بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم ގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު، ދައުލަތުގެ ވަޒީރުން، ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ އިސްވެރިން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދައުވަތު ލިބިވަޑައިގެން މި ޙަފްލާއަށް ވަޑައިގެންނެވި އެންމެހައި ބޭފުޅުން، އަދި ފުރަތަމަ ދުވަހު ކުޑަގިރި ޕިކްނިކް އައިލެންޑަށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރެއްވުމަށްޓަކައި ވަޑައިގެން ތިއްބެވި އެންމެހައި ލޮބުވެތި ދިވެހިރައްޔިތުން، އަދި އަޅުގަނޑުމެންގެ ލޯބިވާ ތުއްތު ކުދިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް މިއަދު ކުޑަގިރި ޕިކްނިކް އައިލެންޑަށް، ޢާއިލާއާއެކު ވަގުތު ހޭދަކުރެއްވުމަށްޓަކައި ވަޑައިގެން ތިއްބެވި ހުރިހާ ފަރާތްތަކަށް ވަރަށް ހިތްހަމަޖެހުމާއެކު އަޅުގަނޑު މަރްޙަބާ ދަންނަވަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ފެށުމުގައި އަޅުގަނޑު ދަންނަވާލަން ބޭނުން. އާދެ، ކުޑަގިރި ޕިކްނިކް އައިލެންޑް މިއަދު ވުޖޫދަށް މިއައީ، ރައީސުލްޖުމްހޫރިއްޔާ 2021 ވަނަ އަހަރުގެ މެދުތެރޭގައި ޖުލައި މަހު ވިދާޅުވި، މާލެ ކައިރިން ފަޅެއް އޮތްތޯ ބަލާށޭ. ބަލާފައި ޕިކްނިކް އައިލެންޑެއް ދިވެހިންނަށް އެންމެ ކަމުދާނެ ގޮތަކަށް ހެދުމުގެ މަސައްކަތައިގެން ފައިޞަލް ކުރިއަށްދާށޭ.

އާދެ، އެ ދުވަހު އެންމެ ފުރަތަމަ އަޅުގަނޑު ގުޅީ ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމަށް. އެއީ، ފަޅެއް ހޯދުމުގެ ކަންތަކާ. ހަމަ އެދުވަހު އަޅުގަނޑުމެންނަށް މި މަސައްކަތް ފެށުނު. ފިނޭންސް މިނިސްޓަރ އަމީރާއި އަދި އޭރުގެ އެޗް.ޑީ.ސީ.ގެ މެނޭޖިންގ ޑައިރެކްޓަރ ސުހައިލް އަޙްމަދާއި، އެމް.ޓީ.ސީ.ސީ.ގެ މެނޭޖިންގ ޑައިރެކްޓަރ އާދަމް ޢާޒިމާއި، އޭރުގެ ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙަސަން މުޣުނީއާއި އަދި އެމް.ޑަބްލިޔު.އެސް.ސީ.ގެ މެނޭޖިންގ ޑައިރެކްޓަރ ޙަސަން ޝާހާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު ސަޢީދާއި، އަދި ކޮންމެވެސް ހިސާބަކުން އަޅުގަނޑުމެންނާ ގުޅިވަޑައިގަތީ، ވެމްކޯގެ ފަރާތުން ވެމްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޔޫސުފް ސިރާޖް. ދެން ފަހުން އެހެންނަމަވެސް، މި މަސައްކަތް އެންމެ ބާރަށް ކުރިއަށް ގެންދިޔުމަށްޓަކައި އަޅުގަނޑުމެންނާ އެކީގައި އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅުންތަކެއް ކަމަށް ވެގެންދިޔައީ، އެޗް.ޑީ.ސީ.ގެ މިހާރުގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު ޢާޠިފް. ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ މިއަދު ވަޑައިގެން ނެތުމުން، އަޅުގަނޑަށް ކުޑަކޮށް އުނދަގޫވެގެން މިއުޅެނީ ހަނދާނަށް ގެންނަން، ސްޓެލްކޯގެ އެމް.ޑީ. އަޙްމަދު ޝަރީފް.

