بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، އާރކްގެ ފައުންޑަރ ޒެނީޝާ އިބްރާހީމް ޝަހީދު ޒަކީ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު، ސްކޫލްތަކުގެ ޕްރިންސިޕަލުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސްވެރިން، ސްކޫލްތަކުގެ މުދައްރިސުން އަދި އަޅުގަނޑުމެންގެ ލޮބުވެތި ދަރިވަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑު ދެން އިތުރު ވާހަކައެއް ނުދެއްކިޔަސް އަޅުގަނޑަށް ހީވަނީ، މި ޙަފްލާ ފެށުމަށްޓަކައި އަޅުގަނޑުމެންނަށް އިވިގެންދިޔަ، ޤުރްއާނުގެ މޫރިތި އާޔަތްތަކުން އަޅުގަނޑުމެން ކޮންމެ މާޙައުލެއްގައިވެސް، ކޮންމެ ތަނެއްގައިވެސް، އުޅެންވާގޮތް ވަރަށް ރަނގަޅަށް، ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވައި، އަޅުގަނޑުމެންނަށް އެވަނީ އަންގަވާފައި. ޙަޤީޤަތުގައި މިފަދަ ކަމެއް ހިންގުމަކީ އަޅުގަނޑު ދަންނަވާނީ ވަރަށް މުހިންމު ކަމެކޭ. އަދި ވަކިން ޚާއްޞަކޮށް، މިނިސްޓަރ ވިދާޅުވިގޮތަށް، ސްކޫލްތަކުގެ އިސް ދަރިވަރުން މިކަމުގައި އިސްނަންގަވައިގެން، މި ކަންތައްތައް ކުރެއްވުމުން ހަމަގައިމުވެސް އަޅުގަނޑުގެ އުންމީދު ވަރަށް ބޮޑަށް އާވެއްޖެ.

އަޅުގަނޑުމެންނަށް މިކަން ކާމިޔާބުކަމާއެކީ ގެންދެވިދާނެ ކަމުގެ ޔަޤީންކަން ލިބިއްޖެ. މި ކަންތައް ކުރުމުގައި ޚާއްޞަކޮށް ''ސްމައިލް އޮން ކެމްޕެއިން'' ކުރިއަށް ގެންދިޔުމަށްޓަކައި، މުޅި މިނިސްޓްރީއާއި އަދި މިނިސްޓަރުވެސް މިކަމުގައި އެ ދެއްވި ސަމާލުކަން އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން. އަދި ހަމައެއާއެކު އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނާއެކު މިއަދު ބައިވެރިވެވަޑައިގަންނަވާ، ޒެނީޝާއަކީ ކުރީގައި މިނިސްޓަރުކަންވެސް ކުރައްވައި، އަދި އިޖުތިމާޢީ ވަރަށްގިނަ މަސައްކަތްތަކެއް އެކަމަނާ ހިމެނިވަޑައިގަންނަވާ ޖަމުޢިއްޔާއިން އަދި އަމިއްލަގޮތުންވެސް ކުރައްވާ ބޭފުޅެއް.

އަޅުގަނޑަށް ހީވަނީ މުޖުތަމަޢެއްގެ ތެރޭގައި ހުންނަ ނުރަނގަޅު ކޮންމެ ކަމެއް ރަނގަޅު މި ކުރެވެނީ، ވަރަށް ގިނަ ބައެއްގެ މަސައްކަތުންހެން. ސްކޫލް މުދައްރިސުންގެ ވަރަށްބޮޑު ޒިންމާއެއް ޙަޤީޤަތުގައިވެސް ރަނގަޅަށް ފިލާވަޅުތައް ނަގައިދިނުމާއި، ދަސްކޮށްދިނުމާ، އެ ކަންތައްތައް ކުރުމަކީ. އެއީ، ދެން ދުނިޔެމަތީގައި އަދާކުރެވޭނެ އެންމެ ބޮޑު އެއް ޒިންމާ.

އެހެންނަމަވެސް، އަޅުގަނޑުމެން ވިސްނާލަންވީ، ކާމިޔާބު މިވަނީ ކިހިނެއް ހަދައިގެންތޯ. ސްކޫލުން ކިތަންމެ ރަނގަޅަށް ކިޔަވައިދިނަސް، އަޅުގަނޑުމެންގެ ޓީޗަރުން ކިތަންމެ މޮޅުވެފައި، ކިތަންމެ ވަސީލަތްތައް ރަނގަޅުވި ނަމަވެސް، މުޅި މުޖުތަމަޢުގައި އަމިއްލަ ޖަމުޢިއްޔާތަކާއި، އަދި މުޖުތަމަޢުގައި ހިމެނޭ އެހެނިހެން ހުރިހާ ބައިވެރިންނާއި، ހުރިހާ ފަރާތްތަކުގެ ވިސްނުން މިގޮތަށް ނެތި، ނުކުރެވޭނެ މިކަމެއް.

