بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ހިރިލަންދޫ ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު ޝަމްޢޫން، ހިރިލަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޖަލާލް، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ނާޝިޒް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މިއަދަކީ ހިރިލަންދުއަށް ވަރަށް އުފާވެރި ދުވަހެއް. އެ އުފަލުގައި ބައިވެރިވުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި، އަދި ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ހިރިލަންދޫގެ ލޮބުވެތި ރައްޔިތުންނަށާއި، ހިރިލަންދޫ ސްކޫލަށް އަދި ރަށުގެ ކައުންސިލަށް ވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ހިރިލަންދޫ ސްކޫލްގެ 71 ވަނަ އަހަރީ ދުވަސް ފާހަގަކުރާ މި އުފާވެރި މުނާސަބަތުގައި، ހުރިހާ ތަހުނިޔާއެއްގެ ޙައްޤުވެރި ފަރާތަކީ މި ރަށުގެ ލޮބުވެތި ރައްޔިތުން. މި ސްކޫލް އުފެއްދެވީ، މި ރަށުގެ ހީވާގި ދަރިއެއް. އާދެ، އެއީ މި ރަށު ގުލްފާމުގޭ އަލްމަރްޙޫމް ޙުސައިން ކަލޭފާނު. އެހެންކަމުން، މި ރަށުގެ ރައްޔިތުންނަށްޓަކައި އޭނާ ކޮށްދެއްވި މި އަގުހުރި މަސައްކަތް އަދި ޞަދަޤާތުގައި ބަރަކާތް ލައްވައި، އެކަމަށްޓަކައި އޭނާއަށް ހެޔޮ ދަރުމައާއި ޘަވާބު މިންވަރުކުރެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

މިއަދު މިއީ ސަރުކާރުން ހިންގާ ސްކޫލެއް. ނަމަވެސް، މި ސްކޫލްގެ ޙަޔާތުން 52 އަހަރު ހޭދަކުރީ ރައްޔިތުންގެ ބެލެނިވެރިކަމުގެ ދަށުގައި. ސްކޫލްގެ ހިންގުމާއި، ޚަރަދުތައް ހަމަޖެއްސުމާއި، ޓީޗަރުން ހަމަޖެއްސުން ފަދަ ހުރިހާ ކަމެއް، އެ ދުވަސްވަރު ކުރަމުން އައީ މި ރަށުގެ ރައްޔިތުން. ރައްޔިތުން ކުރެއްވި އެ ބުރަ މަސައްކަތް މިއަދު ފެނުނު ރިޕޯޓުން، އަޅުގަނޑުމެންނަށް ތަޞައްވަރު ކުރެވިއްޖެ. އަދި ތަޢުލީމީ ރޮނގުން މި ރަށުގެ ދަރިން ހޯދަމުން އަންނަ ކާމިޔާބީތައް ވެސް، އެ ރިޕޯޓުން އަޅުގަނޑުމެންނަށް ވަޒަންކުރެވިއްޖެ.

އެކަމަށްޓަކައި މި ސްކޫލްގެ ހިންގުންތެރިންނަށާއި ޓީޗަރުން އަދި ލޮބުވެތި ދަރިވަރުންނާއި، ހުރިހާ ބެލެނިވެރިންނަށް ވެސް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވައި ހެޔޮއެދުންތައް ފޮނުވަން.

އަޅުގަނޑުމެންގެ ރާއްޖޭގެ އެނގެން އޮތް ތާރީޚުގެ ލޮލުކޮޅަށް ބަލާއިރުވެސް، ދިވެހިންނަކީ ކިޔެވުމާއި ކިޔަވައިދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދިން ބައެއް. މިއަދުވެސް އެކަން އޮތީ އެގޮތަށް. މީގެ ސާޅީހަކަށް އަހަރާ ޖެހެންދެން، ދަރިންނަށް ކިޔަވައިދިނުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލަމުން އައީ ރައްޔިތުން އަމިއްލައަށް. މި ދެންނެވީ އެދުރުގެތަކާއި މަކުތަބުތަކާއި، ރައްޔިތުންގެ މަދަރުސާތަކުގެ ދައުރު.

