بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

މިނިސްޓަރ އޮފް ހެލްތު، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަޙްމަދު ނަސީމް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމް، މާލޭ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީޒްގެ ޗެއަރމަން ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ސީ.އީ.އޯ. އިބްރާހީމް ސަލީމް، ޞިއްޙީ ދާއިރާގެ އެންމެހައި ޚިދުމަތްތެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ރާއްޖޭގައި ޑޮކްޓަރީ ބޭހުގެ ފަރުވާ ދޭން ފެށިތާ 75 އަހަރު ފުރޭ މި މުނާސަބަތުގައި، ރާއްޖޭގެ ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވާ އެންމެހައި ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަން. އަދި މިދިޔަ 75 އަހަރުގެ ތެރޭގައި، މި ޚިދުމަތް ރާއްޖޭގައި ތަރައްޤީކޮށް ފުޅާކުރެއްވުމަށް، އެކި ފެންވަރުގައި އެކި ގޮތްގޮތުން މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ވެސް ވަރަށް ޝުކުރުވެރިކަމާ އެކު ހެޔޮއެދުންތައް އަރިސްކުރަން.

އަދި ދިގު މުއްދަތުގައި ޚިދުމަތް ކުރައްވައިގެން، މިރޭ ހަނދާނީ ފިލާ ލިބިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށްވެސް، ވަރަށް އިޚްލާޞްތެރިކަމާ އެކު ޝުކުރާއި ތަހުނިޔާ ދަންނަވަން. އޭގެ ތެރެއިންވެސް، 51 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި، އަދި މިހާރުވެސް ޚިދުމަތުގައި ހުންނެވި، ރަން ތާޖުގެ ވެރިޔާ، އާމިނަތު ވަޙީދާއަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން.

40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 8 ބޭފުޅުންނަކީވެސް، ސެންޓްރަލް ހޮސްޕިޓަލުގެ ދުވަސްވަރުން ފެށިގެން މިހާރުވެސް ޚިދުމަތުގައި ތިއްބެވި އަންހެން ބޭފުޅުން. އޭގެ ތެރެއިން 7 ބޭފުޅުންނަކީ ނަރުހުން. އެ ބޭފުޅުންގެ ޢުމުރުގެ ވަރަށް ދިގު މުއްދަތެއް މިހާރުވެސް ހޭދަކުރައްވާފައި އެވަނީ ޞިއްޙީ ޚިދުމަތް ދެއްވުމުގައި. އެކަމަށްޓަކައި އަދިވެސް އެއްފަހަރު އެ ބޭފުޅުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ، ދިވެހި ސަރުކާރުގެ ފަރާތުން ރަސްމީ ގޮތެއްގައި ހޮސްޕިޓަލެއްގެ ޚިދުމަތް ދޭން ފެށިތާ 75 އަހަރު ފުރޭ މުނާސަބާ. އެހެން ނަމަވެސް، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ތާރީޚު ފެށިފައި އޮތީ އެއަށްވުރެ އެތައް ސަތޭކަ އަހަރެއް ކުރިން. މި ޖަޒީރާތަކުގައި ދިވެހިން ވަޒަންވެރިވެ އުޅެން ފެށުމާއެކު، ޞިއްޙީ ޚިދުމަތްތައްވެސް އޮތީ ފެށިފައި.

އޭރުގެ ފަރުވާއަކީ ޙަކީމީ ބޭސް. ފަތްޕިލާވެލީގެ ބޭސް ފަރުވާ. އަދި ތަށި ތަވީދާއި ބޭސް ފަންޑިތައިގެ ފަރުވާ. ކިޔެވެލި ކިޔެވުމާއި، ދުން އެޅުމަކީ، ބޮޑެތި ރޯގާތަކަށް އެންމެ މުޖައްރިބު ފަރުވާކަމުގައި އޭރު އޮތީ ގަބޫލުކުރެވިފައި.