އާދެ، އަޅުގަނޑުމެންނަށް އެނގޭ، މިފަދަ ކޮންމެ ކަމެއްގައިވެސް، ފެށުމަށް ނުވަތަ މިކަހަލަ ކަމެއް ކުރިއަށް ގެންދިޔުމަށްވެސް އެންމެ ރަނގަޅީ ޙަޤީޤަތުގައިވެސް، ތަޢުލީމީ ނިޒާމުގެ ތެރެއިން. ސްކޫލްތެރެއިން ކުރުމަކީ މިބާވަތުގެ ކަންތައްތައް ކުރުމަށް އޮތް އެންމެ ރަނގަޅު ގޮތް. އަޅުގަނޑުމެންގެ މުޅި ރާއްޖޭގައި ގާތްގަނޑަކަށް 95000 ވަރަކަށް ދަރިވަރުން ތިބިއިރު، މިއީ އަޅުގަނޑުމެން މިއަދު ވިސްނަންޖެހޭ ކަންތައްތައް. އަޅުގަނޑުމެންގެ ކަންތައްތައް އޮތްގޮތް، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ. ކޮންމެ މީހަކީވެސް އެ ވިދާޅުވިގޮތަށް، އަޅުގަނޑުމެންނަށް އަޑުއިވިގެންދިޔަގޮތަށް، މިސާލު ދައްކާ މީހަކަށްވާން އެބަޖެހޭ. ޚާއްޞަކޮށް އަޚްލާޤު. އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރުމާއި، އެކަކު އަނެކަކަށް އެހީތެރިވެދިނުމާއި، ތިމާއަކީ ވަރަށް ހެޔޮ މީހެއްކަން، ތިމާއަކީ މީހުންނަށް ރަނގަޅު މީހެއްކަން، އަބަދު އަނެކާއާ ދިމާއަށް މަލާމާތުގެ ބަސްތައް ބުނެ، އެއްޗެހި ކިޔައި، މީހަކަށް ލިބޭ ކުރިއެރުމަކުން، މީހަކަށް ލިބޭ މޮޅުކަމަކުން، މުއްސަނދި ކަމަކުން، ނުވަތަ ތަޢުލީމީ ގޮތުން މީހަކު ކުރިއަރައިދިޔުމަކީ އެއީ، އެހެން މީހަކަށް ލިބޭ އެއްވެސް ދެރައެއް ނޫންކަމާއި، މި ހުރިހާ ކަމެއް އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ. ޙަޤީޤަތަކީ މިއަދު އަޅުގަނޑުމެންގެ ސްކޫލްތަކުގައި، އަޅުގަނޑުމެންގެ މުޅި މުޖުތަމަޢުގައި، އަޅުގަނޑުމެންގެ ހުރިހާ ހިސާބެއްގައިވެސް ހުރި ކަންތައްތައް ރަނގަޅު ކުރެވޭނީ އަޅުގަނޑުމެންނަށް އެ ކަންތައްތައް ގަބޫލުކުރެވިގެންކަން.

ކަންބޮޑުވާ ދަރަޖައަކަށް، މިންވަރަކަށް، އަޅުގަނޑުމެންގެ ތެރޭގައި މިބާވަތުގެ މައްސަލަތައް، ޚާއްޞަކޮށް، ކުޑަކުދިންނާ ގުޅޭގޮތުން އެކިއެކި އަނިޔާ، ހަނގާކުރުމުގެ އެކިއެކި ކަންތައްތައް އެބަހުރި. އަޅުގަނޑުމެންގެ ތަފާސްހިސާބުތައް ބަލައިފި ކަމަށްވަންޏާ، ޖެންޑަރ މިނިސްޓްރީގެ ހަމައެކަނި އެއް ހަމަސް ދުވަހުގެ މުއްދަތަށް ރިޕޯޓް ކުރެވިފައި ހުރި މައްސަލަތަކަށް ބަލައިލިޔަސް، ސަތޭކައިން ގުނާލެވޭ އަދަދަށް މައްސަލަތައް އެބަހުރި. މިއީ، އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ ކަމެއް. اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް އެންމެބޮޑު އަމާނާތެއްގެ ގޮތުގައި ދެއްވަނީ ދަރިން. އެ ދަރިން ހެޔޮގޮތުގައި، އެންމެ ރަނގަޅު ގޮތުގައި، ބަލައި ބޮޑުކުރުމަށްވުރެ ބޮޑު މަސްއޫލިއްޔަތެއް ދީނީގޮތުންވެސް، ދުނިޔަވީގޮތުންވެސް، އަޅުގަނޑުމެންގެ އެއްވެސް މަޔަކަށް ބަފަޔަކަށް، އަދި އަޅުގަނޑުމެންގެ މުޖުތަމަޢަކަށްވެސް ނެތް.

