"މަރްކަޒު ނޫރުލް ޤުރްއާން"، 20 ވަނަ އަހަރަކާ ކުރިމަތިލުމުގެ އުފާވެރި މުނާސަބަތުގައި، މަސްއޫލުވެރިޔާ މުޙަންމަދު ފައުޒީއަށާއި، ނޫރުލް ޤުރްއާނުގެ ހީވާގި ހިންގުންތެރިންނަށާއި، މުދައްރިސުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަމެވެ. އަދި މި ތަހުނިޔާގައި މަރްކަޒުގެ ލޮބުވެތި ދަރިވަރުންނާއި، އެދަރިވަރުންގެ މައިންބަފައިންނާއި ބެލެނިވެރިންވެސް އަޅުގަނޑު ޝާމިލު ކުރަމެވެ.

މަރްކަޒު ނޫރުލް ޤުރްއާނުން ދިވެހި މުޖްތަމަޢަށް ތިޔަކޮށްދެއްވަނީ ވަރަށް މަތިވެރި ޚިދްމަތެކެވެ. އަމިއްލަ ފަރާތްތަކުން ކުރައްވާ މިފަދަ މުހިންމު އަދި ބިނާކުރަނިވި މަސައްކަތްތަކަކީ، ސަރުކާރުން ވަރަށް ޝުކުރުވެރިކަމާއެކު ބަލައިގަންނަ މަސައްކަތްތަކެކެވެ.

އަޅުގަނޑުމެންގެ ދަރިންނަށް ރީތިކޮށް ޤުރްއާން ކިޔަވަން ދަސްކޮށްދިނުމަކީ، އަޅުގަނޑުމެން އެންމެންގެ މަސްއޫލިއްޔަތެކެވެ. މިކަމުގައި ނޫރުލް ޤުރްއާނުން ތިޔަ އަދާކުރައްވަމުން ގެންދަވާ ދައުރު އަޅުގަނޑު ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރަމެވެ. އަދި ރީތިކޮށް ޤުރްއާން ކިޔަވާ ކުދިން ރާއްޖޭގައި އުފެދެމުން ދިޔުމުގައި، ނޫރުލް ޤުރްއާންގެ ޙިއްޞާ ވަރަށްބޮޑުކަންވެސް އަޅުގަނޑު ހަނދާން ކުރަމުން، މިމަސައްކަތުގައި ކުރިއަށް ވަޑައިގަތުމަށް ހިތްވަރު އަރުވަމެވެ. އަދި ތިޔަކުރައްވާ އިޖްތިމާޢީ ޚިދްމަތުގެ އަގު އަޅުގަނޑު ވަޒަން ކުރަމެވެ. ހަމައެއާއެކު، ރީތިކޮށް ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދެއްވުން ނޫން ކަމެއްގައި މަރްކަޒު ނޫރުލް ޤުރްއާން ބޭނުން ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އޮތް ވާހަކަވެސް ދެންނެވީމެވެ.

ނޫރުލް ޤުރްއާނުން ކުރައްވާ މަސައްކަތަށް ހުރިހާވެސް ކާމިޔާބީއަކަށް އަޅުގަނޑު އެދެމެވެ. އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ނޫރުލް ޤުރްއާންގެ ނޫރުން އަޅުގަނޑުމެންނާއި، އަޅުގަނޑުމެންގެ ދަރިންގެ ހިތްތައް އުޖާލާވެގެން ދިޔުމެވެ.