އާދެ، ރައީސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ރައީސްގެ މި ވަޢުދު ފުއްދުމަށްޓަކައި މިކަމާ ގުޅޭގޮތުން ރައީސް ވަރަށް ތަފުސީލުކޮށް ވާހަކަފުޅު ދައްކަވައިފި. އަދި މެނޭޖިންގ ޑައިރެކްޓަރ ވިދާޅުވެއްޖެ. އަޅުގަނޑުމެންނަށް ވީޑިއޯ ރިޕޯޓުން ފެނިގެންދިޔަ، ޕިކްނިކް އައިލެންޑެއްގެ މުހިންމުކަން. އަޅުގަނޑުމެން ބޮޑުވީ ގޮނޑުދޮށްތަކުގައި. އަޅުގަނޑުމެން ބޮޑުވެގެން އައީ މަގޫގަސްތަކުގެ ދަށުގައި. ރުއްތަކުގެ ދަށުގައި. ނޫ ވިލުތަކުގައި. ކޮންމެ ދުވަހަކީވެސް އަޅުގަނޑުމެންގެ ޙަޔާތުގައި އަޅުގަނޑުމެން މެދުއުމުރަށް އައިސްފައި ތިބިއިރު، ގޮނޑުދޮށަކަށް ވައިރޯޅިއެއްގެ އިޙްސާސް ކޮށްލުމަށްޓަކައި އަޅުގަނޑުމެންނަށް ނުދެވޭ ހަމަ އެންމެ ދުވަހެއްވެސް ނެތް. އެއީ، ދިވެހިން. ދިވެހިންނަކީ ޖަޒީރާވަންތަ ބައެއް. ދިވެހިންނަށް މޫދާ ނުލައި، މަގޫގަސްތަކާ ނުލައި، މިކަހަލަ ނަލަ ރުއްތަކާ ނުލައި، ދޮންވެލި ބިމުގައި ހުސްފައި ޖައްސައިނުލައި ދިވެހިންނަކަށް ނުވާނެ.

އެހެންވީމާ، ރައީސްގެ އެންމެ ފުރަތަމަ ދުވަހުވެސް ވަޢުދަކަށް ވެގެންދިޔައީ، ގެއްލިގެންދިޔަ، ކުރީގެ ސަރުކާރަކުން ދިވެހިންގެ އަތުން ނަގައިފައިވާ ކުޑަބަނޑޮހުގެ ބަދަލުގައި، ޒަމާނީ، އެއަށްވުރެ ދެން ބޮޑުކޮށް އެއް ސިފައެއްގައި މި ރަށް ތަރައްޤީ ކުރަން. އާދެ، ދަތުރުވެރިންނަށް، ކުޑަކުދިންނަށް، އުމުރުން ދުވަސްވީ ފަރާތްތަކަށް، އަންހެން ބޭފުޅުންނަށް އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެންމެ ފުރިހަމައަށް، އެންމެ ހިތްގައިމުކޮށް، އެންމެ އުފާވާނެ، އެންމެ ހިތްހަމަޖެހޭނެ ގޮތަށް، މި ކަންތައްތައް ރައީސްގެ އިރުޝާދާ އެކީގައި، ރައީސް ވިދާޅުވި ގޮތަށް ކުރުމަށްޓަކައި، އަޅުގަނޑު ކުރީގައި މި ދެންނެވި 6 އެސް.އޯ.އީ.ގެ ފަރާތުން އެ އެސް.އޯ.އީ.ތަކުގެ އެމް.ޑީ.ން، ޓީމުތައް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި.

އާދެ، އަޅުގަނޑުމެން މަސައްކަތުގެ ވަކި ހިސާބަކުން ދަންނަވާލިން މަސީއަށް. މި ރަށުގައި ބޭނުންވާ ކަމެއްގެ ވާހަކަ މަސީގެ ރައީސް މުޙައްމަދު ޢަލީ ޖަނާޙަށް ދަންނަވާލުމުން، މަސީގެ ޓީމުން ހަމަ އެ ދުވަހުން ދުވަހަށް، 24 ގަޑިއިރުގެ ތެރޭގައި ސިޓީއެއް ލިބުނީ، އަޅުގަނޑުމެން އެދުނު ގޮތަށް އެ ކަންތައްތައް ހަމަޖެއްސެވި ކަމަށް ވިދާޅުވެ.