އެހެންވީމާ، މިއަދު އަޅުގަނޑަށް ހީވަނީ، ކިތަންމެ ކެމްޕެއިނެއް އަދި ހިންގިނަމަވެސް، ހޭލުންތެރިކުރުވުމުގެ ކިތަންމެ މަސައްކަތްތަކެއް ކުރުވިނަމަވެސް، އަޅުގަނޑުމެންގެ ވިސްނުން މިގޮތަށް ބަދަލުނުކުރާ ކަމަށްވަންޏާ ކާމިޔާބެއް ނުވާނެހެން. އަޅުގަނޑުމެންނަށް ކަމެއް ކާމިޔާބު މި ކުރެވެނީ، އެކުއެކީގައި މަސައްކަތްތަކެއް ކޮށްގެން.

Things just it doesn’t happen. Good things never happen.

ކަންކަން މިވަނީ ކުރެވޭ މަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުން.

އެހެންވީމާ، މިއަދު އަޅުގަނޑު ހަމަ ތަންކޮޅެއް އުނދަގޫކޮށް މިހިރީ. މިދިޔަ ދުވަސްކޮޅުގައި އަޅުގަނޑުގެ އަޑެއްވެސް ނުނިކުމޭ. އެހެންނަމަވެސް، މިއަދު މިކަމުގެ މުހިންމުކަމުން، އަޅުގަނޑު ވަރަށް މަސައްކަތްކޮށްގެން، ކޮންމެވެސްވަރަކަށް އަޑު ނެރެވޭވަރު ކޮށްގެން މިއައީ.

އަޅުގަނޑުގެ ހަމަ ވަރަށްބޮޑު އެދުމެއް، ވަރަށްބޮޑު އިލްތިމާސެއް، މި މެސެޖް ރައްދުކޮށްދެއްވުން. މި ތަނުގައި މި ތިއްބެވި ބޭފުޅުން އެކަންޏެއް ނޫން. ޓީ.ވީ.އިން ބައްލަވާ ބޭފުޅުންނާއި، އަދި އެނޫން ގޮތްގޮތަށް އަޑުއައްސަވާ ބޭފުޅުންނާއި، އަދި މި ކެމްޕެއިންގެ ތެރެއިންވެސް، މި މެސެޖް ރައްދުކޮށްދެއްވާ އެންމެންގެ ޒިންމާއެއްގެ ގޮތުގައި މި ކަންތައް އޮތްކަން، އެކަން އަޅުގަނޑުމެން ގަބޫލުކުރުން އެއީ، އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް.

ޙަޤީޤަތަކީ ޒުވާން ޅައުމުރުގައި، ދިމާވާ ކަންތައްތަކުގެ އެ ޒަޚަމް، ތާއަބަދަށް މުޅި އުމުރަށް ދެމިހުންނަކަން. އަޅުގަނޑުވެސް މިތަން، މީގެ ހަތަރު ހަފްތާ ކުރިން އެއްކޮށް މިއޮތީ ގޮސްފައި. އެހެންނަމަވެސް، މިހާރު ނެތް. ހަމަ މުޅިން ރަނގަޅުވެއްޖެ. ބޭސްއަޅާލީމާ ރަނގަޅުވީ. އެކަމަކު މިކަހަލަ އަނިޔާތަކަކީ، އެއީ، ދުވަހަކުވެސް ރަނގަޅުވާ ކަންތައްތަކެއް ނޫން. މުޅި އުމުރަށް އޭގެ ސަބަބުން، ތަފާތު އެކި ކަންތައްތައް ދެން ޑިވެލޮޕް ވެގެންދާނީ، ކުއްޖާ ހެދިބޮޑުވެގެންދާ ދުވަސްވަރު.

