މިއަދަކީ، މިއަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސްކަމަށްވާތީ، މިއަދުގެ މުނާސަބަތުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުންނަށް ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް އަރިސްކުރަމެވެ. އަދި މި ތަހުނިޔާގައި، ރާއްޖެއިން ކޮރަޕްޝަން ނައްތާލެއްވުމަށް މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކާއި، ދިވެހި ހުރިހާ ރައްޔިތުން ޝާމިލު ކުރަމެވެ.

ޤައުމެއްގައި އުފެދޭ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަކީ، އެ ޤައުމެއް ދެމިއޮތުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ޤައުމެއް ތަރައްޤީގެ މަގުގައި ކުރިއަރައި ދިޔުމަށް އެންމެބޮޑު އެހީތެރިކަމެއް ލިބެނީ، އެ ޤައުމެއްގައި އުފެދޭ ކޮރަޕްޝަން ނައްތާލެވިގެންނެވެ. ކޮރަޕްޝަންގެ ޢަމަލުތައް ހިންގުމަށްހުރި ހުރިހާ ފުރުސަތުތަކެއް ބަންދުކުރެވިގެންނެވެ.

ކޮރަޕްޝަނަކީ ކޮންމެފަދަ ނިޒާމެއްގައިވެސް ސިޔާސީވެރިން، ސަރުކާރު، ނޫނީ ދައުލަތުގެ އެހެން މުވައްޒަފުން، އަދި ވިޔަފާރިވެރިން އެބައިމީހުންގެ މަގާމުގެ ނުވަތަ ނުފޫޒުގެ ނާޖާއިޒު ފައިދާ ބޭނުންކޮށްގެން، އެބައިމީހުންގެ އަމިއްލަ މަޞްލަޙަތު ކުރިއަރުވައި، އެބައިމީހުންގެ މާލީ ތަނަވަސްކަން ނުހަމަގޮތުގައި އިތުރުކުރުމަށް ކުރާ ކޮންމެކަމެކެވެ. މީގެތެރޭގައި ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުން، އާންމުންގެ ފައިސާއާއި މުދަލަށް ޚިޔާނާތްތެރިވުން، އަދި ނުފޫޒު ފޯރުކޮށްގެން ތިމާއާއި ތިމާގެ އެކުވެރިންނާއި، ގާތްތިމާގެ މީހުންގެ މަޞްލަޙަތު ކުރިއެރުވުމަށް މަސައްކަތްކުރުން ހިމެނެއެވެ.

މީގެ އަހަރުތަކެއް ކުރިން، ކޮރަޕްޝަނާ ބެހޭގޮތުން ވަރލްޑް ބޭންކުން ނެރުނު ރިޕޯޓެއްގައި، އަންދާޒާކުރާގޮތުން މުޅިދުނިޔޭގައި ކޮންމެ އަހަރަކު ރިޝްވަތުގެ ގޮތުގައި 1 ޓްރިލިއަން އެމެރިކާ ޑޮލަރު ޚަރަދުވެއެވެ.

ކަންމިހެން ހުރުމާއެކު، ކޮރަޕްޝަންގެ ސަބަބުން ޤައުމުގެ އިޤްތިޞާދީ ދުވެލި މަޑުޖެހި، ވިޔަފާރިވެރިން އިޤްތިޞާދުގައި އިންވެސްޓްކުރުން މަދުވެ، ސަރުކާރުން އާންމުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދްމަތްތަކުގެ ފެންވަރު ދަށްވެ، ނުވަތަ މިފަދަ ޚިދްމަތްތައް އެއްގޮތަކަށްވެސް ފޯރުކޮށްނުދެވޭގޮތްވެ، މުޖްތަމަޢުގައި ފަގީރުކަން އިތުރުވެ، ފަރުދުންގެ ތެރޭގައި އޮންނަ އަސާސީ ހަމަހަމަކަން ގެއްލެއެވެ. އަދި ކޮރަޕްޝަން ނައްތާލުމަށް ހަރުކަށި ފިޔަވަޅު އަޅާ ޤައުމުތަކުގައި ޤާނޫނުގެ ވެރިކަން ތަންފީޒުކުރުމަށް ފަސޭހަވެ، ބޮލަކަށް އަހަރަކު ޖެހޭ ފައިސާގެ އަދަދު 400 ޕަސެންޓުން އިތުރުވެފައިވާކަމަށް، ވަރލްޑް ބޭންކުގެ އިޤްތިޞާދީ މާހިރުން ހެކި ދައްކައެވެ.

ކޮރަޕްޝަނަށް މަގުފަހިވާ ސަބަބުތައް ނުހަނު ގިނައެވެ. ނަމަވެސް ޤައުމެއްގައި ކޮރަޕްޝަން އަށަގަތުމުގައި، އެ ޤައުމެއްގައި އޮންނަ ސިޔާސީ އަދި ޝަރްޢީ ނިޒާމު، ވަރަށް ބޮޑު ރޯލެއް ކުޅެއެވެ.

