بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްހާބުން ޝާމިލުކުރަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ރާއްޖޭގެ ވެރިކަމުގެ މަސްއޫލިއްޔަތާ މިއަދު ޙަވާލުވެވެނީ ތަޞައްވުރެއް އޮވެ، ވަޢުދުވެ، ވީވަޢުދު ފުއްދުމުގެ މައްޗަށް. އެންމެ ބޭނުންޖެހިފައިވާ ކަންކަމަށް، އެންމެ ބޮޑު އިސްކަން ސަރުކާރުން ދީގެން. ޤައުމުގެ ހަމަޖެހުމާއި، ޢާންމު މަޞްލަޙަތާއި އަމާންކަން ގެއްލިފައިވާނަމަ، އެންމެ ފުރަތަމަ ސަރުކާރުން އިޢާދަކުރަންޖެހޭނީ އެކަންކަން. އެކަން ކުރެވޭނީ، އަޑުއެހުމާއި، މަޝްވަރާއާއި، ދޫދިނުމާއި އަދި ހިފަހައްޓަންޖެހޭ އިންތަކާއި މިންތަކުގައި ސަރުކާރު ސާބިތުވެ ދެމިއޮވެގެން. ފާއިތުވި ހަތަރު އަހަރަކީ، އޭގެ ކުރިން ހިނގާދިޔަ އަހަރުތަކަށްވުރެ، މި ދެންނެވި ގޮތުން ރާއްޖެއަށް ހަމަޖެހުން ގެނުވި ހަތަރު އަހަރު. އަދި ކުރިއަށް އޮތް ތަނުގައިވެސް އެންމެ ބޮޑު އިސްކަމެއް އަޅުގަނޑު ދޭނީ އެކަމަށް.

ދޭދޭ ކޮންމެ ދެ މީހަކާއި، ދެ ގެޔާއި، ދެ އަވަށާއި، ދެ ރަށާއި އަދި ދެ އަތޮޅުވިޔަސް، ފަރަގު ހުރޭ. އަމުދުން ސިޔާސީ ޕާޓީތަކުގައި އެކަން ބޮޑު. އެހެންނަމަވެސް، ސަރުކާރަށް ހައްތާވެސް ތިބޭނީ ހަމަހަމަ ދިވެހިރައްޔިތުން. އަދާކުރަންޖެހޭ ޙައްޤުތަކާއި، އުފުލަންޖެހޭ މަސްއޫލިއްޔަތާއި، ދޭންޖެހޭ ޚިދުމަތުގައި، ކޮންމެ ރައްޔިތަކީވެސް ސަރުކާރުގެ ކުރިމަތީގައި ޤަދަރުވެރި ދިވެހިރައްޔިތެއް.

ހުރިހާ ތަފާތެއްގެ މަތީގައި، އެކަތިގަނޑެއްގެ ގޮތުގައި، ޤާއިމްވެ އޮންނަ މާ މުޤައްދަސް އެހެން އެއްޗެއް އެބަވޭ. އެއީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމިއްޔަތާއި، އަދި މި ޤައުމު. ދިވެހިދިދަ ދޭ ހިޔަލުގައި ނެތް ތަފާތެއް ސަރުކާރަކަށް ނުގެންގުޅެވޭނެ. ތަފާތުކުރުން ދޫކޮށްލުމުން، ކުރިން ނެތް އެތައް ހަމަޖެހުމަކާއި، ކިތަންމެ މަޞްލަޙަތެއް އިޢާދަކުރެވި، ހިފެހެއްޓި، ދެމެހެއްޓިއްޖެ. ރައްޔިތުންގެ ފަރާތުން އުފެދި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދެމިތިބެގެން ސަރުކާރު ކުރިއަށްދާކަން، ރައްޔިތުންގެ ހިތްތަކަށް ވަންނަން ފަށައިފި.

ޝައްކެއްނެތް. ދުނިޔެއާއި އާޚިރަތުގެ ކާމިޔާބާއި ފަލާޙް އޮތީ މާތްވެގެންވާ އިސްލާމްދީނުގައި. އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއާއި، ރިވެތި އަޚްލާޤާ ނުލައި، ފުރިހަމަ ދިވެހި ޖީލެއް ބިނައެއްނުކުރެވޭނެ. މިގޮތުން، މިދިޔަ އަހަރު، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު. ޙައްދަކީ ކޮންމެ ކޮޅަކަށްވެސް ފަހަނައެޅޭ އެއްޗެއް. ދީނުގެ ނަމުގައި އަދި ދީނާ ދެކޮޅަށް ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު. ކުރިއަށް އޮތް ތަނުގައިވެސް މި މަސައްކަތް ކުރިއަށް ގެންދާނަން.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ރާއްޖެއަށް ގެންނަން ވަޢުދުވީ ބޮޑު ބަދަލެއް. އެއީ، ވަކި ތަރުތީބަކުން ގެނެވި، އިންތިޒާމް ކޮށްގެން ނޫނީ ޒަމާންތަކަށް ދެމިނޯންނާނެ ފަދަ ބަދަލެއް. އެ ބަދަލުގެ ފަހަތުގައި ވަނީ، ރައްޔިތުންގެ އުފާފާގަތި ދިރިއުޅުމާއި ބާއްޖަވެރިކަން. ތަނަވަސްކަމާއި ފުދުންތެރިކަމާއި ތިޔާގިކަން. އެކަމަށްޓަކައި ސަރުކާރުން ހިންގާ ސިޔާސަތުތަކުގައި ތަފާތެއް އޮވެގެން ނުވާނެ. އަމާޒެއް އޮންނަންވާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ޤައުމު އާރާސްތު ވާނީ ޒުވާނުން ބިނާވެގެން. އެކަމަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރާ ޚާއްޞަ މަސައްކަތްތަކެއް އެބަހުރި. ތަޢުލީމީ ނިޒާމް މުޅި ރާއްޖޭގައި އެއްހަމަކުރުމަށްޓަކައި ފުރަތަމަ ބޭނުންވީ އެކަމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރަން. ހެނދުނު ހެނދުނާ އިނގިލިކުރީލައިގެން ގެންގޮސް، ދަރިފުޅު މަދަރުސާގެ ދޮރުން ވައްދަނީ ބޭނުމަކު. ކްލާސްރޫމް ނެތިގެން، ފުރާޅު ހިޔާނުވެގެން، އަތްވާއި ވާރޭގައި ގަހެއްގެ ދަށުގައި ހުންނަ ގޮނޑިއެއްގައި އެ ކުއްޖާ ބައިންދާކަށް ނޫން. ސްކޫލްތަކުގައި ކިޔަވަން ތިބި ދަރިވަރުންގެ އަދަދާއި، ލިބެންހުރި ވަސީލަތްތަކާ ދިމާނުވުމުން ކުރިމަތިވާ ދަތިތައް، އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރުވެސް އޮތް.

މިހާތަނަށް ސްކޫލްތަކުގައި ކިޔަވައިދިނުމަށް އޮތް ތަކުލީފު ކުޑަކޮށް، ޖާގައާއި ވަސީލަތްތައް އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1,578 ކްލާސްރޫމާއި، 85 މަލްޓި-ޕަރޕަސް ހޯލް ދަނީ ނިމެމުން. މީގެ އިތުރަށް، ތަޢުލީމީ ދާއިރާއާ ގުޅޭ އިތުރު 509 ޢުމްރާނީ މަޝްރޫޢު އެދަނީ ހިނގަމުން، ނިމެމުން.

ފެންވަރު ރަނގަޅު ތަޢުލީމީ ނިޒާމެއްގެ ބިންގަލަކީ، ފެންވަރު ރަނގަޅު މުދައްރިސުން. އެ މުދައްރިސުންނަށް ބޭނުންވެ މިހާތަނަށް ނުވެހުރި ވަރަށް ގިނަ ބޭނުންތައް މިހާތަނަށް ފުރިހަމަކޮށްދެވިއްޖެ. އަދިވެސް ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދަންޖެހޭ ތަޢުލީމީ ދާއިރާގެ މިފަދަ މަޝްރޫޢުތައް އެބަހުރި.

އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި، މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުޞަތެއް ނެތް. އެހެންނަމަވެސް، މިއަދުގެ އުފަލަކީ، މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މިހާރު މަތީ ސާނަވީއަށް ކިޔެވޭނެ ފުރުޞަތު ފަހިކޮށްދެވިފައި އޮތްކަން.

ޢިއްޒަތްތެރި މެންބަރުން؛

ރަނގަޅު ހެދިހުރި ޒުވާނަކަށް ބޭނުންވާ ތަޢުލީމާއި ތަރުބިއްޔަތު ދިނުމަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ޤައުމަކުން ނުކުރާނެ. ބިނާކުރަނިވި އާ ޖީލެއް އުފެއްދުމަށްޓަކައި އެޅުނު އެންމެ މުހިންމު ބިންގަލަކީ، ހިލޭ ޑިގްރީ ޕްރޮގްރާމް. މި ޕްރޮގްރާމަކީ ކޮންމެ މަޔަކާއި ބަފައެއްގެ އަދި ބެލެނިވެރިއެއްގެ ރޭ ނިދި ގެއްލިދިޔުމަށް މި ސަރުކާރުން ދިން ތަސައްލީ. އެ ކަންބޮޑުވުން މުޅި ރާއްޖެއިން ނައްތައިލެވިއްޖެ. ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ހަމަ ކޮންމެ ދިވެހި ޒުވާނަކަށް މިއަދު އެބައޮތް. މިއަދާ ހަމައަށް 16,315 ދަރިވަރުން، ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވެއްޖެ. 6,500 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ.

ފަންނާއި ހުނަރާއި ތަޢުލީމުގައި ދިވެހި ޒުވާނުންނަކީ، ހަމައެކަނި ރާއްޖޭގެ އަސްދަނޑީގެ އެތެރެއިން ނިންމާލަން އެދި ތިބި ބައެއް ނޫން. މިކަން ހާމަވަނީ ރާއްޖެއިން ބޭރުން މަތީ ތަޢުލީމުގެ ލޯނު ފުރުޞަތަށް އެދޭ ދަރިވަރުންގެ އަދަދު ގިނަކަމުން. އެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ދޭ ލޯނުގެ އަދަދު، އެތައް ގުނައެއް އަޅުގަނޑުމެން އިތުރުކޮށްފިން.

