بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ހާޒިރުވެވަޑައިގެން ތިއްބެވި ފަޚްރުވެރި މަސައްކަތްތެރިން، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޒް އިސްމާޢީލް، މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ ރައީސް އަލްފާޟިލް މަޢުރޫފް ޒާކިރު، ކޮންގްރެސްގައި ބައިވެރިވާ ޔޫނިއަންތަކުގެ ރައީސުން، ކޮންގްރެސްގެ އެންމެހައި ބައިވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، ޔޫނިއަންގެ އެންމެހައި މެންބަރުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަޅުގަނޑު އަރިސްކުރަން. މި ޔޫނިއަންއަކީ ރާއްޖޭގައި ވަޒީފާ އަދާކުރާ މަސައްކަތްތެރިންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ އަދި މިހާރުވެސް ކުރަމުން އަންނަ ވަރަށް މުހިންމު ޖަމާޢަތެއް.

އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ސަރުކާރާއި މި ޔޫނިއަންގެ އަމާޒުވެސް މިހުރީ ދާދި އެއް މިސްރާބަކަށް. އެއީ މަސައްކަތްތެރިންގެ ޙައްޤުތައް ހޯދައިދީ، އެ މީހުންގެ ޙާލަތު ރަނގަޅު ކޮށްދިނުން. މި ވެރިކަމުގެ ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި، މަސައްކަތްތެރިންގެ ޙާލަތު ރަނގަޅުކޮށްދިނުމަށް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވިއްޖެ. އަދި މަސައްކަތްތެރިންގެ ޢާއިލާތަކަށް ފާގަތި ކުރިމަގެއް ހޯދައިދިނުމަށްވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ.

އެކަމަށް އަޅުގަނޑުމެން ކަނޑައަޅާފައި ހުރި ސިޔާސަތުތަކެއް ވެސް އެބަހުރި. އެ ސިޔާސަތުތައް ތަންފީޒު ކުރުމާ ގުޅޭގޮތުން، ސަރުކާރާއި މި ޔޫނިއަންއާ ދެމެދު ވަރަށް ގިނަ މަޝްވަރާތަކެއް ވެސް މިދިޔަ ދުވަސްތަކުގެ ތެރޭގައި ވަނީ ކުރެވިފައި. އަޅުގަނޑުވެސް 2021 ވަނަ އަހަރު ފުރަތަމަ، ސެޕްޓެންބަރު މަހުގެ ތެރޭގައި ތިޔަބޭފުޅުންނާ ބައްދަލުކޮށް، އެކަންކަމާ ބެހޭގޮތުން ވާހަކަ ދެއްކިން.

މަސައްކަތްތެރިންގެ ޙައްޤުގައި، މި ޔޫނިއަނުން އަބަދުވެސް މަޝްވަރާގެ މޭޒު ޚިޔާރު ކުރައްވާކަމީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. ޙައްޤުތައް ހޯދުމަށް ކުރެވޭނެ އެހެން އެތައް ބައިވަރު ކަމެއްވެސް ހުންނާނެ. އެގޮތުން، އެކަމުގެ ނަތީޖާވެސް އަޅުގަނޑަށް ފެންނަނީ ވަރަށް ރަނގަޅަށް. އެއީ ދެބަސްވުންތަކާ މެދު ވާހަކަ ދެކެވި، ދެ ފަރާތަށް ޤަބޫލުކުރެވޭ މެދުމިނުގެ ޙައްލުތަކަށް ވާޞިލުވެވުން. އެހެންކަމުން، މަސައްކަތްތެރިންގެ ޙައްޤުގައި ސަރުކާރާއެކީ މި ޔޫނިއަނުން ކުރައްވާ މަސައްކަތްތަކަށް އަޅުގަނޑު އުފަލާއެކު، އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން.

ރާއްޖޭގެ މަސައްކަތްތެރިންނާއި، މަސައްކަތްތެރިންގެ ޢާއިލާތަކުގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކޮށް، އާމްދަނީ އިތުރުކޮށްދިނުމަށް މި ސަރުކާރުން ކުރި އެންމެ މުހިންމު އެއްކަމަކީ މިނިމަމްވޭޖް ތަޢާރުފް ކުރުން. އެނގިވަޑައިގަންނަވާނެ، މިނިމަމްވޭޖަކީ ޤާނޫނުގައި ހިމެނިފައި އޮތަސް، އެކަން ތަންފީޒު ކުރުމަށް ކުރީގެ ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ދީފައި އޮތް ކަމެއް ނޫން. ފަހަރުގައި ވެދާނެ، އެ ޤާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި އެކަން ކުރަން ނެތީމާ، އެއީ ދެން ހަމަ ބަލަހައްޓައިގެން ތިބެންވީ ކަމެއްގެ ގޮތުގައި ބެލިފައި އޮތީ ކަމަށް.