ނަމަވެސް، މިއަދު އެ ޒިންމާ އުފުލަމުން އަންނަނީ ދައުލަތުގެ ފަރާތުން. އެއީ މާލެއާއި ރަށްރަށުގައި ސަރުކާރުން ހިންގަމުން އަންނަ ސްކޫލްތަކާއި މަދަރުސާތަކުން. އެއްވެސް ތަފާތެއް ނުކޮށް، ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކޮންމެ ރަށެއްގައި، ދަރިންނަށް ކިޔަވައިދެވޭނެ އިންތިޒާމު ސަރުކާރުން ވަނީ މިހާރު ހަމަޖައްސާފައި.

ދަރިންނަށް ކިޔަވައިދިނުމަކީ މައިންބަފައިންނާއި ދައުލަތުގެ މައްޗަށް ކަނޑައެޅިފައި އޮތް ދުސްތޫރީ ވާޖިބެއް. ޢިލްމު އުނގެނުމަކީ ކޮންމެ ދަރިވަރަކަށް ލިބިގެންވާ ޙައްޤެއް. މައިންބަފައިންނާއި، ދައުލަތުން ވެސް އެ ޙައްޤު ހޯދައިދޭންޖެހޭނީ، އެއްވެސް ކުއްޖަކާ މެދު ތަފާތުކުރުމެއް ނުގެންގުޅެ، އަދި އެއްވެސް ކުއްޖަކު ބާކީވެސް ނުކޮށް.

ޤާނޫނުއަސާސީގައި ހުރި މި ޙައްޤުތަކުގެ ވާހަކަ އަޅުގަނޑުމެން ވަރަށް ގިނައިން އެބަ ދައްކަން. ޤާނޫނުއަސާސީގެ ހަމަ އެ މާއްދާގައި ވަރަށް މަތިވެރި މަސްއޫލިއްޔަތުތަކާއި ޒިންމާތަކެއް ވެސް އެބަހުރި. އެއީ، ކިޔަވައިދެއްވާ ޓީޗަރުންނާއި ބެލެނިވެރިންވެސް އަދާކުރަންޖެހޭ ޒިންމާތަކެއް. އެ ހުރިހާ ޒިންމާތަކުން ޙާޞިލުކުރެވޭނެ ނަތީޖާއަކީ، އަޅުގަނޑުމެން އެންމެންގެ އުފަލާއި ހިތްހަމަޖެހުން. މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަމަސަލަސްކަން ޤާއިމްވުން.

ކުދިންނަށް ކިޔަވައިދިނުމުގެ ޒިންމާ ދައުލަތުގެ ފަރާތުން އުފުލާއިރު، އެކަމުގެ ޙަޤީޤީ ނަތީޖާ ޙާޞިލުކުރެވޭނީ، ޙައްޤުތައް ލިބުމަށް އެދޭ މިންވަރަށް، ވާޖިބުތަކާއި ޒިންމާތައް އަދާކުރުމަށް ވެސް ދަރިން ހާނުވައިގެން. މުޅި ތަޢުލީމީ މަންހަޖު ބިނާކޮށްފައި އޮތީ އެ މަގަށް. ވަށައިޖެހޭ ތަޢުލީމީ ނިޒާމެއްގެ އަމާޒަކީ ވެސް އެއީ.

އަޅުގަނޑުމެންގެ ތަޢުލީމީ ސިޔާސަތުގެ މޭވާއަކީ، ޒިންމާދާރު ޒުވާން ޖީލެއް. އެއީ އިންސާނީ ޙައްޤުތައް ނަގަހައްޓައި، އަނެކުންނަށް އިޙްތިރާމް ކުރާ ޒުވާނެއް. އަމިއްލަ ފައިމައްޗަށް ދިރިއުޅުން ބިނާކޮށް، ޤައުމުގެ ތަރައްޤީގައި ބައިވެރިވާ މަސައްކަތްތެރިއެއް. ޢާއިލާ ބަލަހައްޓާނެ އޯގާތެރިއެއް. ކުރުކޮށް ދަންނަވާނަމަ، ސްކޫލެއްގެ ދައުރަކީ ދިރިއުޅެން ދަސްކޮށްދިނުން.

