بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 20 ޖެނުއަރީ 2012 ވީ ހުކުރު ދުވަސް. އަންނަ އަންގާރަ ދުވަހަކީ، ރާއްޖޭގެ ޤައުމީ ދުވަސް. މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ އުތީމުގައި. މި ދުވަހުގެ ޚާއްޞަ ރަސްމިއްޔާތުތަކަށް އުތީމު މިހާރުދަނީ ތައްޔާރުވަމުން.

މި ރާއްޖޭގައި އިލެކްޓްރިކް ކަރަންޓަށް ކުރެވޭ ހޭދަ ކުޑަކުރުމަށާއި، އަދި ތެޔޮ އެތެރެކުރެވޭ މިންވަރު މަދުކުރުމަށާއި، އިޢާދަކުރެވޭ ހަކަތަ އުފެއްދުން އިތުރުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް މިވަނީ ތަފާތު ކުރިއެރުންތަކެއް ލިބެން ފަށާފައި.

އެނގިވަޑައިގަންނަވާނެ، 2009 ވަނަ އަހަރު ކޯޕަންހޭގަންގައި ތިމާވެށްޓާ ގުޅޭގޮތުން ބޭއްވުނު ބައްދަލުވުމުގައި އަޅުގަނޑު ބައިވެރިވިން، ރާއްޖޭގެ ފަރާތުން. އެބައްދަލުވުމުގައި އަޅުގަނޑުމެންނަށް، ދިވެހި ސަރުކާރަށް ވަރަށް ގިނަގުނަ ކުރިއެރުންތަކެއް ލިބުނު ކަމަށް އަބަދުވެސް އަޅުގަނޑު އައީ ދެކެމުން. އެބައްދަލުވުމަށްފަހުގައި، އަޅުގަނޑާއި ޑެންމާކް ސަރުކާރުގެ ބޮޑުވަޒީރާ ބައްދަލުވެފައިވީތީވެ އަދި އެފަހަރުގެ ކޯޕަންހޭގަން ސަމިޓްގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވީ، އެއިރުގެ ޑެންމާކް ސަރުކާރުގެ އެންވަޔަރަންމަންޓް މިނިސްޓަރ ކޯނީ ހެޑްގާޑް، ފަހުން ޔޫރަޕިއަން އިއްތިހާދުގެ ތިމާވެށްޓާ ގުޅޭ އެންމެ އިސްބޭފުޅަކަށް ހުންނަވަނީ އެބޭފުޅާ. އަޅުގަނޑުމެންނަށް އެބައްދަލުވުމުގެ ތެރެއިންނާއި އަދި އޭގެ ހަވާސާއިން ކިތަންމެ ޤައުމެއްގެ ވެރިންނާ ވާހަކަ ދައްކައި ހެދުނު. އަދި ރާއްޖެއާ ގުޅޭގޮތުން ކިތަންމެ މަޝްވަރާއެއް ކުރެވުނު.

މި މަޝްވަރާތަކަށްފަހުގައި، ޑެންމާކް ސަރުކާރުން ދިވެހި ސަރުކާރަށް، ދިވެހިރާއްޖެއަށް އެހީތެރިވެދިނުމަށް ނިންމަވައި، ޔޫ.އެން.ޑީ.ޕީ މެދުވެރިކޮށްގެން ޕްރޮގްރާމްތަކެއް ހިންގުމަށް ފާހަގަކުރެވުނު. އިރާދަކުރެއްވިއްޔާ، ހައްދުންމަތީގެ ދެސަރަޙައްދެއްގެ އިންޖީނުގެތައް، އިޢާދަކުރެވޭ ހަކަތައަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު މިވަނީ ކުރިއަށްދާން ފަށާފައި.

