި ދުވަސްތަކެއްވޭ. އެގޮތުން، ތި އުމުރު ހޭދަކޮށްލަންޖެހޭނީ، މިފަދަ ކަންތައްތައް ދަސްކޮށް، ޚާއްޞަކޮށް، ހުނަރުވެރި ލީޑަރޝިޕް ކޮލިޓީ ހުންނަ މީހެއްގެ ގޮތުގައި ވުމަށް މަސައްކަތްތައް ކުރުމަށް.

ސްކޫލް ތެރެއިން ދަސްވާ، ކިޔަވާ ފިލާވަޅުތަކުގެ އިތުރަށް، މިގޮތަށް ބޭރުތެރެއިން ދަސްވާ ކަންތައްތަކުގެ މުހިންމުކަން ވަރަށް ބޮޑު. އާދެ، ކޮންމެ ކުއްޖަކުވެސް މަސައްކަތް ކުރަންވީ، ކޮންމެ ދުވަހަކީވެސް ކޮންމެވެސްކަހަލަ ހެޔޮ ބަދަލެއް، އެ ވެދާނެ ވަރަށް ކުޑަކުޑަ ކަމަކަށް. އަ ވެރީ ސްމޯލް ސްޓެޕް. އެކަމަކު ދެޓް ވިލް ބްރިންގ ބިގް ޗޭންޖަސް އިން ލައިފް. ދެން އެ ޗޭންޖް އަންނައިރު، އެ ޗޭންޖް މި އަންނަނީކީ ހަމައެކަނި ތިމާއަކަށްވެސް ނޫން. ތިމާގެ ވަށައިގެންވާ އެކުވެރިންނަށާއި، ޢާއިލާއަށާއި، އަދި މުޅި މުޖުތަމަޢަށް އޭގެ ހެޔޮ އަސަރު ކުރޭ.

އެހެންވީމާ، މިއަދު ޚާއްޞަކޮށް ދިވެހިރާއްޖޭގެ ދަރިވަރުން، ސްކޫލްތަކުގެ ހުރިހާ ކުދިން، ގަދައަޅައި މަސައްކަތް ކުރަންވީ، މާދަމާގެ ލީޑަރަކަށް ވުމަށްޓަކައި މަސައްކަތްތައް ކުރަން. އާދެ، އިއްތިފާޤެއް ކަމަށްވެސް ވެދާނެ، މިއަދު މިއީ ދިވެހިރާއްޖޭގެ ޤައުމީ ޒުވާނުންގެ ދުވަސް. ތިޔަކުދިންގެ ދުވަސް. މިއަދަށް އެކަނި ވިސްނައިލުމުންވެސް، ޤައުމެއްގެ ތަރައްޤީއަށް، ޤައުމެއްގެ މުސްތަޤްބަލަށް، ޤައުމެއްގެ ކުރިމަގަށް ޒުވާނުންގެ މުހިންމުކަން އޮތް މިންވަރު ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އެބަ އެނގޭ. ތިޔައިން ކޮންމެ ކުއްޖަކުވެސް ތައްޔާރުވާންވީ ޤައުމު ދެކެ ލޯބިވާ، ޤައުމަށް ޚިދުމަތްތަކެއް ކޮށްދެވޭ، ޤައުމުގެ ތަރައްޤީގައި ބައިވެރިވެވޭފަދަ ފަޚުރުވެރި ދަރިޔަކަށްވުމަށްޓަކައި. ހަމަ އެއްވެސް ކުއްޖަކީ، މުހިންމުކަން ކުޑަ ކުއްޖެއް ނޫން. އަމިއްލައަށް ތިމަންނާ ވިސްނައިލާއިރު، ފަހަރެއްގައި ހިތަށްއަރައިފާނެ، ތިމަންނާ ދެން އެކަނި ކުރާ ކަމަކުން، މިސާލަކަށް، ތިމަންނާ އެކަނި މަގުމައްޗަށް އެއްލައިލާ އެއްޗަކުން، ނުވަތަ ތިމަންނާ އެކަން ނުކުރިޔަސް، ކޮން އަސަރެއްހޭ ކުރާނީ. އެންމެ މީހެކޭ ތިމަންނާ މިއީ. އެންމެ ކުއްޖެކޭ ތިމަންނާ މިއީ.

