بســم اللّـه الرّحمـن الرّحيــم

އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަސް ކަމަށް ވުމާއެކު، މިއަދުގެ ތަހުނިޔާ، ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް ދަންނަވަމެވެ. މި ބަޔާނުގައި އަޅުގަނޑު މުދައްރިސުންނޭ މިދަންނަވަނީ، ޖުމްލަކޮށް، ކިޔަވައިދެއްވާ އަންހެންބޭފުޅުންނާއި ފިރިހެންބޭފުޅުން ހިމަނައިގެންނެވެ. އަދި މިޤައުމުގައި ޢިލްމު ފަތުރުއްވައި، މިޤައުމުގެ ދަރިވަރުން ތަރުބިއްޔަތު ކޮއްދެއްވުމަށް މުދައްރިސުން ކޮށްދެއްވާ އަގުހުރި ޚިދްމަތަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

މިދިވެހި ޤައުމު ބިނާކުރުމުގައި އެންމެބޮޑު އެއް މަސްއޫލިއްޔަތެއް އަދާކުރާބަޔަކީ މުދައްރިސުންނެވެ. އަދުގެ ޅަދަރިންނަށް އުގަންނައިދީ، ތަރުބިއްޔަތު ކޮށްދެއްވާ ބަޔަކީ މުދައްރިސުންނެވެ. އަދި އަދުގެ ޒުވާނުންނާއި ބޮޑެތި މީހުންނަށް އިތުރަށް ބޭނުންވާ ތަޢްލީމާއި ހުނަރުތައް ދަސްކޮށްދޭ ބަޔަކީވެސް މުދައްރިސުންނެވެ. ވީމާ، މިޤައުމުގެ އިންސާނީ ރައުސްމާލުގެ އަގު އުފުލާ ބަޔަކީ މުދައްރިސުންނެވެ. މިސަބަބުތަކަށްޓަކައި މުދައްރިސުންގެ ޙާލަތުހުރިގޮތާމެދު ވިސްނައި، ރިޢާޔަތް ކުރުމަކީ، މިއަދު ކުރަން އެންމެ ރަނގަޅު ކަމެކެވެ.

ވޭތުވެދިޔަ 35 އަހަރުގެ ތެރޭގައި މުދައްރިސުން އުފައްދައި، މުދައްރިސުންގެ ތަޢްލީމީ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އަގުހުރި މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ސްކޫލެއް އުފައްދައި، ކިޔަވާ ޢުމުރުގެ ހުރިހާ ކުދިން ސްކޫލަށް ވެއްދުމަށްޓަކައި ކުރެވުނު މަސައްކަތުގެ ތެރޭގައި ގިނަ ޢަދަދެއްގެ މުދައްރިސުންތަކެއް ތަމްރީނުކޮށް ނެރެވުނެވެ. މިމަސައްކަތުގެ ސަބަބުން ވަރަށް ރަނގަޅު ތަޢްލީމީ ނަތީޖާތަކެއް ފެނިފައިވާކަންވެސް ގަބޫލު ކުރަންޖެހެއެވެ.

ނަމަވެސް، އަދު މިޤައުމުގެ ތަޢްލީމީ ނިޒާމު، މިއަށްވުރެ ރަނގަޅު ކުރަން ބަލާއިރު ދިމާވާ އެންމެބޮޑު ހުރަހަކީ އަޅުގަޑުމެން އެދޭ ފެންވަރުގެ މުދައްރިސުން އަދިވެސް މަދުކަމެވެ. މަތީ ގްރޭޑްތަކުގެ ގިނަ ޢަދަދެއްގެ ޓީޗަރުންނަކީ އަދިވެސް ބޭރު ޤައުމުތަކުން ގެންނަ މީހުންނަށްވުމެވެ.

މުދައްރިސުންގެ ފެންވަރު ރަނގަޅު ކުރެވޭނީ، އެކަމަށް ކުރިމަތިލާ ކުދިންގެ ފެންވަރުވެސް ރަނގަޅުވެގެންނެވެ. އަދި މުދައްރިސުންނަށް ކިޔަވައިދޭ ކޯސްތަކުގެ ފެންވަރުވެސް މިހާރަށްވުރެ ރަނގަޅުވެގެންނެވެ. އަދި މީގެއިތުރުން، ކިޔަވައިދިނުމަކީ މީހުން އިޙްތިރާމްކުރާ، ތަނަވަސް ވަޒީފާއަކަށް ވެގެންނެވެ. މިކަންކަން މިހާރު ހުރިގޮތް މުޠާލިޢާކޮށް، ގެންނަންޖެހޭ އިޞްލާޙުތައް ދެނެގަންނަށް ޖެހެއެވެ.

މިއަދު ރާއްޖޭގެ ތަޢްލީމީ ނިޒާމުގެ ތެރެއިން ވަރަށް ކުޅަދާނަ ވަރަށްމޮޅު ދަރިވަރުންތައް ތަޢްލީމު ޙާސިލްކޮށްގެން މަތީ ވަނަތައް ހޯދަމުންދެއެވެ. މިއީ ބައެއް މުދައްރިސުންގެ ކުޅަދާނަކަމާއި، ކުރާ މިންނަތް މަސައްކަތުގެ ފުރިހަމަ ދަލީލެކެވެ. ނަމަވެސް، ވަރަށް ގިނަ ޢަދަދެއްގެ ދަރިވަރުންނަކީ، އެކުދިންނަށް ލިބޭ ތަޢުލީމަކުން އިތުރު ކުރިއެރުމެއް ނުލިބި، މުޖްތަމަޢުގައި ބޭކާރުގޮތުގައި ވަގުތުތައް ހޭދަކުރަމުންދާ އަދި ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ ބެލެނިވެރިކަމުގެ ދަށަށް އަންނަމުންދާ ކުދިންނެވެ. މިކަމުގެ އަޞްލަކީވެސް ތަޢްލީމީ ނިޒާމުގެ ތެރޭގައި ފޮރުވިފައިވާ ޙަޤީޤަތްތަކެކެވެ.

