بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 23 ޑިސެމްބަރ 2011ވީ ހުކުރު ދުވަސް. އިސްލާމްދީން ޙިމާޔަތް ކުރުމުގެ ނަމުގައި އަޑު އުފުލުމަށް ބަޔަކު މިއަދު ނުކުންނައިރު، ކުރީ ހަފްތާގައިވެސް އަޅުގަނޑު ދެންނެވި ފަދައިން، އެ ނުކުންނަނީ ރާއްޖޭގައި ހަރުކަށި ދީނީ ޙުކުމްތައް ޤާއިމް ކުރުމަށް އަޑު އުފުލުމަށް. ސަރުކާރުން މިކަމުގައި ދެކޭގޮތް، އެކިފަހަރު މަތިން މިހާރު އަޅުގަނޑަށްވާނީ ތިޔަބޭފުޅުންނަށް ފާހަގަކޮށްދެވިފައި. ސަރުކާރަށް ފެންނަ ފެނުމުގައި، ދިވެހިން އަބަދުވެސް ޢަމަލު ކުރަމުން އައީ އަދި ދިރިއުޅެމުން އައީ މެދުމިނަށް ހުރި އުޞޫލުތަކެއް ގެންގުޅެމުން. ދިވެހިން އިސްލާމްދީނަށް އެނބުރުމުގައިވެސް ތާރީޚީ ނަޒަރަކުން މިކަން އަޅުގަނޑުމެން ދެކިއްޖެނަމަ، އެންމެ ބޮޑަށް ބާރުއެޅި އެއްސަބަބަކީ މެދުމިނުގައި، އިސްލާމްދީނަކީ މެދުމިނުގެ ދީނެއްކަމުން، އިސްލާމްދީނަށް ދިވެހިންނަށް އުޅެން ފަސޭހަވެގެން އަންނަކަން.

މިއަދު އަޅުގަނޑުމެންނަށް އިސްލާމްދީނުގެ ޙުކުމްތައް ކަމަށް އަންގައިދިނުމަށް އެތައް ފަރާތަކުން އެކި ބާވަތްބާވަތުގެ ކަންކަން އެބަ ފާހަގަކުރޭ. މިކަންކަމުގެ ތެރެއިން އަޅުގަނޑުމެން އިސްލާމްދީނުގެ ސީދާ ސާދާ ޙުކުމްތަކަކީ ކޮބައިތޯ އެބަ ދެނެގަންނާންޖެހޭ. އަޅުގަނޑު މިހާރު ޤަޞްދުކޮށްފައިވާނީ، ރާއްޖޭގެ ހުރިހާ ދީނީ ދަންނަ ބޭކަލުންނަށާއި، އަދި ޤާނޫނީ މާހިރުންނަށް ސިޓީއެއް ފޮނުވަން. އެ ސިޓީގައި އަޅުގަނޑު މި ބަޔާންކުރަނީ، މިހާރު މި ރާއްޖޭގައި ހިނގަމުންދާ ބައެއް ކުށްކުށާއި، އެ ކުށްކުށަށް މިހާރު ދެވޭ އަދަބުތަކާއި، އަދި އެ ދަންނަ ބޭކަލުންގެ ނުވަތަ ޤާނޫނީ މާހިރުންގެ ނަޒަރުގައި، އެ ކުށްތަކަށް ހުންނާންވީ އަދަބުތަކަކީ ކޮބައިތޯ ސާފުކޮށްދެއްވުމަށް. މިސާލަކަށް، ވައްކަންކުރާ މީހަކަށް މިހާރު ދެވޭ ޢުޤޫބާތް، ޤާނޫނުލްޢުޤޫބާތުގައި ކަނޑައެޅިފައި އެބައޮތް. އަދި އެހެންވެސް ކުށްތައް ކުރާ ފަރާތްތަކަށް ދެވޭ ޢުޤޫބާތް، ޤާނޫނުލްޢުޤޫބާތުގައި ފާހަގަކުރެވިފައި އެބައޮތް.