އެކަމަކު އަޅުގަނޑުމެންގެ ނުވަދިހަ ދެހާހަށްވުރެ ގިނަ ދަރިވަރުން، އެ ދަރިވަރުންގެ ޢާއިލާތައް، ރައްޓެހިން، އެ ހުރިހާ އެންމެންގެ ކިބައިގައި އެ ސިފަތައް ހުރެގެން، އެ ވިސްނުމުގައި ޤައުމީ ލޯތްބާއެކު، ޤައުމިއްޔަތު އެއީ ތިމާގެ ކުރިމަތީގައި އޮތް އެންމެ މުހިންމުކަން ކަމުގައި ދެނެގެން، އެ މަސައްކަތް ކޮށްފި ކަމަށްވަންޏާ، މުޅި ޤައުމުގެ އެންމެން މަގުމައްޗަށް ކުންޏެއް ނުއުކާނެ. އަދި އާންމު މުޖުތަމަޢުގެ ތެރޭގައި ހިފަހައްޓަންޖެހޭ އަގުތަކާއި، ހިފަހައްޓަންޖެހޭ އަޚްލާޤު، ހުރިހާ އެންމެން ހިފަހައްޓާނެ. އޭރުން ދެން އަޅުގަނޑުމެންނަށް ފެންނާނީ، ވަރަށް ރީތިކޮށް އޮންނަ މުޖުތަމަޢެއް. އެކަކު އަނެކަކަށް އިޙްތިރާމުކުރާ މުޖުތަމަޢެއް. އެކަކު އަނެކަކަށް އަޅައިލާ މުޖުތަމަޢެއް. ދެން ކޮންމެ ކުއްޖަކުވެސް އޭރުން ފެނިގެންދާނީ ޤައުމަށް ޚިދުމަތްކުރާ ކުއްޖެއްގެ ގޮތުގައި.

އާދެ، ހަމަ ޒުވާނުންގެ ދުވަސް އަޅުގަނޑުމެން މިއަދު ފާހަގަކުރުމުގެ މަސައްކަތް ފަށާއިރު، މީގެ ދެ ދުވަސް ކުރިން، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ޤައުމީ އިނާމު ދިނުމުގެ ޖަލްސާއެއް. ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވީ. އާދެ، ދިވެހި ޤައުމަށް އެކި ގޮތްގޮތުން އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ވޭތުވެދިޔަ ފަންސަވީސް އަހަރު، ސާޅީސް އަހަރު، ފަންސާސް އަހަރު، އަދި އެއަށްވުރެވެސް ދިގު މުއްދަތުގައި ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް، އެފަރާތްތަކަށް ޙައްޤުވާ ޤައުމީ ޝަރަފް އެރުވުމުގެ އެ ޖަލްސާ. ސްޓޭޖެއްގެ މަތިން މަދު ބަޔަކަށް އިނާމު ލިބުނު ކަމުގައިވީނަމަވެސް، ވަރަށް ގިނަ ބަޔަކު އެތައް ދުވަހެއް ވަންދެން، ޤައުމީ ޚިދުމަތުގައި އެބަ ދެމިތިއްބަވާ.

އަޅުގަނޑުގެ ކުރިމަތިން އަޅުގަނޑަށް އެބަ ފެނޭ، އެއް ބޭފުޅަކު. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ހެލްތު މިނިސްޓަރ އަލްފާޟިލް އަޙްމަދު ނަސީމް، ނިޝާން މުލީގޭ ޢިއްޒަތުގެ ވެރިޔާ. ވަރަށް ގިނަ ޚިދުމަތްތަކެއް ކުރައްވައިފި. އުމުރުން، ސޯޅަ، ސަތާރަ އަހަރުގައި ދިވެހި ޤައުމަށް ޚިދުމަތް ކުރައްވަން ފެށްޓެވީ. އަދިވެސް ހުއްޓަވައިނުލައްވާ. ހަމަ އެ ޚިދުމަތުގައި ހުންނެވީ. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް، ކޮންމެ ކުއްޖަކުވެސް ބަލައިގަންނަންވީ މިފަދަ ބޭފުޅުންނޭ. އަޅުގަނޑަށް، މަނިކުފާނާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު މި ހަތަރު އަހަރު ލިބުނީމާ، އަޅުގަނޑު ބަލަނީ މަނިކުފާނުގެ އަރިހުން ރަނގަޅު ކަންތައްތަކެއް، އަޅުގަނޑަށް ދަސްކުރެވެން ހުރި ހުރިހާ ކަންތައްތަކެއް ދަސްކުރެވޭތޯ.