އެހެންވީމާ، އަޅުގަނޑު ހަމަ ވަރަށް ބޮޑަށް އެދޭ އެދުމެއް ޚާއްޞަކޮށް، ސްކޫލް ދަރިވަރުންވެސް، ތިޔަކުދިން މި ކަންތައްތަކަށް ވިސްނާ. މިއަދުގެ ފިލާވަޅުތަކަކީ ހަމައެކަނި ފޮތުގައި ހުންނަ އެއްޗެތި ކިޔާލައި، ތިޔަކުދިން އޭ ސްޓާރ އެކަނި ލިބިގެން، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް، ނޫނީ އެނޫން ސްކޮލަރޝިޕެއްގައި ދިޔުން އެކަންޏެއްވެސް ނޫން. ރީތި އަޚްލާޤު، އެއްކުއްޖަކު އަނެއް ކުއްޖަކަށް އެހީތެރިވުން، އަޅައިލުން، އޯގާތެރިވުން، އެމްޕަތީ އަޅުގަނޑުމެންގެ ތެރޭގައި ހުންނަން އެބަޖެހޭ. ކައިންޑްނެސް ހުންނަން އެބަޖެހޭ. އެންމެންނަކީ، ކޮންމެ ކުއްޖަކީ، އެއްވަރު ކުއްޖެއް ނޫން. ވިސްނުމުގައިވެސް، ފިޒިކަލީވެސް. އަދި އެނޫން ގޮތްގޮތަށް ބަލައިލި ނަމަވެސް، އެއީ ދުނިޔޭގައި اللهُ سُبْحَانَهُ وَتَعَالَى އިންސާނުން ލައްވާފައިވާ ގޮތް. އެހެންނަމަވެސް، އަޅުގަނޑުމެން ނުޖެހޭ، ތަފާތު މީހެއްގެ ގޮތުގައި އަނެކާ ދެކޭކަށް. އަޅުގަނޑުމެންނަށް ކޮށްދެވުނު ކަމެއް، އަނެކާ ކުރިއަރައިދިޔުމަށްޓަކައިވެސް ކޮށްދޭންވީ.

ސްކޫލްގެ އިސް ދަރިވަރުން މިއަދު މިތަނުގައި ކޮންމެވެސްވަރަކަށް އެބަ ތިއްބެވި. އެހެންވީމާ، ތިޔަކުދިން މި ކަންތައްތަކުގެ ނަމޫނާ ދައްކަވާ. ތިޔަކުދިންގެ ސްކޫލްގައި ތިޔަކުދިންގެ ކޮލީގުންނަށް، ކްލާސްމޭޓުންނަށް، އަދި ކޮއްކޮމެންނާއި، ރައްޓެހިންނަށްވެސް، މިގޮތަށް ނަމޫނާ ދައްކަވައި، އެހީތެރިވެދިނުމުގެ ރޫޙެއް އުފައްދަވާ.

އަދި ހަމައެއާއެކު، ސްކޫލް ޕްރިންސިޕަލުން އެބަ ތިއްބެވި. ތިޔަބޭފުޅުންގެ ރޯލް ވަރަށް މުހިންމު. ވަރަށް މުހިންމު ރޯލެއް. ޤައުމެއް ބިނާކުރުމުގެ އެންމެ އިސް ރޯލް ޙަޤީޤަތުގައިވެސް އަދާކުރައްވާ ބޭފުޅުންނަކީ ތިޔަބޭފުޅުން. ތަޖުރިބާކާރު މޮޅު ޕްރިންސިޕަލުން، އަޅުގަނޑަށް އެބަ ފެނޭ. ތިޔަބޭފުޅުން މިއީ އަދި މާ މުހިންމު ކަމެއްކަން ގަބޫލުކުރައްވައި، މިކަމަށް ބާރުއަޅުއްވާ. އަދި އަޅުގަނޑުމެންގެ ތެރޭގައި ދެންވެސް ތިބި ހުރިހާ ފަރާތްތަކުން މިކަމުގައި މަސައްކަތްކޮށްދެއްވާ. އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުން އޮންނާނީވެސް، ހިތްހަމަޖެހުން އޮންނާނީވެސް، އަޅުގަނޑުމެންގެ ތެރޭގައި މިގޮތަށް އަޅުގަނޑުމެންނަށް ކަންތައްތައް ކުރެވިގެން. އަޅުގަނޑުމެންނަކީ ކުޑަ ޤައުމެއް. އަދި ސައްތައިންސައްތަ މުސްލިމް، ނުލާހިކު އެކުވެރިކޮށް އުޅެމުން އައި ބައެއް އަޅުގަނޑުމެންނަކީ. ހަމަގައިމުވެސް ކުޑައިރު އަޅުގަނޑުމެން އަޑުއަހަން، ވަރަށް އެކުވެރިކޮށް، އެއް ގެއިން އަނެއް ގެޔަށް އަބަދު ޒިޔާރަތް ކުރުމާއި، އަވަށްޓެރިންނަށް އޯގާތެރިވުމާއި، ކަމޭހިތުމާއި، މިއީ ވަރަށްބޮޑަށް އޮތް އެއްޗެކޭ. ދެން ތަރައްޤީއާއެކީ ކޮންމެވެސްކަހަލަ ބަދަލުތަކެއްވެސް އަންނާނެ. އަދި ސިޔާސީ އެކިއެކި ކަންތައްތަކާ ގުޅިގެންވެސް ނުބުނަންޖެހޭ ބަސްވެސް އެހެން ބުނެވޭފަހަރުވެސް އަތުވެދާނެ.