މިހާތަނަށް 1,986 ދަރިވަރަކަށް، ސްޓޫޑަންޓް ލޯނުގެ ފުރުޞަތު ދީފިން. އަދި މި ލޯނުތަކުގެ ތަކުލީފު ކުޑަކުރުމަށްޓަކައި ސްޓޫޑަންޓް ލޯނު، ސަރުކާރުން ރީ-ސްޓަރަކްޗަރ ކޮށްފިން. ކުރިން ފަސް ޕަސެންޓުގައި ހުރި އިދާރީ ފީ، އެއް ޕަސެންޓަށް ކުޑަކޮށްފިން. ލޯނު އަނބުރާ ދެއްކުން 20 އަހަރަށް އިތުރުކޮށްފިން. މި ގެނެވުނު ބަދަލާއެކު، ކުރީގެ ބޮޑު ރޭޓްގައި ދެއްކި ފައިސާ ވާނީ ޖުމުލަ ލޯނު އަދަދުން އުނިކުރެވިފައި. އަދި ކޮންމެ މަހަކު، ދަރިވަރުން އަނބުރާ ދައްކާ ފައިސާ މިހާރު ކުޑަވާނެ.

މީގެކުރިން ސްޓޫޑަންޓް ލޯނު ނަގައިގެން ކިޔެވި ކުދިންގެ ކަންބޮޑުވުންތަކެއް އަދިވެސް އެބަހުރި. ކުރިއަށް އޮތް ތަނުގައި އަޅުގަނޑު މަސައްކަތް ކުރާނީ އުފެއްދުންތެރި، ހަރުދަނާ، ޒިންމާދާރު ދިވެހި ޒުވާނުންގެ ހުރި މިފަދަ ހުރިހާ ބުރައެއް ލުއިކޮށްދިނުމަށް.

6,000 އަށްވުރެ ގިނަ ހުނަރުވެރިން ވަޒީފާގެ ބާޒާރާއި މަސައްކަތު މާޙައުލަށް ފައްކާކުރުމުގެ މަޝްރޫޢު އެދަނީ ހިނގަމުން. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، ޖޫނިއަރ ކޮލެޖް، ޓިވެޓް ސެންޓަރު އަދި ޕޮލިޓެކްނިކް ސެންޓަރުތައް ޤާއިމްކުރުން ދަނީ ކުރިއަށް. ރ. އަލިފުށީގެ ޓިވެޓް ސެންޓަރާއި، ހއ. ދިއްދޫގެ ޖޫނިއަރ ކޮލެޖުގެ ޢަމަލީ މަސައްކަތް އެދަނީ ހިނގަމުން. ކ.ތުލުސްދޫ ޕޮލިޓެކްނިކް ސެންޓަރާއި، ނ. ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖް މިހާރުވަނީ ކޮންޓްރެކްޓަރާ ހަވާލުކުރެވިފައި. ދެން އޮތީ ކުޅުދުއްފުށްޓާއި، ފުވައްމުލަކު ޓިވެޓް ސެންޓަރާއި، ނ. ވެލިދޫ ޖޫނިއަރ ކޮލެޖުގެ މަސައްކަތް. އަޅުގަނޑު މިދިޔަ އަހަރުވެސް ދެންނެވި ފަދައިން، ޤައުމަށްޓަކައި ބިނާކުރެވޭ އެންމެ އުސް ބިނާއަކީ، ހެދިހުރި ދިވެހި އިންސާނާ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ރައްޔިތުންގެ އުފާފާގަތި ދިރިއުޅުން ކަށަވަރު ކުރެވޭނީ ސަރުކާރުން ތަންފީޛުކުރާ ސިޔާސަތުތަކަކުން. ހިންގޭ ހުރިހާ މަޝްރޫޢަކާއި، ނިންމޭ ކޮންމެ ނިންމުމެއްގެ އާޚިރު ލާބަ، ރައްޔިތުންނާ ހަމަޔަށް ވާސިލުވާންޖެހޭ.

1 ޖަނަވަރީ 2022 ގައި ތަންފީޛު ކުރަން ފެށި މިނިމަމް ވޭޖްގެ ބޮޑު ބަދަލަށް އަހަރެއް ވެއްޖެ. މިއީ، ދިވެހި އެތަކެއް މަސައްކަތްތެރިންނަށް ލިބުނު ބޮޑު ކުރިއެރުމެއް. ސީދާގޮތުގައި މި ދެންނެވި ހެޔޮ ބަދަލު އައީ 33,500 އަށްވުރެ ގިނަ މަސައްކަތްތެރިންނަށް. 22 ސެޕްޓެންބަރު 2022 ގައި ގެޒެޓް ކުރެވުނު ޤާނޫނީ އަނެއް ހެޔޮ ބަދަލަކީ، ފަތުރުވެރިކަމުގެ ޞިނާޢަތުގެ ސަރވިސް ޗާޖާ ގުޅޭ ބަދަލު. އެއީ، މަދުވެގެން 10 އިންސައްތައިގެ ސަރވިސް ޗާޖެއް ނަގައި، މުވައްޒަފުންގެ މެދުގައި ހަމަހަމައަށް ބެހުން ލާޒިމްކުރާ ޤާނޫނީ ބަދަލު. މުވައްޒަފުންގެ އާމްދަނީއަށް އައި ބަދަލުން އެ ޢާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެއްޖެ.

މިދިޔަ އަހަރު މި މަގާމުގައި ހުރެ އަޅުގަނޑު ދެންނެވި ގޮތަށް، ތަޢުލީމީ ދާއިރާގެ ޕޭ ހާމަނައިޒް ކުރިން. ދެންނެވި ތާރީޚުގައި، އެ މުވައްޒަފުންގެ މުސާރައަށް ބޮޑު ބަދަލެއް ގެނައިން. މި އަހަރު ކުރިއަށް އޮތީ ޞިއްޙީ ދާއިރާ. އިރާދަކުރެއްވިއްޔާ، އަންނަ މޭ މަހުގެ 1ން ފެށިގެން ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެ. އަދި ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި މިހާރު ތިއްބެވި ހުރިހާ މުވައްޒަފުންނަށް، 1 މޭ އިން ފެށިގެން މި އެލަވަންސް ލިބިގެންދާނެ. އަދި އަންނަ މާރިޗު މަހު ރާއްޖޭގެ ޔުނިވަރސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލު އަންނާނެ. ޕޭ ހާމަނައިޒް ކުރުން ނިމިގެންދާއިރު، ޝަރުޢީ ދާއިރާއާއި، އިމާމުންނާއި މުދިމުންނާއި އަދި ޖުމުލަކޮށް، ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ.

މަސައްކަތާއި ދިރިއުޅުމުގެ މާޙައުލުގައި ޤާނޫނުގެ ރައްކާތެރިކަމާއި ޙިމާޔަތް އޮންނަންޖެހޭނެ. އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ބިލް، މިހާރުވާނީ މި ޢިއްޒަތްތެރި މަޖިލީހަށް ހުށަހަޅާފައި. އަދި އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް، މަޖިލީހުގެ މި ދައުރަށް ސަރުކާރުން ފޮނުވާނެ. މި ފެށޭ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި، މި ބިލުގެ މަސައްކަތް، ތިޔަ ޢިއްޒަތްތެރި މެންބަރުން ކުރިއަށް ގެންގޮސް ނިންމަވައި ދެއްވުމަށް އަޅުގަނޑު އެދެން.

ސަރުކާރުން އަމާޒު ހިފާފައި މިވަނީ، ގުޅުންބޮޑު، ދިރުންހުރި، އެތެރޭގެ އިޤްތިޞާދެއް އުފެއްދުމަށް. އިޖުތިމާޢީ، އިޤްތިޞާދީ އަދި ޢުމްރާނީ ބޮޑު ބަދަލަކަށްޓަކައި އިހަށް ކުރަންޖެހޭ ކަންކަން މިދަނީ މި ދައުރުގެ ތެރޭގައި ހިންގައި ނިންމަމުން.

މި ދެންނެވި ބަދަލު ގެނައުމަށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ފުރިހަމަވާންޖެހޭ. މިދާގޮތަށް ގޮސް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ މުޅިން ނިމޭނެ. މިއާ އެކުއެކީ، ލަފާފުރުމުގެ ދަތިކަންވެސް މުޅި ރާއްޖެއިން ނައްތައިލުމުގެ ފުޅާ މަޝްރޫޢު އެދަނީ ހިނގަމުން. މަސައްކަތްތައް ނިމެމުން. ހުރިހާ ރަށެއްގެ ހުރިހާ އިންޖީނުގެ، އެ ރަށަކާ އެކަށޭނަ މިންވަރަށް އެދަނީ ތަރައްޤީ ކުރެވެމުން.

އެންމެ ބޭނުންޖެހިފައިވާ 76 ރަށެއްގެ އިންޖީނުގެ މުޅިން އަލަށް ޒަމާނީ ފެންވަރަށް އިމާރާތްކޮށް ފުރިހަމަކުރެވިއްޖެ. 144 ރަށެއްގެ އިންޖީނުގޭގައި 313 ޖެނެރޭޓަރ ސެޓް އަލަށް ބެހެއްޓިއްޖެ. މިއީ ކުރިއަށް އޮތް 50 އަހަރަށް އެކަށޭނަ ބޮޑު ބަދަލެއް.

ހަކަތައަށް ގެނެވޭ އެންމެބޮޑު ދާއިމީ ޙައްލަކީ އިޢާދަކުރުވަނިވި ހަކަތަ. އެކަމަށްޓަކައި ހިންގޭ މަޝްރޫޢުގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ރާއްޖޭގެ 39 ރަށެއްގެ އިންޖީނުގެ ދުވާލު ހަތަރުދަމު ނިއްވައިލެވޭނެ. މި ދެންނެވި މަޝްރޫޢު ފުރިހަމަވުމުން، މުޅި ރާއްޖެއިން ތެލަށް ކުރާ ޚަރަދު ކުޑަވެގެންދާނެ. ތެލުގެ ޚަރަދު ކުޑަވެއްޖެނަމަ ކަރަންޓުގެ އަގު ކުޑަވާނެ. ކަރަންޓުގެ އަގު ހެޔޮވެއްޖެނަމަ، އެ ފައިސާ ކޮންމެވެސް އެހެން ކަމަކަށް ރައްޔިތުންގެ ޖީބަށް އިތުރުކުރެވޭނެ.