އެއަށްވުރެ ފަސޭހަ އަދި އިތުބާރު ހުރި ޞިއްޙީ ފަރުވާއެއް ހުރި ކަމަކަށް އޭރުގެ ގިނަ މީހުން ގަބޫލެއް ނުކުރޭ. މާލޭގައި ޑަކްޓަރު ގޭގެ ނަމުގައި ހޮސްޕިޓަލެއް ހުޅުވުމުންވެސް، އެ ތަނުން ޚިދުމަތް ހޯދުމުގައި ގިނަ ބަޔަކަށް ބުރަވެވުނީ ފަހަތު ފަޔަށް. އިންޖެކްޝަން ކަށި ފެނުނީ އަދި މާ ބިރުވެރި އެއްޗެއްގެ ގޮތުގައި. ހަކުރު ޓެސްޓު ކުރަން އިނގިލިކުރިން ލޭނެގުމަކީ، ގިނަ ބަޔަކަށް ތަޙައްމަލު ނުކުރެވޭ ތަދަކަށްވި.

ނަމަވެސް، 1948 ވަނަ އަހަރު މާލޭގައި ހުޅުވި ޑަކްޓަރު ގެއާއެކު މަޑުމަޑުން މަންޒަރު ބަދަލުވާން ފެށި. އެ ބަދަލު އައީ ރާއްޖޭގެ ޞިއްޙީ ޚިދުމަތަށް އެކަންޏެއް ނޫން. އެއީ އެންމެހައި ދިވެހިންގެ ދިރިއުޅުމަށް އައި ބަދަލެއް. އެއީ ޤައުމުގެ އިޤްތިޞާދަށްވެސް އައި ވަރަށް ބޮޑު ބަދަލެއް. އެއީ ރާއްޖޭގެ ތަރައްޤީއަށް ލިބުނު ވަރަށް ބޮޑު ދިރުމެއް.

އާދެ، މި ދެންނެވި ޑަކްޓަރުގެ ހުޅުވީއްސުރެ މިއަދާ ހަމައަށް، މާލޭގައި ސަރުކާރުގެ ފަރާތުން ހިންގަމުން އައި ހޮސްޕިޓަލުގެ ޚިދުމަތް ފުޅާވެ ތަރައްޤީވަމުން އައިގޮތް، މިރޭގެ ވީޑިއޯ ރިޕޯޓުން ވަރަށް ރަނގަޅަށް ފެނިގެން ހިނގައްޖެ. އެ މުއްދަތުގައި ޞިއްޙީ ދާއިރާއިން ވަރަށް ގިނަ، ވަރަށް މުހިންމު ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެވިއްޖެ.

ދިވެހިންނާ މިހާތަނަށް ކުރިމަތިވި، ފަހުގެ ޖީލުތައް ހަނދާން ހުންނާނެ އެންމެ ނުރައްކާތެރި ރޯގާތައް ފެތުރުނީވެސް، ރާއްޖޭގައި ޑޮކްޓަރީ ފަރުވާގެ ޚިދުމަތް އެކަށީގެންވާ ވަރަށް ތަރައްޤީނުވެ އޮތް ދުވަސްވަރެއްގައި. 1970 އާއި 1980ގެ އަހަރުތަކުގައި ކޮލެރާ އާއި ޝިގެއްލާގެ ބަލިމަޑުކަން ދިވެހިންނާ ކުރިމަތިވިއިރު، އެފަދަ ބަލިތަކަށް ދެވޭނެ އެކަށީގެންވާ ފަރުވާއެއް، އަދި ފަރުވާ ދޭނެ ވަސީލަތްތަކެއް ރާއްޖެއަކު އޭރަކު ނެތް. އެކަށީގެންވާ ޢަދަދަކަށް ޞިއްޙީ ޚިދުމަތްތެރިންނެއްވެސް ނެތް.

