بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަޙުލާ، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ކުންފުނިތަކުގެ ވެރިން، ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަޙްމަދު އިމްތިޔާޒު، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ރައީސް އަދި ރަށު ކައުންސިލްތަކުގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިރެއަކީ އަނެއްކާވެސް ހުވަދުއަތޮޅަށް ވަރަށް ޚާއްޞަ ރެޔެއް. ފަރެސްމާތޮޑާގެ އެއަރޕޯޓަކީ މި ރަށުގެ އިތުރުން، ވާދޫ، ފިޔޯރީ، ރަތަފަންދޫ އަދި ނަޑެއްލާގެ ރައްޔިތުން ކުރަމުން އައި ދިގު އިންތިޒާރަށް ގެނެސްދިން ވަރަށް ފޮނި ނިމުމެއް.

އެކަމަށްޓަކައި، މި ފަސް ރަށުގެ ރައްޔިތުންނަށް އަދި މުޅި ހުވަދުއަތޮޅާއި މި އަތޮޅު ދެކުނުބުރީ ރައްޔިތުންނަށް ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑު ތަހުނިޔާ ދަންނަވަން. އަދި މިހާ ފުރިހަމަ ވައިގެ ބަނދަރެއް ތަރައްޤީކޮށް ނިންމަވައިދެއްވި ކަމަށްޓަކައި އެމް.ޓީ.ސީ.ސީ.ގެ ހީވާގި ހިންގުންތެރިންނަށާއި، މިކަމުގައި ޢަމަލީގޮތުން ބައިވެރިވި ހުރިހާ ބޭފުޅުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގާ ކުރިއަށް ގެންދިޔުމުގައި، އެމް.ޓީ.ސީ.ސީ.ގެ ލީޑަރޝިޕާއި، ޓީމް އެމް.ޓީ.ސީ.ސީ. އިން ކުރަމުން އެ ގެންދަނީ އިތުބާރުހުރި ފުރިހަމަ، ރައްޔިތުން ބަލައިގަންނަ މަސައްކަތެއް. އެކަމަށްޓަކައި އެމް.ޓީ.ސީ.ސީ.ގެ ސީ.އީ.އޯ. އާދަމް ޢާޒިމަށާއި، ޓީމް އެމް.ޓީ.ސީ.ސީ. އަށް އަދިވެސް އެއްފަހަރު އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި މި އެއަރޕޯޓް ނިމިގެން ގޮސް، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭ ހިސާބަށް ގެނައުމުގައި، ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް، އެ ކުންފުނީގެ އެމް.ޑީ.އަށާއި، ހީވާގި މުވައްޒަފުންނަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް މިރޭ ޝުކުރު އަދާކުރަން.

މި އެއަރޕޯޓް މިރަށުގައި ޤާއިމުކޮށް ހުޅުވުމުގައި، ފަރެސްމާތޮޑާ ރައްޔިތުންގެ ބައިވެރިވުން ވަރަށް ފުރިހަމައަށް ލިބުނު. އެއަރޕޯޓް ސަރަޙައްދު ސާފުކުރުމުގައި މި ރަށު އަންހެނުން އަދާކުރީ ވަރަށްބުރަ، ފާހަގަކޮށްލެވޭ މަސައްކަތެއް. އަދި އެއަރޕޯޓް ސަރަހައްދުގައި ގަސް އިންދައި ފެހި ކުރުމުގައިވެސް، މި ރަށުގެ އަންހެނުންނާއި ޒުވާނުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރި. އެކަމަށްޓަކައި ރަށުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

މި ރީޖަންގެ ސަރަޙައްދީ ވައިގެ ބަނދަރުތަކުގެ ގޮތުގައި މިހާރުވެސް ތިން އެއަރޕޯޓެއް އެބަ ހިންގާ. އެއީ ކާޑެއްދޫގެ އިތުރުން، ކޫއްޑުއާއި މާވާރުލު އެއަރޕޯޓް. އެ ސިލްސިލާއަށް މިރޭ އިތުރުވެގެން މިދަނީ ފަރެސްމާތޮޑާ.