ކަރަންޓާއި، ބަނދަރާއި، މަގާއި، ފެނާއި، ނަރުދަމާއާއި، އާރު.ޓީ.އެލް.އަކީ މުޅި ރާއްޖޭގެ އިޤްތިޞާދު އެތައް ގުނައަކުން ބިނާކުރެވޭ ބިންގާ. ބަނދަރާއި، ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ ކުރިން، ބ. ފުޅަދޫގައި 2,000 އަކަފޫޓުގެ ބިމެއްގެ ކުއްޔަކީ 7,000 ރުފިޔާ. ބަނދަރު ނިމި، ފެނާއި ނަރުދަމާގެ މަސައްކަތް ހިނގަން ފެށުމާއެކު، މިއަދު ހަމަ އެ ބިމުގެ އަގަކީ، 15,000 ރުފިޔާ. މިހާރު އެކި ރަށްރަށުގައި ކުރިއަށް މިގެންދާ ތަފާތު އެކި ތަރައްޤީގެ މަޝްރޫޢުތައް ނިމެމުންދިޔަވަރަކަށް، އެ ރަށްތަކުގެ ބިމުގެ އަގުއަރާ. އެ ރަށް ރަށުގައި އިޤްތިޞާދީ ހަރަކާތްތައް ހިނގަން ފަށައި، އޭގެ މަންފާ ރައްޔިތުންނަށް ކުރާނެ.

ދިވެހިރާއްޖޭގެ ރަށްތައް ތަރައްޤީވެ އިޤްތިޞާދީ ހަރަކާތްތަކަށް ފައްކާވަމުންދާއިރު، ވާންޖެހޭ ގޮތެއް އޮވޭ. އެއީ، އެ ރަށްތަކުގެ ގޮނޑުދޮށާ ހަމައިގައި ހުއްޓިފައި އޮންނަ އިޤްތިޞާދު މުޅި ރާއްޖެއަށް ފަތުރާލުން. އެކަން ކުރެވޭނީ އިތުބާރާއި ޔަޤީންކަން އޮތް ބަދަހި ދަތުރުފަތުރުގެ ނިޒާމަކުން. އެއް ރަށް އަނެއް ރަށާއި، އެއް އަތޮޅު އަނެއް އަތޮޅާ ގުޅި، މުޅި ރާއްޖޭގައި އެކީއެކަށް ހިނގާ އިޤްތިޞާދީ އިންޖީނަކީ، މި ދެންނެވި ދަތުރުފަތުރުގެ ނިޒާމް. އެއްގަމާއި، ކަނޑާއި، ވައިގެ މަގުން ރާއްޖެ ގަތާލެވޭ ގަތާލުން.

މިއަދު ބޮޑުތިލަދުންމަތީގެ އިތުރުން، ފާދިއްޕޮޅުގެ ހުރިހާ ރަށެއް ކޮންމެ ދުވަހަކު، އާދެ، ހަމަ ކޮންމެ ދުވަހަކު އެދަނީ އާރު.ޓީ.އެލް.ގެ ނިޒާމުން އަމުނާ، ގަތާ ބަދަހިވަމުން. އިރާދަކުރެއްވިއްޔާ، މި އަހަރު ނިމުމުގެ ކުރިން ހުވަދުއަތޮޅާއި، ފުވައްމުލަކު އަދި އައްޑޫ، އާރު.ޓީ.އެލް.ގެ މި ނިޒާމުން ގުޅައިލާނެ. މިގޮތަށް ކުރިއަށް ގޮސް، ރާއްޖޭގެ ހުރިހާ ރަށެއް، އާރު.ޓީ.އެލް. އިން ގުޅައިލާނަން. އާރު.ޓީ.އެލް.ގެ މިނީބަހުގެ ޚިދުމަތް، މާލެ ސަރަޙައްދާއި، ބޮޑެތި ރަށްތަކުގައި ފެށިއްޖެ.

ދިވެހިރާއްޖެއަށް ބޭނުންވާ ހުރިހާ ޑޮމެސްޓިކް އެއަރޕޯޓެއް ޤާއިމްކުރުމުގެ މަޝްރޫޢު އެދަނީ ކުރިއަށް. ހޯރަފުށީ އެއަރޕޯޓް ހުޅުވިއްޖެ. މި އަންނަ މަހު، ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވޭނެ. މާފަރު ބައިނަލްއަޤްވާމީ އެއަރޕޯޓުގެ އެކްސްޕޭންޝަން މަސައްކަތް ފެށިއްޖެ. ފ. މަގޫދޫ އަދި މ. މުލީ އެއަރޕޯޓް ލަސްވެގެން މި އަހަރުގެ ނިޔަލަށް އިރާދަކުރެއްވިއްޔާ ނިމޭނެ. އަލިފުށީ އެއަރޕޯޓަށް ބޭނުންވާ ބިން އިތުރުކުރުމުގެ މަސައްކަތް ފެށިއްޖެ. މަކުނުދޫ، ބިލެތްފަހި، ތުޅާދޫ އަދި ވިލުފުށީ އެއަރޕޯޓަށް ބޭނުންވާ ބިން އިތުރުކުރުމުގެ ޢަމަލީ މަސައްކަތް، މި އަހަރުގެ މެދުތެރޭ ފެށިގެންދާނެ. އަދި މީގެއިތުރަށް، ރ. އަތޮޅު ދެކުނު ބިތުގައި ތަރައްޤީ ކުރެވޭ އެއަރޕޯޓާއި، ދެންވެސް ކޮންމެހެން ބޭނުންތެރި ޑޮމެސްޓިކް އެއަރޕޯޓްތަކާއެކު މުޅި ރާއްޖެ، ވައިގެ މަގުން ގުޅާލައި ނިމޭނެ.

މާލެ ސަރަޙައްދުން ބޭރުގައި ހިންގޭ އެއަރޕޯޓް އެޅުމުގެ އެންމެ ބޮޑު ދެ މަޝްރޫޢު ދަނީ ކުރިއަށް. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ފެށިއްޖެ. އަމާޒަކީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ރަންވޭ، މި އަހަރުގެ ފަހު ކުއަރޓަރގައި ނިންމުން. އަދި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ފެށުމަށް އިރާދަކުރެއްވިއްޔާ، މި ފެބުރުވަރީ މަހު ހަވާލުކުރެވޭނެ. މިއީ ރާއްޖޭގެ އެންމެ އުތުރާއި، އެންމެ ދެކުނަށް އަހަރަކު ޖުމުލަ 2.8 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭގޮތަށް ތަރައްޤީ ކުރެވޭ ބައިނަލްއަޤްވާމީ ޒަމާނީ ދެ އެއަރޕޯޓް.  

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛  

މިދިޔަ 2022 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެ ކަމަށް، ވާރލްޑް ބޭންކުން ފުރަތަމަ ލަފާކުރީ 7.6 އިންސައްތައިން. އަހަރު ނިމުނުއިރު ވާރލްޑް ބޭންކުގެ އަންދާޒާ 7.6 އިންސައްތައިން 12.4 އިންސައްތައަށް މަތިކުރި. މި ހިނގާ އަހަރަށް ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެ ކަމަށް، ވާރލްޑް ބޭންކުން ލަފާކުރަނީ 8.2 އިންސައްތައިން.

ކޯވިޑް-19 އާއި، ހަނގުރާމައިގެ ހާލަތުން ދުނިޔޭގެ އިޤްތިޞާދަށް އެރި ލޮޅުމުގެ އަސަރު ރާއްޖެއަށް ނުހަނު ބޮޑުވި. މި ކަމަށްޓަކައި ސަމާލުވެ، ހޭލައި ތިބެ އަޅަންޖެހުނު މުހިންމު ފިޔަވަޅުތައް، ސަރުކާރުން އެޅިން. ރާއްޖޭގެ އިޤްތިޞާދުގެ ހަމަ ހިފެހެއްޓުމަށްޓަކައި، މާލީ ސިޔާސަތަށް ގެންނަން ޖެހުނު ބަދަލު މިވަނީ ގެނެވިފައި. މި ފިޔަވަޅުތަކާއެކު، ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ އިޤްތިޞާދީ އަޑިގުޑަން ކުޑަކުރެވިއްޖެ.

ހުސްވި ޖަނަވަރީ މަހަކީ، މިހާތަނަށް ރާއްޖޭގެ ތާރީޚުގައި އެއްމަސްތެރޭގައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު މަސް. އެއީ، 3.5 ބިލިއަން ރުފިޔާ. ކުރިއަށް އޮތް ތަނުގެ އުންމީދު އާވެ، ރައްޔިތުންނަށް އިތުރު ބޮޑު ތަކުލީފެއް ކުރިމަތިނުވާނެ ކަމުގެ އުންމީދު ހޯދިއްޖެ. އަދި ދައުލަތުގެ ރިޒާވް، އޭގެ ރައްކާތެރި މިންގަނޑުގައި ދެމެހެއްޓޭނެ ކަމުގެ އިތުބާރު އިރާދަކުރެއްވިއްޔާ މިހާރު މިވަނީ ލިބިފައި. މިދިޔަ އަހަރު ނިމުނުއިރު، ދައުލަތުގެ ރަސްމީ ރިޒާވްގައި 827 މިލިއަން އެމެރިކާ ޑޮލަރު ހުރި.

ޕްރައިވެޓް ސެކްޓަރަކީ ދިވެހި އިޤްތިޞާދުގެ ދިރުން. ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އެހީތެރިވެދޭ އެސް.އެމް.އީ. ބޭންކަކީ އެޅުނު އެންމެ ހަރުދަނާ އެއް ފިޔަވަޅު. އެ ބޭންކުގެ ހިސާބުތަކަށް ބަލާއިރު ފެންނަނީ އުންމީދީ މަންޒަރެއް. ޒުވާނުންނާއި، އަންހެނުންނާއި، އުފެއްދުންތެރި ކަމުގައި ކުރިއަށްދާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން އެ ބޭންކުން ދެމުން އެބަދޭ. މިގޮތުން، ޖުމުލަ 1,100 ފަރާތަކަށް 1.16 ބިލިއަން ރުފިޔާ އެ ބޭންކުން މިހާތަނަށް ދޫކޮށްފި.  

