މިއަހަރުގެ ތިމާވެށި ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު، ދުވަހުގެ ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް އަރިސް ކުރަމެވެ. އަދި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޑޮކްޓަރ މަރްޔަމް ޝަކީލާއަށާއި، އެ މިނިސްޓްރީގެ އެހެން ވެރިންނަށާއި، އެންމެހާ މުވައްޒަފުންނަށާއި، ރާއްޖޭގައި ތިމާވެށްޓަށް ޚިދްމަތް ކުރައްވަމުން ގެންދަވާ އަމިއްލަ ފަރުދުންނަށާއި، އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް މުބާރަކްބާދީ ދަންނަވަމެވެ.

މިއަދު ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ތިމާވެށީގެ ދުވަހު، އަޅުގަނޑަށް ލިބޭ އެންމެބޮޑު އެއް އުފަލަކީ، ރާއްޖޭގައި ތިމާވެށްޓާއި ހަކަތައާބެހޭ އާ ވުޒާރާއެއް، ހުސްވި މެއި މަހުގެ 21 ވަނަ ދުވަހު އުފެއްދިފައިވާ ކަމެވެ. ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކޮށް، ރާއްޖެއަށް ކުރިމަތިވާ ތިމާވެށީގެ ނުރައްކާތައް، ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެނައުމަކީ، މި ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދޭނެ ކަމެކެވެ. ހަކަތަ އުފެއްދުމަށް ކުރެވޭ ބޮޑު ހޭދައާ ދޭތެރޭގައި ޢާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ތިމާވެށްޓާ ރައްޓެހި ހަކަތައާއި ވަސީލަތްތަކަށް ކުރިއެރުން ހޯދައިދިނުމަކީވެސް ސަރުކާރުގެ މުހިންމު އަމާޒެކެވެ. ތިމާވެށްޓާއި ހަކަތައާބެހޭ ވަކި ޚާއްޞަ ވުޒާރާއެއް ޤާއިމް ކުރުމަށް އަޅުގަނޑު ނިންމީ، މިދެންނެވި މުހިންމު ސަބަބުތަކަށްޓަކައެވެ.

މިއަހަރުގެ ތިމާވެށި ދުވަހުގެ ޝިޢާރަކީ [ ފެހި އިޤްތިޞާދު: ތިބާ ޝާމިލްވޭތޯ؟] މި ޝިޢާރެވެ. އިޤްތިޞާދީ ރޮނގުން ހަލުވިމިނެއްގައި އަޅުގަނޑުމެން ކުރިއަށްދާން ބޭނުންވާއިރު، ތިމާވެށްޓަށް ދޭންޖެހޭ ސަމާލުކަން، މި ޝިޢާރުން އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދެއެވެ. އަދި ޓެކްނޯލޮޖީގެ ދާއިރާގައި ދުނިޔެ ހޯދަމުންދާ ކުރިއެރުންތަކަށް ރިޢާޔަތް ކުރާއިރު، ތިމާވެށްޓާ ރައްޓެހި އުފެއްދުންތައް އިތުރުކުރުމަށް ޤައުމުތަކުން ދޭންޖެހޭ އަހަންމިއްޔަތުވެސް ބޮޑުކަން މި ޝިޢާރުން ރަމްޒުކޮށްދެއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާ އަޅުގަނޑުމެން ބައްދަލުކުރާއިރު، މި ޖޫން މަހުގެ 20 އިން 22 އަށް ބްރެޒީލްގެ ރިއޯ-ޑި ޖިނެއިރޯގައި ބޭއްވުމަށް ހަމަޖެހިފައިވާ [ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ސަސްޓޭނަބްލް ޑިވެލޮޕްމަންޓް] ނުވަތަ [ރިއޯ ޕްލަސް 20] އަށް ތައްޔާރުވުމުގެ މަސައްކަތްތައް ވަނީ ފެށިފައެވެ. މި ސަމިޓްގައި އަޅުގަނޑާއެކު ރާއްޖޭގެ މަތީ ފެންވަރުގެ ފަންނީ ވަފްދެއް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މޫސުމަށް އަންނަމުންދާ ބަދަލުތަކާއި އަދި އެ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އަދި ކުރިމަތިވަމުންދާ ތަފާތު މައްސަލަތައް، ބައިނަލްއަޤްވާމީ ސަމާލުކަމަށް އިތުރަށް ގެނެސް، ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެއްބާރުލުމާއި އެހީތެރިކަން ހޯދުމަކީ، މި ސަމިޓްގައި ރާއްޖެ ބައިވެރިވުމުގެ އެންމެބޮޑު މަޤްޞަދެވެ. އަދި މިރޮނގުން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ސަރުކާރުން ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން، މި ފުރްޞަތުގައިވެސް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަމެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މާތްﷲ، ތިމާވެށީގެ އެކި ނުރައްކާތަކުން ރާއްޖެއާއި ރާއްޖޭގެ ރައްޔިތުން ސަލާމަތް ކުރެއްވުމެވެ. އަޅުގަނޑުމެންނަށާއި އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއި ސަލާމަތްކަން ޤާއިމްކޮށްދެއްވުމެވެ. ތިމާވެށި ހިމާޔަތް ކުރުމަށާއި، ތިމާވެށްޓާ ރައްޓެހި ހަކަތައިގެ ވަސީލަތްތައް އިތުރުކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގައި ބަރަކާތް ލެއްވުމެވެ.