މި ވައިގެ ބަނދަރުން ސިފަކޮށްދެނީ ރާއްޖޭގެ ޖަޒީރާއެއްގެ މަލަމަތި. ދިވެހިންގެ އިހު ޒަމާނުގެ ކަނޑުމަތީ ސަވާރީއަކީ، ހޭޅިފަށުގައި ހުންނަ އޮޑިހަރުގެތަކުގެ ކަމަޅިމަތީ ފަށަން ދަމާލައިގެން ބަންނަ އޮޑިދޯނިފަހަރު. މިއަދު އަޅުގަނޑުމެންގެ އާންމު ދަތުރުފަތުރުގައި ބޭނުންކުރާ ވައިގެ ބަނދަރެއް، އެފަދަ އޮޑިހަރުގެއެއްގެ ޒަމާނީ ފަރުމާއާ ބުގިސްވެގެން އުފެއްދުނުއިރު ދިވެހިވަންތަކަން ކިތަންމެ ރަނގަޅަކަށް ވެސް ސިފަވެގެން އެބަދޭ.

އެތައް ގޮތަކުން، ވަރަށް ގިނަ ތަފާތުތައް މި ވައިގެ ބަނދަރުން އަޅުގަނޑަށް އެބަ ފެނޭ. އަދި މިތަނުން ދަތުރުވެރިންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ. ފުރާ މީހުން ބޯޓަށް އަރާ މަންޒަރު ފެނުމަކީ ޢާއިލާތަކަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މި ތަނުގެ ޓަރމިނަލް ޢިމާރާތް ތިމާވެށްޓާ ވަރަށް ރައްޓެހި. ދުވާލުގެ ވަގުތުގައި ޤުދުރަތީ އަލިކަން ލިބޭ ގޮތަށް ހުރުމުން، ކަރަންޓުގެ ޚަރަދު ވަރަށް ބޮޑުތަން ކުޑަވެގެންދާނެ. ޢިމާރާތުގެ މެދުގައި ހުރި ބަގީޗާއާއި މި ތަނުގެ ވައި ދައުރުވާ ނިޒާމުން، ދަތުރުވެރިންނަށް ހިތްފަސޭހަކަމާއި އުފާވެރިކަން ލިބިގެންދާނެ. އެކަމަށްޓަކައި މި އެއަރޕޯޓް ޑިޒައިން ކުރެއްވި ޕްލޭނިންގ މިނިސްޓްރީގެ ބޭފުޅުންނަށް އަދި އިންޖިނިއަރިންގގެ މަސައްކަތް ކުރެއްވި އެމް.ޓީ.ސީ.ސީ.ގެ ބޭފުޅުންނަށް އަޅުގަނޑު އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން.

މި ވައިގެ ބަނދަރުން މި ސަރަހައްދުގެ ރައްޔިތުންނަށް ލިބޭނީ ހަމައެކަނި ދަތުރުފަތުރުގެ ލުއިފަސޭހަކަމެއް ނޫން. އިޤްތިޞާދީ އެތައް މަންފާއެއް ލިބޭނެ. އަދި އެ ރަށްތަކަށް އިޖްތިމާޢީ ހަމަޖެހުން އަންނާނެ. މިހާރުވެސް މި ރަށުގެ ޒުވާނުން އެއަރޕޯޓްގައި އަދާކުރާ ވަޒީފާތަކާއެކު، އިޤްތިޞާދީ އެތައް މަންފާއެއް އަންނަނީ ލިބެމުން. މި ވައިގެ ބަނދަރާއި މިތަނާ އެކުގައި ދެން ޤާއިމުކުރި އެހެން ވަސީލަތްތަކުގެ ސަބަބުން އުފެދިގެން އެދިޔައީ، ކުރިން ނެތް އެތައް ވަޒީފާއެއް.

