بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم ގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ހުޅުމާލޭ ހޮސްޕިޓަލްގެ ސީ.އީ.އޯ. މާރިޔާ ސަޢީދު، އެޗް.ޑީ.ސީ.ގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު ޢާޠިފް، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑޮކްޓަރ ޝާހު މާހިރު، ކުންފުނިތަކުގެ އިސްވެރިން، އަދި މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑުވެސް ދަންނަވާލާނީ، މިއަދު މި ފެށުނު ޚިދުމަތާއެކު، ހުޅުމާލޭގެ ފޭސް 2 ގެ، ޚާއްޞަކޮށް ހިޔާ ސަރަޙައްދުގެ، ހިޔާ މި ފުލެޓުތަކުގައި ދިރިއުޅުއްވާ ފަރާތްތަކަށް ޞިއްޙީ ޚިދުމަތްތައް ކައިރިން ހޯދުމަށްޓަކައި، ލިބިގަތުމަށްޓަކައި، ކޮންމެވެސް މިންވަރެއްގެ ލުއި ފަސޭހަތަކެއް ލިބިގެންދާނެއޭ.

އެނގިވަޑައިގަންނަވާނެ، މުޅި ރާއްޖޭގައި ޞިއްޙީ ޚިދުމަތް ފުޅާކުރުމަކީ، ޚާއްޞަކޮށް މި ޚިދުމަތް ރަށްރަށުގައި، އަތޮޅުތަކުގައި ގާތުން ފުޅާކުރުމަކީ އެއީ، މި ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާގެ އެންމެބޮޑު، ދިވެހި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު. އަޅުގަނޑު ގަބޫލުކުރަނީ، މިއަދު މި ފެށުނު މި ޚިދުމަތުގެ ސަބަބުން، ވަރަށްބޮޑު ފަސޭހަތަކެއް ވެގެންދާނެ ކަމަށް. އެނގިވަޑައިގަންނަވާނެ، ބޮޑެތި ހޮސްޕިޓަލްތަކަށް، ކޮންމެފަހަރަކު ދާން މިޖެހެނީކީ، ކޮންމެހެން ސްޕެޝަލިސްޓަކަށް ދެއްކުމުގެ ބޭނުމުގައެއް ނޫން. ވަރަށް ގިނަ ޢަދަދެއްގެ ބޭފުޅުންނަށް ޖެނެރަލް ޑޮކްޓަރެއްގެ ޚިދުމަތްވެސް ބޭނުންވާތީ މި ދެވެނީ.

މިދިޔަ ހަފްތާއަށް ބަލާއިރުވެސް، ގާތްގަނޑަކަށް އާދެ، ހަތަރުސަތޭކަވަރަކަށް ކޮންސަލްޓޭޝަން ހެދިގެން ދިޔައިރު، އޭގެ ތެރެއިން ހަތަރު ފަސްވަރަކަށް ކޮންސަލްޓޭޝަނަކީ ރިފަރ ކުރަންޖެހުނު ކޮންސަލްޓޭޝަންތައް. މާނައަކީ، ހަތަރުސަތޭކަ ބޭފުޅުންގެ ތެރެއިން، ފަސްވަރަކަށް ބޭފުޅުން މި ފޮނުވަންޖެހުނީ އައި.ޖީ.އެމް.އެޗް.، ނޫނީ ހުޅުމާލެ ހޮސްޕިޓަލަށް ޑޮކްޓަރުންނަށް ދައްކަން. މިއިން އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ، ގިނަ ބޭފުޅުން މި ބޭނުންވަނީ ޖެނެރަލް ޕްރެކްޓިސްކަން. އާދެ، މި ޚިދުމަތް ލިބެން. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރަނީ، މީގެ ސަބަބުން މި ދެންނެވި ގޮތަށް ވަރަށްބޮޑު ލުއިފަސޭހަ ކަމެއް ލިބިގެންދާނެ ކަމަށް.

