بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު، ދައުލަތުގެ ވަޒީރުން، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ވެރިން، މި މުބާރާތުގެ ހުރިހާ ބައިވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފަޚުރުވެރި ވަނަތައް ޙާޞިލުކުރި ހުރިހާ ކުދިންނަށާއި ހުރިހާ ބޭފުޅުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަން. އަދި މި މުބާރާތުގައި ބަލައިގެން ކިޔެވި ހުރިހާ ބައިވެރިންނަށާއި، ނުބަލައި ކިޔެވި ހުރިހާ ބައިވެރިންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން.

އަދި މިއަދުގެ އެންމެ ޝަރަފުވެރި ވަނަތައް ޙާޞިލުކުރި، އިސްކަންދަރު ސްކޫލްގެ އާޔާން އަޙްމަދާއި، ޢަރަބިއްޔާ ސްކޫލްގެ ނަވާރް ފިރާޤާއި، އިސްކަންދަރު ސްކޫލްގެ ފާޠިމަތު ޝާޔާއަށް ވަރަށް ޚާއްޞަ ތަހުނިޔާއެއް ކިޔަން. އަދި އެއްވަނަ ޙާޞިލުކުރި އިސްކަންދަރު ސްކޫލަށްވެސް ވަރަށް ޚާއްޞަ ތަހުނިޔާއެއް ދަންނަވަން.

މި ދެންނެވި ތިން ދަރިވަރުންނަކީ، ޢުމުރުން 14 އަހަރާއި 15 އަހަރުގެ ތިން ކުދިން. މިހާ ކުޑަކުދިންކޮޅެއް، މިފަދަ ޤައުމީ މުބާރާތެއްގެ އެންމެ މަތީ ވަނަތައް ޙާޞިލުކުރުމަކީ އަޅުގަނޑުމެން އެންމެންނަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލެއް. އެކަމަށްޓަކައި އެ ދަރިވަރުން ކިޔަވާ ސްކޫލްތަކަށާއި، އެ ކުދިންގެ ބެލެނިވެރިންނަށް ވެސް ތަހުނިޔާ އާއި ހެޔޮއެދުންތައް އަޅުގަނޑު ފޮނުވަން.

މިއަދު އިނާމު ޙާޞިލު ކުރެއްވި ބައިވެރިންނާއި، މި މުބާރާތުގެ ހުރިހާ ބައިވެރިން ތިޔަ ކުރައްވަނީ، ވަރަށް މަތިވެރި އަދި އެހާމެ ބަރަކާތްތެރި މަސައްކަތެއް. އެއީ ދުނިޔެއާއި އާޚިރަތުގައިވެސް ތިޔަ ބޭފުޅުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިދޭނެ ވަރަށް މުޤައްދަސް އަޅުކަމެއް. އެހެންކަމުން، ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔެވުމާއި، ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގައި ދެމިތިއްބެވުމަށް، ތިޔަ ބޭފުޅުންނަށް އިލްތިމާސްކުރަން.

މީގެ ދެ ދުވަސް ފަހުން އަޅުގަނޑުމެންނާ އެ ބައްދަލުކުރަނީ، ކީރިތި ޤުރްއާނުގެ މައްސަރު. މި އަހަރުގެ ބަރަކާތްތެރި ރޯދަ މަސް. އެއީ، ކީރިތި ޤުރްއާން ކިޔެވުމާއި އަޅުކަންތަކުގައި އިތުރަށް ހީވާގިވެ އުޅުމަށް، ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި، އާދަވެފައި އޮންނަ މައްސަރެއް. އަދި ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުވައި ޒިޔާރަތްކުރުން ވެސް އިތުރުކުރާ މައްސަރެއް. މާތް ﷲގެ ވާގިފުޅާއެކު، މި ރޯދަ މަހުވެސް އެފަދަ އަޅުކަންތަކުގައި ދެމިތިބުމުގެ ހެޔޮ ނަސީބު އަޅުގަނޑުމެންނަށް ލިބިގެންދާނެ.