އޯތެންޓިކް މޯލްޑިވްސްގެ ފިހާރަތައް، ބައިނަލްއަޤްވާމީ ވާން ފަށައިފި. ޖަޕާނުގެ ނަރީޓާ އަދި ކަންސާއި އެއަރޕޯޓުން އޯތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް މިހާރު ލިބޭނެ. ކުރިއަށް އޮތް ތަނުގައި، ދުނިޔޭގެ އެކި ޤައުމުތަކުން އޯތެންޓިކް ދިވެހި އުފެއްދުންތައް ލިބޭނެ. މި ފިހާރަތަކަކީ މިފަދަ އުފެއްދުންތައް މާކެޓްކޮށް، އެ ވިޔަފާރިއަށް ފަހިކަން ގެނެސްދިނުމުގެ ޕްލެޓް ފޯމް. އޭގެ ޛަރީޢާއިން 2,000 އަށްވުރެ ގިނަ ދިވެހި އުފެއްދުން، ދުނިޔޭގެ މާކެޓްގައި ޑިސްޕްލޭ ކުރެވޭނެ މަގުފަހިވެއްޖެ. މިހާތަނަށް 182 ދިވެހި ސަޕްލަޔަރުން، މި ވިޔަފާރީގައި ހަރަކާތްތެރިވާއިރު، އޭގެ 57 އިންސައްތައަކީ އަންހެނުން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ވޭތުވެދިޔަ އަހަރަކީ، ރާއްޖޭގެ ފަތުރުވެރިކަމަށް ފާގަތި އަހަރެއް. ހުސްވި 2022 ވަނަ އަހަރަށް ސަރުކާރުން އަމާޒު ހިފީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް. އަހަރު ނިމިގެންދިޔައީ، އެ ޓާގެޓަށްވުރެ މަތިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްގެން. 2023 ވަނަ އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުމަކީ ސަރުކާރުގެ އަމާޒު. ހުސްވި ޖަނަވަރީ މަހުގެ ނިޔަލަށް 172,536 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ. އެއީ، 2022 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު، 31 އިންސައްތައިގެ ކުރިއެރުމެއް.

މި ދައުރުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް 16,758 އެނދު އިތުރުކުރެވިއްޖެ. ރާއްޖޭގެ އުތުރާއި ދެކުނަށް ފަތުރުވެރިކަން ފުޅާކުރުމުގެ މަޝްރޫޢު ފެށެނީ، އައްޑުއާއި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން. އެ އެއަރޕޯޓުތައް ނިމެމުންދާއިރު، އެ ސަރަޙައްދަށް ބޭނުންވާ އެނދު އިތުރުކުރުމުގެ މަސައްކަތްވެސް ފަށައިފިން. އައްޑޫ ހަންކެޑެ އިންޓަރގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫޢާއި، އައްޑޫގައި ތަރައްޤީ ކުރެވޭ ފަސް ރިޒޯޓަކީ، މި ދެންނެވި މަސައްކަތް. ހަމަ އެގޮތަށް، އުތުރުން ބީލަމަށް ހުޅުވައިލެވިފައިވާ ރަށްތަކަކީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާ ގުޅިފައިވާ ރިޒޯޓުތައް. ކުރިއަށް އޮތް ތަނުގައި އެސް.އެމް.އީ. ބޭންކް ތައްޔާރުވަމުންދާނީ، މި ދެ ސަރަޙައްދުގައި ކުދި ވިޔަފާރިވެރިން އުފައްދައި ކޮޅަށްޖެހުމަށް. ގެސްޓްހައުސްތަކާއި ސިޓީހޮޓާތަކުން އެ ސަރަޙައްދުގެ ރައްޔިތުންނަށް އިތުރު ތަނަވަސްކަމާއި ފަހި ފުރުޞަތު ލިއްބައިދިނުމަށް.

ޢިއްޒަތްތެރި ރައީސް؛

ބަލިމަޑުކަމާއި ހަނގުރާމައިގެ ސަބަބުން ދުނިޔެއާ ކުރިމަތިވި އިޤްތިޞާދީ ގިލަންވެރިކަމުން ރާއްޖެއަށް އަރައިގަނެވުނު ވަރަށްބޮޑު ސަބަބެއްވޭ. ރާއްޖޭގެ ބޯޑަރު ބަންދުވި ހިނދު، ވަށައި މިވާ މަސްކަނޑުތަކަށް ފެތުރިގަތް ދިވެހި މަސްވެރިން ކުރި ހިތްވަރާއި، ދެއްކި ފަންވަރަކީ، އޭގެ ޙަޤީޤީ ސިއްރު. ކަނޑުރޯދިން ދިވެހިންނަށް މިންވަރު ކުރެއްވި އިލާހީ ރަޙްމަތްފުޅު ބޮޑު. ހުސްވި 2022 ވަނަ އަހަރަކީ، ފާއިތުވި 16 އަހަރުގެ ތެރޭގައި، އެންމެ ގިނަ މަސް، މިފްކޯއިން ގަތް އަހަރު. އަދި މަސްވެރިކަމުގެ ތާރީޚުގައި އެންމެ ގިނަ ފައިސާ، މަސްވެރިންނަށް ސަރުކާރުން ދޫކުރި އަހަރު. އެއީ، އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ.

މިދިޔަ އަހަރު މި މަޖިލީހުގައި އަޅުގަނޑު ދެންނެވި ފަދައިން، 1 މާރިޗު 2022ން ފެށިގެން މަސްގަންނަ އަގު ބޮޑުކުރިން. މަހުގެ ޑިއުޓީއާ ގުޅޭގޮތުން އިނގިރޭސިވިލާތާއި ޔޫރަޕްގެ އިއްތިޙާދުން އީޖާބީ ނިންމުމެއް ނިންމާނެ ކަމުގެ އުންމީދު ބޮޑު. އެ ޤައުމުތަކަށް ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ޑިއުޓީއަށް ލުޔެއް ލިބުމުގައި އިތުރަށް ގިރާކުރަންޖެހޭ އޮޅިއެއް ދެން ނެތް. މިއާއެކު، މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތަކީ، މަހުގެ އަގަށް އަނެއްކާވެސް އިތުރު ހެޔޮ ބަދަލު އަންނާނެ ކަމެއް.

ރާއްޖޭގެ ދަނޑުވެރިން އުފައްދާ އުފެއްދުންތައް މާކެޓް ކުރުމަކީ މުހިންމު ކަމެއް. ދަނޑުވެރިޔާ ކުރި މަސައްކަތް، އާމްދަނީއަށް ބަދަލުކުރުމަކީ މިހާތަނަށް އޮތް އެންމެބޮޑު ގޮންޖެހުން. އެގްރޯނެޓް ކުންފުންޏަކީ މިކަމަށް ޙައްލު ހޯދުމަށް ސަރުކާރުން ކޮށި މަގެއް. ޖުމުލަ 46 ރަށެއްގެ 800 އަށްވުރެ ގިނަ ދަނޑުވެރިން ވަނީ އެގްރޯނެޓްގެ ނެޓްވަރކާ ގުޅިފައި. ވެވޭ އެއްބަސްވުމުގެ ދަށުން ކޮންޓްރެކްޓް ފަރމިންގގައި 485 ދަނޑުވެރިން ދަނީ ހަރަކާތްތެރިވަމުން. ދަނޑުވެރިކަމަށް ބޭނުންވާ ތަކެތި 534 ދަނޑުވެރިޔަކަށް ފޯރުކޮށްދެވިއްޖެ. މި އަހަރުގެ ނިޔަލަށް ހިފާފައިވާ އަމާޒަކީ، ޖުމުލަ 750 ދަނޑުވެރިން އެ މަސައްކަތް ފަށައި، އުފައްދާ ތަކެތި އެގްރޯނެޓުން ގަންނަމުން ދިޔުން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

މިދިޔަ އަހަރު މި މަޖިލީހަށް އިއްވި ރިޔާސީ ބަޔާނުގައި އަޅުގަނޑު ދެންނެވި ވާހަކައެއްވޭ. އެ ދުވަހު ދެންނެވި ގޮތަށް، އެ މަސައްކަތް ނިންމަން ސަރުކާރުން ހިފި އަމާޒުގައި އެއްވެސް ކަސިޔާރު ކަމެއް ނެތް. ދައުރެއްގެ ތެރޭގައި ބިންގަލުން ފެށި ފްލެޓް އިމާރާތެއް ނިންމައި، ރައްޔިތުން ބޯހިޔާވަހި ކުރާ ފުރަތަމަ އަހަރަށް މި އަހަރު ވެގެންދާނެ. އެ ފްލެޓްތަކަކީ ޖާގައިގެ ގޮތުން ތަނަވަސް، ތަފާތު ފްލެޓްތަކަކަށް ވެގެންދާނެ.

މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވައިލުމުން، ފްލެޓަށް އެދި ޖުމުލަ 20,697 އެޕްލިކޭޝަން ހުށަހެޅި. ގޯތި ހޯދުމަށް 15,164 އެޕްލިކޭޝަން ހުށަހެޅި. މި އެޕްލިކޭޝަންތައް މިހާރު މިދަނީ ޕްރޮސެސް ކުރަމުން. މި އަހަރުގެ ޖޫން ނިމުމުގެ ކުރިން، ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް، އެކަމުގެ ލިޔުން އިރާދަކުރެއްވިއްޔާ ހަވާލުކުރާނަން. މިއަދު ދަންނަވަން އޮތް އާ ވާހަކައަކީ، ކުރިން ދޭނެ ކަމަށް ދެންނެވި އަދަދަށްވުރެ، މާލޭ ސަރަޙައްދުން ދޭ ގޯތީގެ އަދަދު އިތުރުކުރުމަށް އަޅުގަނޑު ނިންމި ވާހަކަ.

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އަނެއް ކޮމްޕޯނަންޓަކީ ހައުސިންގ ލޯނު. ހުސްވި ޖަނަވަރީގެ ނިޔަލަށް ގެދޮރުވެރިޔާ ލޯނުގެ 579 އެޕްލިކޭޝަން ސަރުކާރަށް ލިބުނު. އޭގެ 55 އިންސައްތަ ލޯނު މިހާރު ވަނީ އެޕްރޫވް ކުރެވިފައި. އަދި 249 ފަރާތަކާއެކު ލޯނު އެއްބަސްވުމުގައި ސޮއިކުރެވިއްޖެ.

އަތޮޅުތެރޭގައި އިމާރާތް ކުރެވޭ ހައުސިންގ ޔުނިޓުތަކުން 556 ހައުސިންގ ޔުނިޓް، އަންނަ މޭ މަހުގެ ނިޔަލަށް އެއްކޮށް ނިންމޭނެ. އިތުރު 2,200 ހައުސިންގ ޔުނިޓުގެ މަސައްކަތް އަތޮޅުތެރޭގައި އެދަނީ ހިނގަމުން.