އެ ދަތިކަމާއެކުވެސް، ރާއްޖޭގައި އޭރު ތިއްބެވި ވަރަށް މަދު ޢަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން، އަދި ހެލްތު ވަރކަރުންނާއި، އެފަދަ ޞިއްޙީ ޚިދުމަތްތެރިން، އެ ބޭފުޅުންގެ ޢަމަލީ ތަޖުރިބާގެ އަލީގައި ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި. އެފަދަ ރޯގާތައް ކޮންޓްރޯލް ކުރުމަށް ކުރެއްވި ބުރަ މަސައްކަތްތައް ފާހަގަކޮށް، މިއަދުވެސް އަޅުގަނޑުމެން އެ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

ރާއްޖޭގެ ޞިއްޙީ ޚިދުމަތް ތަރައްޤީވެގެން އައީ، ތިން މަރުޙަލާއެއްގެ ތެރެއިން ކަމަށް ދެންނެވިދާނެ. 1948 ން ފެށިގެން 1960 އަށް ހޭދަވި 12 ވަރަކަށް އަހަރަކީ، ޑޮކްޓަރީ ބޭހުގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްވި މަރުޙަލާ. އޭގެ ފަހުން 1960 ން ފެށިގެން 1980ގެ ނިޔަލަށް ހޭދަވި ވިއްސަކަށް އަހަރަކީ، ޒަމާނީ ޞިއްޙީ ފަރުވާގެ ނިޒާމެއް އެކުލަވާލައި ތަރައްޤީކުރަން ފެށުމުގެ މަރުޙަލާ.

އެއީ ޙަކީމީ ބޭސްވެރިންނާއި ކަންވެރިން އަދި ބޭކެނބިންނާއި ޚިތާނުކުރާ މީހުންގެ އަތްމަތިން، ޑޮކްޓަރުންގެ އަތްމައްޗަށް ޞިއްޙީ ޚިދުމަތް ފުރޮޅިގެން ދިޔަ މަރުޙަލާ. ނަމަވެސް، އޭރުވެސް އެކަށީގެންވާ ވަރަށް ދިވެހި ޑޮކްޓަރުންނާއި ނަރުހުންނެއް ނެތް. ސްޕެޝަލިސްޓް ޑޮކްޓަރުންގެ ދަތިކަން އެއަށްވުރެ މާބޮޑު. މާލޭގައި ސަރުކާރުގެ ހޮސްޕިޓަލެއް ހުއްޓަސް، ރަށްރަށުގައި އެ ޚިދުމަތް ދޭނެ ތަންތަނެއް އޭރަކު ނެތް.

ރަށްރަށުގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ދިނުމަކީ، އޭރުގެ ދަތުރުފަތުރުގެ ދަތިކަމަށް ބަލާއިރު، ގޮންޖެހުން ބޮޑު މަސައްކަތެއް. އެ ދަތިކަމާއެކުގައިވެސް ރަށްރަށުގައި ޞިއްޙީ ޚިދުމަތް ދެއްވި ބޭފުޅުންތަކެއް ތިއްބެވި. އޭގެ ތެރެއިންވެސް ކޮމިޔުނިޓީ ހެލްތު ވަރކަރުން އޭރު ކުރެއްވި މަސައްކަތްތަކުގެ ބުރަކަން، އަޅުގަނޑުމެންނަށް މިހާރު އަންދާޒާ ވެސް ނުކުރެވިދާނެ.

އޭރު ޑޮކްޓަރުންނަކީ ވެސް އަދި ނަރުހުންނަކީ ވެސް އެއީ. އެއީ ވަކި ޑިއުޓީއެއް ނެތި 24 ގަޑިއިރު މަސައްކަތުގައި ދެމިތިއްބެވި ވަރަށް ޚިދުމަތްތެރި ބޭފުޅުންތަކެއް. އެހެންކަމުން، އެ ދުވަސްވަރު ރަށްރަށުގެ އެންމެންގެ ލޯތްބާއި އިޙްތިރާމާއި ޤަދަރު ލިބިވަޑައިގެން ތިއްބެވި އަދި އެންމެ ބަސްވިކޭ އެއް ބަޔަކީ ކޮމިޔުނިޓީ ހެލްތު ވަރކަރުން.

