بسـم الله الرّحمـن الرّحيـم

السّــلام عليــكم

ދިވެހިރާއްޖޭގެ އެންމެހާ އަޚުންނާއި އުޚުތުންނަށް އަޅުގަނޑުމެންގެ މިލޮބުވެތި ޤައުމުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ދަންނަވަމެވެ. ޤައުމީ މިނިވަންކަން އަޅުގަނޑުމެންނަށް މިންވަރު ކުރެއްވިކަމަށްޓަކައި އަދި މިނިވަންކަން ހިމާޔަތްކޮށްދަމަހައްޓަވައި ދެއްވި ﷲ ސުބްޙާނަހޫވަތަޢާލާއަށް ޙަމްދާއި ޝުކުރު ކުރަމެވެ. އަދި އެކަމުގައި މެދުވެރިކުރެއްވި އެންމެހާ އަބްޠާލުންގެ ހަނދާން އާކޮށް އެފަރާތްތަކަށް ފަށްފަށުން ޝުކުރުކުރަމެވެ.

މުސްތަޤިއްލު ވަކި ޤައުމެއްގެ ގޮތުގައި ދިވެހިން ސާބިތުވެ ތިބުމުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ، އަބަދުވެސް ދިވެހި ރައްޔިތުންގެ ބާރު ދިވެހި ޤައުމުގެ އެންމެހާ ކަންކަމުގެ މައްޗަށް ވެރިކުރުވުމެވެ. އަދި މިޤައުމުގެ ސަރަޙައްދުގައިވާ އެންމެހާ ވަސީލަތްތަކަކީ، ދިވެހިންގެ ކުރިމަގު ރަނގަޅުކުރުމަށްޓަކައި އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭ ވަސީލަތްތަކެއް ކަމުގައި ހެދުމެވެ. ހަމައެހެންމެ، މިޤައުމުގެ ސަރަޙައްދަކީ ދިވެހި ރައްޔިތުންގެ މުޤައްދަސް ބިން އެކުލެވޭ ސަރަޙައްދުކަމަށްވުމާއެކު ދިވެހިންނަށް ފުރިހަމަ ހިމާޔަތާއި ސަލާމަތްކަން ލިބޭ ތަނަކަށްވުމެވެ. އަދި ހަމައެހެންމެ، ދިވެހިންގެ ދީނާއި އާދަކާދަތަކާ ދިވެހިންގެ ބަސް ހިމެނޭ ދިވެހިވަންތަކަން ދެމެހެއްޓުމެވެ.

ދިވެހިންގެ ބާރު ދިވެހި ޤައުމުގައި އަބަދުވެސް ދަމަހައްޓާ ދިވެހިންގެ ސިޔާދަތު ހިފެހެއްޓުމަކީ، ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް އެންމެ މުހިއްމު އެއް ރުކުނެވެ. ކޮންމެ ޤައުމަކަށްވެސް ދިމާވާ ބޭރުގެ ތަފާތު ނުރައްކާތައް ހުރެއެވެ. ﷲގެ ނިޢުމަތުން ދިވެހި ރާއްޖެވަނީ ބޭރު ޤައުމުތަކުގެ ސަރަޙައްދީ ހަނގުރާމަތަކުން ހިމާޔަތް ކުރައްވާފައެވެ. ދިވެހިރާއްޖެއަށް ބޭރުގެ ފަރާތްތަކުން ކުރިމަތިވެދާނެ ނުރައްކާތަކުގެ ތެރޭގައި އިޤްތިޞާދީ ގޮތުން ޤައުމުގެ ބޮޑެތި މަޝްރޫޢުތައް ބޭރު ޤައުމުތަކުގެ މީހުންގެ އަތްދަށަށް ދިޔުމާއި، މިޤައުމުގެ ރައްޔިތުންގެ ފިކުރު ދިވެހިންގެ ދުވަސްވީ އަމިއްލަ ވިސްނުންތަކާ މުޅިން ތަފާތުވެ ބޭރު ޤައުމެއްގެ އާދަކާދަތަކާ ވިސްނުމާ އެއްގޮތަށް ބަދަލުވެގެން ދިޔުމާއި، އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު މައްޗަށް ދިއުމުން އަތުވެދާނެ އެކި އެކި ނުރައްކާތައް ހިމެނެއެވެ. މިއިން ކޮންމެ ކަމަކީ ދިވެހިން އެކަންކަމަށް ސަމާލުވެ ރައްކާތެރިވާންޖެހޭ ކަންކަމެވެ.