ހަމައެއާއެކު، އިތުރު ޚިދުމަތްތަކެއް އެބަހުރި. ކުޑަކުދިންގެ ވެކްސިނޭޝަނާއި، ހެދިބޮޑުވުމުގައި ހުންނަ މައްސަލަތައް ދެނެގަތުމާއި، އަދި އެކިއެކި ޕްރޮސީޖަރތަކާއި، މިކަންކަމާ ގުޅޭ ވަރަށްގިނަ ޚިދުމަތްތައް ލިބިގެންދާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވިސްނުމަކީ، ރައްޔިތުންނަށް ފަސޭހަކޮށްދިނުން.

އެނގިވަޑައިގަންނަވާނެ، މި ސަރަޙައްދަށް އެއްފަހަރާ ވަރަށްގިނަ ބަޔަކު ވަޒަންވެރިވާން މިޖެހުނީ މި 16 ޓަވަރަށް. އެހެންނަމަވެސް، އިތުރަށް ބޭނުންވާ ވަސީލަތްތައް އެންމެ އެދެވޭ ގޮތަކަށް، އޭރު ޤާއިމްކުރެވިފައެއް ނެތް. މި ކުރެވޭ މަސައްކަތުން އިރާދަކުރެއްވިއްޔާ، އެ ފަސޭހަތައް އަޅުގަނޑުމެންނަށް ހޯދިގެންދާނެ.

ޞިއްޙީ ޚިދުމަތްތައްވެސް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، ޚާއްޞަކޮށް މި ސަރަޙައްދުގައި ދިރިއުޅުއްވާ ފަރާތްތަކަށް، ނިމުމަކާ ގާތަކަށްވެސް ނާދެއޭ. އަޅުގަނޑުމެން މިހާރުން މިހާރަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރިއަށް ގެންދާނަން. އަދި ދުރު މުސްތަޤްބަލަށް ކަންތައްތައް ރޭވިގެން، އެކަންތައްވެސް ހަމަ މިހާރުވެސް ކުރިއަށްދާނެ.

އާދެ، އަޅުގަނޑު ކުރީގައި މި ދެންނެވި، ފަސޭހަކުރުމުގެ ތެރޭގައި އިތުރު ކަންތައްތަކެއް އެބަހުރި. ދެންމެ މެނޭޖިންގ ޑައިރެކްޓަރ ޢާޠިފްވެސް ފާހަގަކުރެއްވި، މި ސަރަޙައްދުގައި ދިރިއުޅުއްވާ ފަރާތްތަކަށް ފަސޭހަކުރުމަށްޓަކައި، ހިތްފަސޭހަ މާޙައުލެއް ޤާއިމްކުރުމަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި. ވަރަށް ގިނަ ޢަދަދަކަށް ކުޑަކުދިން އެބަތިބި. ޢުމުރުން ދުވަސްވީ ބޭފުޅުން އެބަ ތިއްބެވި. އެ ހުރިހާ ޢުމުރުފުރައަށް އެ ގުޅޭގޮތަށް ބޭނުންވާ ކަންތައްތައް، އެއީ ޕާކްތަކަށް ވީނަމަވެސް، އަދި މުނިފޫހިފިލުވުމުގެ އެނޫން ކަންތައްތަކަށްވިޔަސް، ހިތްހަމަޖެހިލައިގެން، ބޭރުގައި މަޑުކޮށްލައިގެން ތިބުމުގެ އިންތިޒާމުތަކަށްވިޔަސް، ވަރަށްގިނަ ކަންތައްތައް މިހާރުވެސް ބާރަށް ކުރިއަށް އެބަދޭ. އަދި އެނޫންވެސް ވަރަށް ގިނަ ކަންތައްތައް އެބަހުރި. ޚާއްޞަކޮށް، މި ސަރަޙައްދުގައި ދިރިއުޅުއްވާ ފަރާތްތަކަށް، އެ ފަރާތްތަކާ ގުޅޭ މަސައްކަތްތައް ކުރުމަށްޓަކައި، މި ސަރަޙައްދުގައި އުޅުއްވާ އެންމެހައި ފަރާތްތަކާވެސް ގުޅިގެން، ވާހަކަ ދެކެވިގެން، ކަންތައްތައް ފަސޭހަކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރާނީ. އަޅުގަނޑު ހަމަ މި ސަރަޙައްދުގެ ހުރިހާ ބޭފުޅުންނަށް ފުރިހަމަ ޔަޤީންކަން ދޭން ބޭނުންވަނީ، ރައީސުލްޖުމްހޫރިއްޔާގެ މި ސިޔާސަތާއެކު، ތިޔަބޭފުޅުންނަށްޓަކައި ކުރަންޖެހޭ އެއްވެސް ކަމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދޫކޮށްލާފައެއް ނުދާނަމޭ.