އާދެ، ރައީސް، އަޅުގަނޑަށް ފެނިގެން ދިޔައީ، ވަރަށް ބޮޑަށް ގުޅިގެން ކުރެވުނު މަސައްކަތެއް. މި ހުރިހާ ކަމެއް ފުރަތަމަ ދުވަހުން ފެށިގެން، ނިމުމާ ހަމައަށް ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމްގެ ބައިވެރިވެވަޑައިގަތުމާއި، އިރުޝާދާއި މިކަމުގައި ވަރަށް ގިނަ އެޑްވައިޒްތަކެއް ދެއްވައި، ވަރަށް ކައިރިން މިކަހަލަ ރަށެއްގައި ކަންތައްތައް ހުންނަންޖެހޭނޭ ގޮތްތަކުގެ އިރުޝާދު އަޅުގަނޑުމެންނަށް ދެއްވި. މިނިސްޓަރ އަސްލަމްގެ ތަޖުރިބާ އަޅުގަނޑުމެން ހުރިހާ އެންމެންނަށް ޚާއްޞަކޮށް، އެސް.އޯ.އީ.ތަކަށް ލިބިގެންދިޔަ. އަޅުގަނޑު ހަމަ ފުރަތަމަވެސް މިނިސްޓަރ އަސްލަމަށް އަދި އަޅުގަނޑު މި ދެންނެވި ހުރިހާ އެމް.ޑީ.ންނަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރަން.

ރައީސް، އަޅުގަނޑުމެން މި ޑިޒައިން ކުރިއިރު، މަސައްކަތްތައް ކުރިއަށް ގެންދިޔައިރު ބެލީ، ރައީސް ވިދާޅުވިގޮތަށް، މި ރަށަށް ވަޑައިގަންނަވާ އެކި އުމުރުފުރާތަކުގެ ބޭފުޅުންނަށް، ޚާއްޞަކޮށް، ކުޑަކުދިންނަށް އަދި އަޅުގަނޑުމެންގެ މިއަދުގެ ސަރުކާރުގެ ސިޔާސަތު، އެކުގައި އިންކްލޫސިވް ކޮށް އުޅުމުގެ މައްޗަށް. އެއްވެސް މީހަކު ބާކީނުކޮށް. ދިވެހިރާއްޖޭގައި ހިމެނޭ ކޮންމެ ދިވެހިރައްޔިތަކީ އެއީ، ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ގޮތުގައި އެންމެ މުހިންމު މީހާ. އެހެންވީމާ، ދިވެހިންގެ ތެރެއިން ޙާލަތު ހުންނަ ގޮތުން، އެމީހަކަށް އަޅުގަނޑުމެންގެ ތެރެއިން ލިބެންޖެހޭ ކޮންމެ ޚިދުމަތެއް ބަރާބަރަށް ފޯރުކޮށްދިނުމަށްޓަކައި.

އާދެ، އަޅުގަނޑުމެން މިއަދު ޔަޤީންކަން އަރުވަން ބޭނުންވަނީ، މި ރަށް ޑިޒައިން ކުރެވިފައި މިވަނީ އިރާދަކުރެއްވިއްޔާ، ޒަމާނީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި. ޢާއިލާތަކަށް ހިތްހަމަޖެހިގެން، ރައްޓެހިންނާ އެކީގައި ވަގުތު ހޭދުކުރެވޭ ގޮތަށް.

އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ދިވެހިން ވެގެންދިޔައީ ޒަމާނުއްސުރެ ފެށިގެން ވަރަށް އެކުވެރި ބަޔަކަށް. ގުޅުން ވަރުގަދަ ބަޔަކަށް. މިއަދުގެ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާވެސް ކޮންމެ ދުވަހަކު، ކޮންމެ ސްޕީޗެއްގައި، ކޮންމެ ބައިވެރިވެވަޑައިގަތުމެއްގައި އެދިވަޑައިގަންނަވަނީ، ވިދާޅުވަނީ އެކުވެރިކަމުގެ ގުޅުން ދެމެހެއްޓުމަށް. އެކަން ދަމަހައްޓާށޭ. ޤައުމެއްގެ ކުރިއެރުން، ހަމަޖެހުން، އުފާވެރިކަން، މޫނުމައްޗަށް ހިނިތުންވުން، ކުރިއެރުން އަމިއްލަ މީހާއާއި މުޅި މުޖުތަމަޢަށް މި އަންނަނީ، އެކުގައި ކުރެވޭ މަސައްކަތަކުންނޭ. ގުޅުން ވަރުގަދަވިވަރަކަށޭ. އެކުވެރިކަމަކީ ގަދަފަދަ ބާރެކޭ. އެކުވެރިކަމާއެކު ކުރެވޭ ކޮންމެ ކަމަކީ ކާމިޔާބީއާ ހަމައަށް ދެވޭނެ ކަމެކޭ.