ދިވެހި ޤައުމުގެ މިނިވަންކަމަށް ބޭރުގެ ފަރާތްތަކުން ލިބިދާނެ ނުރައްކަލަކާ އެއްވަރަށް އަޅުގަނޑުމެންގެ ޤައުމުގެ އެތެރެއިން ދިމާވެދާނެ ނުރައްކަލަކަށްވެސް އަޅުގަނޑުމެން ސަމާލުވާންޖެހެއެވެ. މިއަދު ރާއްޖެއަށް ދިމާވެފައިވާ ސިޔާސީ ހަމަނުޖެހުމަކީ ވަކިން ޚާއްޞަގޮތެއްގައި ފާހަގަކުރަންޖެހޭ ކަމެކެވެ. މިއަދު މިވަނީ އަޅުގަނޑުމެންގެ ދާޚިލީ މައްސަލައިގެ ތެރެއަށް ބޭރުގެ ޤައުމުތަކުން ވަންނަ ހިސާބަށް ކަންތައް ގޮސްފައެވެ. އޭގެ ސަބަބުން، ދިވެހިންނަށް ހެޔޮއެދޭ ރަޙްމަތްތެރި އެތަކެއް ޤައުމުން ސިޔާސީ ކޯޅުމުގެ ތެރޭގައިވާ ފަރާތްތައް އެއްގަލަކަށް އެރުވުމަށްޓަކައިވަނީ މަސައްކަތްތަކެއް ފަށާފައެވެ. ނަމަވެސް ޙަޤީޤީ ޙައްލެއް ހޯދޭނީ މައްސަލައިގެ ދެފަރާތުގައި ތިބި މީހުން ޙައްލެއް ހޯދުމަށް މަސައްކަތްކޮށްގެންނެވެ. ﷲ އިރާދަފުޅުން އެފަދަ ޙައްލެއް ހޯދޭނެކަމަށް އަޅުގަނޑު ޔަޤީން ކުރަމެވެ.

ސިޔާސީ މައްސަލަތަކަށް ޙައްލު ހޯދުމަށްޓަކައި ފުރަތަމަ އެފަރާތްތަކުން ވާހަކަ ދައްކަވަން ފެށްޓެވުމަކީ މުހިއްމު ކަމެކެވެ. އަދި އެގޮތުން ދައްކަވާ ވާހަކަފުޅުގައި މުޅި ޤައުމުގެ މަޞްލަޙަތު އެންމެ އިސްކުރެއްވުމަށް ގޮވާލަމެވެ. ސިޔާސީ ކަންކަމުގައި ޙައްލެއް ހޯދޭނީ ހުރިހާ ފަރާތްތަކުންވެސް ދޫދެއްވައިގެންނެވެ. މުޅި ދިވެހި ޤައުމުގެ މަޞްލަޙަތަށް ބައްލަވައިގެން އެންމެންނަށް އެއްބަސްވެވޭ އިސްލާހީ އެޖެންޑާއެއް ގާއިމްކުރެވިގެންނެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ދޭ ހޫނު ހަމަލާތަކުގެ ޢިބާރާތްތައް ފިނިކޮށްގެންނެވެ.

މިޤައުމު މިނިވަންކަމާއެކު ދިވެހިންނަށް ސަލާމަތް ތަނެއްގެ ގޮތުގައި އޮންނާނީ އަޅުގަނޑުމެން އެންމެންގެ ޙައްޤުތަކަށް ރައްކާތެރިވެގެންނެވެ. ބާރުވެރި އަދި އަޑުގަދަ ފަރާތްތަކުން އެނޫން މީހުންގެ ޙައްޤުތަކަށް އަރައިގަނެ ޤާނޫނާއި ޤަވާޢިދުތަކާ ޚިލާފަށް ޢަމަލުކުރަން ފެށުމުން ޤައުމުގެ އަމަންއަމާންކަން ގެއްލި ބިރުވެރިކަން ފެތުރިގެން ހިނގައިދާނެއެވެ. އަދި އިސާހިތަކު އިންސާނުންގެ އެންމެ ވަޚްޝީ ޢަމަލުތައް ފެންނަށް ފަށާފާނެއެވެ. މިކަމުގެ ދަލީލުތައް ޔޫރަޕާއި އެފްރިކާގެ ބައެއް ޤައުމުތަކުގެ ދާޚިލީ ހަމަނުޖެހުންތަކުގެ ތެރެއިން ދާދި ފަހުގެ ތާރީޚްތަކުން ފެނިގެން ހިނގައްޖެއެވެ. އެފަދަ ބަދުނަސީބު ނުރައްކާތެރި ހާލަތަކަށް ރާއްޖެ ވެއްޓުނަ ނުދެއްވުމަށް މަސައްކަތްކުރެއްވުމަކީ އަޅުގަނޑުމެން އެންމެންގެ ވާޖިބެކެވެ.

އަޅުގަނޑުމެންގެ މިލޮބުވެތި ދިވެހިރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި އަބަދުގެ އަބަދަށް ލަހައްޓަވާށިއެވެ. ދިވެހިންނަކީ އެކަކު އަނެކަކާ ދޭތެރޭ ރަޙުމް ހުރި އޯގާތެރި މުސްލިމް އަޚުންތަކެއްގެ ގޮތުގައި ދަމަހައްޓަވާށިއެވެ.
والحمـد لله ربّ العالمين
__________________