بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މަރްޙޫމް ޢުމަރު ޒާހިރުގެ ޢާއިލާގެ ބޭފުޅުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މި އޮފީސް އިމާރާތް ހުޅުވިގެން މިދަނީ، މިފަދަ އިމާރާތެއްގެ ބޭނުންތެރިކަން ވަރަށް ބޮޑަށް ޖެހިފައިވާ ދުވަސްވަރެއްގައި. ސަރުކާރުގެ އޮފީސްތައް ހިންގާނެ އިމާރާތުގެ ދަތިކަން މިހާރު މިއޮތީ ވަރަށް ބޮޑުވެފައި. މީގެ ކުރިން ސަރުކާރުގެ ބައެއް އޮފީސްތައް ހިންގަމުން އައި ދެ އިމާރާތުގެ ތެރެއިން ހުރަވީ ބިލްޑިންގ ބައުވެ، ބޭނުންނުކުރެވޭވަރު ވުމުން، މިހާރުވާނީ ތަޅާލައިފައި. އަދި ޣާޒީ ބިލްޑިންގ ވެސް އެހުރީ ވަރަށް ބޮޑަށް ބައުވެ، ބޭނުންނުކުރެވޭވަރު ވެފައި.

އެކަމުގެ ސަބަބުން، ސަރުކާރުގެ ގިނަ އޮފީސްތަކެއް މިހާރުވެސް ހިންގަމުން އަންނަނީ ކުލީ އިމާރާތްތަކުގައި. އެކަމަށް ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކުރަން މިއަދު ވަނީ ޖެހިފައި. ސަރުކާރުގެ އޮފީސް އިމާރާތެއް، އެންމެފަހުން ބިނާކުރެވިފައި ވަނީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި 2006 ވަނަ އަހަރު. އޭގެފަހުން، ސަރުކާރުގެ ޚިދުމަތްތައް ފުޅާވެ، ކުރަންޖެހޭ މަސައްކަތްތައް ގިނަވެގެންދިޔައިރުވެސް ސަރުކާރުގެ އޮފީސްތައް ހިންގާނެ އިމާރާތެއް، ސަރުކާރުން މިއަދާ ހިސާބަށް އައިއިރުވެސް ހޯދިފައެއް ނެތް. އޭގެ ސަބަބުން މި ދެންނެވިހެން، ދައުލަތުގެ ބަޖެޓުން ކުއްޔަށް ކުރަން ޖެހިފައި އޮތް ހޭދަ ވަނީ އިންތިހާއަށް ބޮޑުވެފައި. އަދި މިހާރުވެސް އެކަމަށް ކުރަންޖެހޭ ޚަރަދު ދަނީ ބޮޑުވަމުން. އެހެންކަމުން، މި އިމާރާތުގެ އެންމެބޮޑު ބޭނުމަކީ، މި ދެންނެވި ދަތިކަމަށް ޙައްލެއް ހޯދުން. އަޅުގަނޑަށް އެނގޭ، އަދިވެސް އިތުރަށް ސަރުކާރުގެ އޮފީސްތައް ހިންގުމަށްޓަކައި އިމާރާތް ބޭނުންވާކަން. އަޅުގަނޑުމެންގެ ޕްލޭންގައި އިރާދަކުރެއްވިއްޔާ އަދިވެސް އެބައޮތް، ސަރުކާރުގެ އޮފީސްތައް ހިންގުމަށްޓަކައި އިތުރު އިމާރާތެއް ބިނާކުރުމުގެ ޕްލޭން.

މި އިމާރާތުގައި ސަރުކާރުގެ ބޮޑު ތިން މިނިސްޓްރީއެއް ހިންގުމަށް ވަނީ ހަމަޖެހިފައި. އެއީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ. މި އިމާރާތަށް އެ ތިން މިނިސްޓްރީ ބަދަލުވުމުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ، ކުލީ އިމާރާތްތަކުގައި ސަރުކާރުގެ އޮފީސްތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ޚަރަދުތަކުން ބޮޑު ބައެއް ސަލާމަތްވުން.