ނަމަވެސް، އަޅުގަނޑު މި މަޤާމާ ޙަވާލުވެ، އެންމެ ފުރަތަމަ ޙާޞިލް ކުރަން ކަނޑައެޅި ކަންކަމުގެ ތެރޭގައި، މިނިމަމްވޭޖް ތަންފީޒު ކުރުން ހިމެނޭނެ. ނަމަވެސް، މިނިމަމްވޭޖް ތަންފީޒު ކުރުމުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް އަޅުގަނޑުމެންނަށް ކުރިމަތިވި. އެންމެ ބޮޑު ގޮންޖެހުމަކަށްވީ، ކޯވިޑުގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވި ބޮޑު ހުރަސްތައް. ވަޒީފާގެ ބާޒާރަށް މިފަދަ ބޮޑު ބަދަލެއް ގެނައުމުގައި، ވަރަށް ގިނަ ކަންކަމާމެދު ވިސްނައި މަޝްވަރާކުރަން ޖެހުނު. އެ ހުރިހާ ކަމަކަށް ވިސްނުމަށްފަހު، މިނިމަމްވޭޖް ތަންފީޒު ކުރަން ފެށީ، ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންގެ ލަފަޔާއި މަޝްވަރާއަށް ރިޢާއަތް ކުރުމަށްފަހު. މޭޒުގެ ދެފަރާތުގައި ތިއްބެވި މަސައްކަތްތެރިންނާއި، ވަޒީފާ ދޭ ފަރާތާއި އަދި ސަރުކާރުވެސް އޭގައި ހިމެނޭގޮތަށް ގިނަ މަޝްވަރާތަކެއް ކުރުމަށްފަހުގައި.

މިނިމަމްވޭޖްގެ ސަބަބުން ހުރިހާ ދާއިރާއެއްގެ މަސައްކަތްތެރިންނަށް މިއަދު އަންނަނީ އޭގެ މަންފާ ލިބެމުން. ޚާއްޞަކޮށް، މިނިމަމްވޭޖަށް ގެނައި ބަދަލުގެ ސަބަބުން ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ 13000 އަށްވުރެ ގިނަ މުވައްޒަފުންނަށް އޭގެ ފައިދާ، ނޫނީވިއްޔާ ރަނގަޅު ގޮތްތަކެއް މިހާރު ލިބޭ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަދި ސަރުކާރުގައި ވަޒީފާ އަދާކުރާ 15000 އަށްވުރެ ގިނަ މުވައްޒަފުންގެ އާމްދަނީއަށް ހެޔޮ ބަދަލެއް މިހާރުވަނީ ގެނެވިފައި.

މަސައްކަތްތެރިންގެ ޙައްޤުގައި ކުރެވުނު މުހިންމު އަނެއް ކަމަކީ، ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ މީހުންނަށް ސަރވިސް ޗާޖްގެ ފައިދާ ހަމަހަމައަށް ލިބިދިނުމަށް ޤާނޫނަށް ގެނައި ބަދަލުތައް. އެ ބަދަލުތަކާއެކު، ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތަކުން 10 ޕަސެންޓްގެ ސަރވިސް ޗާޖް ނެގުން ޤާނޫނުން މިހާރު ވާނީ ލާޒިމްކޮށްފައި. އަދި ސަރވިސް ޗާޖުގެ ގޮތުގައި ލިބޭ އެއްޗެއްގެ 99 އިންސައްތަ، އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަމަހަމަގޮތެއްގައި ދިނުމަށްވެސް އެ ޤާނޫނު ލާޒިމްކުރޭ.

މަސައްކަތްތެރިންގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރު ކުރުމަކީވެސް ސަރުކާރުގެ ވަރަށް މުހިންމު ވަޢުދެއް. ޚާއްޞަކޮށް، ވަޒީފާ ގެއްލޭ މީހުންނަށް އިޖުތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަކީ ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެން. އެހެންކަމުން، ހަރުދަނާ އުޞޫލުތަކެއްގެ ތެރެއިން، ބައްޓަން ކުރެވޭ ނިޒާމެއްގެ ދަށުން، އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނެފިޓް ތަޢާރުފުކުރުމުގެ މަސައްކަތް ސަރުކާރުން މި އަންނަނީ ކުރަމުން.