ވަރަށް ރީތި ރާގުތަކަށް، އަދި ތަޖުވީދުގެ ހަމަތަކަށް ޤުރްއާން ކިޔަވާ ބޭފުޅުން އަޅުގަނޑުމެންގެ ތެރޭގައި މިހާރު ވަރަށް ގިނައިން އެބަތިއްބެވި. އަދި ހުރިހާ ޢުމުރުފުރައެއްގައިވެސް، ޝައުޤުވެރިކަމާ އެކު އެކަން ދަސްކުރައްވަން މަސައްކަތް ކުރައްވާ، ވަރަށް ގިނަ ބޭފުޅުން އެބަތިއްބެވި. އަދި ކީރިތި ޤުރްއާން އުނގެނުމަށް ފަހު، އެހެން މީހުންނަށް އުނގަންނައިދެއްވުމަށް މަސައްކަތް ކުރައްވާ ބޭފުޅުން ވެސް މިހާރު ވަރަށް ގިނަ.

ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ތިއްބެވި ޙާފިޡުން ވެސް، އަޅުގަނޑުމެންގެ ތެރޭގައި މަދެއް ނޫން. އަދި ޤުރްއާން ހިތުދަސްކުރެއްވުމުގެ ޝައުޤުވެރިކަން ހުރި ބޭފުޅުންވެސް އަޅުގަނޑުމެންގެ ތެރޭގައި މިހާރު ވަރަށް ގިނަ. އެއީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް. އަދި އަޅުގަނޑުމެން ހިތްވަރުދީ ބާރުވެސް އަޅާ ކަމެއް.

އެހެން ނަމަވެސް ޙާފިޡަކަށްވުމަށް ފަހު، ޙާފިޡެއްގެ ގޮތުގައި ދެމިހުރުމަށް ކުރެވޭ މަސައްކަތް ތަންކޮޅެއް ދަށްކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. ރޯދަ މަހު ތަރާވީޙް ނަމާދުކުރުމަށް ބޭރުގެ ޙާފިޡުން ގެންނަންޖެހޭ ޢަދަދުން އަޅުގަނޑުމެންނަށް އެކަން ފާހަގަވެގެންދޭ. ކޯވިޑުގެ ދެ އަހަރު ނޫނިއްޔާ، ކޮންމެ އަހަރަކުވެސް 200 އަށްވުރެ ގިނަ ޙާފިޡުން ރާއްޖެއަށް އެބަ ގެނެވޭ. އަޅުގަނޑު ދެކޭ ގޮތުގައި މިއީ، އިސްލާމިކް މިނިސްޓްރީންވެސް އަދި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުންވެސް އިތުރަށް ވިސްނަވަން ރަނގަޅު ކަމެއް.

އެންމެ ފުރަތަމަ އަޅުގަނޑުމެން އުނގެނެން ފަށަނީ ކީރިތި ޤުރްއާން. އެންމެ އިހުއްސުރެ ފެށިގެން މިއަދާ ހަމައަށްވެސް، އަޅުގަނޑުމެންގެ އެ ރީތި އާދަ އެގޮތުގައި ދެމިއޮތުމަކީ އަޅުގަނޑުމެންގެ ހެޔޮ ނަސީބު. ޕްރީ ސްކޫލަށް ދަރިފުޅު ފޮނުވުމުގެ ކުރިންވެސް، އަލިފުބާ ދަސްކޮށްދިނުމަކީ މިހާރުވެސް އަޅުގަނޑުމެން ކުރަމުން އަންނަ ވަރަށް ރަނގަޅު ކަމެއް.