މި އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު، ހިތްހަމަޖެހިގެން މަސައްކަތް ކުރެވޭ ފަދަ މާޙައުލަކާ އެކު ބިނާކޮށްފައިވާ އިމާރާތެއް. ކޮންމެ ފްލޯރއެއްގައި ހިންގާނީ އެއް މިނިސްޓްރީ. ކުރިއަށްވުރެ ޖާގަ ތަނަވަސްވާނެ. އަދި މާޙައުލުވެސް ހިތްފަސޭހަވާނެ. އަޅުގަނޑު ހިތުން މުވައްޒަފުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވާނީ، މާލޭގެ ހަލަބޮލިކަމުން ނެއްޓި، ހިތްފަސޭހަ މާޙައުލެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދިޔުން. ހުޅުމާލެ މިހާރު މިއޮތީ އެއްގަމުން މާލެއާ ގުޅައިލެވިފައި. ރަށެކޭ ކިޔަސް ނުވަތަ އަވަށެކޭ ކިޔަސް، ޙަޤީޤަތުގައި މިއީ މާލެއާ މުޅިން ވަކިން އޮތް ތަނެއް. ވެރިރަށް ފުރަމާލެއިން ބޭރުގައި ހުޅުމާލޭގައި ސަރުކާރުގެ އޮފީސް އިމާރާތެއް ބިނާކޮށް، އެ އިމާރާތުގައި ސަރުކާރުގެ މިނިސްޓްރީތަކެއް ހިންގަން ފެށުމަކީ އާދެ، ރާއްޖޭގެ ތާރީޚުގައިވެސް މުޅިން އަލަށް ފެށޭ ކަމެއް.

މި ހިތްގައިމު އޮފީސް އިމާރާތުގެ ނަން ނިސްބަތްވަނީ، ރާއްޖޭގެ މި ފަހުގެ ތާރީޚު ދުށް ވަރަށް އިޚްލާޞްތެރި، ޤައުމީ ޚިދުމަތްތެރިއެއްގެ ނަންފުޅަށް. އާދެ، އަލްމަރްޙޫމް ޢުމަރު ޒާހިރު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާގެ ނަންފުޅަށް ނިސްބަތްކޮށް، ސަރުކާރުގެ އޮފީސް އިމާރާތެއް ހުޅުވޭކަމީ، އެ މަނިކުފާނުގެ ޤައުމީ ޚިދުމަތުގެ ކުލަގަދަކަން ރަމްޒުކޮށްދޭ ކަމެއް.

މި އިމާރާތް ބިނާކޮށްފައި ހުރި މި ބިމަކީ ވެސް، އާދެ، ހުޅުމާލެއަކީ ވެސް އެ މަނިކުފާނުގެ ވަރަށް ރޭވުންތެރި މަސައްކަތްތަކަކާއެކު ވުޖޫދުވެގެން އައި ރަށެއް. ހުޅުލޭގެ އުތުރު ފަޅުތެރެއަށް އޮއްސައިލި ފުރަތަމަ ވެލިމުށާއެކު، މި ރަށް ހިއްކައި، ނިންމައި، އިމާރާތްކޮށް، މީހުން ދިރިއުޅޭ ފެންވަރަށް ތަރައްޤީ ކުރުމުގައިވެސް އެ މަނިކުފާނުގެ ޙިއްޞާ ވަރަށް ބޮޑު.

އެ މަނިކުފާނު ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ކާތިބެއްގެ ވަޒީފާއިން. އެ މަނިކުފާނުގެ ޤައުމީ ޚިދުމަތުގެ ދަތުރު 49 އަހަރަށް ފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ މިނިސްޓަރު ކަމުގެ މަޤާމާއެކު ނިންމަވައިލެއްވީ، ވަރަށް ހިތްޕުޅުހަމަޖެހިވަޑައިގެން ހުންނަވައި.

