ޑޮކްޓަރ އަމްޒަތު އަޙްމަދު
ކިނާރާ / ގދ. މަޑަވެލީ

މި އިނާމު އަމްޒަތު އަޙްމަދަށް މި އެރުވެނީ، ޗައިނާގެ ޝަންގހާއި ޔުނިވަރސިޓީން ޑޮކްޓަރ އޮފް ފިލޯސޮފީ ހާސިލުކުރައްވާފައިވާތީއާއި، ޕީ.އެޗް.ޑީ ތީސީސްއަށް ކުރެއްވި ދިރާސާތަކަށް ބިނާކޮށް، ލީޑް އޯތަރުގެ ގޮތުގައި ލިޔުއްވާފައިވާ 3 އާޓިކަލެއް ބައިނަލްއަޤްވާމީ ޖަރނަލްތަކުގައި ޝާއިޢުކޮށްފައިވާތީއެވެ.

ޑޮކްޓަރ އަމްޒަތު އަޙްމަދު ޕީ.އެޗް.ޑީ އަށް ފުރިހަމަކުރެއްވި ދިރާސާއަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި، ކާބަން އެމިޝަންސްއާ ހުރި ގުޅުން ދެނެގަތުމަށްޓަކައި ކުރައްވާފައިވާ ދިރާސާއެކެވެ. މި ދިރާސާއަކީ، ވޭތުވެދިޔަ 34 އަހަރުގެ ތަފާސްހިސާބު ބޭނުންކޮށްގެން، ރާއްޖެފަދަ ކުޑަ ޤައުމަކަށް ރިޢާޔަތްކޮށް، އިޤްތިޞާދީ ތަރައްޤީއާއި، ތިމާވެށްޓާ ހުރި ގުޅުމާ ބެހޭގޮތުން ހެދިފައިވާ މިފަދަ ފުރަތަމަ ދިރާސާއެވެ. ޑޮކްޓަރ އަމްޒަތު އަޙްމަދުގެ ދިރާސާގެ އަލީގައި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށްގެން އިޤްތިޞާދީ ތަރައްޤީ ހާސިލުކުރެވިދާނެ ގޮތްތައް ހޯދުމަށް މަގުފަހިވެގެންދާނެއެވެ.

ޑޮކްޓަރ އަމްޒަތުގެ ދިރާސާގެ އަލީގައި ލިޔުއްވާފައިވާ އާޓިކަލްތައް ޝާއިޢުކޮށްފައިވަނީ، އިންޓަރނޭޝަނަލް ޖަރނަލް އޮފް ބިޒްނަސް މެނޭޖްމަންޓް، އެމެރިކަން ޖަރނަލް އޮފް ޓޫރިޒަމް ރިސަރޗް އަދި އެފްރިކަން ޖަރނަލް އޮފް ބިޒްނަސް މެނޭޖްމަންޓްގައެވެ.

ޑޮކްޓަރ އަމްޒަތު އަޙްމަދު މިހާރު ހުންނެވީ، ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކައުންސިލަރުގެ މަޤާމުގައެވެ.