ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލު ކުރައްވައި ރަށުގެ ތަރައްޤީއާ ގުޅޭ ކަންކަމުގައި މަޝްވަރާކުރައްވައިފިއެވެ. މިބައްދަލު ކުރެއްވުން އޮތީ، މިއަދު މެންދުރު ބިލެތްދޫ ކައުންސިލް އިދާރާގައެވެ.

މިބައްދަލުވުން ފެއްޓެވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ، ބިލެތްދޫ ކައުންސިލް އިދާރާއަށް ޒިޔާރަތްކުރައްވާ ޢިއްޒަތްތެރިން ސޮއެކުރައްވާ ފޮތުގައި ސޮއެކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ބިލެތްދޫއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި، އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ދެންނެވި ހޫނު މަރުޙަބާއަށްޓަކައި ޝުކުރުއަދާކުރައްވައިފައެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ، ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގަޔާއި މަޝްރޫޢުތައް ހިންގުމުގައި ކައުންސިލްތަކާއި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކުރިޔަށް ދިޔުމަށް ކަމަށެވެ.

މިބައްދަލުކުރެއްވުމުގައި ބިލެތްދޫ ކައުންސިލުން ވަނީ، މިސަރުކާރުން ބިލެތްދޫގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާ ކަމަށާއި ރައްޔިތުން ތިބީ ސަރުކާރާއެކުގައި ކަމުގައި ވިދާޅުވެފައެވެ. އަދި ބިލެދޫއަށް މިސަރުކާރުން ގެނެސްދީފައިވާ ތަރައްޤީއާއެކު ރައްޔިތުންގެ ފުރިހަމަ ޢިތުބާރާއި ތާޢީދު ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް އެބައޮތް ކަމުގައި ކައުންސިލުން ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ​އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަކީ އަތޮޅުތެރޭގެ ތަރައްޤީއަށް އެންމެ ގިނަ މަސައްކަތްތައްކޮށްދީފައިވާ ސަރުކާރު ކަމަށާއި ފާއިތުވި 50އަހަރު ބިލެތްދޫއަށް ލިބިފައި ނެތް ތަރައްޤީ މިސަރުކާރުގައި ލިބިގެން ހިނގައްޖެ ކަމުގައިވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގައި ބިލެތްދޫގެ ރައްޔިތުން ބޭނުންވާ ކަންކަމުގެ ގޮތުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ކައުންސިލަށް ދިމާވެފައިވާ މާލީ ދަތިތަކާއި، ކުޅިވަރު ކުޅޭނެ ދަނޑާއި ވަޞީލަތްތައް ނެތުމާއި، ސްކޫލުގެ ލައިބްރަރީއެއް ޤާއިމްކުރުމާއި، ސަރުކާރުގެ މުއައްސަސާތަކުގައި ބޭނުންކުރާ ހަކަތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުން ހިމެނެއެވެ.

މިބައްދަލުވުމުގައި، ބިލެތްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީންވަނީ މިސަރުކާރުން ކޮމިޓީތަކުގެ ހިންގުމަށް ގެނެސްދެއްވި ބަދަލުތައް ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ. އަދި ކޮމެޓީތައް ހިންގުމަށް އޮތް ދަތިތަކާއި ހަރާކާތްތައް ހިންގުމަށް ދިމާވާ މާލީ ދަތިކަންވެސް އ.ތ.މ ކޮމިޓީން ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބިލެތްދޫގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައި ވަނީ ރަށުގެ ބިން ބޮޑު ކުރުންކަމަށާ، ބަނދަރުގެ މަސައްކަތާއި އެކު ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށްދާނެ ކަމުގައެވެ.

މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި މުއްސަސާތަކާއި ގުޅިގެން ކުރިޔަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފ. އަތޮޅަށް އިއްޔެ ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، ފަހު މަންޒިލެއްގެ ގޮތުން ވަޑައިގަންނަވާނީ، ފ. ފީއައްޔަށެވެ.