އެއީ، ޤައުމަށް ޚިދުމަތްތަކެއް ކޮށްދެއްވުނު ކަމުގެ ހިތްހަމަޖެހުން. ޤައުމު ބަލައިގަންނާނެ މަސައްކަތްތަކެއް ކޮށްދެއްވުނު ކަމުގެ ހިތްހަމަޖެހުން. ނަތީޖާ ނެރެދެއްވުނު ކަމުގެ ހިތްހަމަޖެހުން. އެ މަނިކުފާނުގެ ޙަޔާތްޕުޅުގެ ދެބައިކުޅަ އެއްބަޔަށްވުރެ ދިގު މުއްދަތެއްގެ ޤައުމީ ޚިދުމަތް ބަލައިގެންފި ކަމުގެ އެއް ހެއްކަކީ، މި އިމާރާތް އެ މަނިކުފާނުގެ ނަންފުޅަށް ޚާއްޞަވެގެން ދިއުން.

މިއަދު އެ މަނިކުފާނު އަޅުގަނޑުމެންނާ އެކުގައެއް ނެތް. އެހެން ނަމަވެސް، މިއަދު މި އާކުރެވެނީ އެ މަނިކުފާނުގެ ޒިކުރާ. މިއަދު އަގު ވަޒަންކުރެވިގެން މިދަނީ އެ މަނިކުފާނު ކޮށްދެއްވި އަގުހުރި ޚިދުމަތްތައް. އެ މަނިކުފާނުގެ ޚިދުމަތުގެ މުއްދަތުން އަޅުގަނޑުމެންނަށް ވަރަށް ރީތި ނަމޫނާތަކެއް ފެންނަން އެބަހުރި.

އެ މަނިކުފާނުގެ ޤައުމީ ޚިދުމަތުގެ މާގިނަ ތަފްޞީލުތަކަކަށް އަޅުގަނޑު ނުދާނަން. ދެންމެ ފެނުނު ވީޑިއޯ ރިޕޯޓުގައި، އެ މަނިކުފާނުގެ ޤައުމީ ޚިދުމަތުގެ ތާރީޚު ވަރަށް ސާފުކޮށް ކިޔައިދީފި. އެ ރިޕޯޓަށް ބަލާއިރު، ޤައުމީ ތަރައްޤީގެ ދާއިރާއިން އެ މަނިކުފާނުގެ ޚިދުމަތް މި ޤައުމަށް ނުލިބޭ އެންމެ ދާއިރާއެއްވެސް ނެތް. ޤައުމީ ތަރައްޤީއަށްޓަކައި އެ ވަގުތަކު ހިންގި ކޮންމެ ބޮޑު މަޝްރޫޢެއްގައި، އެ މަނިކުފާނު ވަނީ ވަރަށް ބުރަ އަދި އެހާމެ މުހިންމު މަސައްކަތްތަކެއް ކުރައްވާފައި.

އެފަދަ ޚިދުމަތްތެރި ބޭފުޅެއްގެ ނަންފުޅުން ދައުލަތުގެ އިމާރާތަކަށް ނަން ދިނުމުގައި ވަރަށް މުހިންމު މަޤްޞަދުތަކެއް ހުންނާނެ. އެއީ، އެފަދަ ބޭފުޅުން ޤައުމަށްޓަކައި ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރުން. އަދި އެފަދަ ބޭފުޅުންގެ ހަނދާންތައް ދަމަހައްޓައި، އެ ބޭފުޅުންގެ ޤައުމީ ޚިދުމަތުން ފަހުގެ ޖީލުތައް ޢިބްރަތް ޙާޞިލްކުރުން.