އެ ބޭފުޅުން އެ އުފުއްލެވި ބުރަ، އަދި ކުރެއްވި މިންނެތް މަސައްކަތުގެ އަގުވަޒަންކޮށް، ދިވެހި ރައްޔިތުންގެ ނަމުގައި އެ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އޭގެ ފަހުން 1980 އިން ފެށިގެން މި ހޭދަވަމުން އަންނަނީ ބޮޑެތި ބަދަލުތަކުގެ މަރުޙަލާއެއް. ވަކިން ޚާއްޞަކޮށް، މިދިޔަ ފަންސަވީހަކަށް ތިރީހަކަށް އަހަރުގެ ތެރޭގައި، ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ވަރަށް މުހިންމު، ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި އެބަހުރި. ވަސީލަތްތައް އިތުރުކޮށް، މުޅި ރާއްޖެއަށް ޞިއްޙީ ޚިދުމަތް ފުޅާކުރެވިއްޖެ.

މިދިޔަ 25، 30 އަހަރުގެ ތެރޭގައި މި ދާއިރާގެ ތަރައްޤީގައި އަމިއްލަ ފަރާތްތަކުން އަދާކުރި ދައުރުވެސް އަޅުގަނޑުމެން ފާހަގަކުރަންޖެހޭނެ. އަމިއްލަ މީހުންގެ ކްލިނިކްތަކާއި، ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް ހުޅުވުމުން، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނެވުނު. އެފަދަ ތަންތަން ހުޅުވުމަކީ، ސަރުކާރުން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ޒަމާނީ ކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ބާރެއް.

އޭ.ޑީ.ކޭ. ހޮސްޕިޓަލް އަދި މެޑިކާ ހޮސްޕިޓަލާއި، ޓްރީޓޮޕް ހޮސްޕިޓަލުން މިހާރު ވެސް ދެމުން އަންނަނީ ވަރަށް މުހިންމު ޚިދުމަތްތަކެއް. އަދި މާލެ އާއި ރަށްރަށުގައި ހިންގާ ޞިއްޙީ ތަފާތު ދާއިރާތަކުގެ ކްލިނިކްތަކާއި ޞިއްޙީ މަރުކަޒުތަކުންވެސް ދެމުން އަންނަނީ އަގު ވަޒަންކުރުން ޙައްޤު ޚިދުމަތްތަކެއް. އެހެންކަމުން، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި، އަމިއްލަ ކްލިނިކްތަކާއި،

ޞިއްޙީ މަރުކަޒުތަކާއި، ހޮސްޕިޓަލްތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެ ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
ޞިއްޙީ ޚިދުމަތް ކިތަންމެ ތަރައްޤީވިޔަސް، ޒަމާނާއެކު ޞިއްޙީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކަށް ނިމުމެއް ނާންނާނެ. މިހާރު ކޮންޓްރޯލް ވެފައި އޮތަސް، މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި، ކޯވިޑް-19ގެ ބަލިމަޑުކަމަކީ އެކަމުގެ ހެއްކެއް. އެ ވަބާއަކީ އެންމެ ބޮޑަށް ތަރައްޤީވެފައިވާ ޤައުމުތަކަށްވެސް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް.
ޞިއްޙީ ޚިދުމަތުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ތާއަބަދު މަސައްކަތް ކުރަންޖެހެނީ އެ ސަބަބަށްޓަކައި. މިދިޔަ ހަތަރު އަހަރުގެ ތެރޭގައިވެސް، އަދި ކޯވިޑުގެ ބަލިމަޑުކަން ފެތެރެމުން ދިޔައިރުވެސް، ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ވަރަށް ބޮޑު އިސްކަމެއް އަޅުގަނޑުމެން ދިނިން. އަދި މިހާރުވެސް ޞިއްޙީ ދާއިރާގެ ވަރަށް ގިނަ މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުން އެބަދޭ.