މި އުންމީދު ޙާޞިލުވުމާއެކު، ކުރިއަށް އޮތީ އަދި މާ ފަހި ދުވަސްތަކެއް. މި ރަށާއި ކައިރި ރަށްތަކާ ދެމެދު ލޯންޗު ދަތުރުތައް އެތައް ގުނައަކަށް އިތުރުވެގެންދާނެ. މި ރަށުގައި އެންމެ އަވަހަށް ދެން ފުޅާވާނެ ކަމަށް އަޅުގަނޑަށް ފެންނަނީ ޓެކްސީގެ ޚިދުމަތް. ހޮޓާ ރެސްޓޯރަންޓުގެ ވިޔަފާރިއާއި، އެނޫން ވިޔަފާރިތަކަށްވެސް މި ހުޅުވުނީ ވަރަށް ތަނަވަސް ދޮރެއް. މިހިރީ މި ވައިގެ ބަނދަރުގެ ސަބަބުން، ނުސީދާ ގޮތެއްގައި އުފެދޭ އިޤްތިޞާދީ ޙަރަކާތްތަކާއި، އިތުރު ވަޒީފާތަކާއި، އާމްދަނީ ހޯދޭނެ އިތުރު މަގުތައް.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މި ރަށާ ދެމެދު 1 ގަޑިއިރާއި 15 މިނިޓަށް މިއޮތީ ކައިރިވެފައި. ދެން އޮތީ މި ސަރަޙައްދުގެ ރައްޔިތުންގެ ހިތްވަރާއި ޒުވާނުންގެ ފަންވަރު. ގެސްޓްހައުސް ވިޔަފާރިއަށް ވަނުމުގެ އުންމީދުގައި، މި ސަރަޙައްދުގެ ރަށްތަކުގައި ތިއްބެވި ބޭފުޅުންނަށް އަޅުގަނޑު ދަންނަވާނީ، މިހާރު މިއޮތީ ވަރަށް ރަނގަޅު ފުރުޞަތެއް ލިބިފައޭ. ލަސްނުކުރައްވާށޭ، އަވަހަށް ފަށްޓަވާށޭ.

އަޅުގަނޑުމެން މި ވައިގެ ބަނދަރުގެ މަސައްކަތް ފެށީ، ކޯވިޑް-19ގެ ބަލިމަޑުކަން އެންމެ ހަލުވިކޮށް ފެތުރެމުން ދިޔަ ދުވަސްވަރު. އޭރު އޮތީ އިޤްތިޞާދީ ޙަރަކާތްތައް ހުއްޓި، އެތައް ބައެއްގެ ވަޒީފާ ގެއްލިފައި. އެ ދުވަސްވަރު މި އެއަރޕޯޓްގެ މަސައްކަތް ފެށުނުކަމީ، މި ރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ނަސީބެއް. ރަށުގެ އެތައް ޒުވާނުންނަކަށް އެ މަޝްރޫޢުން ވަޒީފާތައް ލިބި، ކޯވިޑުގެ ތެރޭގައިވެސް މެދުނުކެނޑި އާމްދަނީ ލިބޭނެ މަގު ތަނަވަސްވި.

ފަރެސްމާތޮޑާގެ އެއަރޕޯޓާ އެކު، މި ރަށަށް ވަރަށް ބޮޑެތި ބަދަލުތަކެއް މިހާރުވެސް އަތުވެއްޖެ. އެންމެ ހެޔޮ ބަދަލެއް އައީ ކަރަންޓުގެ ޚިދުމަތަށް. އެއަރޕޯޓް ސަރަހައްދުގައި މަރުކަޒީ އިންޖީނުގެއެއް ޤާއިމުކޮށް، ކަރަންޓް ވިއުގައިގެ ފެންވަރު ރަނގަޅު ކުރެވިއްޖެ. ބާ ކޭބަލްތަކުގެ ބަދަލުގައި މުޅިން އާ ކޭބަލް މިހާރުވަނީ އަޅައި ނިމިފައި.

މި ރަށުގެ ނަރުދަމާގެ މަސައްކަތް ވެސް މިހާރު މިސްރާބު ޖަހާފައި އެހުރީ ނިންމާ ރޮނގަށް. އެކަމުގެ ލުއިފަސޭހަކަން ލިބުމަށްވެސް، އިރާދަކުރެއްވިއްޔާ ދެން މާގިނަ ދުވަސްތަކެއް ނުނަގާނެ. އެ މަޝްރޫޢަކީ ވެސް އަސާސީ ޚިދުމަތްތަކާ އެކު އުފެދިގެން އަންނަ އިތުރު ވަޒީފާތަކެއްވެސްމެ.

