ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ އަންހެނުންނަށާއި އަންހެން ކުދިންނަށް، ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

މިއަހަރުގެ ޝިޢާރެއްގެ ގޮތުގައި ރާއްޖެއިން ކަނޑައަޅާފައިވަނީ، [ޤައުމު ބައްޓަން ކުރުމަށް – އަންހެނުން] މި ޝިޢާރެވެ. ދިވެހިރާއްޖޭގެ އާބާދީގެ ދެބައިކުޅައެއްބައި ޙިއްޞާކުރަނީ އަންހެނުން ކަމުގައިވީހިނދު، ޤައުމު ބިނާކޮށް ބައްޓަން ކުރުމުގައި އަންހެނުން އިސް ދައުރެއް އަދާކުރަންޖެހޭކަން ފާހަގަކުރަމެވެ. އެގޮތުން، އަދުގެ އަންހެން ކުދިންނަކީ މާދަމާ ޤައުމު ބައްޓަންކޮށް ތަރައްޤީ ކުރުމުގެ އެންމެ އިސް ސަފުގައި ފައި ހަމަކުރުމަށް، އަމިއްލަ މިނިވަންކަމާއި ޒިންމާދާރުކަމާއެކު ތިބޭނެ ބަޔަކަށް ހެދުމަށް މަގުފަހިކޮށްދިނުމަކީ، އަޅުގަނޑުމެން ކޮންމެ ދިވެހި ދަރިއެއްގެ ފަރުދީ ޒިންމާއަކަށް ހެދުމުގެ ޢަޒުމު ކަނޑައެޅުމަށް މިއަދު އަޅުގަނޑު ގޮވާލަމެވެ.

ރާއްޖެ މިއަދު ދެކެމުންމިދާ ސިޔާސީ ބަދަލުތަކާއެކު، އަންހެނުންގެ ތަރައްޤީއަށާއި ސިޔާސީ މައިދާނުގައި، އަންހެނުން އިސް ސަފުގައި ފައިހަމަކުރުމުގެ ދައުރެއް އޮތުމަކީ، ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެހެނީ މިދަނޑިވަޅަކީ އަންހެނުންގެ ކުރިއެރުމާމެދު ވިސްނައި، މިނިވަންކަމާއެކު ޒިންމާދާރު ގޮތެއްގައި ޚިޔާލުފާޅުކޮށް، ތަރައްޤީގެ މަގުގައި ކުރާ ދަތުރުގައި، އަންހެނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުމަށް ބޭނުންވެފައިވާ މުހިންމު ދަނޑިވަޅަކަށްވާތީއެވެ. ރަށު ފެންވަރުގަޔާއި އަތޮޅު ފެންވަރުގައި ރާވާ ކަންކަމުގައި ބައިވެރިވުމަށް ލިބޭ ފުރުޞަތުތަކުގެ ބޭނުން، ރަނގަޅު ގޮތުގައި ހިފައި، ޤައުމުގެ ކުރިއެރުމަށާއި ލާބައަށް ކުރެވޭ ކަންކަމަށް ފަސްޖެހުމެއްނެތި ކެރިގެން ކުރިމަތިލާ ބަޔަކަށްވެސް އަންހެނުންވާން އެބަޖެހެއެވެ. ކޮންމެ ކަމަކަށްވެސް ތަރައްޤީއާއި ކުރިއެރުން، އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބޭނީ ޖަމާޢަތުގެ އެއްބާރުލުމާއި އެހީތެރިކަން ލިބި، އެއް އަމާޒަކަށް، އެއް މަޤްޞަދެއްގައި މަސައްކަތް ކޮށްގެންކަން ހަނދާންނައްތާލައިގެން ނުވާނެއެވެ. އަދި މިކަން ހާސިލު ކުރުމުގައި، ދިވެހި ފިރިހެނުންވެސް އަތުކުރި އޮޅާލައިގެން، އަންހެނުންނާއެކުގައި މަސައްކަތް ކުރުމަށް އަޅުގަނޑު ގޮވާލަމެވެ.

އަޅުގަނޑު ދެކޭގޮތުގައި، ދިވެހި އަންހެނުންނަށް މިވަގުތު ކުރިމަތިވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ، ގޭތެރޭގައާއި ވަޒީފާގެ މާޙައުލުގައި އަދި މަގުމަތީގައި ކުރިމަތިވާ އެކިބާވަތުގެ އަނިޔާގެ މައްސަލަތަކެވެ. އަންހެނުންނާމެދު ހިންގާ މިފަދަ ޢަމަލުތައް ކުށްވެރިކޮށް، އެ ޢަމަލުތައް ހިންގާ ފަރާތްތަކަށް ޙައްޤުވާ އަދަބު ދިނުމަށާއި، އަނިޔާ ލިބޭ އަންހެނުންނަށް ބޭނުންވާ [ސައިކޯ ސޯޝަލް ސަޕޯޓް] ދިނުމަށް މަގުފަހިކުރުމުގެ ގޮތުން، 2010 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ވަނީ [ގެވެށި އަނިޔާގެ ބިލް] ހުށަހެޅިފައެވެ. އެހެންކަމުން، މި ބިލުގެ މަޤްޞަދު ނުގެއްލޭގޮތަށް ވީ އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި މި ބިލް ފާސްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުން އަޅުގަނޑު އެދެމެވެ.

މުޖުތަމަޢުގައި އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަން ޤާއިމު ކުރުމަށް ކުރެވޭ މަސައްކަތްތަކަކީ، ސަރުކާރުގެ ވަކި ޚާއްޞަ އެއް މުއައްސަސާއަކުން ކުރެވޭނެ މަސައްކަތެއް ނޫނެވެ. ހުރިހާ ދާއިރާތަކަކުންވެސް ކުރާ މަސައްކަތްތަކުގައި ޖެންޑަރގެ ހަމަހަމަކަން ޤާއިމު ކުރުމަށާއި، އަންހެނުން ބާރުވެރިކުރުވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، ކަންތައްތައް ރާވައި ހިންގެވުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.

އަޅުގަނޑު އެދެނީ، ރާއްޖޭގެ އަންހެނުންނަށް އިތުރު ކުރިއެރުމާއި ތަރައްޤީއެވެ. އަދި ރާއްޖޭގެ މާޙައުލަކީ އެންމެހާ ރައްޔިތުންނަށް، ވަކިން ޚާއްޞަކޮށް، އަންނަން އޮތް ޖީލުތަކަށް އަމާންކަމާއެކު ދިރިއުޅެވޭނެ ރައްކާތެރި ތަނަކަށްވުމެވެ. އަދި ހުރިހާ އަންހެނުންނާއި ފިރިހެނުންގެ ފުރިހަމަ ބައިވެރިވުމާއި ޙިއްޞާ ލިބިގެން، ދިވެހި މުޖުތަމަޢު ކުރިއަށް ދިޔުމަށް އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.