މި ރަށުގެ ޑިޒައިންތައް ކޮށްފައި މިހުރީ އެ މާޙައުލު، އަޅުގަނޑުމެންގެ ދިވެހިންނަށް، މި ރަށަށް ޒިޔާރަތް ކުރާ ހުރިހާ ބޭފުޅުންނަށް ލިބޭގޮތަށް. އަޅުގަނޑުމެން ޔަޤީން ކުރަނީ، މިއީ އައު މައިދާނެއްގެ ގޮތުގައި ރައްޔިތުންނަށް ލިބިގެންދާނެ ތަނެއް. މިގޮތަށް ބައްދަލުވެ، ދުވަސްވީ ރައްޓެހިންނާއެކު ވާހަކަދައްކައިލާ މަޖާ ވަގުތުކޮޅެއް ތުނޑިމަތީގައި، ބީޗްމަތީގައި، ރުއްދަށުގައި، މަގޫގަސް ކައިރީގައި ތިބެލައިގެން، ޢާއިލާއާ އެކުގައި ހޭދަކޮށްލުމަކީ މިއީ ވަރަށް ތަފާތު އިޙްސާސްތަކެއް، ތަފާތު ތަޖުރިބާތަކެއް ލިބޭ ކަމެއް. އަހަރުތަކަކަށްފަހު، ދިހަވަރަކަށް އަހަރު ފަހުން މުޅިން އެހެން ލެވެލްއެއްގައި އިރާދަކުރެއްވިއްޔާ، މިކަން ހަމަޖެހިގެން މިދިޔައީ.

އާދެ. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑުވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ކޮންމެ މަސައްކަތެއްގައިވެސް، އަޅާ ކޮންމެ ފިޔަވަޅެއްގައިވެސް، އަޅުގަނޑުމެން ވިސްނަންޖެހެނީ، މުޖުތަމަޢުގެ ތެރޭގައި އޮންނަން ޖެހޭނެ އުސޫލުތަކާއި، ޚާއްޞަކޮށް، އަޅުގަނޑުމެންގެ ކުޑަކުދިންނާއި، އަންހެން ބޭފުޅުންނާއި، މުޖުތަމަޢުގެ ތެރޭގައި ޚާއްޞަ ރައްކާތެރިކަމާއި އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް އަޅުގަނޑުމެން ހޯދައިދީ، އެ ކަންތައްތައް އަޅުގަނޑުމެން ކަށަވަރުކޮށްދިނުމަށް.

މިގޮތަށް މި ރަށް ތައްޔާރުކޮށްފައި އިރާދަކުރެއްވިއްޔާ، ރައީސް އެ ވިދާޅުވި ގޮތަށް، ކުރިއަށް އޮތް ތާނގައިވެސް ގެންނަންޖެހޭ އިމްޕްރޫވްމަންޓް އަޅުގަނޑުމެން މި ރަށަށް ގެންނާނަން. މިހިސާބަށް ގެނައުމުގައިވެސް ވަރަށް ގިނަ ބައެއްގެ ލަފަޔާއި މަޝްވަރާ، އާންމު ދިވެހިރައްޔިތުންގެ ވަރަށް ގިނަ ޚިޔާލު އަޅުގަނޑުމެން މިކަމުގައި ހޯދިން. ވަރަށް ގިނަ ބަޔަކު، ވަރަށް ގިނަ މީޓިންގތަކެއް ބާއްވައި، ވަރަށް ގިނަ ބަޔަކު، އަޅުގަނޑުމެން މި ރަށަށް ގެނައިން. ކިހިނެއްތޯ ފެންނަނީ، އެންމެ ރަނގަޅު ގޮތަކީވެސް ކޮބައިތޯ؟ އެ ހުރިހާ މަރުޙަލާތަކެއް އަޅުގަނޑުމެން ކަޑައްތު ކުރިން.

އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ، ހުރިހާ އެންމެންގެ ރަށެއްގެ ގޮތުގައި، މުޅި ދިވެހިންގެ ރަށެއްގެ ގޮތުގައި، ކުޑަކުދިންގެ ރަށެއްގެ ގޮތުގައި، އަންހެން ބޭފުޅުންގެ ރަށެއްގެ ގޮތުގައި، އުމުރުން ދުވަސްވީ ބޭފުޅުންގެ ރަށެއްގެ ގޮތުގައި، ޢާއިލާއާއެކު އެންމެ އުފާވެރި ވަގުތުކޮޅު ހޭދަކޮށްލެވޭނެފަދަ ގޮތަކަށް މި ރަށް ބޭއްވުން. ރަށުގެ ސާފުތާހިރު ކަމަށް ޚާއްޞަ ސަމާލުކަމެއް އަބަދުވެސް ދިނުން. ޚާއްޞަކޮށް، ވެމްކޯއިން ވަރަށް ރަނގަޅަށް އިންތިޒާމުތަކެއް ކުރެވިފައި ވެއްޖެ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ވަރަށް ކަންބޮޑުވުން ހުރި، އިޖުތިމާޢީ ކަންތައްތައް އަދި ތިމާވެށީގެ އެކިއެކި ސަބަބުތަކާ ހެދި މި އަންނަ ބަދަލުތަކަށް.

އެހެންވީމާ، ނިންމާލަމުން އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ، ރަށުގެ ސާފުތާހިރު ކަމަށާއި އަދި ރަށުގައި އެންމެންގެ ލާބަޔާއި މަންފާއަށްޓަކައި ހެދިފައިވާ އުސޫލުތައް، ޚާއްޞަކޮށް ސްމޯކިންގ. އަޅުގަނޑުމެންނަށް ރަނގަޅީ ނުބުއްޔާ. ހަމަ އެއްވެސް މީހަކު ސިނގިރޭޓެއް ނުބުއްޔާ ރަނގަޅީ. އެއީ ޞިއްޙަތަށް އެންމެ ރަނގަޅު ގޮތް. އަދި ވަގުތުވެސް ބޭކާރު ނުވާނެ ގޮތް. އެހެން މީހުންނަށްވެސް އަދި ޚާއްޞަކޮށް، ކުޑަކުދިންނާއި މާބަނޑު އަންހެނުންނަށް އުނދަގޫ ނުވާނެވެސް ގޮތް. އަޅުގަނޑު ނުބޮން. އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ނުބޯނަން. އެދުމަކީ އެ ކަންތައްތައް ނުކުރުން.

އެހެންނަމަވެސް، ވަރަށް ގިނަ ބައެއްގެ މަޝްވަރާވެސް އޭގައި ހިމެނޭ ގޮތަށް، އަޅުގަނޑުމެން ކޮންމެވެސްވަރެއްގެ ޖާގައެއް، ރައީސް އެ ވިދާޅުވި ގޮތަށް އެހެރީ ދީފައި. ދެން ރަނގަޅީ އެ ދެ ތަނުގައިވެސް ނުބުއްޔާ. ސިނގިރޭޓް ނުބުއްޔާ ރަނގަޅީ. އޭރުން އަޅުގަނޑުމެން މިއަދު އެއްވެސް މީހަކު މި ރަށުގައި ސިނގިރޭޓް ނުބޮއިފި ކަމަށްވަންޏާ، ވަރަށް ރަނގަޅު. އޭރުން އަޅުގަނޑަށް ހީވަނީ، މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު ޢާޠިފް ވަޑައިގެންފައި، އެތަން ބަދަލުކޮށްލައްވާނެހެން، އެ ދެ ހަޓުވެސް އެހެން ކަމަކަށް.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން އަދިވެސް އެއްފަހަރު ޚާއްޞަކޮށް، 6 އެސް.އޯ.އީ.ން، އަޅުގަނޑުމެންގެ ސަރުކާރުގެ 6 އެސް.އޯ.އީ.ން އެ ކުރެއްވި ހުރިހާ މަސައްކަތްތައް، މެނޭޖިންގ ޑައިރެކްޓަރުން އެ ކުރެއްވި ބުރަ މަސައްކަތްތައް، އެ ކުންފުނިތަކުގެ ޓީމުތަކުން ކުރެއްވި ބުރަ މަސައްކަތްތައް ފާހަގަކޮށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ދުވަހަކުވެސް އަދި ޝުކުރު އަދާނުކުރާހާ ފުންމިނުން، އަޅުގަނޑު، އެ ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ދެން އަޅުގަނޑު ލިސްޓް ކިޔަން ވެއްޖިއްޔާ ތަންކޮޅެއް ދިގުވާނެ. އެއީ، ވަރަށް ގިނަ ބަޔަކު އެކިއެކި އެހީތެރިކަން މިކަމަށް ދެއްވި. އެހެންވީމާ، ލިސްޓް ކިޔައިފިއްޔާ، އަޅުގަނޑު ސަލާމަތް ނުވާނެ މިއަދު. ދެން އެ ލިސްޓް އަޅުގަނޑުމެން ކިޔާނަން ފަހުން. އެހެންނަމަވެސް، ސްޓޭޖުން ފޭބުމުގެ ކުރިން، ޚާއްޞަކޮށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. މި ރަށް ފެހިކުރުމަށްޓަކައި ވަރަށް ގިނަ ބަޔަކު، ވަރަށް ގިނަ ކުންފުނިތައް، ސަރުކާރުގެ ކުންފުނިތައް، އަމިއްލަ ކުންފުނިތައް، އަމިއްލަ ފަރުދުން، ރީތި މާއަޅާ ގަސްތަކާއި، ދިވެހި ރުއްތަކާއި އަދި މަގޫގަސްތަކާ، މިކަހަލަ ގިނަ ގަސްތަކެއް އަޅުގަނޑުމެންނަށް ހަދިޔާ ކުރެއްވިކަން އަދި އެކަމުގައި ޢަމަލީގޮތުން ބައިވެރިވިކަން.