ކަމުގެ މާހިރުންނާ ގުޅިގެން ސަރުކާރުން ކޮށްފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި، ހަކަތަ އުފެއްދުމަށް އަޅުގަނޑުމެން ބޭނުންކުރާ ޑީސަލް ތެލަށް ކުރެވޭ ޚަރަދުގެ ވަރަށްބޮޑު ބައެއް ބޭކާރުވެގެން އެބަދޭ. މިކަމުގެ ސަބަބަކީ، އިންޖީނުގެތަކުގެ އާބާތުރަ ފިލުވުމާމެދު އަޅާލަންވާ މިންވަރަށް އަޅާނުލެވުމާއި، އަދި އެފަދަ އިންޖީނުގެތަކުން ނަތީޖާ ނެރެވެންވާ އެންމެމަތީ މިންވަރަށް ބޭނުން ނުހިފޭތީ.

ބޭރުގެ ފަރާތްތަކާ ސަރުކާރާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި، ހައްދުންމަތީ ގަމުގެ މިދެންނެވި އިންޖީނުގެތައް ނިސްބަތްވާ ހަކަތައިގެ މުޅި ވިއުގަ ދިރާސާ ކުރުމަށް، ނަރު އެޅިފައިވާ ގޮތްގޮތުން ފެށިގެން އައިސް އަލަމާރި، އެއަރ ކޮންޑިޝަނަރ، އިސްތިރި، ބޮކިފަދަ އެއްޗެތި ބޭނުންކުރެވޭ ގޮތްތަކުގެ މަޢްލޫމާތު އެކުލަވައިލެވި، ހަކަތައިގެ ނިޒާމުން ބޭކާރު ގޮތުގައި ހޭދަވާ ހަކަތަ އަދި އެހެންކަމުން، އެހަކަތައަށް ބޭކާރުވެގެންދާ ޚަރަދު ސަލާމަތް ކުރުމަށް މަސައްކަތް ކުރެވިގެންދާނެ. ސަރުކާރުން އަންދާޒާކުރާ ގޮތުގައި، މިމަސައްކަތުން އަހަރަކު ގާތްގަނޑަކަށް ހަތަރު މިލިއަނާއި ފަސް މިލިއަން ރުފިޔާ، ބޭކާރުނުވެ ސަލާމަތް ކުރެވޭނެ. މިދެންނެވި އިންޖީނުގެތަކުން ނަތީޖާ ނެރެވޭ މިންވަރު، މިފަދައިން އިތުރުވެގެން ދިޔުމުން، އިތުރުކުރެވޭ ކޮންމެ ބައެއް، މިދެންނެވި ހަތަރު ފަސް މިލިއަނަށް އިތުރުކުރެވިގެންދާނެ ކަމުގައި އަޅުގަނޑު ގަބޫލުކުރަން.

ފޯރުންތެރިކަން ކުޑަކަމުގައި ފާހަގަކުރެވޭ ޢާއިލާތަކަށް، ސަރުކާރުގެ ބަޖެޓުން މިހާރުވެސް އިލެކްޓްރިކް ކަރަންޓްގެ ޚަރަދުތައް ފޫބައްދައިދިނުމަށް މިގެންދަނީ ސަބްސިޑީ ދެމުން. އެހެންކަމުން، މިދެންނެވި ޕްރޮގްރާމް، ހައްދުންމަތީގައި ހިންގަމުން ގެންދާއިރުވެސް އިލެކްޓްރިކް ބިލް އަދާކުރުމަށް ސަރުކާރުން ސަބްސިޑީ ދިނުމުގެ ބައިވެސް، އެކުއެކީގައި ހިންގެމުންދާނެ ކަމުގައި އަޅުގަނޑު ފާހަގަކޮށްލަން.

އެނގިވަޑައިގަންނަވާނެ، އިލެކްޓްރިކް ކަރަންޓް އުފެއްދުމަށާއި، ދަތުރުފަތުރުގެ ބޭނުންތަކަށްވެސް ޑީސަލް ތެޔޮ އެތެރެކުރުމަށް ސަރުކާރުން ގެންދަނީ ނިސްބަތުން ވަރަށްބޮޑު ޚަރަދުތައް ކުރަމުން. މި ރާއްޖެއަކީ، ތެޔޮ އުފައްދަމުން ގެންދާ ޤައުމެއް ނޫންކަމުން، މި ޚަރަދުތައް ގުޅިފައި ހުރީ ބޭރު ޤައުމުތަކުގެ މާރުކޭޓްތަކުގައި ތެލުގެ އަގުތަކަށް އަންނަ ބަދަލުތަކާވެސްމެ.