މިދެންނެވި ކަންކަމުގެ އިތުރުންވެސް، މިދިޔަ ދުވަސްތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ ނަޒަރަށް ގެނެވިފައިވާ އެހެން ބާވަތުގެ ކަންތައްތަކެއްވެސް އެބަހުރި. ބައެއް ބޭފުޅުންގެ ނަޒަރުގައި އެއީ، އެކަންކަމާ ގުޅޭގޮތުން ޢުޤޫބާތެއް ނުވަތަ ޤާނޫނެއް އޮންނާންޖެހޭ ކަންކަން. މިސާލަކަށް، މިޔުޒިކް އަޑުއެހުން، މިޔުޒިކް ކުޅުން، ސޫރަ ކުރެހުން، ސޫރަ ދެއްކުން، އަންހެންކުދިން ޚިތާނު ކުރުން، ވެކްސިން ނުޖެހުން، މިހެންގޮސް މިބާވަތުގެ ކަންތައްތަކެއް އަޅުގަނޑުމެންނަށް މިހާރު ފާހަގަވަމުން އެބައާދޭ. އަޅުގަނޑު ދަންނަ ބޭކަލުންނާއި އަދި ޤާނޫނީ މާހިރުންގެ ފަރާތުން މި އެދެނީ، މިކަންކަމުގައި އެބޭފުޅުންނަށް ފެންނަ ހެޔޮލަފާ، އިސްލާމީ ރިވެތި ގޮތްތަކަކީ ކޮބައިތޯ! އަޅުގަނޑުގެ ބޭނުމަކީ، އަޅުގަނޑުގެ އަމާޒަކީ، އެބޭފުޅުން ވިދާޅުވާ އެއްޗެއްގެ އަލީގައި، ރައްޔިތުން އެދޭ ގޮތްތަކަކީ ކޮބައިތޯ ސާފުވުމަށް. އަދި މި ރާއްޖޭގައި ކަނޑައެޅި، ލިޔެވި، ކަށަވަރު ކުރެވިފައި ހުރި އުޞޫލުތަކެއް، ގަވާއިދުތަކެއްގެ މަތިން، ޤާނޫނުތަކެއްގެ މަތިން ކަންކަން ކުރެވެމުން ގެންދިޔުން.

މިއަދު މިކުރެވޭ މުޒާހަރާއަކީ އެއްފަރާތަކުން ދެކޭގޮތުގައި، އިސްލާމްދީން ޙިމާޔަތް ކުރުމުގެ ގޮތުން ބޭއްވޭ މުޒާހަރާއެއް. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ އަދި އަޅުގަނޑު އެ ޕާޓީއަކަށް ނިސްބަތްވާ ޕާޓީ، އެ ޕާޓީން މިދެކެނީ މެދުމިނަށް ކުރާ ތާއީދުގައި، އެ ޕާޓީގެ ފިކުރާއި ޚިޔާލު، ރާއްޖޭގެ ރައްޔިތުންނަށް ދައްކައިދިނުން މުހިންމު ކަމަށް. އެ އެއްވުމުގައި އަޅުގަނޑުވެސް ބައިވެރިވުމަށް އަޅުގަނޑުވަނީ ނިންމާފައި. އެހެންވީމާ، މިއަދު މި އެއްވާ އެއްވުންތަކުގެ ތެރެއިން މެދުމިނަށް ކުރާ ތާއީދުގައި އެއްވާ އެއްވުމުގައި، އިރާދަކުރެއްވިއްޔާ، އަޅުގަނޑު ބައިވެރިވާނެ. އަޅުގަނޑުގެ ބޭނުމަކީ، އަޅުގަނޑުގެ މަޤްޞަދަކީ، އަޅުގަނޑަކީވެސް މެދުމިނަށް ތާއީދުކުރާ މީހެއްކަން، އަޅުގަނޑު ހިތުން އަޅުގަނޑުގެ ޕާޓީގެ ހުރިހާ ބޭފުޅުންނަށާއި އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ސާފުވުން މުހިންމު.