މި ނަތީޖާ ނެރެވޭނީ ދެ ފަރާތް ވެސް ގުޅިގެން، އެއް ވާނެއްގައި އެއް އަމާޒަކަށް މަސައްކަތް ކޮށްގެން. އެ ދެ ފަރާތަކީ ކިޔަވައިދޭ މުއައްސަސާތަކާއި، ކުދިންގެ މައިންބަފައިންނާއި ބެލެނިވެރިން. ކުދިން ސްކޫލްތަކަށް ފޮނުވައިގެން ކިޔަވައިދޭއިރު، އެ ކުދިން އުނގެނޭ ޢިލްމުގެ ތަރުބަވީ ސިފަތަކުގެ ނަމޫނާއަކަށް، ޓީޗަރުންނާއި ބެލެނިވެރިން ވާންޖެހޭނެ.

ޒިންމާދާރު ޒުވާނުން އަދި ހުނަރުވެރި މަސައްކަތްތެރިން ބިނާކުރެވޭނީ، މި ދެބައި އެކުއެކީގައި ކުރިއަށް ގެންގޮސްގެން. މިއީ ދަރިވަރުން ވެސް އަދި ބެލެނިވެރިންނާއި ޓީޗަރުން ވެސް ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމެއް. ހިރިލަންދޫގެ ތަރައްޤީއަށްޓަކައި ވެސް، މި ރަށުގައި ތަޢުލީމީ އަދި މަސައްކަތްތެރި ޒުވާން އާބާދީއެއް އޮތުމަކީ ވަރަށް ބޭނުންތެރި ކަމެއް. ފެންވަރު ރަނގަޅު ތަޢުލީމީ ނިޒާމެއްގެ ބިންގަލަކީ، ފެންވަރު ރަނގަޅު މުދައްރިސުން ކަމުގައި އަޅުގަނޑު ކުރިންވެސް ދެންނެވިން. އެ މުދައްރިސުންނަށް ބޭނުންވެ، ނުވެހުރި ވަރަށް ގިނަ ބޭނުންތައް، މި 5 އަހަރުގެ ތެރޭގައި ސަރުކާރުން މި އަންނަނީ ފުއްދައިދެމުން. ތަޢުލީމީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލަށް ފަހު، މި އަހަރުގެ ރިޔާސީ ބަޔާނުގައި އަޅުގަނޑު ދެންނެވި ފަދައިން، މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް އިއްޔެއިން ފެށިގެން ސަރުކާރުން ވަނީ ހެޔޮ ބަދަލެއް ގެނެސްފައި.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ރަނގަޅު ޒިންމާދާރު މީހަކު އުފެއްދުމަށްޓަކައި ފުރަތަމަ އެޅޭ ބިންގަލަކީ، އެ ތަމްރީނުދޭ ފަރާތްތަކަކީ، ޓްރެއިންކުރާ ފަރާތްތަކަކީ، އެކަމަށް އެކަށޭނަ މާޙައުލެއްގައި މަސައްކަތް ކުރެވޭ، ވަގުތު ދެވޭ ފަރާތްތަކަކަށް ހެދުން. އެ ބޭނުމުގައި އަޅުގަނޑުމެން ސްކޫލްތަކުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، އަދި މަތީ ތަޢުލީމުދޭ ފަރާތްތަކުގެ މުސާރައަށް މި ހެޔޮ ބަދަލު ގެންނަން މި ނިންމީ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އިތުރުން، ޕޮލިޓެކްނިކްގައި މަސައްކަތް ކުރައްވާ އެކެޑަމިކް ޕްރޮފެޝަނަލުންނަށް ދެން މުސާރަ ލިބޭނީ، މި ދެންނެވި ހެޔޮ ބަދަލާ އެއްގޮތަށް. މި ގެނެވުނު ބަދަލާއެކީގައި، ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރަރއަކަށް ކުރިން ލިބުނު މުސާރައަކީ، އޭރު ލިބުނު މުސާރައަކީ، 18880 ރުފިޔާ. އަޅުގަނޑުމެން މިގެނައި ބަދަލާއެކު މިހާރު ޔުނިވަރސިޓީގެ ލެކްޗަރަރއަކަށް، އިތުރު ވަގުތާ ނުލައި، މަހެއްގެ މައްޗަށް ގާތްގަނޑަކަށް 29900 ރުފިޔާ ލިބޭނެ. މިއީ ގާތްގަނޑަކަށް 59 ޕަސެންޓުގެ ކުރިއެރުމެއް. މީގެއިތުރުން، ސީނިއަރ ލެކްޗަރަރއަކަށް މިހާރު އޯވަރޓައިމާ އެކު ލިބެނީ 20830 ރުފިޔާ. މި ގެނެވުނު ބަދަލާއެކުގައި، ސީނިއަރ ލެކްޗަރަރއަކަށް 34000 ރުފިޔާ އޯވަރޓައިމް ނުލައި ލިބޭނެ. އެސިސްޓެންޓް ޕްރޮފެސަރެއްގެ މުސާރަ، 23500 ރުފިޔާއިން 39400 ރުފިޔާއަށް ބަދަލުގެނައިމު. އަދި އެސޯސިއޭޓް ޕްރޮފެސަރެއްގެ މުސާރަ 26000 ރުފިޔާއިން 45000 ރުފިޔާއަށް ބަދަލުގެނައިމު. އަދި މީގެއިތުރުން، މެނޭޖްމަންޓް ލެވެލްގައި މަސައްކަތްކުރާ ފަރާތްތަކާއި، ޕޮލިޓެކްނިކްގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައަށްވެސް ހެޔޮ ރަނގަޅު ބަދަލުތަކެއް ގެނެވިފައި އެބަހުރި. އެގޮތުން، ޑީނެއްގެ މުސާރަ، ހެޑް އޮފް ސެންޓަރެއްގެ މުސާރަ 30000 ރުފިޔާއިން 38000 ރުފިޔާއަށް ބަދަލުކުރުމާއި، ރަޖިސްޓްރާރގެ މުސާރަ 32000 ރުފިޔާއިން 42000 ރުފިޔާއަށް ބަދަލުކުރުމާއި، ޑެޕިއުޓީ ވައިސް ޗާންސެލަރގެ މުސާރަ 39000 ރުފިޔާއިން 48000 ރުފިޔާއަށް ބަދަލުކުރުން މީގެތެރޭގައި ހިމެނޭ.

ވޮކޭޝަނަލް އެޑިޔުކޭޝަންގެ ޕްރޮފެޝަނަލުންގެ ތެރޭގައި ހިމެނޭ އެސޯސިއޭޓް ލެކްޗަރަރުންނަށް މިހާރު ލިބޭ 14700 ރުފިޔާގެ ބަދަލުގައި 26000 ރުފިޔާއަށް މުސާރަ ބަދަލުވެގެންދާނެ. އަދި ލެކްޗަރަރއެއްގެ މުސާރަ 17000 ރުފިޔާއިން 29000 ރުފިޔާއަށާއި، ސީނިއަރ ލެކްޗަރަރއެއްގެ މުސާރަ، 17000 ރުފިޔާއިން 34000 ރުފިޔާއަށް ބަދަލުވެގެންދާނެ. މިއީ އޯވަރޓައިމާ ނުލާ. މި ގެނެވުނު ބަދަލުގައި، ޖުމްލަ 767 މުވައްޒަފަކަށް މި ބަދަލު އަންނާނެ. އަހަރެއްގެ މައްޗަށް 62 މިލިއަން ރުފިޔާ މިކަމަށް އަޅުގަނޑުމެން އެބަ ޚަރަދުކުރަން. އަޅުގަނޑު ހިތުން މި ގެނެވޭ ބަދަލުގެ ހެޔޮ ނަތީޖާ، ޔުނިވަރސިޓީތަކުންނާއި، އަދި ވޮކޭޝަނަލް ޓްރޭނިންގ ދޭ މަރުކަޒުތަކުން ފެނިގެންދާނެ.