އެކަމަށްޓަކައި ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާ ބެހޭގޮތުން، ބޭރުގެ ފަންނީ އެހީއާއެކު، ކަމާބެހޭ ޤާނޫނުގެ ދެލިކޮޕީ އެކުލަވައިލުމުގެ މަސައްކަތް މިހާރު މި އަންނަނީ ކުރަމުން. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ އެ ބިލުވެސް ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެންނަށް ފޮނުވޭނެ.

ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެމުން އަންނައިރު، ވަޒީފާ ހޯދައިދިނުމަށްވެސް ސަރުކާރުން މުހިންމު މަސައްކަތްތަކެއް މިހާރު އެބަ ކުރެވޭ. މިދިޔަ އާދީއްތަ ދުވަހު އުފެއްދި ނޭޝަނަލް ޖޮބް ސެންޓަރަކީ، މިކަމުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. އެ މަރުކަޒުގެ އެއް ބޭނުމަކީ، ވަޒީފާ ހޯދަން ބޭނުންވާ މީހުންނާއި ވަޒީފާ ދޭ މީހުން ގުޅުވައިދިނުން.

އޭގެ އިތުރުން، ހުޅުމާލެއާއި ރ. ދުވާފަރުގައި ހުރި ޖޮބް ސެންޓަރުން މިހާރު އެ ޚިދުމަތް ލިބެމުންދާނެ. އަދި 13 ރަށެއްގެ ރަށު ކައުންސިލްތަކުގައި ހުރި ޖޮބް ސެންޓަރު ޑެސްކުތަކުން ވެސް މިހާރު އެ ޚިދުމަތް ލިބޭނެ. ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައިވެސް ޒަމާނީ ޖޮބް ސެންޓަރުތައް ޤާއިމްކުރުމުގެ މަސައްކަތް އަޅުގަނޑުމެން މި އަންނަނީ ކުރަމުން.

މަސައްކަތު މާޙައުލާއި ދިރިއުޅޭ މާޙައުލުގައި ޤާނޫނީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ ސަރުކާރުން ބޮޑު އަހަންމިއްޔަތެއް ދޭ ކަމެއް. މަސައްކަތުގެ މާޙައުލުގައިވެސް އަދި މުވައްޒަފުން ދިރިއުޅޭ ތަންތަނުގައިވެސް، މިދިޔަ އަހަރުތަކުގައި ހިތާމަވެރި ހާދިސާތަކެއް ވަނީ ހިނގާފައި. މި ކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، މުވައްޒަފުން ދިރިއުޅެން ހަމަޖައްސާ ތަންތަނުގެ ޢާންމު މިންގަނޑުގެ ޤަވާޢިދެއް ކަނޑައަޅައި މިހާރު އަންނަނީ ތަންފީޒު ކުރެވެމުން.

މި މަސައްކަތަށް އިތުރު ޤާނޫނީ ބާރު ދިނުމުގެ ގޮތުން، އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ބިލް، މިހާރު ވާނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި. މި ބިލުގެ ސަބަބުން، މުވައްޒަފުންގެ އިޖުތިމާޢީ އަދި ޞިއްޙީ ރައްކާތެރިކަން އިތުރަށް ކަށަވަރުވެ، ވަޒީފާ ދޭ އަދި ވަޒީފާ އަދާކުރާ މީހުންގެ ޒިންމާ ކަނޑައެޅިގެންދާނެ. އަދި މަސައްކަތްތެރިންގެ ޞިއްޙީ ދުޅަހެޔޮކަމާއި ސަލާމަތާ ގުޅޭގޮތުން ނިންމާ ނިންމުންތަކާއި، ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި ބަސްބުނުމުގެ ޙައްޤު މަސައްކަތްތެރިންނަށް ލިބިގެންދާނެ. މި ބިލުން ނުކުންނާނެ އަނެއް ނަތީޖާއަކީ، ގެއްލުމުގެ ބަދަލު ލިބިދިނުމުގެ ޙައްޤު ބަޔާންކުރުން. އަދި މަސައްކަތުގެ މާޙައުލުގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭގޮތުން ސިޔާސަތުތައް ކަނޑައެޅުމަށް މަގުފަހިވެގެންދާނެ. މި ބިލް ދިރާސާ ކުރައްވައި، ވަރަށް އަވަހަށް މަޖިލީހުން މި ބިލް ނިންމަވައި ދެއްވުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް.

