ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާއާއި މުބާރިކުބާދީ ދިވެހި ފަތުރުވެރިކަމުގެ އެންމެހާ ހިއްސާދާރުންނާއި، ވަކިން ޚާއްސަކޮށް ދިވެހި ރައްޔިތުންނަށް އަރިސްކުރަމެވެ.

ދިވެހި ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކުރި މޭސްތިރިންނަށް ތަޢުރީފާއި ސަނާ ޙައްޤެވެ. ރާއްޖޭގެ ބިމަކީ ކަނޑާއި ފަރާއި ފަޅުތަކަކުން ވަކިވަކިވެފައިވާ ކުދި ރަށްތަކަކަށް ވުމީ މިރާއްޖޭގެ ތަރައްޤީއަށް އެޅިފައިވި އެންމެ ބޮޑު ހުރަސްކަމުގައި ޤަބޫލު ކުރެވިފައިވަނިކޮށް، މިކަންކަމުން ލާބަހުރި މަސައްކަތެއް ފެށުމީ އެބޭފުޅުންގެ ދުރުވިސްނުމާއި ޙިކްމަތްތެރި ކަމުގެ ހެތްކެވެ. ހަމަ އެހެންމެ އެމަސައްކަތަކީ އިޤްތިޞާދުގެ އެންމެ މުހިންމު ބަހާ ކަމަށް މިއަދު ވެފައިމިވަނީ މިސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަގެ ހިތްވަރާއި ހިންމަތުން ކަމާމެދު އަޅުގަނޑުގެ ޝައްކެއް ނެތެވެ.


އިޓަލީވިލާތުގެ ފަތުރުވެރިންތަކެއް ގޮވައިގެން މީގެ 37 އަހަރު ކުރިން ރާއްޖެއައި ފުރަތަމަ މަތިންދާ ބޯޓު ހުޅުލޭ އެއަރޕޯޓަށް ޖެއްސިއިރު، މިރާއްޖެއަކީ،

އާބާދީއަށްވުރެން އެތައް ގުނައެއް އިތުރު ފަތުރުވެރިން އަހަރެއްގެ ތެރޭގައި ޒިޔާރަތް ކުރާނެ، ދުނިޔޭގެ ރެކޯޑަކަށް ވާނެކަމަށް ހީކުރީ ކިތައް މީހުންކަމެއް ދަންނަވާކަށް ނޭނގެއެވެ. ފާއިތުވި 2009 ވަނަ އަހަރުވެސް ޖުމްލަ 655،852 ފަތުރުވެރިން މިރާއްޖޭގައި ޗުއްޓީ ހޭދަކުރިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ރާއްޖޭގެ ރިސޯޓުތަކާއި، ހޮޓެލް އަދި ސަފާރީތަކުގެ ޖުމްލަ އެނދުގެ އަދަދު 25،000 ގާތްކުރެއެވެ. މިދެންނެވި އެނދުތައް ވިކި ފުރެމުންދަނީ، ކޮންމެ ދިވެހި ރައްޔިތެއްވެސް އެއާއި މެދު އުފާކުރުން ޙައްޤު ނިސްބަތަކުންނެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި މަޤްބޫލު، ނަލަ ޗާލު މަންޒިލަކަށް ރާއްޖެ ހަދައިދިން ވަސީލަތަކީ ފަތުރުވެރިކަމެވެ. ދުނިޔޭގެ ޤުދުރަތީ އައު ހަތް އަޖައިބުގެ ތެރޭގައި ރާއްޖެ ހިމެނުމުގެ ކެމްޕޭން މިއަދު ރަސްމީގޮތުން ފެށިގެންދާއިރު، މިކަމުގައި ހުރިހާ ދިވެހި ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ލިބޭނެކަމުގައި އަޅުގަނޑު ޔަޤީންކުރަމެވެ.

މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިޢާރަކީ ހުރިހާ މާނައެއްގައިވެސް ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ވަރަށް ގުޅުންހުރި ޝިޢާރެކެވެ. 2010 ވަނަ އަހަރަކީ އ.ދ. އިން ކަނޑައަޅުއްވާފައިވާ ބައިނަލްއަޤްވާމީ ދިރޭތަކެތީގެ ނަސްލުތަކުގެ އަހަރަށް ވާއިރު، މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިޢާރަކަށްވެސް

ކަނޑައެޅިފައިވަނީ "ފަތުރުވެރިކަމާއި ދިރޭތަކެތީގެ ނަސްލު" މިޝިޢާރެވެ. ރާއްޖޭގެ ފަތުރުވެރިކަމާއި ކަނޑުފަޅުގެ ދިރުންތަކާއި ގުޅި ލާމެހިފައިވާއިރު ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމުގައި އެކުލެވޭ އިޤްތިސާދީ މާނަ ވަރަށް ސާފެވެ. ތިމާވެށި ޙިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތުގައި ބައިނަލްއަޤްވާމީ ފެންވެރުގައި ރާއްޖެ އިސްނަގާފައިވާއިރު، މިކަމުގައި ރާއްޖޭގެ ހުރިހާ ދާއިރާތަކެއްގެ އެއްބާރުލުން ބޭނުންވެއެވެ. ފަތުރުވެރިކަމުގެ

ދާއިރާ އަކީ އެންމެ ފުރިހަމަ ސިފައެއްގައި ބައިވެރިވުމުގެ ސަބަބާއި ފުރުޞަތު އޮތް ދާއިރާއެކެވެ. ތިމާވެއްޓާ ރައްޓެހި ގޮތެއްގައި، ޙާއްސަކޮށް ދިރޭތަކޭތީގެ ނަސްލު ހިމާޔަތް ކުރެމަށް އިސްކަންދެވިގެން، ފަތުރުވެރިކަން ތަރައްޤީ ކުރުމީ މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑުކުރާ އިޚްލާސްތެރި އިލްތިމާސެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މާޒީއަށް ބަލާލާއިރު ފެންނަން އޮތް ޘަޤާފަތަކީ ރިސޯޓުތަކުގެ ވެރިންގެ އިޙްސާންތެރި ކަމާއި މަސައްކަތްތެރިންގެ އިޚްލާސްތެރިކަމެވެ. ސަރަޙައްދީ އަދި ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ ރިޒޯޓުތައް ހޯދަމުންދާ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކުގެ އަސްލާކީ މިދެންނެވި ނަމޫނާ ޘަޤާފަތެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ތެރޭގައި ހުރި ދަތިތަކެއް ހައްލުކުރުމުގެ ފުރުޞަތު ލިބިފައިވާ މިވަގުތަކީ މި ނަމޫނާ ދައްކަންވީ ވަގުތެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން ތަފާތު ސިފަސިފައިގައި ގިނަ ޖަމްޢިއްޔާތަކަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. މިފަރާތްތަކުގެ ފުރިހަމަ ބައިވެރިވުންވެސް ލިބިގެން، ދެކެވޭ ވާހަކަތަކާއި، އެޅޭ އަމަލީ ފިޔަވަޅުތަކުން އަދި ޤާނޫނީ ގޮތުން ސިފަލިބިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ޤަވާއިދުތަކާއި އުޞޫލުތައް ހަރުދަނާވެގެންދާނެކަމަށް އަޅުގަނޑު އުންމީދުކުރަމެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ފާގަތިކަމާއި ކުރިއެރުން އެދެމެވެ.