ދެން މި ރަށް ޙަޤީޤަތުގައި ހުޅުވުމުގެ ކަންތައްތައް އަޅުގަނޑުމެން ލަފާކުރިވަރަށްވުރެ، ޕްލޭން ކުރިވަރަށްވުރެ ތަންކޮޅެއް ލަސްވީވެސް ހަމަ ހިޔާ އިތުރުކުރުމުގެ ބޭނުމުގައި. އެނގިވަޑައިގަންނަވާނެ، ގަހަކީ ހަމަ އެއްދުވަހު ޖަހާލީމާ ބޮޑުވާ އެއްޗެއްވެސް ނޫން. ގަހެއް ބޮޑުވާން ވަގުތުކޮޅެއްވެސް ނަގާ. ދެން އެހެންނަމަވެސް، މިއަދު އިރާދަކުރެއްވީތީ، ކޮންމެވެސްވަރެއްގެ ހިޔާ އެބަ ލިބޭ. އެކަމަކު ގަސް އިންދުމުގެ ޕުރޮގުރާމަކީ އެއީ ހުއްޓޭނެ ކަމެއް ނޫން.

މިއަދު އަޅުގަނޑު ހަމަ މިތަނަށް ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންނަށް ދަންނަވާލަން. ކޮންމެ ބޭފުޅަކަށްވެސް، ކޮންމެ ބަޔަކަށްވެސް ހުޅުވައިލެވިފައި އޮތީ، ކުޑަގިރި ޕިކްނިކް އައިލެންޑްގައި ގަސް އިންދުމުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް. އެހެންވީމާ، ހުރިހާ ބޭފުޅުންވެސް ގިނައިން ގަސް ދެއްވަންވީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އެއް އަހަރު ފަހުން ފެނިގެންދާނީ، މާބޮޑު ހިޔާތަކެއް ލިބޭ ކުޑަގިރި ޕިކްނިކް އައިލެންޑެއް.

އާދެ، އަޅުގަނޑުގެ އުންމީދަކީ، ޚާއްޞަކޮށް އަޅުގަނޑުމެންގެ ދިވެހިން ހަފްތާ ބަންދުގައްޔާއި، އަދި ބަންދު ދުވަސްތަކުގައްޔާއި، އަދި ހުރިހާ ދުވަހެއްގައިވެސް މި ރަށަށް ޢާއިލާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވަން ވަޑައިގަންނަވާ ބޭފުޅުންނަށް އުފާވެރިކަން، ހިތްހަމަޖެހުން، ހިނިތުންވުން ލިބިގެން ދިޔުން.

އަޅުގަނޑުގެ ދުޢާއަކީ، އެކުވެރިކަމާއެކު ވަރުގަދަ ގުޅުމެއްގައި އެކުގައި ޤައުމީ ތަރައްޤީއާއި، ޤައުމުގެ ކަންތައް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ކުރުމުގައި، އަޅުގަނޑުމެންނަށް اللهُ سُبْحَانَهُ وَتَعَالَى ތައުފީޤު ދެއްވައި، އެކުވެރި ރަނގަޅު ބައެއްގެ ގޮތުގައި ތާއަބަދަށް ދިވެހިރައްޔިތުން ލެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.