މިކަންކަން ރަނގަޅު ކުރުމަށްޓަކައި ތަޢްލީމީ މަންހަޖު އަލުންވަނީ އެކުލަވައިލާފައެވެ. މިޒަމާނުގެ ތަޢުލީމީ ފަލްސަފާއާ އެއްގޮތަށް އުނގަންނައިދިނުމާއި، އުނގެނުމުގެ އުޞޫލުތައް ބަދަލުކުރުމުގެ މަޤްޞަދުތައް ހިމަނައިގެންނެވެ. ނަމަވެސް ކިތަންމެ ރަނގަޅު މަންހަޖެއް އެކުލަވައިލިޔަސް، އެ މަންހަޖަށް ޢަމަލީ ސިފަ ގެނެސްދޭ ބަޔަކީ މުދައްރިސުންނެވެ. އަދި މުދައްރިސުންނަށް ދެވޭ ތަމްރީނުތައްވެސް އެމަޤްޞަދާ އެއްގޮތަށް ބަދަލުކުރެވިގެން މެނުވީ، ތަޢްލީމަށް މާނަވީ ބަދަލެއް ނުގެނެވޭނެއެވެ.

މިދެންނެވި ސަބަބަށްޓަކައި މުދައްރިސުންގެ ތަޢްލީމުގެ މަޤްޞަދުތަކާއި، އެ ތަޢްލީމުދެވޭ ގޮތާމެދު ވިސްނައި ދިރާސާކޮށް، ފެންވަރު ހިފަހައްޓާ ބަޔަކު ޤައުމީ ފެންވަރުގައި ތިބެންޖެހެއެވެ. މިކަމަކީ، ހަމައެކަނި އެކްރެޑިޓޭޝަން އޮތޯރިޓީއަކުން ކުރެވޭނެ ކަމެއް ނޫނެވެ.

މިއަދުގެ މުދައްރިސުންނަކީ މީގެ 20 އަހަރު ކުރީގެ މުދައްރިސުންނަށްވުރެ، އުނގަންނައިދިނުމުގެ ވަސީލަތްތައް ގިނަ ބަޔެކެވެ. މުވާސަލާތާއި މުޢާމަލާތުގެ ވަސީލަތްތައް މިއަދުވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ. އުނގެނުމުގެ ޓެކްނޮލޮޖީތައް ވަނީ އިތުރުވެފައެވެ. ސްމާޓްބޯޑުގެ އިތުރުންވެސް، އެތަކެއް ވަސީލަތްތައް މިއަދު ލިބެން އެބަހުއްޓެވެ. ވީމާ، އުނގަންނައިދިނުމުގައި މި އައު ޓެކްނޮލޮޖީތައް ބޭނުންކުރެވޭނަމަ، ދަރިވަރުންނަށްވެސް މާބޮޑުތަން ފަސޭހަވެގެންދާނެކަމާމެދު އެއްވެސް ޝައްކެއްނެތެވެ. ނަމަވެސް މިކަންކަންވެސް މުދައްރިސުންގެ ތަޢުލީމުގެ ތެރޭގައި އެބަ ހިމެނެންޖެހެއެވެ.

މުދައްރިސުންނަކީ ހިތްހަމަޖެހިގެން މަސައްކަތްކުރާ ބަޔަކަށް ހެދުމަށްޓަކައި، މުދައްރިސުންގެ މުސާރައާއި ޢިނާޔަތްތައް ރަނގަޅު ކުރުމަށް ވަނީ މަސައްކަތްތަކެއް ކުރެވިފައެވެ. އަދި ވީހާވެސް ގިނަ މުދައްރިސުންނަށް، ގެދޮރުގެ ދަތިކަން ފިލުވައިދެވޭތޯ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ދައުލަތުގެ މާލީ ޙާލަތު ރަނގަޅުވަމުންދިޔަވަރަކަށް، މިކަންކަން މިހާރަށްވުރެ ރަނގަޅުވާނެ ކަމަށް އަޅުގަނޑު ޔަޤީން ކުރަމެވެ.

މިދަނޑިވަޅުގައި، ރާއްޖޭގައި މަސައްކަތްކުރާ އަވަށްޓެރި ޤައުމުތަކުގެ ގިނަ ޢަދަދެއްގެ މުދައްރިސުންވެސް ތިބިކަން ހަނދާންކުރަން ޖެހެއެވެ. އަދި އެމީހުން އެކޮށްދޭ ޚިދްމަތްތަކަށް ޝުކުރުކުރަން ޖެހެއެވެ. އަޅުގަނޑުގެ އެދުމަކީ، ދިވެހި ހުރިހާ އެންމެންމެސް މުދައްރިސުންނާމެދު މިހާރަށްވުރެވެސް އޯގާތެރިކަން ބެހެއްޓެވުމެވެ.

اللّـه سبحـانـه وتعـالى، ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ޢިލްމުވެރި، ވިސްނުންތޫނު، ތަހުޒީބީ ބަޔަކު ކަމުގައި ލައްވާށިއެވެ!