ދެން އެންމެ އަވަހަށް މި ރަށަށް އަންނާނެ އެއް ބަދަލަކީ، އެއަރޕޯޓާ ގުޅުވައިދޭ ދާއިމީ ކޯޒްވޭ. އެ މަސައްކަތް ނިމުމާއެކު، ބަނދަރު ސަރަހައްދުން އެއަރޕޯޓަށް ގެންގޮސްދޭނެ ތާރުމަގުގެ މަސައްކަތް ވެސް މާލަސްތަކެއް ނުވެ ފެށިގެން ދާނެ. މި އެއަރޕޯޓްގެ ލުއިފަސޭހަކަން ފުރިހަމައަށް ލިބެން ފަށާނީ އޭރުން.

އެތެރޭގެ ދަތުރުފަތުރުގައި ރައްޔިތުންނަށް ދުރު ގާތް ކޮށްދޭންޖެހޭނެ ކަމަށް އަޅުގަނޑުމެން ޤަބޫލުކުރާ މިންގަނޑެއް އެބައޮތް. އެއީ، ކޮންމެ ރަށަކުން ވެސް ފުރައިގެން، އެންމެ ގިނަވެގެން 20-30 މިނިޓުން ދެވޭ ހިސާބުގައި ވައިގެ ބަނދަރެއް އޮތުން. ފަރެސްމާތޮޑާ އެއަރޕޯޓާއެކު، އެންމެ ރަށެއް ފިޔަވައި، މުޅި ހުވަދުއަތޮޅު އެ މިންގަނޑަށް ފެތި ބަރާބަރުވީ.

ވާދޫ ރައްޔިތުން މީގެ ކުރިން ކުރަމުން އައި އެއް ގަޑިއިރުގެ ދަތުރު އެންމެ 15 މިނިޓަށް ކުރުވެއްޖެ. ފިޔޯރީ މީހުންގެ 50 މިނިޓްގެ ދަތުރު 10 މިނިޓަށް، އަދި ރަތަފަންދޫ މީހުން 45 މިނިޓުން ކުރި ދަތުރު 20 މިނިޓަށް ކުރުވެއްޖެ. އަދި މި ރަށުގެ ރައްޔިތުން، އެއް ގަޑިއިރުން ކުރި ދަތުރު، ނިސްބަތުން ބަލާނަމަ އެ ކުރުވީ، ގާތްގަނޑަކަށް ގެއާއި ބަދިގެއާ ދެމެދުގެ ދުރުމިނަކަށް.

އެހެން އަތޮޅުތައް ވެސް މި ދެންނެވި މިންގަނޑަށް، މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން ފައްތާނަން. އުތުރުގެ ދެ އަތޮޅެއްގަޔާއި، ދެކުނުގެ ދެ އަތޮޅެއްގައި ހަތަރު ވައިގެ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް، އެމް.ޓީ.ސީ.ސީ.އިން ވަރަށް ހަލުވިކަމާއެކު މިހާރުވެސް ކުރިއަށް އެބަގެންދޭ.

މ. މުއްޔާއި، ފ. މަގޫދޫ އަދި ރ. އަލިފުށީގައި އަޅުގަނޑުމެން ޤާއިމުކުރާ ވައިގެ ބަނދަރުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ނިމި ޚިދުމަތް ދޭން ފެށޭނެ. ނ. މާފަރު ވައިގެ ބަނދަރު އިތުރަށް ތަރައްޤީކޮށް، ފެންވަރު މަތިކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތައް ވެސް، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ކުރީކޮޅުގައި ނިންމައި ޚިދުމަތް ދޭން ފެށޭނެ.