އެހެންނަމަވެސް، އެންމެ މުހިންމު ކަމަކީ އަޅުގަނޑުމެންގެ ދަރިންކަމާއި، ހަމަޖެހުންކަމާއި، ކޮންމެ ކުއްޖަކަށްވެސް ލިބެންޖެހޭ ލޯބިކަމާއި، އެއީކަން އެންމެ މުހިންމު ކަމެއް ކަމަށް ގަބޫލުކޮށް، އަޅުގަނޑުމެން މިކަމަށްޓަކައި ބާރުލުން. އެއީ، އެންމެ ސީރިއަސް ކަމެއްގެ ގޮތުގައި ބަލަންވީ. މިހާރު ބައެއް ކަންތައްތައް ވަރަށް ސީރިއަސް ކަންތައްތަކުގެ ގޮތުގައި އަޅުގަނޑުމެން ބަލާ. އެހެންވީމާ، ސީރިއަސް ކަމެއްގެ ގޮތުގައި މި ކަންތައް ކުރަމާ ހިންގަވާ.

އާދެ، އަޅުގަނޑު ހަމަ ނިންމާލުމުގެ ކުރިން، ޚާއްޞަކޮށް ސްކޫލްތަކުން މެދުކެނޑުމެއްނެތި، ގިނަގުނަ ކަންތައްތަކެއް ވޭތުވެދިޔަ އަހަރުތަކުގައި ކުރައްވާފައި ވެއްޖެ. އެކަމަށްޓަކައި ހުރިހާ ސްކޫލްތަކެއްގެ ޕްރިންސިޕަލުންނަށާއި، އަދި އެންމެހައި މުދައްރިސުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ހަމައެއާއެކު، އަމިއްލަ ޖަމުޢިއްޔާތަކުން، ރާއްޖޭގެ އިޖުތިމާޢީ ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި ކުރާ މަސައްކަތްތައް ފާހަގަކޮށް، އަމިއްލަ ޖަމުޢިއްޔާތަކަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޚާއްޞަކޮށް، މި ސަރުކާރުގެ ސިޔާސަތު، ރައީސުލްޖުމްހޫރިއްޔާ އެންމެބޮޑަށް ސަމާލުކަން ދެއްވާ ތަފާތުނުކުރުމުގެ ސިޔާސަތު ތަންފީޛު ކުރުމަށްޓަކައި، މިނިސްޓަރާއި އަދި މިނިސްޓަރުގެ ޓީމް ކުރައްވާ މަސައްކަތް ފާހަގަކޮށް، އަޅުގަނޑު މި ހުރިހާ ފަރާތްތަކަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަކީ ހިތްހަމަޖެހިގެން އުޅޭ ބައެއްގެ ގޮތުގައި اللهُ سُبْحَانَهُ وَتَعَالَى ލެއްވުން. އަދި އަޅުގަނޑުމެންގެ ދަރިންނަކީ ރައްކާތެރި މާޙައުލެއް ލިބިގެންވާ، ކުރިއަރައިގެންދާ އެކުވެރި، ތޫނުފިލި، ރަނގަޅު، ހެޔޮލަފާ ދަރިންތަކެއްގެ ގޮތުގައި ލެއްވުން. އަޅުގަނޑުމެންގެ ޤައުމު އާރާސްތު ކުރުމަށްޓަކައި، ހަމަޖެހުން ބޭއްވުމަށްޓަކައި، މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތްލައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.