މަރްޙޫމް ޢުމަރު ޒާހިރުގެ ޤައުމީ ޚިދުމަތުން އަޅުގަނޑުމެން ލިބިގަންނަންޖެހޭ އެންމެ ފުރަތަމަ ފިލާވަޅަކީ، ޤައުމަށްޓަކައި އިޚްލާޞްތެރިވުމާއި ތެދުވެރިވުން. އެ މަނިކުފާނުގެ ޤައުމީ ޚިދުމަތުން އަޅުގަނޑުމެންނަށް ފެންނަނީ، ވަޒީފާތަކެއް އަދާކުރުމުގެ ނުވަތަ މަޤާމުތަކެއް ފުރުއްވުމުގެ ގޮތުގައެއް ނޫން. އެއަށްވުރެ ބޮޑަށް އެ މަނިކުފާނު ފާހަގަކުރެވެނީ، ހަވާލުވެވަޑައިގަންނަވާ ކޮންމެ މަސައްކަތެއް ވެސް، އަމިއްލަ ކަމެއްގެ ގޮތުގައި ދެކިވަޑައިގެން، ވީއެންމެ ފުރިހަމައަކަށް އަދި އެންމެ ރަނގަޅަކަށް ޤައުމީ ރޫޙުގައި ކުރެއްވި ބޭފުޅެއްގެ ގޮތުގައި.

އެ މަނިކުފާނުގެ ޤައުމީ ޚިދުމަތުގެ ކާމިޔާބީގެ ފަހަތުގައި ވަރަށް ޚާއްޞަ ތިން ސަބަބެއް އޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެންމެ ފުރަތަމަ ކަމަކީ، އަނެކުންނަށް އިޙްތިރާމް ކުރެއްވުމުގެ ރީތި ސިފަ. ދެވަނަ ކަމަކީ، ގަޑިއަށް ފަރުވާތެރިވުމާއި، މަސައްކަތަށް ފަރުވާތެރިވުން. އަދި ތިންވަނަ ކަމަކީ، ވަޒީފާގެ އަޚްލާޤަށް އެމަނިކުފާނު ދެއްވި ސަމާލުކަން. ވެރިންގެ ހިތްތަކުގައި އެމަނިކުފާނާ މެދު އިތުބާރާއި ޔަޤީންކަން އުފެދުނު މައިގަނޑު ސަބަބުތަކަކީ މިއީ ކަމުގައި އަޅުގަނޑު ޤަބޫލުކުރަން. އަޅުގަނޑު ދެކޭގޮތުގައި، މިއީ ދައުލަތުގެ ކޮންމެ ވަޒީފާއެއް އަދާކުރިޔަސް، ހަމަ ކޮންމެ މީހެއްގެ ކިބައިގައި ހަރުލަންޖެހޭ ނަމޫނާ ސިފަތަކެއް.

އެފަދަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ކަމަށްޓަކައި، އެ މަނިކުފާނަށް އަޅުގަނޑުމެން މިއަދުވެސް ޝުކުރު ދަންނަވަން. އަދި އެމަނިކުފާނުގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. އަދި އެ މަނިކުފާނުގެ ލޮބުވެތި ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދި ދުޢާ ކުރަން.

މިހާ ހިތްގައިމު، މިހާ ފުރިހަމަ އޮފީސް އިމާރާތެއް ބިނާކުރުމުގެ މަސައްކަތް ކޮށްދެއްވުމުގައި، ޕްލޭނިންގ މިނިސްޓްރީން ކުރެއްވި މަސައްކަތް އަޅުގަނޑު ފާހަގަކުރަން. ޑިޒައިނިންގ ސްޓޭޖުގަޔާއި، މަސައްކަތް ކުރެވެމުންދިޔައިރުގައި، މިކަން ވަރަށްގާތުން ބައްލަވަމުން ގެންދެވި ކަމަށްޓަކައި ޕްލޭނިންގ މިނިސްޓަރަށާއި، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނަށް، ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު އަދާކުރަން. އަދި މިފަދަ ފުރިހަމަ އިމާރާތެއް ބިނާކުރުމުގައި، ޗައިނާގެ ހުނާން އިންޖިނިއަރިންގ ކޯޕަރޭޝަނަށް، ކުރެއްވި މަސައްކަތަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.