ރާއްޖޭގެ ރައްޔިތުން، ރާއްޖޭގެ ވެރިކަން ޙަވާލުކުރަނީ މިހާރު މިއޮތް ވެރިކަމުގެ ނިޒާމުގެ ތެރެއިން. އެއީ، ރައްޔިތުންގެ ވޯޓެއްލުމަށްފަހުގައި، އަޣްލަބިއްޔަތު ވޯޓް ލިބޭ ފަރާތަކާ ވެރިކަން ޙަވާލުވެގެންދަނީ. އެ ވޯޓުދޭއިރުގައި، ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑަށް ފެންނަ ފެނުމުގައި ސާފުވާން އެބަޖެހޭ، އެކިއެކި ސިޔާސީ ވެރިން، އެކިއެކި ކަންކަމުގައި ދެކެވަޑައިގަންނަވަނީ ކޮންގޮތަކަށްތޯ؟ މި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު، ރާއްޖޭގެ ރައްޔިތުންނަށް މިހާރު ވަރަށް ރަނގަޅަށް ސާފުވާނެ. އަޅުގަނޑުމެންނަކީ މެދުމިނުގެ، ސެންޓަރ ރައިޓްގެ ނުވަތަ ފަލްސަފާއެއް އިޤްތިޞާދީ ކަންކަމުގައި ދެކެ އަދި އެ ފަލްސަފާގައިވާ އުޞޫލުތަކާ އެއްގޮތުން، ރާއްޖޭގެ މާލިއްޔަތާއި އިޤްތިޞާދު ބައްޓަން ކުރަމުން އަންނަ ސިޔާސީ ޕާޓީއެއް. އިޖްތިމާޢީ ކަންކަމުގައި އަޅުގަނޑުމެން ދެކޭގޮތް، އިޖްތިމާޢީ ރައްކާތެރިކަން ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ކަމާއި އަދި އެހެންވީމާ، އެ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ދެން ކުރާންޖެހޭ އެންމެހާ ކަންކަން ކުރުން. އަދި ހަމައެހެންމެ، އަޅުގަނޑަށް ފެންނަ ފެނުމުގައި، ހުރިހާ ސިޔާސީ ޕާޓީއަކުންވެސް، އެ ޕާޓީއެއްގެ ދީނީ ސިޔާސަތު ނުވަތަ އިސްލާމްދީން، އެ ޕާޓީއަކުން ދެކޭގޮތާއި، އިސްލާމްދީނުގެ ކަންކަމާ ގުޅޭގޮތުން އެ ޕާޓީއަކުން ދެކޭގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަކީ، ރައްޔިތުންނަށް ނުހަނު ބޭނުންތެރިކަމެއް. އަޅުގަނޑުމެން މަސައްކަތް ކުރާނީ، ދަންނަ ބޭކަލުން ވިދާޅުވާ އެއްޗެއްވެސް ރައްޔިތުންނަށް ސާފުކޮށްދިނުމަށް. އަދި ދަންނަ ބޭކަލުން އެވިދާޅުވި ވިދާޅުވުންތަކުގެ މައްޗަށް ބިނާކޮށް، ސިޔާސީ ޕާޓީތަކުން ދެކޭ ދެކުންތައްވެސް ރައްޔިތުންނަށް ވީހާވެސް ސާފުކޮށް ފޯރުކޮށްދެވޭތޯ.

ހަމަކަށަވަރުންވެސް މިއަދު އަޅުގަނޑު މި އެއްވުމަށް ނުކުންނައިރުގައި، އަޅުގަނޑު މިނުކުންނަނީކީއެއް އެއްވެސް ބާވަތެއްގެ ހަމަނުޖެހުމެއް މިކަމުން ނުނުކުންނާނެ ކަމުގެ ވަރަށްބޮޑު ޔަޤީންކަމާއެކުގައި. އަދި އަޅުގަނޑު އިލްތިމާސް ކޮށްފައިވާނެ، އަދި ތަކުރާރު ކުރަންވެސް ބޭނުން. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ ކިބައިގައި އަދި މެދުމިނަށް ތާއީދުކުރާ އެންމެހާ ރައްޔިތުންގެ ކިބައިގައިވެސް އެ ހިތްވަރު ހުންނަންޖެހޭނެއޭ. ޖެހިޔަސް ނުޖަހާ، ލިބުނު އަނިޔާއެއް ތަޙައްމަލްކޮށް، ކެތްކުރުމުގެ ހިތްވަރު ހުންނަންޖެހޭނެއޭ. މީހަކު ކުރާ ކަމެއްގެ ސަބަބުން، ތިމަންނާއަށް ބަދަލުހިފާކަށް ނުޖެހޭ. ރައްދުދޭކަށްވެސް ނުޖެހޭ. އަޅުގަނޑުމެންގެ ހަމައެކަނި ބޭނުމަކީ، މެދުމިނަށް ކުރާ ތާއީދު އަޅުގަނޑުމެން ދައްކައިދިނުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.