އާދެ، މިއީ އަޅުގަނޑުމެން ކުރަންވީ ކަމަކީ. އެކުވެރިންގެ ފަރާތުންވެސް، ރައްޓެހިންގެ ފަރާތުންވެސް ލިބިގަންނަންވީ މި ދެންނެވި ރަނގަޅު ސިފަތައް. ހޯދައިގަންނަންވީ ރަނގަޅު ކަންތައްތައް ކުރުމުގެ ފުރުޞަތު. އާދެ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، އަޅުގަނޑުމެން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ، ތިމާއަކީ ވަރަށް މުއްސަނދި މީހަކަށް ވެދާނެ. ތިމާއަކީ ވަރަށް މަތީ މަޤާމެއްގައި ހުރި މީހަކަށް ވެދާނެ. އަދި ވަރަށް ޢިލްމުވެރި، ވަރަށް ޤާބިލް، ވަރަށް ހުނަރުވެރި، އަދި ތަޢުލީމީގޮތުން ވަރަށް ކުރިއަރާފައިވާ ބޭފުޅަކަށް ވެދާނެ. އެހެންނަމަވެސް، މި ހުރިހާ ކަމެއްގެ ކުރިއަށް އަޅުގަނޑުމެން ނެރެންޖެހޭނީ އިންސާނިއްޔަތުކަން.

އެނގިވަޑައިގަންނަވާނެ، ރަސްމިއްޔާތު ފެށުމުގެ ގޮތުން، އަޅުގަނޑުމެންނަށް އިވިގެންދިޔަ، ކީރިތި ޤުރްއާނުގެ މޫރިތި އާޔަތްތަކުންވެސް އަޅުގަނޑުމެންނަށް އަންގަވާފައި މިވަނީ، އިޙްސާންތެރި ބައެއްގެ ގޮތުގައި، އަޅުގަނޑުމެން ވުމަށް. އަޅުގަނޑުމެންގެ ހިތުތެރޭގައި އިންސާނިއްޔަތުކަން ބޭއްވުމަށް. އެކަކު އަނެކަކަށް އިޙްތިރާމު ކުރުމުގެ އެ ސިފަ އަޅުގަނޑުމެންގެ ހިތުތެރޭގައި ބޭއްވުމަށް. އެކަކު އަނެކަކުގެ މައްޗަށް ހިތްބަރުކޮށް، އަބަދު އޭނާއާ ދޭތެރޭގައި ގޯސް ގޮތްތަކަށް ދުށުމުގެ ފުރުޞަތު ނުބޭއްވުމަށް. އެ ވިދާޅުވި، އެންމެ އަގުބޮޑުވެގެންވާ އަޅުގަނޑުމެންނަށް އަތްނުލެވޭ ސިފަތަކުގެ ތެރޭގައިވެސް މިވާ، އެންމެ މުހިންމު ސިފަތަކަށް މިވަނީ، މި ދެންނެވި އިންޓެންޖިބްލް، އަޅުގަނޑުމެން ލޮލަކަށް ނުފެނޭ. އެހެންނަމަވެސް، އަޅުގަނޑުމެން އެންމެ ބޭނުންވަނީ، ކޮންމެ އިންސާނަކުވެސް އެންމެ ބޭނުންވާ ކަމަކީ، ތިމާއާ ދޭތެރޭގައި އަނެކާ ހެޔޮކޮށް ދުށުމަށާއި، ތިމާއަށް ލޯބި ދިނުމަށާއި، އަޅައިލުމަށާއި، އޯގާތެރިވުން ފަދަ ކަންތައްތައް. މިއީ ނުފެންނަ ކަންތައްތައް.

އެހެންވީމާ، އަޅުގަނޑު މިއަދު ހަމަ ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ވަރަށް ހިތްހެޔޮކަމާއި، ވަރަށް އިޚްލާޞްތެރިކަމާއި ލޯތްބާއެކު ދަންނަވާލަން ބޭނުންވަނީ، ތިޔަކުދިންގެ އަތުގައި ކިތަންމެ މޮޅު ސަނަދެއް އޮތް ނަމަވެސް، ޑިގްރީ، މާސްޓަރޒް، ޕީ.އެޗް.ޑީ، ހާސިލުކުރިޔަސް، އަދި ޕްރޮފެސަރަކަށް ބަދަލުވެގެންދިޔަޔަސް، މި ދެންނެވި ސިފަތައް، ޤައުމިއްޔަތުގެ ރޫޙް، މުޖުތަމަޢުގެ ކަންތައްތައް ރަނގަޅު ކުރުމުގެ ހެޔޮ ވިސްނުން، ޢާއިލާއާ ދޭތެރޭގައި ރަނގަޅަށް އަޅައިލުމުގެ ވިސްނުން، އެކުވެރިންނަށް ހެޔޮ ބަސްތައް ބުނުމުގެ ވިސްނުން، ޤައުމަށްޓަކައި ރަނގަޅު މަސައްކަތްތަކެއް ކުރުމުގެ ވިސްނުން، ހުނަރުވެރި، އަމިއްލަފައިމައްޗަށް ތެދުވެ މަސައްކަތް ކޮށްލެވޭނޭ ކަހަލަ ފަޚުރުވެރި މީހެއްގެ އެ ވިސްނުން ނެތް ކަމަށްވަންޏާ، އަޅުގަނޑުމެން ނުވޭ ހަމަ އެއްވެސް އެއްޗަކަށް.