މި ބަދަލުގެ އިތުރު ތަފްޞީލުތައް، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި، ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއާއި، ފިނޭންސް މިނިސްޓްރީގެ ބޭފުޅުން ތަފްޞީލުކޮށް ތިޔަ ހުރިހާ ބޭފުޅުންނަށް ދެއްވާނެ ވާހަކަވެސް އަޅުގަނޑު ދަންނަވަން.

މިރަށުގެ ރައްޔިތުންގެ މުޙާވަރާއަކަށް މިހާރު ވެފައި އޮތް އެއްކަމެއް އޮވޭ. އެއީ، ހިރިލަންދުއަކީ ޗާޓުން ގެއްލިފައި އޮތް ރަށެކޭ ބުނާ ބުނުން. އަޅުގަނޑު ހިތުން މިހާރު އެކަމަށް ބަދަލު އަތުވެއްޖެ. އެއީ އޭރު ވެފައި އޮތް ގޮތަކީ ޗާޓުގައި އޮތަސް، ވަކި ބައެއްގެ ދުރުމިއަށް މި ރަށް ނާރައި މިހާ ދުވަހު އޮތީ.

އަޅުގަނޑުގެ ދުރުމިއަށް ވަރަށް ފަސޭހައިން މި ރަށް އެރި. އެއީ ވަކި ހިރިލަންދުއަށް ވީތީއެއް ނޫން. އަޅުގަނޑުގެ ދުރުމިއަށް މި ރަށް އެރީ، އަސާސީ ޙައްޤުތަކަކުން މަޙްރޫމުވެފައި ތިބޭތާ އެތައް އަހަރެއް ވެފައިވާ ދިވެހި ރައްޔިތުންތަކެއް މި ރަށުގައި އުޅޭތީ. ރަށް ފުރިގެން ގޯތި ނުދެވި އޮންނަތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ. ބޯހިޔާކުރެވޭނެ ގޮތެއް ނެތް. ސިނާއީ މަސައްކަތްތަކަށް އިތުރު ފުރުޞަތެއް މި ރަށަކު ނެތް.

އެތަން ފެނި ހިރިލަންދޫ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް، މި ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފެށިގެން މިހާރު ކުރިއަށް އެދަނީ. އިރާދަކުރެއްވިއްޔާ މި އަހަރުގެ މެދުތެރޭގައި އެ މަސައްކަތް އެމް.ޓީ.ސީ.ސީ. އިން ކޮށް ނިންމާލަދޭނެ. އޭރުން މި ރަށުގެ މަސްވެރިކަމަށް ވެސް، އަދި ފައިބަރު މަސައްކަތް ކުރާ އެހެން ސިނާއީ ކަންކަމަށް ވެސް އިތުރު މަގުތައް ތަނަވަސްވެގެން ދާނެ.

ރާއްޖޭގެ ގިނަ ރަށްރަށެކޭ އެއްގޮތަށް، މި ރަށުގެ ރައްޔިތުން ވެސް ދިރިއުޅެމުން އައީ ރައްކާތެރި ސާފު ބޯފެން ލިބޭނެ ރަނގަޅު އިންތިޒާމެއް އަދި ނަރުދަމާ ނިޒާމެއް ނެތި. އެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ފެށިގެން މިހާރު ކުރިއަށް އެދަނީ. އިރާދަކުރެއްވިއްޔާ އެކަމުގެ ލުއިފަސޭހަވެސް މި އަހަރުގެ ތެރޭގައި މި ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ.