ރާއްޖޭގައި ޔޫނިއަންތައް ރަޖިސްޓްރީކޮށް ހިންގޭނެ މަގެއް ކޮށައިދިނުމަކީ ވެސް، މަސައްކަތްތެރިންގެ ޙައްޤުގައި ކޮށްދޭންޖެހޭ މުހިންމު މަސައްކަތެއް. އެކަމަށް ބޭނުންވާ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް އެކުލަވައިލުމުގެ މަސައްކަތް މިހާރު އޮތީ ނިމިފައި. އިރާދަކުރެއްވިއްޔާ މި ފެށޭ ހަފްތާގެ ތެރޭގައި، އެ ބިލް އަޅުގަނޑު މަޖިލީހަށް ފޮނުވައިދޭނަން.

އިންޑަސްޓްރިއަލް ރިލޭޝަންސް ބިލާ މެދު ހުރި ކަންބޮޑުވުންތައް، މި ޔޫނިއަންގެ ފަރާތުން އަޅުގަނޑާވެސް ބައްދަލުކޮށް ޙިއްޞާ ކުރެއްވި. އަދި އެ ބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކަށް ރިޢާޔަތްކޮށް، އެ ބިލް މިހާރު އޮތީ އަލުން މުރާޖަޢާކޮށްފައި.

މި ބިލް، ޤާނޫނަކަށްވުމުން، ޔޫނިއަންތައް އުފައްދައި ހިންގުމުގެ ޙައްޤު މަސައްކަތްތެރިންނަށް ޤާނޫނީގޮތުން ކަށަވަރުވެގެންދާނެ. އަދި ވަޒީފާ ދޭ މީހުންނާއި ވަޒީފާ އަދާކުރާ މީހުންނާ ދެމެދު އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ޙައްލުކުރުމަށް ހަރުދަނާ ނިޒާމެއް ކަނޑައެޅިގެންދާނެ. ހަމައެފަދައިން، ދެ ފަރާތުގެ ދެމެދުގައި އުފެދޭ ދެބަސްވުންތައް، ވާހަކަ ދައްކައިގެން ޙައްލުކޮށް، ވަޒީފާ ދޭ މީހުންނާއި ވަޒީފާ އަދާކުރާ މީހުންނާ ދެމެދު ބަދަހި ގުޅުމެއް އުފެއްދުމަށް މަގުފަހިވެގެން ދާނެ.

އަޅުގަނޑުގެ އުންމީދަކީ، ދިވެހިރާއްޖޭގެ ތަފާތު ޞިނާޢަތްތަކުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް ވެސް، ރާއްޖެއަކީ ޙައްޤުތައް ކަށަވަރުވެފައިވާ އަމާން މާޙައުލެއް ކަމުގައި ވެގެން ދިއުން. ތިޔަބޭފުޅުން މިއަދު ތިޔަ ފަށްޓަވާ ކޮންގްރެސްއަކީ، އަޅުގަނޑު ދެކޭގޮތުގައި މަސައްކަތްތެރިންގެ ޤައުމީ ބައްދަލުވުމުގެ ގޮތުގައި ތިޔަ ކުރައްވާ މަސައްކަތަކީ، ވަރަށް މުހިންމު މަސައްކަތެއް. އަޅުގަނޑުގެ އެދުމަކީ، ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ހުރިހާ މައްސަލަތަކަކާ ބެހޭގޮތުން ތިޔަބޭފުޅުން ފުންކޮށް މަޝްވަރާކޮށް ބަހުސް ކުރެއްވުން.

ވަޒީފާގެ ބާޒާރުގައި ހުރި މައްސަލަތަކުގެ ތެރޭގައި، ވަޒީފާއަށް މީހުން ނުލިބުމާއި، މީހުންނަށް ވަޒީފާ ނުލިބުމުގެ މައްސަލަ އެބައޮތް. ވަޒީފާ ބޭނުންވާ ފަރާތްތަކާއި، ވަޒީފާ އަދާކުރާ ފަރާތްތަކަށް ހުރި ގޮންޖެހުންތަކުގެ ގިނަ ޙައްލުތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ހުށަހަޅާ ބިލުތަކުން އެދަނީ ލިބެމުން. މިނިމަމްވޭޖް ކަނޑައެޅިގެން ގޮސް އަދި ވަޒީފާ އަދާކުރާ ތަނާއި ދިރިއުޅޭ މާޙައުލަށް އެކަށީގެންވާ ރަނގަޅު ތަނެއް ހޯދައިދިނުމަށް މިހާރު ހުށަހެޅިފައިވާ ބިލުން ކަށަވަރުވެގެންދާނެ. އެއާއެކުގައި އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް ފާސްވުމުން، އެބޭފުޅުންގެ ޙައްޤުގައި އެކައްޗެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބާރު ތިޔަބޭފުޅުންނަށް ލިބިގެންދާނެ.