އެހެންވީމާ، ހުރިހާ ކުދިންވެސް، ހަމަ ކޮންމެ ކުއްޖަކުވެސް، އަޅުގަނޑު ހަމަ ވަކިވަކިން އަޅުގަނޑަށް މިއަދު ތިޔަ ކުދިންގެ ނަންތައް މިތަނުގައި ހުރެގެން ދަންނަވާލެވޭނެހާ ވަގުތު އޮތްނަމަ، އަޅުގަނޑު ހަމަ ދަންނަވަން ބޭނުންވަނީ، ހަމަ ފުރަތަމަ މޭޒުން ފެށިގެން ކޮންމެ ކުއްޖެއްގެ ނަންވެސް ދަންނަވާލާފައި، މިވެނި ކުއްޖެއް މިގޮތަށޭ. މިއޭ ޤައުމަކީ. މިއޭ އަޅުގަނޑުމެން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ ގޮތަކީ. އެހެންނަމަވެސް، އެ ވަގުތާއި ފުރުޞަތު ނެތުމުން، އަޅުގަނޑު ހަމަ ޖުމްލަކޮށް ހުރިހާ ދަރިވަރުންނަށް ވަރަށް ލޯތްބާއެކު ބުނެލަން، ހަނދާންނައްތައިނުލައްޗޭ. ތިމާގެ އެތެރޭގައި ބަހައްޓަންޖެހޭ އަޚްލާޤާއި، ސިފަތަކާއި، އެ ލީޑަރޝިޕް ކޮލިޓީސް މި އަންނަނީ އޭގެ ތެރެއިން. އެކަން ހަނދާންނައްތައިނުލައްޗޭ. ތިޔަކުދިންގެ އުމުރުން ކިތަންމެ ގިނަ ދުވަހެއްވިޔަސް، ކޮންމެ މަގާމެއް ތިޔަކުދިންނަށް ލިބުނަސް، ކޮންމެ ފަދަ ދިރިއުޅުމެއްގައި ތިޔަކުދިން އުޅެންޖެހުނަސް، އެންމެ ފުރަތަމަ މި ކަންތައްތައް އަބަދުވެސް ތިޔަކުދިން ހަނދާނުގައި ބަހައްޓާށޭ.

އާދެ، ހަމަ މިއާއެކު އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަންތައްތަކެއް އެބަހުރި. މިއަދު ތިޔަކުދިންނަށް ފިލާވަޅުތައް ދަސްކޮށްދެއްވައި، ނޫނީ ތިޔަކުދިންނަށް އިތުރު ކަންތައްތައް ކޮށްދެއްވަން ތިއްބެވި ބޭފުޅުން އެބަ ތިއްބެވި. އަޅުގަނޑު ސްޓޭޖަށް އެރީކީ އެއްގޮތަކަށްވެސް މިކަހަލަ ވާހަކަތަކެއް ދައްކާކަށްވެސް ނޫން. ހަމަ ދެތިން ބަހެއް ބުނެލުމަށްޓަކައި. އެހެންނަމަވެސް، އަޅުގަނޑަށް ދަރިވަރުން ފެނުނީމާ ތަންކޮޅެއް އުނދަގޫވަނީ ހަމަ އެއްޗެއް ދަންނަވާނުލައި. އަސްލު އަޅުގަނޑުމެންގެ ޙަޤީޤީ ހާލަތު ޤައުމުގެ، ދުނިޔޭގެ، އެކަން ބަޔާންކޮށް ނުލައި ފޭބުމަކީ ތަންކޮޅެއް އުނދަގޫ ކަމަކަށްވެސްވޭ. އެހެންނަމަވެސް، އަޅުގަނޑު ހަމަ ކުރުގޮތަކަށް އިތުރު ދެތިން އެއްޗެއް ދަންނަވާލާފައި އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