އެނގިވަޑައިގަންނަވާނެ، ޞިއްޙީ ސިޔާސަތު މިއީ، އަޅުގަނޑު ކުރީގައިވެސް ދެންނެވިގޮތަށް، މުޅި ރާއްޖެއަށް ފުޅާކުރުމުން އޭގެ ނަތީޖާ އެބަ ފެނޭ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މިއަދު އެންމެ އިސްކަމެއް މި ދެއްވަނީ، ގާތުން އެ ޚިދުމަތްތައް ފޯރުކޮށްދެއްވުމަށްޓަކައި. މުޅި ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ބަލައިލި ނަމަވެސް، ވަރަށް ގިނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ކުރެވިއްޖެ.

އަޅުގަނޑު ތަފްޞީލު ނުދެންނެވި ނަމަވެސް، ހަމައެކަނި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބަލައިލި ނަމަވެސް، ތަރައްޤީގެ، އިތުރު އެތައް ކަންތައްތަކެއް ކުރެވިއްޖެ. އިއްޔެ ނޫން އިހަށް ދުވަހު އެދިޔައީ، އޯ.ޕީ.ޑީ.ގެ މުޅިން އާ ވިންގެއް ހުޅުވިގެން. 24 ކޮންސަލްޓޭޝަން ރޫމް ހިމެނޭގޮތަށް، ވަރަށް ރަނގަޅު ޚިދުމަތްތަކަކާއެކު، ފެށިގެން އެދިޔައީ. ތަފާތަކީ ވޭތުވެދިޔަ ދުވަސްތަކުގައި، ގާތްގަނޑަކަށް 4000 އެމް.އާރު.އައި.، 3000 އަށްވުރެ ގިނަ ސީ.ޑީ. ސްކޭން ހެދިގެން ދިޔައީ. މި 7000 މީހުންނަކީ، ކުރީގައި ނަމަ، މާލެ އަންނަން ޖެހޭނެ މީހުން. އެ ތަކުލީފް ނުޖެހޭގޮތަށް ވަގުތުންވަގުތަށް ފަރުވާ ލިބޭގޮތަށް ހަމަޖެއްސުން. މިއީ އަޅުގަނޑު މި ދަންނަވާ ވާހަކައަކީ.

އައްޑޫ އީކްއެޓޯރިއަލް ހޮސްޕިޓަލަށް ބަލައިލިނަމަވެސް، ކެތުލެބްގެ މަސައްކަތް ކުރިއަށް އެބަދޭ. ހުޅުމީދޫގައި މިދިޔަ މަހު، ވަރަށް ގިނަ ޚިދުމަތްތައް ޤާއިމުކުރެވިއްޖެ. ހަމައެއާއެކު، އުނގޫފާރު ހޮސްޕިޓަލާއި، ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ލ.ގަމު ރީޖަނަލް ހޮސްޕިޓަލާއި، އަދި އިތުރު އެތައް އަތޮޅު ހޮސްޕިޓަލްތަކެއްގެ މަސައްކަތްތައް ކުރިއަށް އެބަދޭ. 23 އަށްވުރެ ގިނަ ހެލްތު ސެންޓަރުގެ އެކްސްޓެންޝަން މަސައްކަތްކޮށް ނިމިއްޖެ. މިހާރުވެސް އެތައް މަސައްކަތްތަކެއް ކުރިއަށް އެބަދޭ. ޞިއްޙީ ޚިދުމަތް ފުޅާކުރުމަށްޓަކައި، ޚިދުމަތް ދިނުމަށްޓަކައި، ޑޮކްޓަރުންނާއި ނަރުހުން އިތުރުކުރުމަށްޓަކައި ބަޖެޓުގައި ހިމެނިއްޖެ. އަޅުގަނޑު ދަންނަވަން މިއުޅެނީ، 2018 ގައި ރައީސުލްޖުމްހޫރިއްޔާ މި ސަރުކާރާ ޙަވާލުވެވަޑައިގެން ދުވަހުން ފެށިގެން، ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކަށް ބޭނުންވާ ކަންތައްތައް ވަރަށް ގާތުން، ބެލިގެން، އެކަންތައްތައް ކުރެވެމުން އެބަދެއޭ.

