މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ އަންހެން ބޭފުޅުންނަށް ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރުމަކީ، އަޅުގަނޑަށް ލިބޭ ނުހަނު ބޮޑު އުފަލެކެވެ. މި ތަހުނިޔާގައި ހުރިހާ ދިވެހި ރައްޔިތުން، ޚާއްޞަކޮށް ފިރިހެން ބޭފުޅުން އަޅުގަނޑު ޝާމިލު ކުރަމެވެ.

ރާއްޖޭގެ އަންހެނުންނަކީ، ރާއްޖޭގެ ތަރައްޤީގައި އަދި ދިވެހި މުޖްތަމަޢުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުން ގެންދާ ބައެކެވެ. މި ސަރުކާރުން ދެކެނީ، އަންހެނުންނަކީ، ވަކި ޚާއްޞަ ތަފާތުތަކެއް ބޭނުންވާ ވަކި ޚާއްޞަ ކަންތައްތަކެއް ބޭނުންވާ ބައެއް ކަމަށެވެ. ސަރުކާރުން ޢަމަލު ކުރަމުން މިގެންދަނީ އެ ސިޔާސަތަށެވެ. އަންހެނުންނާބެހޭ ވަކި މިނިސްޓްރީއެއް ހުރުމަށްވުރެ، އަންހެނުންނާބެހޭ ކަންތައްތައް ހުރިހާ މިނިސްޓްރީއަކުންވެސް ފަހިކޮށްދިނުމަކީ، ސަރުކާރުގެ އަންހެނުންނާބެހޭ ސިޔާސަތުގެ މުހިންމު ބައެކެވެ.

ރާއްޖޭގެ އަންހެނުންގެ ދައުރަކީ، މާޖެހުމާއި، ކެއްކުމާއި، ޖަރީކުރުމާއި، ފެހުން އެކަނި ކަމަށް އަޅުގަނޑުމެން ދެކިގެން މިއަދު ފަރުޖެއްސޭކަށްނެތެވެ. އަންހެނުންގެ ދައުރަކީ، ނުވަތަ އަންހެނުން ކުރަންވީ ވަކި ބާވަތެއްގެ ކަންތައްތައް ކަމަށް ބުނެ، ހަމައެކަނި އެ ދިމާއަށް އަންހެނުން ލެންބުވުން ނުވަތަ އެ ދިމާއަށް އަންހެނުން މިޞްރާބު ކުރުވުން އެއީ، އަންހެނުން ކުރިއެރުވުމުގައި އަޅުގަނޑުމެންނަށް ޢަމަލު ކުރެވެން އޮތް އެންމެ ރަނގަޅު ގޮތް ކަމަކަށް އަޅުގަނޑު ނުދެކެމެވެ.
އަންހެނުންނަކީ، މިއަދު ހަމައެކަނި ދަރިން ބަލަން ގޭގައި ތިބޭ ބަޔަކު ކަމަށް ހެދޭކަށްނެތެވެ. އަދި އެކަމުގެ ޙުއްޖަތް ދައްކައިގެން، އެމީހުން ވަޒީފާއަށް ނުފޮނުވާ ގޭގައި ބޭތިއްބުން އެއީ، އަޅުގަނޑުގެ ނަޒަރުގައި މިއަދު އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމެއް ނޫނެވެ. އަންހެނުންނަށް އެކިއެކި ފިއްތުންތައް ކުރިމަތިކުރުވުމާއި، އެއްކައިރި ކުރުވުމާއި އެމީހުން ބާކީ ކުރުމާއި އަންހެނުން ކުރާ އެކި ކަންކަމަށް ހުރަސް އެޅުމަކީވެސް، އަޅުގަނޑުމެން ކޮށްގެންވާނެކަމެއް ނޫނެވެ.

މުޖްތަމަޢުގެ އެކިކަންކަމުގައި އަންހެނުން ބައިވެރިވެ އުޅުމަކީ، އަޅުގަނޑު ދެކޭގޮތުގައި ފިރިމީހާއަށްވެސް މުޅި ޤައުމަށްވެސް އެކަމުން ލިބޭ ފައިދާބޮޑުވާނެ ކަމެކެވެ. ޙަޤީޤަތުގައި ދަރިންނަށް އަޅުގަނޑުމެން ދަސްކޮށްދޭންވީ ފިލާވަޅަކީ، ވަޒީފާއަދާކުރުމަކީ ހަމައެކަނި ބައްޕައަށް ޚާއްޞަ ކުރެވިފައިވާ ކަމެއް ނޫންކަމެވެ. އަޅުގަނޑުމެން ދަރިންނަށް ދައްކައިދޭންވީ މަންމަވެސް ވަޒީފާއަދާކުރާ މަންޒަރެވެ. މަންމައަކީވެސް، ދިވެހި ޤައުމުގެ ތަރައްޤީގައި މުހިންމު ޙިއްޞާއެއް އަދާކުރަމުންދާ މީހެއްކަމެވެ. އިރާދަކުރެއްވިއްޔާ ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނީ، ހުރިހާ ދާއިރާއެއްގައިވެސް އަންހެނުންނަށް ކަންކަން ފަހިކޮށްދިނުމަށެވެ.

މި ފުރުޞަތުގައި ދިވެހި ހުރިހާ އަންހެން ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ސިޔާސީ ދާއިރާއިންވެސް ވީހާ ގިނަ އަންހެން ބޭފުޅުން އަޅުގަނޑު ދެކެން ބޭނުންވާ ވާހަކައެވެ. ކުރިޔަށް މި އޮތް ރައްޔިތުން ގެ މަޖިލީހުގެ އިންތިޚާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން އެކި ދާއިރާތަކަށް ކުރިމަތިލައްވައި ގޮޑިތައް ކާމިޔާބު ކުރައްވާ މަންޒަރަކީ، އަޅުގަނޑު މިއަދު ވަރަށް ބޮޑަށް ދެކެން ބޭނުންވާ މަންޒަރެކެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު އިތުރަށް ފުޅާވަމުންދިޔުމަކީ، މިއަދު އަޅުގަނޑުމެން މިއުންމީދުކުރާ އަނެއް ދިވެހިރާއްޖެއަށް ނުވަތަ އަޅުގަނޑުމެން މި އުންމީދުކުރާ ތަރައްޤީވެފައިވާ ދިވެހިރާއްޖެއަށް ދިޔުމުގައި އަޅަންޖެހޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ އަންހެނުންނަށް އިތުރު ތަރައްޤީ ލިބި އެކިއެކި ރޮނގުތަކުން ކުރިޔަށް ދިޔުމުގެ ފުރުޞަތުތައް ތަނަވަސްކޮށްދެއްވައި ފާގަތި ދުވަސްތަކެއް މިންވަރު ކުރެއްވުމެވެ.