އެނގިވަޑައިގަންނަވާނެ، އުމުރުން ސާދަ، ފަނަރަ އަހަރުގެ ދަރިވަރުން އަޅުގަނޑަށް މި ފެންނަނީ އެންމެ އުމުރުން ދޮށީ ކުދިންގެ ގޮތުގައިވެސް. އެހެންނަމަވެސް، އަޅުގަނޑު ކުރީގައި އިޝާރާތްކޮށްލި ފަދައިން، އަޅުގަނޑުމެންގެ ތެރޭގައި އެބަ ތިއްބެވި، މާ ކުރީގެ ކަންތައްތައް ފެނިވަޑައިގަތް ބޭފުޅުން. މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ، އެނގިވަޑައިގަންނަވާނެ، މުޅި ދުނިޔޭގެ ޕެޓާރން، މުޅި ދުނިޔެ ހިނގަމުންދާ ގޮތް. ޙަޤީޤަތަކީ އެކަން ބަދަލުވެއްޖެ. އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ، އަޅުގަނޑުމެންނަށް އައި ސުނާމީއެއް. އެއާ ގުޅިގެން އަޅުގަނޑުމެންނަށް އައި އެތައް ހީނަރުކަމެއް. މިހާރު އަޅުގަނޑުމެންގެ ހަނދާނުގައި، ހަމަ ހުރިހާ ކުދިންގެ ހަނދާނުގައި ހުންނާނެ، އަޅުގަނޑުމެންނަށް އައި ޕެންޑަމިކެއް. އަޅުގަނޑުމެންގެ ސިކުނޑިތަކަށް މި މޭޒުދޮށުގައި ތިއްބެވި އުމުރުން އެންމެ ދުވަސްވީ، ނުވަތަ ޤައުމީ ޚިދުމަތުގައި އެންމެ ގިނަދުވަސްވީ ބޭފުޅުންގެ ގޮތުގައި އަޅުގަނޑަށް މިފެންނަނީ، މިނިސްޓަރ އަޙްމަދު ނަސީމް އަދި ޑޮކްޓަރ މުޞްޠަފާ ލުޠުފީ ފަދަ ބޭފުޅުން. އެ ބޭފުޅުންވެސް ވިދާޅުވޭ، ތިމަންނާމެންވެސް މިފަދަ ދުވަސްތަކެއް ދެކެވަޑައިނުގަންނަވަމޭ.

އެހެންވީމާ، ޕެންޑަމިކެއްގައި ދަތިކަން އައީ، މުޅި ދުނިޔެއަށް. މުޅި ޤައުމަށް. އަޅުގަނޑުމެންގެ މުޅި ދިރިއުޅުން އެކީ ބަދަލުކޮށްލި. އެކީ ބަދަލުވެގެން ދިޔައީ. އެއަށްފަހު، ދެން އަޅުގަނޑުމެންނަށް ހަމަ އެއާ ޖެހިގެން އަނެއްކާވެސް މި އަންނަނީ ކޮންފްލިކްޓެއް. އޭގެ އަސަރުވެސް މުޅި ދުނިޔެއަށާއި، މުޅި ޤައުމަށް ކުރޭ. އެއާއެކު، އަޅުގަނޑުމެންނަށް މި ފެންނަނީ، ކުރިން ހީނުކުރާކަހަލަ ކަންތައްތައް. އަޅުގަނޑުމެންގެ ތިމާވެށްޓަށް އަންނަ ބަދަލުތައް. އޭގެ ސަބަބުން އަޅުގަނޑުމެންގެ ޤައުމަށް ލިބިގެންދާ، ދުނިޔެއަށް ލިބިގެންދާ ގެއްލުން. ބިންތިރި ޤައުމަކަށްވެ، އުދައެރުމާއި، ބޯކޮށް ވާރޭވެހުމާއި، އެތައް ކަންތައްތަކެއް އަޅުގަނޑުމެންނަށް މި ފެންނަނީ.