މި ރަށު ސްކޫލަކީ ވެސް، ސްކޫލެއްގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ވަސީލަތްތައް ޤާއިމުނުވެ ހިންގަމުން އަންނަތާ އެތައް އަހަރެއްވީ ސްކޫލެއް. ދެންމެ ޕްރިންސިޕަލްވެސް އެ ވިދާޅުވި ފަދައިން، މި ސްކޫލްގައި އަލަށް ޤާއިމްކުރެވޭ ދެ އިމާރާތާއެކު، މުޅިން އާ ސްކޫލެއް ގާތްގަނޑަކަށް މި ރަށަށް ލިބިގެންދާނެ. މިއަދު މި ރަށުގެ ކަރަންޓާ ބެހޭ ޚިދުމަތުގެ އެއްބައި ހުޅުވިގެން އެދިޔައީ. ލަސްތަކެއްނުވެ އާ އިންޖީނުގެވެސް ނިމި، މިއަދު މި ދިމާވިކަހަލަ ކަންތައް، ކުޑަކޮށް ކަރަންޓުގެ މައްސަލަ މިއަދު ދިމާވި. އެ ކަންތަކަށް ޙައްލު އަންނާނެކަމުގެ ޔަޤީންކަން އަޅުގަނޑުގެ އެބައޮތް.

އަދި ކުޑަކުދިންގެ ޕާކާއި، އައުޓްޑޯ ޖިމް ވެސް މިހާރު އަންނަނީ މި ރަށުގައި ހުޅުވި ބޭނުންކުރެވެމުން. އޭ.ޓީ.އެމް.ގެ ޚިދުމަތް، މިދިޔަ އަހަރު ލިބެން ފަށައިފި. އަޅުގަނޑުމެން މި ރަށުގައި ޤާއިމްކޮށްފައި އޮތް ވޮލީ ކޯޓު، މިއަދު ހަވީރު ރަސްމީކޮށް ހުޅުވުންވެސް އެބައޮތް.

އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، ހިރިލަންދޫ މިހާރު މާރަނގަޅަށް ވެސް ޗާޓަށް އަރައިފިއޭ. އަޅުގަނޑު މި ގެންގުޅޭ ޗާޓުން އެންމެ ރަށެއް އަދި އެންމެ ފަރުދެއްވެސް ބޭރުނުވާނެކަމުގެ ޔަޤީންކަން، ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން. އަޅުގަނޑުމެންގެ މި ރާއްޖެ، ޖަޒީރާގެ ހާރަކަށް މިވަނީ، މި ހުރިހާ ރަށްތަކެއް ގުޅި ލާމެހިގެން. މި ރަށްތަކުގެ ރައްޔިތުން އެއް ބަޔަކު އަނެއް ބަޔަކާވެސް ގުޅި ލާމެހިގެން.

އިރާދަކުރެއްވިއްޔާ މި ރަށުގެ ރައްޔިތުން ވެސް ދެން ދެކޭނީ މިހާރަށްވުރެ މާ އުފާވެރި މާދަމާއެއް. އަޅުގަނޑު އެދެނީ، ހިރިލަންދޫގެ ރައްޔިތުންނަށް އަދި މި ރަށަށްވެސް ތާއަބަދުމެ އުފާވެރިކަމާއި ހިތްހަމަޖެހުން މާތް ﷲ މިންވަރު ކުރެއްވުން. ހިރިލަންދޫގެ ދަރިންނަށް ކިޔަވައިދީ، ރަނގަޅު ހަރުދަނާ ޖީލެއް ބިނާކުރުމަށް، މި ރަށުގެ ރައްޔިތުންނާއި ސްކޫލްގެ ފަރާތުން ކުރަމުން އަންނަ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި ކާމިޔާބާއި ކުރިއެރުން މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.