ޢިއްޒަތްތެރި ރައީސް؛  

ރާއްޖޭގެ ޞިއްޙީ ޚިދުމަތް މަރުކަޒުވެފައި އޮތުމުން ކުރިމަތިވާ ޒަމާންވީ ގޮންޖެހުންތައް ގިނަ. އެކަމުން އަރައިގަނެވޭނެ ދެމެހެއްޓެނިވި މަޝްރޫޢަކީ ސަރަޙައްދީ ޓާޝަރީ ހޮސްޕިޓާތައް. ކަރުދާހުގައި އޮންނަ ކުލަ ކުރެހުންތައް ދޫކޮށް، ޢަމަލީ މަސައްކަތުގައި މި މަޝްރޫޢު އެދަނީ ހިނގަމުން. ހަމައެކަނި ކުޅުދުއްފުށީ ޓާޝަރީ ހޮސްޕިޓަލަށް ގެނެވުނު ތަރައްޤީގެ ލިސްޓް ދިގު. އެ ހޮސްޕިޓަލްގައި މުޅިން އަލަށް ދޭން ފެށިފައި ވަނީ ޒަމާނީ ޞިއްޙީ ޚިދުމަތް. އެމް.އާރު.އައި.، ކަކުލުހުޅު ބަދަލުކުރާ އޮޕަރޭޝަން، ލެޕްރެސްކޯޕިކް ސާޖަރީ، މެމޯގްރާމް އަދި މިނޫންވެސް އެކި ޚިދުމަތްތައް ފެށިއްޖެ.

ކުޅުދުއްފުށީ ހޮސްޕިޓަލް، ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ގިނަ މުވައްޒަފުންތަކެއް އިތުރުކުރެވިއްޖެ. ސްޕެޝަލިސްޓް ޑޮކްޓަރުންނާއި، މެޑިކަލް އޮފިސަރުންނާއި، ނަރުހުންނާއި، ޓެކްނިކަލް އަދި އިދާރީ މުވައްޒަފުންގެ ގޮތުގައި 144 މުވައްޒަފުން އެ ހޮސްޕިޓަލަށް އިތުރުކޮށްފިން. އަދި ކުރިއަށް އޮތް ތަނުގައިވެސް މުވައްޒަފުން ދާނީ އިތުރުވަމުން. މީގެކުރިން، ކުޅުދުއްފުށީ ހޮސްޕިޓަލުން މާލެއަށް ރިފަރ ކުރި ބަލިމީހުންގެ 24 އިންސައްތަ މިހާރުވެސް ދަށްކުރެވިއްޖެ. މި ބަދަލު ހަމަ ހުރިހާ ޓާޝަރީ ހޮސްޕިޓަލަކަށްވެސް އަންނާނެ.  

ޢިއްޒަތްތެރި ރައީސް؛

މިއީ އަދި ނިމުމެއް ނޫން. ޚިދުމަތް ފުޅާވެ، ކުރިއަރައިދިޔަވަރަކަށް މި ކުރިއެރުމަށް ބޭނުންވާ ބަދަލު، ސަރުކާރުން ގެންނާނަން. އަދި މިއީ ހަމައެކަނި ކުޅުދުއްފުށްޓާއި އައްޑުއާ ހަމައިން ނިންމާލާ ކަމެއްވެސް ނޫން. ގދ. ތިނަދޫ، ލ. ގަމާއި، ރ. އުނގޫފާރުގެ ޓާޝަރީ ހޮސްޕިޓަލަށްވެސް ޙަޤީޤީ މާނައިގެ ޓާޝަރީ ބަދަލު ސަރުކާރުން އެބަ ގެންނަން. މީގެއިތުރަށް، 30 އެނދުގެ ހޮސްޕިޓާ 12 ރަށެއްގައި އަދި 50 އެނދުގެ ހޮސްޕިޓާ 6 ރަށެއްގައި އިމާރާތް ކުރާނަން. ޞިއްޙީ ދާއިރާއިން މުޅި ރާއްޖެއާމެދު ސަރުކާރުން ގެންގުޅޭ ތަޞައްވުރު ފުރިހަމަވާނީ މި ދެންނެވި ހުރިހާ ހޮސްޕިޓާތަކާއެކު.

ސެންޓަރ ފޮރ މެންޓަލް ހެލްތު، މި ސަރުކާރުން ޤާއިމްކުރީ އެކަމުގެ މުހިންމުކަން ބޮޑުވުމުން. މިހާތަނަށް 60,000 އަށްވުރެ ގިނަ ކޮންސަލްޓޭޝަން، އެ ސެންޓަރުން ހަދައިފި. 3,000 އަށްވުރެ މަތީގައި އޮތް ވެއިޓްލިސްޓް މިއަދު އެވަނީ 411 އަށް ދަށްކުރެވިފައި. މި ސެންޓަރުގެ އިންޕޭޝަންޓް ކެއަރ ޔުނިޓުގެ ވާހަކަ، މިދިޔަ އަހަރު އަޅުގަނޑު ދެންނެވިން. އެ ޔުނިޓް ނިންމައި، މިހާރު ޚިދުމަތް ދޭން ފަށައިފިން. ރާއްޖޭގެ ފަސް ސަރަޙައްދެއްގައި މެންޓަލް ހެލްތުގެ ޚިދުމަތް ޤާއިމްކޮށްފިން. މާލެއާއި އައްޑޫގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ޤާއިމްކޮށް، ޚިދުމަތް ދޭން ފަށައިފިން.

ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމަށް ދިމާވި އެންމެ ބޮޑު ދެރައަކީ، ރަނގަޅަށް ހިނގަމުން އައި ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމުން އަތް ދޫކޮށްލުން. ކޮމިއުނިޓީ ހެލްތު ވަރކަރުންނާއެކު، އަލުން އަނބުރާ ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ މަސައްކަތް، މި ސަރުކާރުން އަނެއްކާވެސް ފަށައިފިން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

މަސްތުވާ ތަކެއްޗާއި، ގޭންގް ކުށްތަކަކީ، ރާއްޖޭގެ އިޖުތިމާޢީ މަޞްލަޙަތަށް އޮތް އެންމެ ބޮޑު ގޮންޖެހުން. ޒުވާނުން ބާކީވެ މަގުމަތިވެދާނެ ފުރުޞަތު ނައްތައިލުމަށް ސަރުކާރުން އިސްކަންދެން. ޒުވާނުންނަށް ދެވޭ ތަމްރީނު ޕްރޮގްރާމްތައް ގިނަކޮށް، ހިލޭ ޑިގްރީ ތަޢާރުފް ކުރުމުން، ފެންނަ ހެޔޮ ނަތީޖާ ފާހަގަވޭ. ހުޅުމާލޭ ހާފްވޭ ހައުސްގައި އަންހެނުންނަށް ޚާއްޞަ ރީހެބިލިޓޭޝަން ތަޢާރުފް ކުރެވުނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު. ހަމައެފަދައިން، ޙުކުމް ތަންފީޛު ކުރަމުންދާ އެފަދަ ފަރާތްތަކަށް ޚާއްޞަ ރީހެބިލިޓޭޝަން ޕްރޮގްރާމެއް، މިދިޔަ މާރިޗު މަހު މާފުށީ ޖަލުގައި ފަށައިގެން ކުރިއަށް އެބަދޭ. އެއީ، ޑިޓޮކްސް ކުރެވި، ރީހެބިލިޓޭޝަން ފުރިހަމަކޮށް، މަސައްކަތްތެރިކަން ދަސްކޮށްދެވި، އަނބުރާ މުޖުތަމަޢަށް އައުމަށް ތައްޔާރުކުރެވޭ ވަށައިޖެހޭ ޕްރޮގްރާމެއް. މި ޕްރޮގްރާމްގެ ފުރަތަމަ ބެޗްގެ 32 ބައިވެރިން ކާމިޔާބުކަމާއެކު މަރުޙަލާތައް ނިންމައިފި. އެ ބެޗް މިހާރުވަނީ މުޖުތަމަޢާ އަލުން ގުޅިފައި. އޭގެ ނަތީޖާ މިހާތަނަށް ފެންނަނީ ކާމިޔާބުކޮށް. ފަރުވާދިނުމާއި، މުޖުތަމަޢަށް އަނބުރާ އައުމުގެ އިތުރު ޕްރޮގްރާމެއް، މާލެ ފިޔަވައި ހަތަރު ސަރަޙައްދެއްގައިވެސް ދަނީ ހިނގަމުން.

އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ދަށުން ގާތުން ބަލައި އެހީތެރިކަން ފޯރުކޮށްދެވޭ މަދަދުވެރިންނަށް، މުޅި ރާއްޖޭގައި ހަރަކާތްތެރިވެވޭނެ އިންތިޒާމަށް ޢަމަލީ ސިފަ ދަނީ އަންނަމުން. ވޭތުވެދިޔަ އަހަރު ރާއްޖޭގެ 7 އަތޮޅެއްގެ 62 ރަށުގައި އަދި 2 ސިޓީއެއްގައި މިފަދަ 430 ފަރާތަކަށް ބޭނުންވާ އަސާސީ ތަމްރީނު ދީފިން. އަދި މި ޕްރޮގްރާމް މި އަހަރުވެސް ކުރިއަށް ގެންދެވޭނެ.  

ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަށް ޢާއިލީ ވެށްޓެއް ހޯދައިދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން. މިފަދަ އަމާން ވެށީގެ 7 މަރުކަޒު ޤާއިމްކޮށް، އެ ތަންތަނަށް ކުދިން ބަދަލުކުރެވިއްޖެ. ލާމަރުކަޒީ އިންތިޒާމެއްގެ ދަށުން މުޅި ރާއްޖެއަށް ބޭނުންވާ އިޖުތިމާޢީ ހަރަކާތްތެރިންގެ މުހިންމުކަން ބޮޑު. 19 އަތޮޅުގައިވާ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކަކީ، މިކަމަށް ޚާއްޞަ މަރުކަޒުތައް. ފުރިހަމަ ޚިދުމަތެއް ދިނުމަށްޓަކައި އިތުރަށް ބޭނުންވި 156 މުވައްޒަފުން، ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ވަނީ ޚިދުމަތަށް ނެރެފައި.

ޤާނޫނު ނަންބަރު 8/2010 ގެ ދަށުން، އެކުލަވައިލަން ޖެހިފައި އޮތް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ރަޖިސްޓަރީ އަޅުގަނޑުމެން އެކުލަވައިލައި ނިންމައިފިން. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް، އިރާދަކުރެއްވިއްޔާ އަންނަ ޖޫން މަހުން ފެށިގެން ބޮޑުކުރާނަން. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުމުރުން 18 އަހަރު ފުރުމުން ބޭނުންވާ ޚިދުމަތްތަކަށް ވަކި ސެންޓަރެއް، މި ހަފުތާތެރޭ ހުޅުމާލޭގައި ހުޅުވިގެންދާނެ.