މި ހުރިހާ ކަމެއްގެ ތެރެއިން އަޅުގަނޑުމެންނަށް މިއަދު މި ކުރިމަތިވާ ކަންތައްތަކަކީ، ތެލުގެ އަގު ބޮޑުވެގެންދިޔުން. މުޅި ދުނިޔޭގައިވެސް ޢާންމު މުދަލުގެ އަގު ބޮޑުވެގެންދިޔުން. ތަކެތި އުފެއްދުމުގައި އެކި ގޮތްގޮތުން ހުރި ދަތިތައް. މިއީ ކޮންމެ ކުއްޖަކުވެސް، ކޮންމެ މީހަކުވެސް، ފުންކޮށް ވިސްނަންޖެހޭ ކަންތައްތައް. އަޅުގަނޑުމެންނަށް އޮތީ އަޅުގަނޑުމެންގެ ކޮންޓްރޯލްގައި ހުރި ކަންތައްތަކެއް ކުރުން. ބައެއްކަހަލަ ކަންތައްތަކަކީ، އަޅުގަނޑުމެންނަށް ކޮންޓްރޯލް ނުވާ ކަންތައްތައް. އެހެންނަމަވެސް، ޚަރަދު ކުޑަކުރުން، ވޭސްޓް މަދުކުރުން. މިއީ، އަޅުގަނޑުމެން ވިސްނަންޖެހޭ ކަންތައްތައް. އަޅުގަނޑުމެން ހަމައެކަނި ތެލަށް ބަލައިފި ކަމަށްވަންޏާ، ދިވެހިރާއްޖޭގެ ރަށްތަކުގެ، މާލެ ފިޔަވައި، ރަށްތަކަށް ވިސްނައިފި ކަމަށްވަންޏާ، ގާތްގަނޑަކަށް ތިންސަތޭކަ ޓަނުގެ ތެޔޮ، ދުވާލެއްގެ މައްޗަށް، އެއަށްވުރެވެސް ގިނައިން އެބަ އަނދާ. ތިންސަތޭކަ ޓަނުގެ ވާހަކަ އަޅުގަނޑު މި ދަންނަވަނީ. ތިންސަތޭކަ ލީޓަރުގެ ވާހަކައެއް ނޫން. އެއީ ހަމައެކަނި ތެޔޮ. އެވެސް އަޅުގަނޑުމެން ގަންނަން ޖެހެނީ. އަޅުގަނޑުމެން އުފައްދާ އެއްޗެއް ނޫން. މިގޮތަށް ގޮސް ޢާންމު ގޮތެއްގައި ކުރަންޖެހޭ ކޮންމެ ކަމެއް ވަރަށްބޮޑަށް އަޅުގަނޑުމެން އޮތީ، އެހެން ފަރާތްތަކަށް ޑިޕެންޑްވެފައި. އެހެންވީމާ، އަޅުގަނޑުމެން ޚަރަދު ކުޑަކޮށް، އަބަދުވެސް ގޭގައި ސްވިޗް އޮފްކޮށްލަންވާނެ. މިއީ އިނގިރޭސިވިލާތާއި އެމެރިކާ ތަންތަނުގައިވެސް ހިންގާ ކެމްޕެއިންތައް. "ސްވިޗް އޮފް ދަ ލައިޓް" ކިޔާ ކެމްޕެއިންތައްވެސް ހިންގާ.

އެހެންވީމާ، އަޅުގަނޑުމެން މިއަދު އެބަޖެހޭ، މި ދެންނެވި ކަންތައްތަކަށް ވަރަށްބޮޑު ސަމާލުކަމެއް ދޭން. ކުނި ނުއުކުމަށާއި، އެއީ ތިމާގެ ޒިންމާއެއްކަމާއި، މުޖުތަމަޢު ރީތިކޮށް އޮތުމުގެ އެ އުފާ ލިބިގަންނަންޖެހޭކަން ތިމާވެސް، ހުރިހާ އެންމެންވެސް. އެހެންވީމާ، ކަލެކްޓިވް އެފަރޓެއް މިއަދު އަޅުގަނޑުމެން ލާން އެބަޖެހޭ. ހަމައެއާއެކު، ޚާއްޞަކޮށް ހެލްތު މިނިސްޓަރުވެސް އިންނެވީމަ ދަންނަވާލަން. ވަރަށް ގިނައިން ވިދާޅުވާނެ، ކޮންމެ ދުވަހަކު އަޅުގަނޑު ކައިރީގައި، މި އެން.ސީ.ޑީސް، ނޮން ކޮމިއުނިކެބްލް ޑިޒީޒްގެ ވާހަކަ. ޢާންމު ގޮތެއްގައި ދިރިއުޅުމުގެ ވައްޓަފާޅި، ކެއިންބުއިމާއި ކަސްރަތާއި، ނިދާ ވަގުތު، ސްލީޕިންގ. އެއީވެސް ވަރަށް މުހިންމު ކަމެއް. އެ ކަންތައްތަކަށް ވަރަށްބޮޑަށް ސަމާލުކަންދޭށޭ، ވަރަށް ގިނައިން ވިދާޅުވާނެ. ސްޓޭޖަކަށް އަރައިފި ކަމަށްވަންޏާ، އެ ވާހަކަ ދައްކައްޗޭވެސް އަޅުގަނޑު ކައިރީގައި އޮންނަނީ ވިދާޅުވެފައި. އެހެންވީމާ، މި ކަންތައްތަކަށް ސަމާލުކަން ދޭންޖެހޭނެ.