އަޅުގަނޑުމެން އަބަދުވެސް ޤަބޫލުކުރާ، ވަރަށް މުހިންމު ފަލްސަފާއެއް އޮވޭ. އެއީ ޞިއްޙީ ދުޅަހެޔޮކަމާ ނުލައި ތަރައްޤީ ޙާޞިލު ނުވާނެކަން. އިޤްތިޞާދީ ގޮތުން ވިޔަސް އަދި އިޖްތިމާޢީ ގޮތުން ވިޔަސް ތަރައްޤީގެ ކުލަތައް ފެންނަން ފަށާނީ، އެތަނެއްގައި ދިރިއުޅޭ ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތެއް ލިބިގެން.

އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ޞިއްޙީ ދުޅަހެޔޮކަން މާނަކުރެވިފައި އޮންނަނީ، ހަމައެކަނި ޖިސްމާނީ ހަށިހެޔޮކަމުގެ ގޮތުގައި. ނަމަވެސް، ޞިއްޙީ ދުޅަހެޔޮކަމުގެ ދާއިރާ އެއަށްވުރެ މާ ފުޅާ. ނަފްސާނީ ދުޅަހެޔޮކަމަކީ، އޭގެ ތެރެއިންވެސް ވަރަށް މުހިންމު ދާއިރާއެއް. ރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ނަފްސާނީ ބަލިތަކަށް ޚާއްޞަ މަރުކަޒެއް ޤާއިމުވެގެން ދިޔައީ 2019 ވަނަ އަހަރުގެ ކުރީކޮޅު. އަދި 2020 ވަނަ އަހަރުގެ ތެރޭގައި، ސްޓްރޯކް ސެންޓަރެއް ޤާއިމުކޮށް މިހާރު އަންނަނީ ޚިދުމަތް ދެމުން.

އޭގެ އިތުރުންވެސް، ޞިއްޙީ ދާއިރާއިން ރާއްޖޭގައި ކުރިން ނެތް އެތައް ޚިދުމަތެއް އަޅުގަނޑުމެން މިހާރު ފަށައިފިން. ތްރީޓެސްލާ އެމް.އާރް.އައި.ގެ ޚިދުމަތް 2019 ވަނަ އަހަރު ފެށިއްޖެ. ޕްލާސްޓިކް ސާރޖަރީ އާއި، އެންޑޯކްރައިނޮލޮޖީގެ އިތުރުން، ނިއުރޯ ސާރޖަރީ އާއި، ރިއުމެޓަލޮޖީގެ ޚިދުމަތްވެސް 2022 ވަނަ އަހަރު އައި.ޖީ.އެމް.އެޗް.ގައި ފެށިއްޖެ.

އަޅުގަނޑު ކުރިން ދެންނެވި މަރުޙަލާތަކަށް ފަހު، ރާއްޖޭގެ ޞިއްޙީ ދާއިރާ މިހާރު އޮތީ މުޅިން އާ މަރުޙަލާއެއްގެ ތެރޭގައި. ޞިއްޙީ ޚިދުމަތުގެ މުޅިން އާ ފަރުވާތަކާއި ވަސީލަތްތައް ރާއްޖެއަށް ތަޢާރަފްކޮށް، ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް، ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމުގެ ވަރަށް މުހިންމު މަސައްކަތްތަކެއް މިހާރު އެބަ ކުރެވޭ.