އަޅުގަނޑު މިއަދުވެސް ޔަޤީންކަން ދޭން ބޭނުންވަނީ، މިފަދަ ރައީސެއްގެ ފަހަތްޕުޅުގައި އަޅުގަނޑުމެންނަށް ކުރެވޭނެ ކަންތައްތައް އަދި މާގިނައޭ. އެ ކަންތައްތައް އަޅުގަނޑުމެން ހުއްޓާނުލައި އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަމޭ. އެއީ ތިޔަބޭފުޅުންނަށް ހިތްހަމަޖެހުން ހޯދައިދިނުމަށްޓަކައި، އަޅުގަނޑު މިއަދު ހަމަ މި ވާހަކަވެސް ދަންނަވާލަން ބޭނުންވޭ. އެޗް.ޑީ.ސީ.ގެ މެނޭޖިންގ ޑައިރެކްޓަރވެސް އެބަ ހުންނެވި. ދިވެހި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެއްގެ ގޮތުގައި ޚާއްޞަކޮށް މި ސަރަޙައްދުގައި، މާލޭ ސަރަޙައްދުގައި ދިރިއުޅުއްވާ ފަރާތްތަކަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް މި ކޯވިޑުގެ ކުރިންނާއި، އަދި ކޯވިޑުގެ ފަހުން، ވަރަށް ބޮޑަށް މި ފެނިގެން ދިޔައީ، މެންޓަލް ހެލްތުގެ ކަންތައް އަޅުގަނޑުމެން އެބަޖެހޭ ހިތްހަމަޖެހިގެންވެސް ތިބެން. ލިބޭ ވަގުތު އާއިލާއާ އެކީ، ހެޔޮގޮތުގައި، އުފާވެރިކަމާއެކު ހޭދަކުރުމަކީވެސް އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެއް. އަޅުގަނޑުމެންނަކަށް ނެތް މިއިން އެއްވެސް ކަމެއް އަންޑަރ އެސްޓިމޭޓް ކުރެވޭކަށް. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ލައިފް ސްޓައިލް، އަޅުގަނޑުމެން ކައިބޮއިއުޅޭގޮތުގެ ވައްޓަފާޅި، އަޅުގަނޑުމެން ހެލިފެލިވެ އުޅުން، މިއިން ކޮންމެ ކަމަކީ، ދުޅަހެޔޮ ޞިއްޙަތެއްގައި އަޅުގަނޑުމެން ތިބުމަށްޓަކައި، ވަރަށްބޮޑަށް ކޮންޓްރިބިއުޓް ކުރާ ކަންތައްތައް. މިގޮތުން ހަމަ ޢާއިލާއާއެކީ، ލިބޭ ހުސްވަގުތު ހެޔޮގޮތުގައި ހޭދަކުރުމަކީވެސް މީހާއަށް މެންޓަލީވެސް އަދި ހުރިހާ ގޮތަކުން އޭގެ ފައިދާތަކެއް ހުރި ކަމެއް.

އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، އަޅުގަނޑުމެންނަށް މާލެ ކައިރިން ގެއްލިގެން ދިޔައީ ކުޑަ ބަނޑޮސް. ދެން ފޭދޫފިނޮޅު. އިރާދަކުރެއްވިއްޔާ، މާގިނަ ދުވަސްތަކެއް ނުވެ، މާލޭ ސަރަޙައްދުގައި ދިރިއުޅުއްވާ ފަރާތްތަކަށް، ޢާއިލާއާއެކު ވަގުތު ހޭދަކޮށްލުމަށްޓަކައި އޭގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ކުޑަ ބަނޑޮހެއްގެ ގޮތުގައި އެއަށްވުރެ މާ ރަނގަޅު، އެއަށްވުރެ ބޮޑުކޮށް، ޒަމާނީ ޚިދުމަތްތަކާއެކު، ގާތްގަނޑަކަށް ދަންނަވާ ކަމަށްވަންޏާ ތްރީ ސްޓަރ ރިޒޯޓެއްގައިވެސް ލިބެން ހުންނަ ޚިދުމަތްތަކާއެކީ، ތަރައްޤީކޮށް ޕިކްނިކް އައިލެންޑެއް ހުޅުވުން. އެތަން މިހާރުވަނީ ނިމިފައި. ޢާޠިފް ކޮން ދުވަހަކުންތޯ ހުޅުވުން އޮތީ؟ 10 ފެބުރުވަރީއަށް މިހާރު މިއޮތީ ޓާގެޓް ކުރެވިފައި. ގާތްގަނޑަކަށް 600،500 އެއްހާ މީހުންނަށް، ދަރިންނާއެކީ، މަންމަ، ބައްޕަ، މާމަ، ކާފައާއެކީ ހިތްފަސޭހަ ވަގުތުތަކެއް ހޭދަކޮށްލެވޭގޮތަށް މިހާރު ސަރުކާރު ކުންފުނިތައް ގުޅިގެން މިވަނީ މި މަސައްކަތް ނިމިފައި. އެއީ، ރައީސުލްޖުމްހޫރިއްޔާގެ މި ވަޢުދު ފުއްދުމަށްޓަކައި އެ ފަސޭހަކަން، ހިތްފަސޭކަން ހޯދައިދިނުމަށްޓަކައި. އަޅުގަނޑު ހަމަ ހިތަށްއެރީ، މިއަދު މި ވާހަކަ ދަންނަވާލުމަކީ ވަރަށް ރަނގަޅު ކަމަކަށްވާނެއޭ.

އާދެ، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، އަޅުގަނޑުމެންނަށް މި ކުރެވުނު މަސައްކަތްތަކުގައި މިކަމުގެ ޚިދުމަތް ފެށްޓުމާ ހަމައަށް މިއަދު އައިއިރު، ސަރުކާރުގެ ޚާއްޞަކޮށް ވަރަށްގިނަ ކުންފުނިތަކުގެ އެހީތެރިކަން، އެއްބާރުލުން މިކަމަށް ލިބިގެން ހިނގައްޖެ. މިނިސްޓްރީ އޮފް ޕްލޭނިންގ، މިނިސްޓްރީ އޮފް ހެލްތު، ވަކިން ޚާއްޞަކޮށް، އަޅުގަނޑު ހަމަ ފާހަގަކުރަން ބޭނުންވޭ، ހުޅުމާލޭ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މުޅި ޓީމް، މެނޭޖިންގ ޑައިރެކްޓަރ މިކަމަށް ދެއްވި ސަމާލުކަން. އަދި ހަމައެއާއެކު، ސްޓެލްކޯގެ ފަރާތުން، އަޅުގަނޑުމެންނަށް ވަރަށްބޮޑު އެހީތެރިކަމެއް މިކަމުގައި ލިބިގެންދިޔަ. އެސް.ޓީ.އޯ.ގެ ފަރާތުން މިކަމުގައި ވަރަށްބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ. ޓެކްނިކަލް އެސިސްޓެންސް އަޅުގަނޑުމެންގެ ޞިއްޙީ މާހިރުންގެ ފަރާތުން ލިބިގެންދިޔަ. އަޅުގަނޑު ޚާއްޞަކޮށް ފާހަގަކުރަން، މިނިސްޓަރ ޢަލީ ޝިޔާމް، މިކަމުގައި ވަރަށްގިނަ ވަގުތުތަކެއް ހޭދަކުރައްވައި، މި މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި، މިއަދު މިގޮތަށް ފެށްޓުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް ކުރެއްވި. ހަމައެއާއެކު، އަޅުގަނޑު ފާހަގަކުރަން ބޭނުންވޭ، ހުޅުމާލޭ ހޮސްޕިޓަލްގެ ސީ.އީ.އޯ. މާރިޔާ ސަޢީދު، އަދި މުޅި ޓީމްއެކީ ކުރެއްވި މަސައްކަތް.