އެނގިވަޑައިގަންނަވާނެ، ގައިންގަޔަށް ނާރާ ވަރަށް ގިނަ ބަލިތައް އަޅުގަނޑުމެންގެ ތެރޭގައި، ކަންބޮޑުވާ މިންވަރަށް އެބަހުރި. އެހެންނޫންތޯ؟ އެ ވިދާޅުވީ އާނއެކޭ. އެކަމަށް ވިސްނަންވާނެ. ހަމަ ކޮންމެ އުމުރެއްގެ، ކޮންމެ ކުއްޖަކަށްވެސް، މިކަމުގައި މަސައްކަތްތަކެއް ކުރެވޭނެ. ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރަންޖެހޭނެ. ކަސްރަތު ކުރަންޖެހޭނެ. ކެއުމުގެ އާދަކާދަތައް، ހަށިގަނޑަށް ފައިދާހުރި ތަކެއްޗަށް އަބަދުވެސް އިސްކަންދީ، އެކަންތައްތައް ކުރަންވާނެ. ގަޑިއަށް ނިދަންވާނެ. އާރލީ ޓު ބެޑް، އާރލީ ޓު ރައިސް. ހެނދުނު އަނެއްކާ ތަންކޮޅެއް އަވަހަށް ހޭލެވޭނެ. އެ އާދަތައް އަޅުގަނޑުމެން ކިބައިގައި އަބަދުވެސް ބަހައްޓަންވާނެ.

އާދެ، ނިންމާލުމުގެ ކުރިން، ވަރަށް ކަންބޮޑުވާ އެހެން ކަމެއްގެ ވާހަކަ އަޅުގަނޑު ދަންނަވާލާނަން. އެކްސިޑެންޓުގެ ކަންތައްތައް. އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ. އަޅުގަނޑަށް އެނގޭ، ތިޔަކުދިންނަކީ އަދި ސައިކަލް ދުއްވާނެ ނުވަތަ ކާރު ދުއްވާ އުމުރުގެ ކުދިންނެއް ނޫންކަން. އެހެންނަމަވެސް، ހަމަ ރައްޓެހިންވެސް ތިބޭނެ. އެހެންވީމާ، އަދި ސައިކަލްތަކުގެ ފަހަތުގައި ހަމަގައިމުވެސް ތިޔަކުދިން ތިބޭނެ. ކުރީގައި ނެތަސް. މިކަމަށް ސަމާލުވާން އަބަދުވެސް ތިޔަކުދިންވެސް ޖެހޭނެ ބާރުއަޅަން. މަޑުން ދުއްވުމަށާއި، މަގުމަތީގައި ހިނގާ މީހުންނަށް ބެލުމަށާއި، ޚާއްޞަކޮށް ހުރަސްކުރާއިރު، ޒިބްރާ ކްރޮސްއިން ހުރަސްކުރާ މީހުންނަށް ބެލުމަށާއި، މަގުމަތީގައި ދުއްވުމުގައި ރީތި އެ އާދަތައް ނުވަތަ އެ ކަނޑައެޅިފައި އޮންނަ އުސޫލުތަކަށް ތަބާވުން. އެއީވެސް ވަރަށް ރީތި ސިފައެއް. ލޯ އިން އޯޑަރ އަޅުގަނޑުމެން ބަލައިގަތުމަކީ އެއީ، ޤައުމެއްގައި އެންމެ ފަޚުރުވެރި، އެންމެ ހިތްހަމަޖެހޭ، އެންމެ އުފާވާނެ ކަމަކަށްވެސް ވާނީ. އެހެންވީމާ، އަޅުގަނޑުމެން ހުރިހާ ކުދިންވެސް ޖެހޭނެ، ކުރުކޮށް އަޅުގަނޑު ދަންނަވާލި ނަމަވެސް، ތިޔަކުދިން އަމިއްލައަށް މީތި ތަންކޮޅެއް ދިގުކޮށް މާނަކޮށްލައިގެންވެސް މިއަށްވުރެ ތަފްޞީލްކޮށް، ތިޔަކުދިންގެ ރައްޓެހިންނަށް މިވާހަކަތައް ކިޔައިދޭން.

އާދެ، އަޅުގަނޑު ނިންމާލުމުގެ ކުރިން ދަންނަވާލާނަން. އަޅުގަނޑުމެންނަށް މި ހޯލުން މިއަދު އަޅުގަނޑުމެންނަށް ފެންނަނީ ތަންކޮޅެއް މަދު އަދަދެއްގެ ކުދިންކޮޅެއް. އަޅުގަނޑުމެން ބޭނުންވަނީ ހުރިހާ ސްކޫލެއްގެ ހުރިހާ ކުދިންނަށް މި ޕްރޮގްރާމް ހިންގަން. އެހެންނަމަވެސް، އެގޮތަށް ޖާގަވެސް ނުލިބޭތީ، އެއީ، އެންމެ އެކަށީގެންވާ ގޮތަށް ނުގެންދެވިދާނެ ކަމަކަށްވާތީ، ދެން ލައިވް އެބަކުރޭ. އެހެންނަމަވެސް، ތިޔަކުދިންގެ ކިބައިން ހަމަ އެދެން އޮތް ކަމަކީ، މި މެސެޖް، މިއަދު ތިޔަކުދިން މިތަނުގައި ހޭދަކުރާ މި ޕްރޮޑަކްޓިވް ވަގުތުގައި ތިޔަކުދިންނަށް ލިބޭ، އެ ނަޞޭޙަތް، ނޫނީ އެ ލިބިގެންދާ މުހިންމު މަޢުލޫމާތުތަކާއި، ދަސްވާ ކަންތައްތައް ޕާސްކޮށްދެއްވާށޭ. އެއީ ތިޔަކުދިން މިއަދު ހަމަ ކޮންމެހެންވެސް ކޮށްދޭންޖެހޭނެ ކަމެއް. އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތް ގޮތުން، މާލޭ އޭރިއާގެ ގާތްގަނޑަކަށް ހުރިހާ ސްކޫލެއްގެ، މަދު ސްކޫލެއް ފިޔަވައި ހުރިހާ ސްކޫލަކުންވެސް ރެޕްރެޒެންޓޭޓިވުން، ނޫނީ ސްޓޫޑެންޓް ލީޑަރސް އެބަ ތިއްބެވި. އެހެންވީމާ، މި ކަންތައްތައް ތިޔަކުދިން ހަމަ ކޮންމެހެންވެސް ކޮށްދޭތި.