ހަމައެއާއެކީގައި، ވަޒީފާ ދޭ ފަރާތުގެ ޙައްޤުތަކާއި ކަންތައްތައް ރައްކާކުރުމަކީވެސް ހަމަ ސަރުކާރުން ކޮށްދޭންޖެހޭނެ ކަމެއް. އެހެންކަމުން، މި ހުރިހާ ކަމަކާމެދު ތިޔަބޭފުޅުން ބަހުސް ކުރައްވައި ރަނގަޅު ގޮތްތަކެއް ހޯއްދަވައި ދެއްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. ވަޒީފާ ދޭ ފަރާތްތަކުގެ ކަންބޮޑުވުންތަކެއްވެސް އެބަހުރި. ރާއްޖޭގައި ވަރަށް ރަނގަޅަށް މަސައްކަތްކުރާ، ބުރަކޮށް މަސައްކަތްކުރާ ޕްރޮފެޝަނަލް މީހުން އެބައުޅޭ. އެހެން ނަމަވެސް، ބައެއް ފަރާތްތަކުގެ ސުވާލަކީ، ވަޒީފާގެ އަޚްލާޤު. ވާރކް ޑިސިޕްލިން، އެތިކްސް އަދި މިހާރަށްވުރެ ރަނގަޅުކުރަންޖެހޭ ވާހަކަ. އަޅުގަނޑު ހިތުން އޭގެ ޒިންމާ ތިޔަބޭފުޅުން އަމިއްލައަށް ނަންގަވާ. ނަންގަވައިގެން އެކަމަށް ޙައްލު ހޯއްދަވާ.

ރާއްޖޭގެ އިޤްތިޞާދަށް ކުރިއަށް މިއޮތް ކުރު މުއްދަތުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް އެބަ އާދޭ. ޓޫރިޒަމް މުޅި ރާއްޖެއަށް ފެތުރިގެން އެބަދޭ. ރާއްޖޭގެ އުތުރުގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީވެ، އައްޑޫ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް މިހާރަށްވުރެ ބޮޑަށް ތަރައްޤީކޮށް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޚިދުމަތްތައް މިހާރަށްވުރެ ފުޅާވެގެންދިޔުމާ އެކީގައި، ރާއްޖޭގެ ޓޫރިޒަމް ވަރަށް ބާރު ސްޕީޑެއްގައި، ކުރިންވެސް މި ދެންނެވި ފަދައިން، މުޅި ރާއްޖެއަށް ފެތުރިގެންދާނެ. އާރު.ޓީ.އެލް.ގެ ޚިދުމަތާއި، ޑޮމެސްޓިކް އެއަރޕޯޓުތަކުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް މި އަންނަ ބަދަލުގެ ސަބަބުން އެތައް އެތައް ވަޒީފާއެއް އުފެދިގެން އެބަދޭ. ޓްރޭނިންގއަށް މަގު ހުޅުވިފައި އެބައޮތް. ޕްރޮފެޝަނަލް މީހުން ބޭނުންވޭ. ޓެކްނިކަލް މީހުން ބޭނުންވޭ. މި ކަންތައްތަކާ ދޭތެރޭގައި ތިޔަބޭފުޅުން ވިސްނަވާ. ކުރިއަށް އަޅުގަނޑުމެންނަށް މި ލިބޭ ފުރުޞަތުތަކުގެ ބޭނުން ދިވެހިންނަށް އެންމެ ރަނގަޅަށް ހިފޭނެގޮތަށް ތިޔަބޭފުޅުންގެ ވިސްނުމާއި ފިކުރު ގެންގުޅުމަކީ، އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން މިއަދު އެދޭ އެދުމެއް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ތަނަވަސްކަމާއި ފާގަތިކަން އެންމެހައި ދިވެހިންނަށް މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.