އަޅުގަނޑުމެންނަށް ކޮންމެ ކަމެއްވެސް މި ކުރެވެނީ އެކުގައި ކުރެވޭ މަސައްކަތަކުން. އަޅުގަނޑުމެންނަށް ބޭނުންވަނީ ޞުލްޙަވެރިކަން. އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކަށް ގެއްލުމެއް، އަނިޔާއެއް ލިބިއްޖެ ކަމަށްވަންޏާ، އެއީ އެންމެންނަށް ލިބޭ ގެއްލުމެއް. އެހެންވީމާ، އަޅުގަނޑުމެން މިއުޅޭ އުޅުމުގައި، އަޅުގަނޑުމެންގެ ހިތްހަމަނުޖެހޭ ކަންތައްތަކުގެ އަޑުއެހޭގޮތަށް، މިއަދު މުޅި ސަރުކާރު ބައްޓަންވެފައި އޮތީ. ކޮންމެ ކަމަކަށް އަޅައިލެވޭގޮތަށް. އެޑްރެސް ކުރެވޭގޮތަށް މިއޮތީ. އެހެންވީމާ، އަޅުގަނޑުމެން ކޮންމެ ކަމެއް ކުރުމުގައިވެސް، އަނެކާއަށް ގެއްލުމެއް ނުލިބޭނެގޮތަކަށް އުޅުން އެއީ އަޅުގަނޑުމެން އަބަދުވެސް ވިސްނަންޖެހޭނެ ކަމެއް. އެކީ ކުރާ މަސައްކަތަކުން ނޫންގޮތަކަށް އަޅުގަނޑުމެންނަކަށް ކާމިޔާބެއް ނެތް. އެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ މިއަދުވެސް އެ ކުރައްވަނީ. މުޅި ޤައުމު ގުޅިގެން، މުޅި ރައްޔިތުން ގުޅިގެން، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ހާސިލުކުރުން އޮތީ.

އަޅުގަނޑު ޔަޤީން ކުރަނީ، އަޅުގަނޑުމެންނަށް މިގޮތަށް މަސައްކަތް ކުރެވޭ ކަމަށްވަންޏާ، މާބޮޑަށްވެސް އަޅުގަނޑުމެންގެ ކަންތައްތައް ދާނީ ކުރިއަރައިގެންކަން. ތަހުޒީބު ބަޔަކަށް އަޅުގަނޑުމެން ވެގެންދާނީ. އަޅުގަނޑުމެންގެ ވަށައިގެންވާ މާޙައުލަށް ރައްކާތެރިކަމާއި، އަޅުގަނޑުމެންގެ ދިރިއުޅޭ ތަނުގެ ރައްކާތެރިކަން ދެވޭފަދަ ބަޔަކަށް އަޅުގަނޑުމެން ވެގެންދާނީ. މިކަހަލަ ވިސްނުންތެރި ބަޔަކަށް. ނާތަހުޒީބީ އެއްވެސް ކަމެއް ނުކުރާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ވެގެންދާނީ.

އަޅުގަނޑު މި ދެންނެވިގޮތަށް އަބަދުވެސް ސާފުތާހިރުކަމާއި، ހަށިހެޔޮ، ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުމަށްޓަކައި، ގަދައަޅައި އަޅުގަނޑުމެން މަސައްކަތް ކުރަންވާނެ.

އާދެ، އަދިވެސް އެއްފަހަރު، މިހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްލަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ހެޔޮ ގޮތްތައް އަބަދުވެސް މިންވަރު ކުރައްވައި، ހެޔޮ ގޮތްތަކަށް އުޅުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން. ދިވެހި ރައްޔިތުންނަށް، މުޅި ދިވެހި ޤައުމަށް ބާއްޖަވެރި، އުފާވެރި، ދުވަސްތަކެއް މިންވަރުކުރައްވާށި.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.