އަޅުގަނޑުމެންނަށް ޚަރަދަކާ ނުލައި މަތިވެރި މާތް އަމުރުފުޅާއެކު މިންވަރު ކުރައްވާފައިވާ ބޮޑު އެއް ނިޢުމަތަކީ، މި ރާއްޖެއަށް ލިބޭ އަވީގެ ދޯދިތައް. މިދެންނެވި ނިޢުމަތަކީ، އިލެކްޓްރިކް ކަރަންޓް ނުވަތަ ހަކަތަ އުފެއްދުމަށް، މިޒަމާނުގައި ނުހަނު އެދެވޭ ބޭނުންތަކެއް ކުރެވޭ ވަސީލަތެއްކަން މިވަނީ ފާހަގަވެފައި. އެހެންކަމުން، އެބައި ތަރައްޤީ ކުރެވި، މިހާރުގެ އިންޖީނުގެތަކާ ގުޅާލުމުން، މި ޚަރަދުތައް، އެތައް ތަނަކުން ދަށްކުރެވިގެންދާނެކަން ވަނީ ގަބޫލު ކުރެވިފައި.

ހައްދުންމަތީގައި މި ހިންގޭ މަޝްރޫޢުގެ ކާމިޔާބީ ގުޅިފައިވަނީ، ހަމައެކަނި އެ ދެ އިންޖީނުގެއަކާ ނޫން. މި މަޝްރޫޢުގެ ކާމިޔާބީ، ދެން ގުޅިގެންދާނީ، މުޅި ރާއްޖޭގައި ހިންގޭ ދުއިސައްތަވަރަކަށް އެހެން އިންޖީނުގެތަކާކަމީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް.

ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އިސްލާމްދީނުގެ ތަޢުލީމު، އެންމެ މަތީ ދަރަޖައަށް ޙާޞިލް ކުރައްވައިގެން، މި ރާއްޖޭގައި ހުންނެވި އެންމެ އިސް އެއްބޭފުޅެއް ކަމުގައިވާ ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ، ދީނީ ބައެއް ކަންކަމާ ގުޅޭގޮތުން މީގެ ދެދުވަހެއް ކުރިން ފާހަގަކުރައްވާފައިވާ ބައެއް ނުކުތާ. އެމަނިކުފާނު ފާހަގަކުރައްވާ ގޮތުގައި، ދީނީ ގޮތުން މީހަކާ ދިމާއަށް އޭނާއަކީ ލާދީނީ މީހަކު ކަމަށް ތުހުމަތުކޮށް، އިނގިލި ދިއްކޮށް ވާހަކަ ދައްކާ ކަމުގައިވާނަމަ، އެއީ ވަރަށްބޮޑު މައްސަލައެއް. އެމަނިކުފާނު ވިދާޅުވާގޮތުގައި، އިސްލާމީ ޝަރީޢަތުގައިވެސް، މީހަކާ ދިމާއަށް، އެމީހަކީ ލާދީނީ މީހެކޭ ނުވަތަ ދީނުން ބޭރުވެފައިވާ މީހެކޭ، ކާފަރެކޭ، އެއްވެސް މީހަކަށް ނުބުނެވޭނެކަން އަޅުގަނޑުމެން ދަންނަން ޖެހޭނެ ކަމަށް. އެފަދަ ނިންމުމެއްވާނީ، ޝަރުޢީ ޙުކުމެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ. އަދި ޝަރުޢީ ޙުކުމެއް ކުރެވެންޖެހޭނީ، ޝަރުޢީ ޙުކުމެއް ކުރާ ތަނަކުން ކަމަށާއި، މީހެއްގެ މައްޗަށް އެފަދަ ޙުކުމެއް ކުރާނީ ކޯޓަކުން ކަމުގައި އެމަނިކުފާނު ފާހަގަކުރައްވާ.

