بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

ބައިނަލްއަޤްވާމީ ފެންވަރުގައި މިއަދު ފާހަގަކުރާ މި އަހަރުގެ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންނަށާއި އެންމެހައި މުވައްޒަފުންނަށް، އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް ފޮނުވަމެވެ. އަދި ރާއްޖެއިން ކޮރަޕްޝަން ނައްތައިލުމަށާއި ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުމުގައި ހިލޭސާބަހަށް މަސައްކަތް ކުރައްވާ އަމިއްލަ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކަށާއި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށްވެސް، ދުވަހުގެ ހެޔޮއެދުންތައް ފޮނުވަމެވެ.

މުޅި ދުނިޔޭގެ ފެންވަރުގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ ޢަޒުމުގައި ބައިނަލްއަޤްވާމީ ދުވަހެއް ކަނޑައަޅާފައި އޮތުމުން، ކޮރަޕްޝަންގެ ވިހަ މުޅި ދުނިޔެއަށް ފެތުރިފައިވާ މިންވަރު ވަޒަންކޮށްލެވެއެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުން ފެށިގެން އެންމެ ފަޤީރު ޤައުމުތަކުގައި ވެސް، ކޮރަޕްޝަންގެ ވަބާ އޮތީ ފެތުރި ޢާންމުވެފައެވެ. ދުނިޔޭގެ އިރުން ހުޅަނގަށް އަދި އުތުރުން ދެކުނަށް ހުރި ހުރިހާ ޤައުމުތަކެއް، ކޮރަޕްޝަންގެ ގެއްލުމާ ކުރިމަތިލާންޖެހިފައިވާއިރު، މި ނުރައްކާތެރި ވަބާގެ ގެއްލުންތަކުން އަޅުގަނޑުމެންގެ ރާއްޖެވެސް ސަލާމަތެއް ނުވެއެވެ.

ޤައުމެއްގައި ނުވަތަ މުޖްތަމަޢެއްގައި ކޮރަޕްޝަންގެ ޢަމަލުތައް ފެތުރިއްޖެ ނަމަ، އެކަމުގެ ގެއްލުން ނުފޯރާ އެންމެ ދާއިރާއެއްވެސް ނޯވެއެވެ. އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އެތައް ގެއްލުމެއް ތަޙައްމަލުކުރަންޖެހެއެވެ. އަދި ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުން ލަސްވާ ވަރަކަށް، އެކަމުގެ ސަބަބުން ޤައުމީ ތަރައްޤީއަށާއި ރައްޔިތުންގެ ފުދުންތެރިކަމަށާއި މުޖްތަމަޢުގެ ހަމަޖެހުމަށް ލިބޭ ގެއްލުން ވަކިން ބޮޑަށް އިތުރުވެއެވެ. ކޮރަޕްޝަންގެ ޢަމަލުތަކަކީ، ހަމައެކަނި ވަކި މުއައްސަސާއަކުން ނުވަތަ ހަމައެކަނި ސަރުކާރުން ކަނޑައަޅާ ސިޔާސަތަކުން ހުއްޓުވޭނެ ކަމެއް ނޫނެވެ. ކޮރަޕްޝަން ހުއްޓުވުމަށްޓަކައި، މުޅި މުޖްތަމަޢާއި ވަކިވަކި ކޮންމެ ފަރުދެއްމެ، ކޮރަޕްޝަންގެ ޢަމަލުތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރަންޖެހެއެވެ.

މީގެ ހަތަރު އަހަރު ކުރިން ފެށިގެން، ކޮރަޕްޝަނާ ދެކޮޅަށް ޤައުމީ ފެންވަރުގައި މިއަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް، މި ކަމުގައި އިތުރަށް ކުރަން ހުރި ކިތަންމެ ކަންތައްތަކެއް އަދިވެސް އެބަހުއްޓެވެ. ކޮރަޕްޝަން ހުއްޓުވުމުގައި އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ، އެފަދަ މައްސަލަތައް ރިޕޯޓްކުރެވޭނެ އިތުބާރު ހުރި ނިޒާމެއް ކަނޑައެޅިފައި އޮތުމާއި، ދައުލަތުގެ މާލީ އަދި އިދާރީ ހިންގުންތެރިކަމުގެ ހާމަކަމާއި ފާޅުކަން މިހާރަށް ވުރެ އިތުރުކުރުމެވެ. ހަމައެފަދައިން، ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަޙުޤީޤު ކުރުމުގެ ފުރިހަމަ މިނިވަންކަމާއި އިޚްތިޔާރު، އެކަމާ ގުޅުން ހުރި މުއައްސަސާތަކަށް ދިނުމެވެ.

ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަންގެ ކިތަންމެ ކުޑަ ޢަމަލެއް ހިންގާކަށްވެސް އަޅުގަނޑުމެން ނުރުހެމެވެ. ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މާލީ އެންމެހައި ކަންކަން، ޤާނޫނީ އިމުގެ ތެރެއިން، ފުރިހަމަ ނަޒާހަތްތެރިކަމާ އެކުގައި ކުރުމަށާއި، ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އެފަދަ މުޢާމަލާތްތައް ހިންގުމަށް އަބަދުވެސް މިއަންނަނީ އިރުޝާދު ދެމުންނެވެ. ހަމައެފަދައިން ދައުލަތުގެ އެއްވެސް އިދާރާއެއްގައި، ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ފަދަ އެއްވެސް ޢަމަލެއް ހިނގާނަމަ، އެކަމެއް ވީއެންމެ އަވަހަކަށް ރިޕޯޓްކުރުމަކީ ދިވެހި ރައްޔިތުންގެ ފަރާތުން ނުހަނު ބޮޑަށް އެދޭ ކަމެކެވެ.

ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓްކުރުމަށް ވެބް ޕޯޓަލްއެއް ޤާއިމުކޮށް، ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓްކުރާ މީހުންނަށް ފުރިހަމަ ޤާނޫނީ ޙިމާޔަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ހެޔޮ ނަތީޖާ މިހާރު ދަނީ ފެންނަމުންނެވެ. ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުން އިތުރުވާ ވަރަކަށް، ކޮރަޕްޝަނަށް މަގުފަހިވާ ޢަމަލުތައް ހުއްޓުވުމަށް އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ދެނެގަނެވެއެވެ. އަދި މިނިވަންކަމާއެކު އެފަދަ މައްސަލަތައް ތަޙުޤީޤުކުރާ ކަމުގެ ޔަޤީންކަން އޮތުމުން، ކޮރަޕްޝަންގެ ޢަމަލުތައް ހިންގުން މަދުވާކަން ފާހަގަކުރެވެއެވެ.

ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން މިކުރާ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ޙާޞިލުކުރެވޭނީ، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިގެންނެވެ. މިއީ ޤައުމީ މައްސަލައެއް ކަމަށް ދެކި، ޤައުމީ ފެންވަރުގައި މިކަމާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކޮށްގެންނެވެ. ސްކޫލް މާޙައުލުގެ ތެރެއިން އަލަށް އުފެދެމުން އަންނަ ޒުވާން ޖީލުތައް، ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކޮށް، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ ރޫޙު އާލާކޮށްގެންނެވެ. އަޅުގަނޑުމެން ކޮންމެ މީހަކީ، އެމީހެއްގެ އަމިއްލަ ނަފްސުން ފެށިގެން، ޢާއިލާއާއި މުޖްތަމަޢުގައިވެސް، ކޮރަޕްޝަނަށް ނޫނެކޭ ބުނާ މީހަކަށް ވެއްޖެނަމަ، މި ނުރައްކާތެރި ވަބާއިން މުޖްތަމަޢު ސަލާމަތްކުރުމަކީ އުނދަގޫ ކަމެއް ނޫނެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ކޮރަޕްޝަނާއި ރިޝްވަތާއި ފަސާދައަށް ފާޅުގައި ނޫނެކޭ ބުނުމުގެ ހިތްވަރާއި ކެރުން، އަޅުގަނޑުމެން ކޮންމެ މީހަކަށް اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުމެވެ. ކޮންމެ ކަމެއް ކުރުމުގައިވެސް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަންމަތީ ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤް، އަޅުގަނޑުމެން އެންމެންނަށް އެކަލާނގެ މިންވަރުކުރައްވާށިއެވެ. އާމީން.