ހެޔޮވެރިކަމާއި ޑިމޮކްރަސީގެ އުސޫލުތައް ނުގެންގުޅޭ ސިޔާސީ ނިޒާމުތަކުގައި ކޮރަޕްޝަން ގިނަވާކަމީ، މިކަމުގެ ހުރިހާ މާހިރުންވެސް ގަބޫލުކުރާ ޙަޤީޤަތެކެވެ. ޑިމޮކްރަސީގެ އުސޫލުތައް އަށަގެންފައިވާ ވާދަވެރި ސިޔާސީ ނިޒާމެއްގައި، ސަރުކާރާއި ދައުލަތުގެ އެހެން މުއައްސަސާތައް ޖަވާބުދާރީ ކުރެވޭތީއާއި، ވެރިކަމުގެ އެންމެހާ ކަންތައް ހިނގަނީ ހާމަކަންބޮޑު ގޮތެއްގައި ކަމުން، ޑިމޮކްރެޓިކް ވެރިކަން ހިނގާ ޤައުމުތަކުގައި، ނިސްބަތުން ކޮރަޕްޝަން މަދުކަމަށް ފާހަގަކުރެވެއެވެ.

ހަމައެފަދައިން ޝަރްޢީ ނިޒާމުގެ ހަރުދަނާކަމަކީވެސް، ކޮރަޕްޝަން ނައްތާލުމުގައި ނުހަނު މުހިންމު ރޯލެއް ކުޅޭކަމެކެވެ. ހަރުދަނާ ޝަރްޢީ ނިޒާމެއްގައި ރައްޔިތުންގެ މުދަލާއި ފައިސާ ރައްކާތެރިކުރެވި، އިޤްތިޞާދީ ޙަރަކާތްތަކަށް ހުރަސްނޭޅޭފަދަގޮތަށް ޤާނޫނުތައްހެދި، އެފަދަ ޤާނޫނު ހަރުދަނާ ގޮތުގައި ތަންފީޒުކުރެވެއެވެ. ދޯހަޅި ޝަރްޢީ ނިޒާމެއްގައި ވިޔަފާރިވެރިންނާއި އިންވެސްޓަރުން އިޤްތިޞާދީ ޙަރަކާތްތައް ހިންގުމުގެ ޚަރަދު އިތުރުވެގެންދާތީ، އިޤްތިޞާދީ ކުރިއެރުން މަޑުޖެހެއެވެ.

ރާއްޖޭގެ ތާރީޚުގައި ޚިޔާނާތުގެ ޢަމަލުތައް ބަލައި، އެކަންކަން ހުއްޓުވުމަށް އެންޓި-ކޮރަޕްޝަން ބޯޑުގެ ނަމުގައި ބޯޑެއް އުފެއްދީ، 1991 ވަނަ އަހަރެވެ. އޭގެފަހުން، ޤާނޫނީ ބާރު ލިބިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނެއް އުފައްދާފައިވަނީ، 2008 އޮކްޓޯބަރު 16 ގައެވެ.

ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްއިން ކޮންމެ އަހަރަކު ނެރޭ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް (ސީ.ޕީ.އައި.) ގައި، 2007 ވަނައަހަރަށް ވުރެ މިއަހަރު ވަނީ 0.8 ދަރަޖަ ދަށަށްގޮސްފައެވެ.
ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސްއަކީ، ޙަޤީޤަތުގައި ޤައުމުގައި ކޮރަޕްޝަން އަށަގެންފައިވާ ވަރެއްނޫނެވެ. ނަމަވެސް، އެއީ ޤައުމުގައި ކޮރަޕްޝަން އަށަގެންފައިވާކަމަށް އާންމުކޮށް މީހުންނަށް ތަޞައްވުރު ކުރެވޭވަރެވެ. މި މިންގަނޑުން ރާއްޖެ ދަށްވެފައިވަނީ، މީގެކުރިން ހިނގާފައިވާ ކޮރަޕްޝަންގެ ވާހަކަތައް އާންމުވެ، އެއާމެދު މުޖްތަމަޢުގައި ވާހަކަ ދެކެވެންފެށީ، އަލަށް މިއައި ޑިމޮކްރެޓިކް ވެށީގައިކަމަށް ވާތީއެވެ. މިކަމުގައި މިދިޔަ އެއްއަހަރު އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވި ރިޕޯޓުތައް ފާހަގަކުރެވެއެވެ. އަދި އަޅުގަނޑުމެންނަށް ލަފާކުރެވޭގޮތުގައި، ސީ.ޕީ.އައި. ގައި ކުރިއަށްއޮތް އަހަރު، ރާއްޖެ މިއަށްވުރެ ރަނގަޅު މަގާމެއް ހޯދާނެއެވެ.

އަޅުގަނޑު ދެކޭގޮތުގައި މިހާރު އުފެދިފައިމިވާ އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ، މިނިވަން މުސްތަޤިއްލު ކޮމިޝަނެކެވެ. ރާއްޖެއިން ކޮރަޕްޝަން ނައްތާލައި އެކަމަށް ފަހިވެފައިވާ މަގުތައް ބަންދު ކުރެއްވުމަށް އެ ކޮމިޝަނުން ކުރައްވާ މަސައްކަތްތަކަށް، އަޅުގަނޑު މަރްޙަބާ ދަންނަވަމެވެ. އަދި އެ މަސައްކަތްތަކުގައި ސަރުކާރުން ވެދެވެންއޮތް އެއްބާރުލުމެއް ވެދެމުން ގެންދާނެކަމުގެ ޔަޤީންކަން، ކޮމިޝަނުގެ މެންބަރުންނަށް މި ފުރުސަތުގައިވެސް އަރުވަމެވެ.