އޭގެ އިތުރުން ވެސް ހަތަރު ރަށެއްގައި ވައިގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އަޅުގަނޑު އުންމީދުކުރަން. އެއީ ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ، އަދި ތ. ވިލުފުށީގައި ޤާއިމުކުރާ ވައިގެ ބަނދަރުތައް. އެ ހަތަރު ވައިގެ ބަނދަރަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު އޮތީ ބީލަމުގެ އެންމެ ފަހު މަރުޙަލާގައި. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އެކަންވެސް ބަޔަކާ ހަވާލުކުރެވިގެންދާނެ. ރ. އަތޮޅު ދެކުނު ބިތުގައި ތަރައްޤީ ކުރަން ނިންމި އެއަރޕޯޓާ ގުޅޭ ފުރަތަމަ މަރުޙަލާގެ މަސައްކަތްތައް މިހާރު ވަރަށް ބާރަށް އެބަ ކުރިއަށް ދޭ.

މި ވައިގެ ބަނދަރުތައް ޤާއިމުކޮށް ނިމޭއިރު، އެތެރޭގެ އުދުހުންތަކުގެ ވިއުގަ ވަރަށް ބޮޑަށް ގެތި ލާމެހިގެންދާނެ. އަދި އެއީ ވަޒީފާގެ އިތުރު ފުރުޞަތުތައް އުފެދި، އިޤްތިޞާދީ ޙަރަކާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ދިރުމަކަށް ވެގެންދާނެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުމަށް ލިބޭ ރަނުގެ ފުރުޞަތުތަކަށްވެސް ވެގެންދާނެ.

އާދެ، ކޮންމެ ގުޅުމަކީ އޭގެ ތެރޭގައި އެތައް ފައިދާތަކެއް ހިމެނޭ ކަމެއް. ދޭދޭ މީހުންގެ ދެމެދުގައި ވިޔަސް ނުވަތަ ދޭދޭ ރަށްތަކުގެ ދެމެދުގައި ވިޔަސް، ހަރުދަނާ ރަނގަޅު ގުޅުމެއް އޮތިއްޔާ، އެ ގުޅުމުން އުފަންވާ އެތައް މަންފާތަކެއް ހުންނާނެ. މީހުން އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމަކީ، ރަށްވެހިކަމާއި ތަރައްޤީ އާއި ތަހުޒީބުގެ ސިފަތައް ދުނިޔޭގެ ހަތަރު ބިތަށް ފަތުރައިލަދިން މައިގަނޑު ވަސީލަތް.

މިއީ އިންސާނީ މުޖްތަމަޢުގައި ކަން ހިނގާ މަގު. މި ޖަޒީރާތަކަށް ވެސް ދުނިޔޭގެ އިރާއި ހުޅަނގުގެ ތަހުޒީބާއި ތަމައްދުންގެ ސިފަތައް ވާރުތަވީ ހަމަ އެމަގުން. ކުރިއަށް އޮތް ތަނުގައިވެސް އެކަން ހިނގާނީ އެގޮތަށް. އެކަކަށް ލިބޭ ކުރިއެރުމުގެ ނަފާ އަނެކަކަށް، އެއް ރަށަށް ލިބޭ ތަރައްޤީގެ ފައިދާ އަނެއް ރަށަށް، އަދި އެއް އަތޮޅަށް އަންނަ ދިރުމުގެ ހެޔޮ އަސަރު އަނެއް އަތޮޅަށް ކުރަނީ ވެސް ހަމަ އެމަގުން.

މި ރާއްޖޭގެ ރަށްތައް ގުޅުވައިލުމަށް މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން މި ކުރާ މަސައްކަތުގެ ސަބަބުން، މުޅި ރާއްޖެއަށް އެތައް ގޮތަކުން ކުރިއެރުމާއި ތަރައްޤީ ލިބެމުން ދާނެކަން އަޅުގަނޑަށް ޔަޤީން. ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، އަމިއްލަ ފުދުންތެރިކަން އެތައް ގުނައަކަށް އިތުރުވެގެންދާނެ.

ޤައުމުގެ ކުރިއެރުމާއި ތަރައްޤީއަށް އަޅުގަނޑުމެން މި ކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އެންމެހައި ދިވެހިންނަށް ތަނަވަސްކަމާއި ފާގަތިކަން މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.