ޢިއްޒަތްތެރި ރައީސް؛

ކުޅިވަރުގެ ދާއިރާއިން ރާއްޖޭގެ ޒުވާނުން ކުރިއަށްދިޔުމަށާއި، މުނިފޫހިފިލުވުމަށާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ބޭނުންވާ މަޝްރޫޢުތައް ދަނީ ހިނގަމުން. މުޅިން އަލަށް ޤާއިމްކުރެވުނު 39 ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމިއްޖެ. ރަނގަޅު ފެންވަރުގެ ވޮލީ، ބެޑްމިންޓަން އަދި ހޭންޑްބޯލް ކޯޓުތަކާއި، ސިންތެޓިކް ޓްރެކާއި، ޓީ.ޓީ. ސެންޓަރުތައް ވަނީ ނިމިފައި. 50 އަށްވުރެ ގިނަ އައުޓް ޑޯ ޖިމް ޤާއިމްކޮށް ނިމިއްޖެ.

މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއާއި، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އުފައްދައި، މީގެކުރިން ކުޅިވަރު ކުޅުމުން މަޙްރޫމްވެފައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިއަދު އެވަނީ ފުރުޞަތު ހޯދައިދެވިފައި. ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރާއްޖޭގެ އެތުލީޓުން ވިދާލައިފި. 2019 ވަނަ އަހަރު ބޭއްވުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ފެށިގެން މިހާތަނަށް ބައިނަލްއަޤްވާމީ މުބާރާތްތަކުން ރާއްޖެ ވަނީ 33 ގޯލްޑް މެޑެއްޔާއި، 18 ސިލްވަރ މެޑެއްޔާއި، 88 ބްރޮންޒް މެޑެލް ހޯދާފައި.

ބައިނަލްއަޤްވާމީ މުބާރާތްތައް ރާއްޖޭގައި މިދަނީ ބާއްވަމުން. މިދިޔަ އަހަރު އެކަނި އެފަދަ 9 މުބާރާތެއް ވަނީ ބާއްވާފައި. އޭގެތެރޭގައި، ބާސްކެޓް، ބީޗްވޮލީ، ބޮޑީ ބިލްޑިންގއާއި، ބޮޑީ ބޯޑިންގ އަދި ސަރފިންގ ހިމެނޭ. ނަތީޖާއަކީ ވޯޓަރ ސްޕޯޓްސްގައި، ދުނިޔޭގެ ނަން މަޝްހޫރު މަންޒިލަކަށް ރާއްޖެ ބަދަލުވަމުންދާކަން.

ރާއްޖޭގެ ފަންނާނުންގެ ކުޅަދާނަކަމާއި، ހުނަރު ތަރައްޤީ ކުރުމަށް އެކަށޭނަ ފުރުޞަތު ނެތުމަކީ، އޮތް ހުސްކަމެއް. ގެނެވުނު ޒަމާނީ ބޮޑެތި ބަދަލުތަކާއެކު އޮލިމްޕަސް ހުޅުވިއްޖެ. އެއީ، ފަންނުވެރިކަމާއި ހުނަރުވެރިކަމުގައި ކުރިއަށްދާން ބޭނުން ޒުވާނުންނަށް ފަހި މާޙައުލެއް. ގެނެވޭ ޒަމާނީ ބަދަލަށްފަހު، މި މަހުގެ ތެރޭގައި ނެޝަނަލް އާޓް ގެލެރީ ހުޅުވައިލެވޭނެ. ފަންނާނުންގެ ހުނަރު ރާއްޖެއިން ބޭރުގައި ދެއްކުމުގެ ފުރުޞަތު ފަންނުވެރިންނަށް މި އަންނަނީ ހޯދައިދެމުން. ރާއްޖޭގެ އެކި ކަންކޮޅުގައި ޤާއިމްކުރެވޭ ސައިޓް މިއުޒިއަމްތަކަކީ، އާސާރީ ތަރިކަ ދިރުވައި ދަމަހައްޓާނެ މަރުކަޒުތަކަކަށް ވާނެ. އަދި ގެއްލި ނެތި އުވެމުންދާ އެ އާސާރުތައް ޙިމާޔަތް ކުރުމަށްވެސް ސަރުކާރުން ވަކި ޕްރޮގްރާމެއް ދަނީ ހިންގަމުން.

ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަމާމެދު އަޅުގަނޑުމެން އެންމެން އެއްބަސްވަން. މޫސުމީ ބަދަލުތަކާއެކު، ދުނިޔޭގެ ތިމާވެށްޓަށް އަންނަ ބަދަލުގެ ނުރައްކާ އެންމެ ބޮޑު އެއް ޤައުމަކީ ދިވެހިރާއްޖެ. މިކަމަށްޓަކައި ނާޒުކު ޙާލަތަށް ހުށަހެޅިފައިވާ ސަރަޙައްދުތައް ޙިމާޔަތް ކުރުން މުހިންމު. މި އަހަރުގެ ނިޔަލަށް ރާއްޖޭގައި ޖުމުލަ 130 ސަރަޙައްދެއް ޙިމާޔަތް ކުރެވޭނެ. އޭގެތެރެއިން 82 ސަރަޙައްދު ޙިމާޔަތް މި ކުރެވެނީ މި ހިނގާ ފަސް އަހަރުގެ ތެރޭގައި.

މި ފަސް އަހަރުގެ ތެރޭގައި ޖުމުލަ 42.6 މެގަވޮޓްގެ އަވި ހަކަތަ އުފައްދާ ސޯލާ ޕީ.ވީ. ސިސްޓަމް ޤާއިމްކޮށް ނިމޭނެ. އެއީ، އަހަރަކަށް 50 ހާސް ޓަނުގެ ވިހައިން ޖައްވު ސަލާމަތްވުން. މި މަސައްކަތް ނިމުމުން، އަހަރަކު ގާތްގަނޑަކަށް 320 މިލިއަން ރުފިޔާ، ތެޔޮ ބިލުން ސަލާމަތް ކުރެވޭނެ. ކުނި އެންދުމުން އަރާ ދުމުން މިންޖުވެ، ކުންޏަކީ މެނޭޖް ކުރަންޖެހޭ ވަސީލަތެއްގެ ވިސްނުމަށް ސަރުކާރުން ވަނީ ހިޖުރަކޮށްފައި. އަދި ރާއްޖޭގެ ޤުދުރަތީ މާޙައުލަށް ރައްކާތެރި ނޫން ޕްލާސްޓިކްގެ ބާވަތްތައް މަދުކޮށް، މަނާކުރުމުގެ މަރުޙަލާތައް ދަނީ ތަންފީޛު ކުރަމުން. މިދިޔަ އަހަރުގެ ނޮވެންބަރު މަހު އޮތް ކޮޕް-27ގެ ޑެކްލަރޭޝަންގައި އަލަށް އުފައްދަން ނިންމި ލޮސް އެންޑް ޑެމޭޖް ފަންޑު ޤާއިމްކުރުމުގައި ރާއްޖެއިން ވަރަށް އިސް ދައުރެއް އަދާކުރި.

ޢިއްޒަތްތެރި ރައީސް؛

ދުނިޔެ ބަދަލުވެ، އިންޓަރނެޓްގެ ޛަރީޢާއިން ކުރެވޭ މުޢާމަލާތާއި ހިންގުމުގެ ދާއިރާއަށް އަންނަ އަވަސްކަމަކީ ކުރިއަށް އޮތް ތަނަށް މުހިންމު ބަދަލެއް. ރާއްޖޭގެ އިންޓަރނެޓްގެ އަގަށް ގެނެވުނު ބަދަލާއި، އޭގެ ސްޕީޑަށް އަދިވެސް އިތުރު ތަރައްޤީ އައުން މުހިންމު. ސަރުކާރު ޝާމިލްވާ އާ ސަބްމެރިން ކޭބަލުން މިކަމަށް އިތުރު ފަހިކަން ގެނުވާނެ. ފްރާންސްގެ މާސޭއިން ސިންގަޕޫރަށް އަޅާ ސަބްމެރިން ކޭބަލް، ކުރިއަށް އޮތް ފަސްމަސްތެރޭ ރާއްޖެއަށް އެއްގަން ކުރެވި، ސެޕްޓެންބަރު މަހުގެ ނިޔަލަށް މި ސަބްމެރިން ކޭބަލް ބޭނުންކުރުމުގެ ފުރުޞަތު ލިބޭނެ. މިއީ އިންޓަރނެޓުގެ އަގު ހެޔޮވެ، ސްޕީޑަށް އިންޤިލާބީ ބަދަލެއް ގެނުވާނެ މަޝްރޫޢެއް. އެއީ، އުފެއްދުންތެރި ޒުވާނުންނާއި ވިޔަފާރިތައް، ދުނިޔޭގެ މާކެޓާ ގުޅުވައިދޭނެ ވަސީލަތެއް.

ޚިދުމަތްތައް ބޭނުންވެގެން އައި.ޑީ. ކާޑާއި، އެކި ލިޔުންތަކުގެ ކޮޕީ، ތަކުރާރުކޮށް ސަރުކާރަށް ހުށަހަޅަންޖެހުމަކީ، ރައްޔިތުންނަށް އޮތް ވަރަށްބޮޑު ތަކުލީފެއް. ޚިދުމަތް ލަސްވެ، އޮޅުންބޮޅުންވެ، އެކަމެއްގައި ތާށިވެ ރައްޔިތުން ތިބެންޖެހޭ ކަމެއް. މިކަން މިދަނީ ބަދަލުކުރަމުން. އަންނަ މާރިޗު މަހު ޑިޖިޓަލް އައި.ޑީ. ލޯންޗް ކުރެވޭނެ.

ޚިދުމަތް ލިބުމުގައި ރައްޔިތުންނަށް އޮތް އަނެއް ތަކުލީފަކީ، ކިޔުގައި ޖެހުމާއި، ފޯނު ނުނެގުމާއި، ޖަވާބެއް ނުލިބުމުގެ މައްސަލަ. ވަން-ގަވް ޚިދުމަތަކީ ސަރުކާރުން މިކަމަށް ގެނެސްދޭ ޒަމާނީ ޙައްލު. އަންނަ މާރިޗު މަސްތެރޭ ވަން-ގަވް ޚިދުމަތްވެސް ލޯންޗް ކުރެވޭނެ. އޭގެ ސަބަބުން ފުރަތަމަވެސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާއި، ފުވައްމުލަކު ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް މުޅިން އޮންލައިން ވާނެ. މީގެއިތުރަށް، މާލެ، އައްޑޫ އަދި ފުވައްމުލަކުގައި ޤާއިމްކުރެވޭ ފިޒިކަލް އެކްސްޕީރިއަންސް ސެންޓަރުތަކަކީ އޮންލައިންކޮށް ޚިދުމަތް ލިބިގަންނަން ދަތިވާ ރައްޔިތުންނަށް ޚިދުމަތްދޭ މަރުކަޒުތަކެއް. މުޅި ރާއްޖެ މިދަނީ ޑިޖިޓައިޒް ވަމުން.