ޑޮކްޓަރ ބާރީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތެއް، ލާދީނީ ކަމުގައި ބުނެވޭ ބުނުމުގެ މައްޗަށް، އަނެއްކާ އެތައް ޙުކުމްތަކެއްވެސް އަންނާނެ. މިސާލަކަށް، މީހަކީ ލާދީނީ މީހެއް ކަމަށް ކަނޑައަޅައިފި ކަމުގައިވާނަމަ، އެމީހާގެ އަނބިމީހާއަކީވެސް އެއީ، ވަރިވެފައި ހުރި މީހަކަށްވާނެ ކަމަށާއި އަދި އޭނާ މަރުވެއްޖެ ކަމުގައިވާނަމަ، ނުވަތަ އޭނާގެ ގާތްތިމާގެ މީހަކު މަރުވިޔަސް، ވާރުތައެއްވެސް ނުވާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި. އެހެންވީމާ، މިކަމުގައި މިދެންނެވި ކަހަލަ ބައިވަރު ޝަރުޢީ މައްސަލަތަކެއް ހުރުމާއެކު، ޑޮކްޓަރ ބާރީ ފާހަގަކުރެއްވީ، އެއްވެސް ޙުކުމެއް މީސްމީހުންނަށް، އަދި އަމިއްލަ ފަރުދުންނަށް މަގުމަތީގައި ނުކުރެވޭނެ ކަމަށް. އަދި މީޑިއާގައިވެސް އެފަދަ ޙުކުމެއް ނުކުރެވޭނެ ކަމަށް. މީހަކާ ދޭތެރޭގައި އެފަދަ ތުހުމަތެއް ކުރެވޭ ކަމުގައިވާނަމަ، އެ ތުހުމަތު ޖެހޭނީ، ޝަރުޢީ ކޯޓަކަށް ހުށަހަޅައިގެން ސާބިތުކޮށްދޭން ކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައި.

ދެން މުޅި ސަރުކާރާ ދޭތެރޭ، ސަރުކާރަކީ ލާދީނީ ސަރުކާރެކޭ، މިހެން އެއްވެސް ފަރާތަކުން ބުނާކަމަށްވާނަމަ، އޭގެ މާނައަކީ ސަރުކާރުގެ އެޑްމިނިސްޓްރޭޝަންގައި އެ ތިބަ ހުރިހާ އެންމެންނަކީ ކާފަރުން ކަމުގައި ދެކެވޭނެ ކަމަށް. ލާދީނީ މީހުންނޭ، ބުނާ ކަމުގައިވާނަމަ، އޭރުން އަދި މައްސަލައިގެ ސީރިއަސްކަން ބޮޑުވާ ކަމުގައި ޑޮކްޓަރ ބާރީ ފާހަގަކުރެއްވި.

ޑޮކްޓަރ ބާރީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއަދުގެ ސަރުކާރުން ވަނީ ފިޤުހު އެކަޑަމީއެއް އުފައްދައި، ދީނީ ޢިލްމުވެރިންނަށް ދީނީ ކަންކަމުގައި ވާހަކަ ދައްކައި، ބަޙުޘްކޮށް، މައްސަލަތަކާމެދުގައި ރައުޔު ބަޔާންކޮށްހެދުމުގެ ފުރްޞަތު ހުޅުވާލާފައި. ދީނީ ޢިލްމުވެރިންނަށް ދީނީ ނަޞޭޙަތް ދިނުމުގެ ފުރްޞަތު، އެއްވެސްކަހަލަ ހިފެހެއްޓުމެއްނެތި އޮތީ ހުޅުވާލެވިފައި ކަމަށާއި، ޚުޠުބާގެ ޒަރީޢާއިންވެސް ނަޞޭޙަތް ދިނުމުގެ ފުރްޞަތު އޮތީ ހުޅުވާލެވިފައި ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި. އަދި އޭގެއިތުރުން، ރާއްޖޭގައި ތިއްބެވި ދީނީ ވަރަށްގިނަ ޢަދަދެއްގެ ޢިލްމުވެރިން ބައިވެރިވާ މަހާސިންތާއެއްވެސް، މިދިޔަ އަހަރު ނިމިގެންދިޔައިރު ސަރުކާރުންވަނީ ބާއްވާފައި ކަމުން، ލާދީނީ ސަރުކާރެކޭ އެހެން ބުނާއިރުގައި، އެއީ ވަރަށްބޮޑު އިލްޒާމެއް، އެ ސަރުކާރުގެ ބޮލުގައި އެޅުވެނީ ކަމަށާއި، އެކަންތައްތައް ތަޙުޤީޤުކޮށް ބަލަން އެބަޖެހޭ ކަމަށާއި، އެކަން އަދި އެވާހަކަ ދައްކާ ފަރާތްތަކުން ޖަވާބުދާރީވެސްވާންޖެހޭނެ ކަމުގައި ވިދާޅުވެ، އޭގެ ސާބިތު ހެކިވެސް އެފަރާތްތަކުން ދައްކަންޖެހޭނެ ކަމުގައި ޑޮކްޓަރ ބާރީ ވަނީ ވިދާޅުވެފައި.