އެ މަޝްރޫޢުތައް ހިނގަމުން ދިޔަޔަސް، ރައްޔިތުންގެ ކަންބޮޑުވުންތަކެއް އަދިވެސް އެބަހުރި. މި ދާއިރާ އިތުރަށް ތަރައްޤީކުރަން ރައްޔިތުން އަބަދުވެސް އެދޭނެ. އަޅުގަނޑުމެން މިތިބީ ރައްޔިތުންގެ އެ ބޭނުން ފުއްދައިދޭން. މި އަހަރުގެ ބަޖެޓުގައިވެސް އެންމެ ބޮޑު ސަމާލުކަމެއް ދީފައިވާނީ، ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް. އަޅުގަނޑު ރިޔާސީ ބަޔާނުގައި ހާމަކުރި ފަދައިން، މި އަހަރުގެ މޭ މަހުން ފެށިގެން ޞިއްޙީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ އިރާދަކުރެއްވިއްޔާ ބޮޑުވެގެންދާނެ. އަދި ހަމައެފަދައިން، މިދާއިރާއަށް ފަންނީ މީހުން އިތުރު ކުރުމުގެ މަސައްކަތްތަކެއްވެސް ކުރިއަށް އެބަދޭ.

މި ދެންނެވި މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ ފަސް ސަރަޙައްދުގައި، ފަސް ޓާޝަރީ ހޮސްޕިޓަލް އެ އަންނަނީ ތަރައްޤީވަމުން. ރާއްޖޭގެ އެކި ރަށްރަށުގައި 50 އެނދުގެ 6 ހޮސްޕިޓަލާއި، 30 އެނދުގެ 12 ހޮސްޕިޓަލް އަޅުގަނޑުމެން އެބަ ތަރައްޤީކުރަން. އަދި ޞިއްޙީ މަރުކަޒުތަކާއެކު، މުޅި މި ދާއިރާ ތަރައްޤީވެގެން އަންނައިރު، ޞިއްޙީ އިތުރު ޚިދުމަތްތަކާއި، ވަޒީފާގެ އިތުރު ފުރުޞަތުތައް ތަނަވަސްވެގެންދާނެ.

މި ދާއިރާއަށް މިހާރުވެސް އެންމެ ބޮޑީ، ތަފާތު ދާއިރާތަކުގެ ސްޕެޝަލިސްޓް ޑޮކްޓަރުން ލިބުމުގެ ދަތިކަން. މިއީ މުޅި ދުނިޔޭގައިވެސް އެންމެ ޑިމާންޑް ބޮޑު އަދި ޕްރޮފެޝަނަލް މީހުން ލިބުމުގެ ދަތިކަން އެންމެ ބޮޑު އެއް ދާއިރާ. ޞިއްޙީ ދާއިރާގެ މި ދެންނެވި ތަރައްޤީގެ މަޝްރޫޢުތަކާ އެކު، އެ ދާއިރާއިން މީހުން ބިނާކުރުމަށްވެސް އަޅުގަނޑުމެން ވަރަށް ބޮޑު ސަމާލުކަމެއް އެބަދެން.

ސަރުކާރުން ފަށާފައިވާ ހިލޭ ޑިގްރީ ޕްރޮގްރާމްގައި މިހާތަނަށް 16 ހާހަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެއްޖެ. އޭގެ ތެރޭގައި، ޞިއްޙީ ޚިދުމަތުގެ ތަފާތު ދާއިރާތަކުން ކިޔެވުމަށް ރަޖިސްޓްރީވެފައިވާ 2082 ދަރިވަރުން ހިމެނޭ. އަދި ސްޓޫޑެންޓް ލޯނު ސްކީމާއި، ސަރުކާރުގެ ސްކޮލަރޝިޕް ސްކީމްގެ ދަށުން، ރާއްޖެއިން ބޭރުގައި ވެސް 300 ދިވެހި ދަރިވަރުން ޞިއްޙީ ދާއިރާގެ ތަފާތު ރޮނގުތަކުން އަންނަނީ މަތީ ތަޢުލީމް ޙާޞިލުކުރަމުން.

ރާޢްޖޭގެ ޞިއްޙީ ޚިދުމަތް، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޚިދުމަތެއްގެ ގޮތުގައި ދެމިއޮންނަނީ، ވަރަށް ގިނަ ބައެއްގެ ވަރަށް އިޚްލާޞްތެރި އަދި ތެދުވެރި މަސައްކަތްތަކެއްގެ ސަބަބުން. ޑޮކްޓަރުންނާއި ނަރުހުން އަދި ލެބޯޓެރީ ޓެކްނީޝަނުންނާއި، އެނޫންވެސް ފަންނީ ބޭފުޅުން، އެ ބޭފުޅުންގެ ދާއިރާއިން ކޮށްދެއްވަނީ ވަރަށް އަގުހުރި މަސައްކަތްތަކެއް.