ޢިއްޒަތްތެރި ރައީސް؛

މިންތީގެ ހަމަހަމަކަން ނެތި އިޖުތިމާޢީ ޢަދާލަތު ހިފެހެއްޓުމަށް ދަތިވާނެ. މިގޮތުން ބަލާއިރު، ކެބިނެޓާއި، ލޯކަލް ކައުންސިލްތަކުގެ 33 އިންސައްތަ ޝާމިލްވަނީ އަންހެނުން. އަދި ރާއްޖެ ތަމްސީލުކުރާ ޑިޕްލޮމެޓިކް މިޝަންތަކުގެ 50 އިންސައްތައަކީވެސް އަންހެނުން. ހަމަ އެހެންމެ، ކޯޓުތަކުގެ ފަނޑިޔާރުކަމާއި، ފުލުހުންނާއި ސިފައިންގެ މަތީ ރޭންކްތަކުގައި މިހާރު އަންހެނުން އެބަތިބި. ޖެންޑަރ އީކުއެލިޓީ އެކްޝަން ޕްލޭން ތަންފީޛު ކުރަން މިހާރު ފަށައިފިން. މި މަސައްކަތާއެކު މިންތީގެ ހަމަހަމަކަމަށް އިތުރު ހެޔޮ ބަދަލު އަންނާނެ.

ރާއްޖޭގެ ޢަދުލުއިންޞާފާމެދު ރައްޔިތުންގެ އިތުބާރާއި އިޙްތިރާމާއި ޤަދަރު ހިފަހައްޓަންޖެހޭ. ފާއިތުވި ހަތަރު އަހަރުތެރޭ ރާއްޖޭގެ ޢަދުލުއިންޞާފުގެ ދާއިރާ ހަރުދަނާކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. އަދި އެ ދާއިރާއާމެދު ރައްޔިތުން ކުރާ އުންމީދު އަންނަނީ ބޮޑުވަމުން. ކުރަންޖެހޭ މަސައްކަތް އަދިވެސް ގިނަ. ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙު ކުރުމަށްޓަކައި ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙުތައް، މި ދައުރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެންދާނެ.

ވަސީލަތުގެ ގޮތުން ޖުޑީޝަރީއަށް ހުރި ދަތިތައް ޙައްލުކުރުމަށް ސަރުކާރުން މިދަނީ މަސައްކަތް ކުރަމުން. އަތޮޅުތެރޭގައި އިތުރު ކޯޓް އިމާރާތްތަކުގެ މަސައްކަތް އެދަނީ ހިނގަމުން. މާލޭ ސަރަޙައްދުގެ ކޯޓުތަކުގައި މައްސަލަތައް ފުނިޖެހުމުގެ އެންމެ ބޮޑު ސަބަބަކީ، ވަސީލަތުގެ ދަތިކަން. އެކަން ދެނެގަނެ، އަލަށް އިމާރާތް ކުރެވޭ މާލޭ ކޯޓް ކޮމްޕްލެކްސްގެ މަސައްކަތް ލަސްނުކޮށް ކުރިއަށް ގެންދިޔުމަށް ސަރުކާރުން އިސްކަންދެން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ރިޔާސީ ކޮމިޝަނުން ހިންގި އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވައިލާފައިވާ މައްސަލައިގެ ތަޙުޤީޤު ނިންމައި، އެ ރިޕޯޓް އަޅުގަނޑަށް ލިބިއްޖެ. އެ ރިޕޯޓުގައިވާ ރިކޮމެންޑޭޝަންތަކާ އެއްގޮތަށް ކުރަންޖެހޭ ކަންކަން މި އަންނަނީ ކުރަމުން. އެ މައްސަލައިގައި ދަޢުވާ ލިބޭ ތިން ފަރާތެއް ހައްޔަރުކޮށް، ކޯޓު މަރުޙަލާ ވަނީ ފެށިފައި. އަދި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަޙުޤީޤު ރިޕޯޓުގެ މަސައްކަތްތައް ރިޔާސީ ކޮމިޝަނުން ދަނީ ކުރަމުން. އިތުރު މައްސަލަތަކުގެ މަސައްކަތްވެސް ކޮމިޝަނުން ކުރިއަށް އެބަ ގެންދަވާ.

އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނާތާ ގުޅޭގޮތުން މިދިޔަ އަހަރު އަޅުގަނޑު ދެންނެވި ޤާނޫނީ މަރުޙަލާތައް ފެށިގެން ކުރިއަށް އެބަދޭ. ރިޔާސީ ކޮމިޝަންގެ ތަޙުޤީޤު ރިޕޯޓުގެ މައްޗަށް މައްސަލަތައް ކުރިއަށް ގެންދަވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން. އެމް.އެމް.ޕީ.އާރު.ސީ.ގެ ބޮޑު ޚިޔާނާތާ ގުޅޭ 14 މައްސަލައެއް ވަނީ ކޯޓަށް ހުށަހެޅިފައި. އޭގެތެރެއިން 5 ފަރާތަކަށް ކުރެވުނު ޖުމުލަ 43 ދަޢުވާއެއް ކޯޓުގައި ވަނީ ސާބިތުވެފައި. އިތުރު 7 ފަރާތަކާއި 2 ކުންފުންޏެއްގެ މައްސަލަ ކޯޓުގައި އެބަ ކުރިއަށްދޭ. އަދި ގުޅުންހުރި އިތުރު 53 މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤު ކުރަމުން އެބަގެންދޭ. މީގެތެރެއިން 8 މައްސަލައެއްގައި ޖިނާއީ ދަޢުވާ ކުރުމަށް ޑިއުޓީ ޕްރޮސެކިއުޝަންގެ މަސައްކަތްތައް، އޭ.ސީ.ސީ.އާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން ކުރިއަށް އެބަގެންދޭ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ރާއްޖޭގެ ދާޚިލީ އަމަން ބެލެހެއްޓުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ ދިވެހި ފުލުހުންގެ ޚިދުމަތުން. ރާއްޖޭގެ ރަށްތައް އެތުރި ފެތުރިފައިވާ ގޮތުން ޚިދުމަތް ދިނުމަށް ހުރި ގޮންޖެހުން ބޮޑު. އެއާއެކު، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ދިނުމަކީ މުހިންމު، އެހެންނަމަވެސް، މިހާތަނަށްވެސް ނުވެއޮތް ބޮޑު ކަމެއް. ފާއިތުވި އަހަރު ފުލުހުންގެ 18 މަރުކަޒެއް އަލަށް ހުޅުވި ޚިދުމަތް ދޭން ފެށުނު. އަދި އިރާދަކުރެއްވިއްޔާ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި އަހަރު ނިމޭއިރު، ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވޭނެ.

27 މާރިޗު 2021 ގައި ޢަމަލުކުރަން ފެށުނު ދިވެހި ފުލުހުންގެ ޤާނޫނުގެ މަންފާ ރައްޔިތުންނާއި އަދި ފުލުހުންނަށް ދަނީ ލިބެމުން. 100 އަށްވުރެ ގިނަ ރަށުގައި ނެއިބަރހުޑް ޕޮލީސިންގ ތަޢާރުފް ކުރެވިއްޖެ. ބޮޑީ ވޯރން ކެމެރާ ތަޢާރުފް ކުރެވި، ރައްޔިތުންނާއި ފުލުހުންގެ ރައްކާތެރިކަމަށް އޮންނަ ޖާގަ ފުޅާކުރެވިއްޖެ. ރާއްޖޭގެ ފުލުހުންގެ އޮފިސަރަކު ފުރަތަމަފަހަރަށް އިންޓަރޕޯލްގައި މިހާރު މަސައްކަތް ކުރަމުން އެބަ ގެންދޭ. މިއީ، ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބުނު ބޮޑު ޝަރަފެއް.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ލިބިފައިވާ ޖޯރު. ދިވެހި ޤައުމިއްޔަތުގެ ހުރިހާ ރުކުންތަކުގެ ދިފާޢުގައި އޮތީ ރާއްޖޭގެ ސަލާމަތީ ޚިދުމަތްތައް. ބޭނުންވާ ޒަމާނީ ތަޢުލީމާއި، ތަމްރީނާއި، ވަސީލަތްތައް ފަހިވެ، ފުރިހަމަވެގެން މެނުވީ، އަދުގެ ދުނިޔޭގެ ހަލަބޮލިކަމުގައި ހިފަހައްޓައެއްނުލެވޭނެ. ރައްޔިތުންނާއި ޤައުމަށް ދިމާވާ ކޮންމެ ބޮޑުކަމަކުން ދިފާޢުވުމުގެ އެންމެކުރީ ސަފަށް އިސްވަނީ ރާއްޖޭގެ ސަލާމަތީ ޚިދުމަތްތައް. އެއްގަމާއި ކަނޑާއި ވައިގައި ރައްޔިތުން ސަލާމަތުގެ އައްސޭރިއަށް ގެނެސްދެނީ އެ ޚިދުމަތްތަކުން. މިފަދަ 25,610 އޮޕަރޭޝަނެއް، ފާއިތުވީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ހިންގާފައިވޭ.

