މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އެންޓި-ކޮރަޕްޝަން ދުވަސް ކަމަށްވުމާއެކު، މިއަދުގެ މުނާސަބަތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއަށާއި، އެކޮމިޝަންގެ އެހެން މެންބަރުންނަށާއި، މުވައްޒަފުންނަށާއި، ރާއްޖެއިން ކޮރަޕްޝަން ނައްތާލެއްވުމަށް ހީވާގިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ފޮނުވަމެވެ.

ތަރައްޤީގެ މަގުގައި ޤައުމެއް ކުރިއަށް ދިޔުމުގައި އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ، އެޤައުމަކުން ކޮރަޕްޝަން މުޅިން ފުހެލުމެވެ. އެޤައުމެއްގައި ކޮރަޕްޝަންގެ ޢަމަލުތައް އިންތިހާއަށް އިތުރުވެއްޖެނަމަ، އެކަމުގެ އަސަރު އެންމެ ބޮޑަށް ފޯރާނެ އެއްބަޔަކީ އެޤައުމެއްގެ ރައްޔިތުންކަން ކަށަވަރެވެ. އެހެންކަމުން، ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަކީ، މި ސަރުކާރުންވެސް ވަރަށްބޮޑު އަހަންމިއްޔަތު ކަމެއްދޭ ކަމެކެވެ. އެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދަނީ ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމުގެ ފައިދާއަށްޓަކައެވެ. ކޮރަޕްޝަންގެ ޢަމަލުތަކަށް ފުރުޞަތު ނުދިނުމަށްޓަކައެވެ.

ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި އަދި ސަރުކާރާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ އެކި ފެންވަރުގެ މުވައްޒަފުން، ފައިސާއަށާއި ތަކެއްޗަށް ޚިޔާނާތްތެރިވުމާއި، ރިޝްވަތު ހިފުމާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން، ނާޖާއިދު ފައިދާ ހޯދުންފަދަ ޢަމަލެއް ހިންގައިފިނަމަ، އެކަމެއް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް، ކަމާބެހޭ ހުރިހާ ފަރާތްތަކުން އަޅަން ޖެހޭނެއެވެ. އެކަމުގައި އެއްވެސް އިސްތިސްނާއެއް އޮވެގެނެއް ނުވާނެއެވެ.

ރާއްޖެއިން ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް ވަރަށް ހީވާގިކަމާއެކު އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުތައް އަޅުގަނޑު ފާހަގަކޮށް، އެކޮމިޝަންގެ ރައީސަށާއި، މެންބަރުންނަށާއި، އެކޮމިޝަންގެ ހުރިހާ މުވައްޒަފުންނަށް، މި ފުރްޞަތުގައިވެސް އަޅުގަނޑު ޝުކުރު ދަންނަވަމެވެ. އަދި އެކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި، އަޅުގަނޑާއި މި ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު އަރުވަމެވެ. ހަމައެއާއެކު، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް ކުރަމުން މިގެންދާ މަސައްކަތްތަކުގައި، ހުރިހާ ފަރާތްތަކެއްގެ އެއްބާރުލެއްވުމާއި ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންތައްތަކަށް އެއްވެސް ފުރްޞަތެއް ނުދެއްވުމަށްވެސް އަޅުގަނޑު ގޮވާލަމެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ރާއްޖެއިން ކޮރަޕްޝަން މުޅިން ފުހެލުމަށް ކުރަމުން މިގެންދާ މަސައްކަތުގައި، މާތްﷲ ބަރަކާތް ލެއްވުމެވެ.