އެ ބޭފުޅުން އަމިއްލަ އެތައް ކަމެއް ޤުރުބާން ކުރައްވާފައި، ރައްޔިތުންނަށްޓަކައި ކޮށްދެއްވަނީ ތަޢުރީފާއި ޝުކުރު ޙައްޤު މަސައްކަތްތަކެއް. ކޯވިޑް-19ގެ ދަތިކަމުގައި އަޅުގަނޑުމެން ހޭދަކުރި މިދިޔަ ތިން އަހަރެއްހާ ދުވަހު، އެކަން ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވިއްޖެ. ލޯބިވާ ޢާއިލާ އާއި ތުއްތު ދަރިންނާ ވަކިން، ބަލިމީހުންނަށް ޚިދުމަތް ދިނުމުގައި، ޑޮކްޓަރުންނާއި ނަރުހުން އަދި ލެބޯޓެރީ ޓެކްނީޝަނުންނާއި، އެހެން ބޭފުޅުން އެ ކުރެއްވި ބުރަ މަސައްކަތަށް، މިއަދުވެސް އަޅުގަނޑު އައްސަރިބަހާއި ސާބަސް ރައްދުކުރަން. ޚާއްޞަކޮށް އައި.ޖީ.އެމް.އެޗް.ގެ ޞިއްޙީ ޚިދުމަތްތެރިން ކުރެއްވި ބުރަ މަސައްކަތަށް ވަރަށް ބޮޑަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ބޭސްފަރުވާ ކުރަންޖެހެނީ، ޞިއްޙަތަށް ބަލިކަށިކަމެއް މެދުވެރިވުމުން. އެ ބަލިކަށިކަން މެދުވެރިވަނީ އަޅުގަނޑުމެންގެ ހަށިގަނޑުގައި ލައްވަވާފައިވާ ޞިއްޙަތާ މެދު އަޅުގަނޑުމެން އިހުމާލުވާތީ. ޞިއްޙަތަކީ، ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނަ، އަދި އެއާ މެދު އިހުމާލުވުމުން، އަލުން އިޢާދަކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ އެއްޗެއް.

އަޅުގަނޑުމެން މަސައްކަތް ކުރަންވީ، ފުރިހަމަ ޞިއްޙީ ދުޅަހެޔޮކަމެއްގެ މަތީގައި ދެމިތިބުމަށް. ސަމާލުކަން ދޭންވީ ބަލިވުމުން ބޭސްކުރަން ތިބުމުގެ އާދަ ދޫކޮށް، ބަލިވުމުގެ ކުރިން ބަލިތަކުން ރައްކާތެރިވެ ތިބުމަށް ގަދައަޅައި މަސައްކަތް ކުރުމަށް. އެއީ ޞިއްޙީ ރަނގަޅު އާދަތަކެއްގެ މަތީގައި ދިރިއުޅުން ބައްޓަން ކުރުން. ޢުމުރުން ދުވަސްވަމުން އަންނައިރުވެސް، ޙަރަކާތްތެރި ދިރިއުޅުމުގެ އާދަތަކަށް ހޭނި އަހުލުވެރިވުން.

އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ ރައްޔިތުންނަށް ހަށިހެޔޮ ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދޭން އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. ރައްޔިތުންނާ ވީހާ ގާތުން ފެންވަރު ރަނގަޅު ފުރިހަމަ ޞިއްޙީ ޚިދުމަތެއް ދިނުމުގެ ހެޔޮ ތައުފީޤު ދެއްވައި، ދިވެހިރާއްޖެއަށް ފާގަތިކަމާއި ތަނަވަސްކަން، އެކަލާނގެ މިންވަރު ކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.