މި ރީތި އަދި ރަނގަޅު އާދަތަކާ އެކު، ކީރިތި ޤުރްއާނާ އެކުގައި އަޅުގަނޑުމެންގެ ދިރިއުޅުން އާރާސްތުކުރުމުގެ ދާއިރާ މިހާރަށްވުރެ ފުޅާކުރަންޖެހޭ ކަމަށް އަޅުގަނޑު ދެކެން. އެއީ އަޅުގަނޑުމެންގެ ތެރޭގައި ހުރި ދީނީ، އިޖްތިމާޢީ އަދި އަޚްލާޤީ މައްސަލަތަކަށް، ކީރިތި ޤުރްއާނުން ޙައްލު ހޯދުން. އަދި އެ ޙައްލުތައް ތަންފީޒުކުރަން މަސައްކަތް ކުރުން.

އެކަން ކުރެވޭނީ، ކީރިތި ޤުރްއާނުގައިވާ ޢިލްމީ ދާއިރާތަކަށް އަޅުގަނޑުމެންގެ ސިކުނޑިތައް އިތުރަށް ހުޅުވައިގެން. ސްކޫލްތަކުގައި ތަޖުވީދު މަގުން ކިޔަވައިދޭ އަދި ހިތުދަސްކޮށްދޭ މާއްދާއަކަށްވުރެ، ކީރިތި ޤުރްއާނުގެ ދާއިރާ މާފުޅާ. ކީރިތި ޤުރްއާނުގައިވާ ޢިލްމީ ޙަޤީޤަތްތަކުގެ މައްޗަށް، ޒަމާނީ ސައެންސާއި ޓެކްނޮލޮޖީގެ އަލީގައި ކުރެވޭ ދިރާސާތަކުން، އިސްލާމީ ރިސާލަތުގެ ފުރިހަމަކަން އިތުރަށް ހާމަވެ ކަށަވަރުކުރެވޭނެ. މިއީ، އަޅުގަނޑުމެންގެ ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ އިސް ވެރިން، ފުންކޮށް ވިސްނަވަންވީ ކަމެއްކަމަށް އަޅުގަނޑު ދެކެން.

ކީރިތި ޤުރްއާން ކިޔެވުމާއި ހިތުދަސްކުރުމުގެ މުބާރާތެއް، ސަރުކާރުން ކޮންމެ އަހަރަކު މި ބާއްވަނީ ވަރަށް މަތިވެރި މަޤްޞަދެއްގައި. އެއީ އަޅުގަނޑުމެންގެ ކުޑަކުދިންނާއި ޒުވާނުންނާއި އަދި އެންމެންގެ ހިތްތަކުގައި، ކީރިތި ޤުރްއާނާ މެދު އިތުރަށް ލޯބި އުފެއްދުން. ކީރިތި ޤުރްއާނާ މެދު ޝައުޤުވެރިކަން އިތުރުކުރުން. އަދި ދީނީ ކަންކަމާ މެދު ފަރުވާތެރިކަން އިތުރުކުރުން.

މިފެށޭ ބަރަކާތްތެރި ރޯދަމަހަކީ، ކީރިތި ޤުރްއާނުގެ ހިޔަލުގައި ހޭދަކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއް. މި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، އަޅުގަނޑުމެންގެ ތެރޭގައި ހުރި، ދީނީ އަދި އަޚްލާޤީ ރީތި އާދަތަކުގެ މަތީގައި ދެމިތިއްބެވުމަށް، މި މުބާރާތުގެ ބައިވެރިންނަށާއި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސްކުރަން.

މި ރޯދަ މަހުގެ ބަރަކާތާއި ދަރުމައާއި ޘަވާބު ޙާޞިލުކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ވެސް މިންވަރު ކޮށްދެއްވުން އެދި، اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. އަޅުގަނޑުމެންގެ ހިތްތަކުގައި ކީރިތި ޤުރްއާނާ މެދު ލޯބި އިތުރު ކުރައްވައި، ކީރިތި ޤުރްއާނުގައިވާ އެންމެ ރިވެތި އަޚްލާޤުގެ މަތީގައި ދެމިތިބުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް މިންވަރުކުރައްވާށި! އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި އަޅުގަނޑުމެން ސާބިތު ކުރައްވައި، ފާގަތިކަމާއި ތަނަވަސްކަން މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.