ވޭތުވި ހަތަރު އަހަރަކީ، ފަހުގެ ތާރީޚުގައި ކުރު މުއްދަތެއްގައި ރާއްޖޭގެ ޚާރިޖީ ގުޅުން، ބައިނަލްއަޤްވާމީ ދުނިޔެއާ އެންމެ ބޮޑަށް ބަދަހިކުރެވުނު މުއްދަތު. ދޭދޭ ޤައުމުތަކާއެކު އޮންނަ ޚާރިޖީ ގުޅުން ވަރުގަދަވެއްޖެ. އ.ދ. މަޖިލީހުގައި ހިމެނޭ ޤައުމުތަކުގެ 94 އިންސައްތަ ޤައުމާއެކު، ދިވެހިރާއްޖެއިން ސިޔާސީ ގުޅުން ޤާއިމްކޮށްފި. މި އަހަރުން ފެށިގެން 2025އާ ދެމެދު އޮންނަ އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ މި ދައުރަށް ރާއްޖެ މިވަނީ ހޮވިފައި. 2021 ވަނަ އަހަރު އ.ދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ އިންތިޚާބުވީ، ދުނިޔޭގެ ބޮޑު އަޣްލަބިއްޔަތަކުން. ރާއްޖެއިން ބޭރުގައި ޤާއިމްކޮށްފައިވާ ޑިޕްލޮމެޓިކް މިޝަންތަކާއި، އޮނަރަރީ ކޮންސަލުން މެދުވެރިކޮށް، ދުނިޔޭގެ 21 ތަނަކުން ދިވެހިންނަށް ބޭނުންވާ ކޮންސިއުލަރ ޚިދުމަތްތައް މިހާރު ލިބޭނެ. ދިވެހިންނަށް މިހާރު ވިސާއާ ނުލައި ދުނިޔޭގެ 89 ޤައުމަކަށް ދަތުރުކުރެވޭނެ. ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ގުޅުންތަކުގެ އިސް ސަފުގައި ރާއްޖޭގެ ބަސް މިއަދު ހިނގާ. ޢަރަބި އިސްލާމީ ޤައުމުތަކާއި އަދި މެދުއިރުމައްޗާއެކު ހީނަރުވަމުންދިޔަ ގުޅުންތައް މިހާރުވަނީ އިޢާދަވެ ވަރުގަދަވެފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

މާލޭގެ ތޮއްޖެހުމާއި، ހާސްކަމާއި ތާށިކަމަކީ، ކޮންމެ ދުވަހަކު ތަޖުރިބާ ކުރާ ޙަޤީޤަތެއް. ދުން ލޮނުގެ ތެރޭގައި ހައްދާ ބޮޑުކުރި ފެހިކަން ގަދަ ލޮނުޒިޔާރަތް ޕާކުގެ ހިތްހަމަޖެހުމުން، ކޮންމެވެސްވަރެއްގެ ތަސައްލީއެއް މާލެއަށް ލިބިދީފި. މިހާރު ހުޅުވުމަށް ތައްޔާރުވެފައި އެވަނީ މާލެ ސަރަޙައްދުގެ ޕިކްނިކް އައިލެންޑް. މާލެއަށް ގެއްލިދިޔަ ކުޑަބަނޑޮހުގެ އުފާ، ވިއްސަކަށް މިނިޓުން ދެން ލިބިގެންދާނީ މީގެ ހަފުތާއެއްހާ ދުވަސް ފަހުން ހުޅުވައިލެވޭ ކުޑަގިރިން.

ރާއްޖޭގެ މައި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަކީ، މާލެ ސަރަޙައްދާއި މުޅި ރާއްޖެއަށް އޭގެ މަންފާ ލިބޭނެ މުހިންމު މަޝްރޫޢެއް. ބޯހިޔާވަހިކަމާއި، ޕޯޓުގެ ބޭނުމަށް އިތުރަށް ބޭނުންވާ ބިން، ފަހުން އިތުރުކޮށްފައިވާ ބިމާ ގުޅައިލުމުގެ ޢަމަލީ މަސައްކަތް މިހާރުވަނީ ކޮންޓްރެކްޓަރާ ހަވާލުކޮށްފައި. ކުރިއަށް އޮތް ދެތިން މަސްތެރޭ މީގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ. ތިލަމާލެ ބުރިޖުގެ މަސައްކަތް، ޝެޑިއުލްއާ އެއްގޮތަށް ކުރިއަށް އެބަދޭ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ފާއިތުވެދިޔަ ތިން އަހަރަކީ، ރާއްޖޭގެ މުޅި ތާރީޚުގައި ކުރިމަތިވި އެންމެބޮޑު އިޤްތިޞާދީ ގޮންޖެހުންތައް ތަޙައްމަލް ކުރަންޖެހުނު ތިން އަހަރު. ކޯވިޑް-19ގެ ޢާލަމީ ބަލިމަޑުކަމާއެކު، ދިވެހިރާއްޖޭގެ އިޤްތިޞާދު ހުއްޓިގެންދިޔަ. ކުރެވުނު މަސައްކަތާއި، ކުރަން ހުރި ކަންކަމުގެ މައްޗަށް ހިސާބު އަކުރުން ނަތީޖާ ނެރެދޭ ޙަޤީޤަތްތަކެއް އެބަ ފެނޭ. ފެންނަނީ ދިވެހިރާއްޖޭގެ ހާލަތު، ރަނގަޅު އިޤްތިޞާދެއްގެ މައްޗަށް ބިނާވާ މަންޒަރު.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު، 2028 ވަނަ އަހަރާ ހަމައަށްދާއިރު، މަދުވެގެން އަހަރަކަށް 3.5 މިލިއަނަށް އިތުރުވާނެ. އެގޮތަށް އެކަން އެވަނީ ހަމަ ހުރެފައެއް ނޫން. މިއަދު ފަށާ، ހިންގާ، ނިންމަމުން މިދާ މަޝްރޫޢުތަކަކީ، އެ ހިސާބަށް ރާއްޖޭގެ ފަތުރުވެރިކަން ގެންދެވޭނެ ސަބަބު.

އެއީ، 2028 ނިމޭއިރު، ރާއްޖޭގެ އިޤްތިޞާދު، ދެގުނަ ވެގެންދާނެ ބޮޑު ބަދަލެއް. 2018 ވަނަ އަހަރު ރާއްޖޭގެ ޖުމުލަ އުފެއްދުންތެރި ކަމަކީ 81 ބިލިއަން ރުފިޔާ. ނަމަވެސް، އޭގެ 10 އަހަރު ފަހުން، ރާއްޖޭގެ އިޤްތިޞާދު ދެގުނަކޮށް، 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިއަން ރުފިޔާއަށް ގެންދެވޭނެ. އިޤްތިޞާދަށް މި އަންނަ ކުރިއެރުންތަކާއެކު، ދައުލަތަށް ލިބޭ އާމްދަނީވެސް 2018 ވަނަ އަހަރާ އަޅައިބަލާއިރު، ދެގުނަ ކުރެވި، 2028 ވަނަ އަހަރު 45 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ.

ސަރުކާރުން މިހާރު ތަންފީޛު ކުރަމުންމިދާ މާލީ، އިޤްތިޞާދީ އަދި އިޖުތިމާޢީ ހުރިހާ ސިޔާސަތެއް ގޮސް ނިމެނީ، މި ދެންނެވި ނަތީޖާ ހާސިލުކުރުމަށް. އެ ނަތީޖާ ލިބޭއިރު، ވާ މާބޮޑު ރަނގަޅެއް އޮވޭ. އެއީ، ރައްޔިތުންގެ ޖީބަށް ވަންނަ އާމްދަނީ އިތުރުވެ، ވަޒީފާތައް ގިނަވެ، އިތުރު ވިޔަފާރިތަކާއި، އާ ޞިނާޢަތްތައް އުފެދި، މުޖުތަމަޢުގެ ހަމަޖެހުމާއި އަމާންކަން ހެދި ފޯދި، ތަފާތުތައް ނެތި ދާނެ ނަތީޖާ.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

އަޅުގަނޑުމެންނަކީ ކުދި ބޮޑު ފުށި ފުށްޓަރާއި، މާރަށްތަކުން ގަތާލެވިފައިވާ ދުނިޔޭގެ ޖަޒީރާތަކެއް. ރާއްޖޭގެ ކޮންމެ ރަށަކަށް ނިސްބަތްވާ ކޮންމެ ރައްޔިތަކަށްމެ ޙައްޤުވާ، ހަމަޖެހުމާއި މަސަލަސްކަން، މީގެ ކޮންމެ ރަށަކަށް ބޭނުންވޭ. ޢާއިލާއާއެކު ދިރިއުޅުން ވޭތުކުރާނެ ގޮތެއް، ކޮންމެ މީހަކަށްވެސް އޮންނަންޖެހޭނެ. ހަމަހަމަކަމާއި، އަމާންކަމާއި، އޮމާން ދިރިއުޅުމަކަށް ދިވެހި ދިރިއުޅުން ވާންޖެހޭނެ. އުތުރާއި ދެކުނަށް، އިރާއި ހުޅަނގަށް މި ރާއްޖެ އެކީއެކަށް ހަމަޖެހުމުގެ މޯޅިއަކަށް ދެމިލެވެންޖެހޭނެ. އެ ދިރިއުޅުމަށް މި ރައްޔިތުން ގޮވައިގެންދިޔުމުގެ ޒިންމާ މިއަދު އޮތީ އަޅުގަނޑުމެންގެ ކޮނޑުގައި. ދާމަގުން ކުރިއަށް ގޮސް، އެކަށައެޅިފައިވާ ކަންކަން ފަށައި، ފެށިފައިވާ ކަންކަން ނިންމުމަށް މިއީ މި ޖީލަށް ލިބިއޮތް ބޮޑު ފުރުޞަތެއް. މުޅި ރާއްޖޭގެ އިޤްތިޞާދު ހަށިފޮޅާލައި، ރަށްތަކާއި ރަށްވެހީންނަށް ތަނަވަސްކަމާއި ބާއްޖަވެރިކަން އޮހިގެންދާނެ މަގު، މިއަދު މިދަނީ ކޮށައި އަލިވަމުން. ބޭނުންވަނީ، އެންމެން އެކީ އެކަމަށް އާނބަސް ބުނެ އަތުގުޅާލުން. ޝައްކެއްވެސްނެތި އެ ދުވަސްވާނީ، ދިވެހިން ދުވަހަކު ނުދެކޭނެ ފަދަ އުފާވެރި، އެހެންނަމަވެސް، ދާދި ގާތުގައިވާ މާދަމާއަށް.

اللهُ سُبْحَانَهُ وَتَعَالَى ގެ ތަނަވަސް ރަޙްމަތާއި ޢާފިޔަތުގެ ހިޔާ، މުޅި ދިވެހިރާއްޖެއަށް މިންވަރު ކުރައްވާށި! ދިވެހިންގެ ޤައުމިއްޔަތާއި ދިވެހިއްޔަތު، ދުވަހަކުވެސް މި ޤައުމުން ފިލައިނުދާށި! ދިވެހި ޤައުމަށް ނަޞްރާއި ނަސީބާއި ކާމިޔާބީ މިންވަރު ކުރައްވާށި! އާމީން.  

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.