ޑޮކްޓަރ ބާރީ އިތުރަށް ވިދާޅުވިގޮތުގައި، ސިޔާސީ ފާޑުކިޔުމާއި، ސާބިތުނުވާ ދޮގު އިލްޒާމްތައް، މީހުންގެ ބޮލުގައި އެޅުވުމާ، މިއީ ތަފާތެއް ކަމަށް. މިއަދުގެ ޤާނޫނުއަސާސީވެސް އުފެދިފައި އޮތީ، ސަރުކާރު ހިންގުމުގެ ނިޒާމްވެސް އަދި ދައުލަތް ހިންގުމުގެ ނިޒާމްވެސް އޮތީ ފާޑުކިޔުމުގެ މައްޗަށް ބިނާވެފައި ކަމަށާއި، މި ދައުލަތް ހިންގަމުންދަނީ ފާޑުކިޔައިގެން، ކަންކަން އިޞްލާޙްކޮށް، ތިންބާރު ވަކިކުރެވި، އެއްބާރުން އަނެއް ބާރަށް ފާރަވެރިވާ ގޮތަށް ކަމުގައި ވިދާޅުވި. އަދި އެ ފާޑުކިޔުމާއި، މީހުންގެ ބޮލުގައި ސާބިތުނުވާ އިލްޒާމްތައް އެޅުވުމާ، މިއީ ތަފާތު ކަންތައްތަކެއްކަން އަޅުގަނޑުމެން އެންމެންވެސް ފާހަގަކުރަންޖެހޭނެ ކަމަށް ވިދާޅުވި.

އެހެންކަމުން، އަޅުގަނޑު ތަކުރާރުކޮށްލާނަން. ދީނާ ގުޅުވައިގެން ކުރައްވާ ސާބިތު ނުހިފޭ ތުހުމަތުތަކާއި އަދި ހަމައެހެންމެ، ޢަދުލު އިންޞާފު ޤާއިމް ކުރުމުގައި މެދުވެރިވާ ހުރަސްތައް ނައްތާލުމަށްޓަކައި، އަޅުގަނޑަށް ކުރެވެންހުރި ހުރިހާ ކަމެއް އަޅުގަނޑު ކުރާނަން. އެއިން ކަމެއްގައި އިރާދަފުޅާއެކު، އެއްގޮތަކަށްވެސް ފަހަތަކަށް ނުޖެހޭނަން. އަޅުގަނޑު މިކަންކަމުގައި ސާބިތުވެ ހުރުން ގުޅިފައިވަނީ، މި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަމާންކަމާއި، އުފާވެރިކަމާއި، ބާއްޖަވެރިކަން ޙާޞިލްކޮށްދިނުމަށް އަޅުގަނޑުމެން އެންމެން ކުރާންޖެހޭ މަސައްކަތްތަކާ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް މިއަދަށްވުރެ ފާގަތި މާދަމައެއް ދެއްކެވުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން މިންވަރު ކުރެއްވުން.

والحمد للّـه. والسّـلام عليـكم.