އާދެ، ޚާއްޞަކޮށް މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށްޓަކައި މިކަމުގައި ވަރަށްބޮޑު އެހީތެރިކަމެއް އަޅުގަނޑުމެންނަށް ލިބިގެންދިޔަ، އަލްފާޟިލް މަސްޢޫދު ޢަލީއާއި، އަލްފާޟިލް ޙުސައިން ޢަފީފުގެ ފަރާތުން. އަދި މިކަން އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް އަޅުގަނޑުމެންގެ ކެބިނެޓް ސެކްރެޓެރީ އަޙްމަދު ޙަސަންދީދީ ހުންނެވީ. އަދި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި. އަދި އެބޭފުޅުންނާއެކު ސްކޫލްތަކުންނާއި އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނާއި، ކަމާގުޅޭ އެހެން ދާއިރާތަކާ އެކީގައި ގުޅިގެން މަސައްކަތްކުރި. ހަމަ އެއާއެކު، އަޅުގަނޑުމެންގެ މި ޕްރޮގްރާމުގެ ސްޕޮންސަރުންގެ ފަރާތުންވެސް އަޅުގަނޑުމެންނަށް ވަރަށްބޮޑު ފަސޭހަކަމެއް ލިބިގެންދިޔަ. އެކަމަށްޓަކައި އެ ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ހަމަ އެއާއެކު، އަޅުގަނޑުމެންގެ މި މަސައްކަތް ފެށުމަށްޓަކައި އެކުލަވައިލެވުނު ކޮމިޓީގެ ބައެއް މެންބަރުން މިއަދު އެބަ ތިއްބެވި. ކަންދިމާކުރިގޮތުން އެހެން މެންބަރުންނަށް ބައިވެރިވެވަޑައިނުގެންނެވުނީ މިއަދު. އެ ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ޝުކުރު އަދާކުރަމުން، މި ޕްރޮގްރާމަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޖުމްލަކޮށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ އުންމީދަކީ މީގެ ޕްރޮގްރާމެއް ވީހާވެސް އަވަހަކަށް ރާއްޖޭގެ އުތުރުގައި ނޫނީ ރާއްޖޭގެ ދެކުނުގައި ބޭއްވުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ލިބިގެންދިޔުން.

އަޅުގަނޑުގެ އުންމީދަކީ، މީގެ ސަބަބުން ހެޔޮ އަސަރުތަކެއް، ރަނގަޅު އަސަރުތަކެއް ތިޔަކުދިންނަށް ކޮށް، އޭގެ ސަބަބުން ތިޔަކުދިންގެ ރައްޓެހިންނަށް، ޢާއިލާއަށް، މުޅި މުޖުތަމަޢަށް، އަދި ހުރިހާ ދަރިވަރުންނަށްވެސް ރަނގަޅު އަސަރުތަކެއް ކުރުން.

އަޅުގަނޑުގެ ދުޢާއަކީ، اللَّـهُ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮވިސްނުން ދެއްވައި، އަޅުގަނޑުމެން ކުރާ ހެޔޮ މަސައްކަތުގައި ބަރަކާތްލައްވައި އަދި ޚާއްޞަކޮށް އަޅުގަނޑުމެންގެ ދަރިންނަކީ ހިތްއަލި، ޤައުމަށް ވަފާތެރި، ޤައުމަށް އަމާނާތްތެރި، ޤައުމާ ދޭތެރޭގައި ވިސްނައި، ހުނަރުވެރި، ދަރިންތަކެއްގެ ގޮތުގައި ލެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.