އަލްފާޟިލް ޙުސައިން ޢަފީފް
ބަހާރުގެ ރ. މީދޫ

އަލްފާޟިލް ޙުސައިން ޢަފީފަކީ، 44 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވަނީ ތަޢުލީމީ ދާއިރާގައެވެ.

ޙުސައިން ޢަފީފަކީ، މީދޫގެ ތަޢުލީމު ކުރިއަށް ގެންދެވުމަށާއި، މީދޫގެ ތަރައްޤީއަށާއި ކުރިއެރުމަށް އެކި ރޮނގުރޮނގުން ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރައިމަރީ ޓީޗަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަމާއި، ޑެޕިއުޓީ ޕްރިންސިޕަލްކަމުގެ މަގާމުވެސް ވަނީ ފުރުއްވައިފައެވެ.

އަތޮޅުގެ ތަޢުލީމީ ފެންވަރު ރަނގަޅު ކުރެއްވުމަށާއި، ދަރިވަރުންނަކީ ހަރުދަނާ ތަރުބިޔަތެއް ލިބިފައިވާ އަދި އަޚްލާގީ ގޮތުން ނަމޫނާ ކުދިބަޔަކަށް ހެއްދެވުމަށްޓަކައި ޙުސައިން ޢަފީފް ކުރައްވައިފައިވާ މަސައްކަތްޕުޅުތަކަކީ ތަޢުރީފް ޙައްޤު މަސައްކަތްޕުޅުތަކެކެވެ. މަރުކަޒުގައި ގްރޭޑް 8 އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ. އަތޮޅުގެ ރަށްރަށަށް ދަތުރުކުރައްވައި، ދަރިވަރުން ހޯއްދަވައިގެން ގްރޭޑް 8 އުފެއްދެވިއެވެ. އަދި މަތީ ޘާނަވީ (ގްރޭޑް 11) އެ މަރުކަޒުގައި އުފެއްދުމަށްޓަކައި އަތޮޅުގެ ރަށްރަށަށް ދަތުރުކުރައްވައިގެން، ދަރިވަރުން ހޯއްދެވުމުގައިވެސް އިސް ދައުރެއް އަދާކުރައްވައި އަދި އެ ދަރިވަރުންނަށް އެކިއެކި ފަރާތްތަކުގެ އެހީތެރިކަމާއެކު ޚަރަދު ހޯއްދަވައިދެއްވައި، ގޭގޭގައި ހިލޭ އެ ދަރިވަރުން ބައިތިއްބަވައިގެން، ތަޢުލީމު ހާސިލު ކުރެވޭ އިންތިޒާމު ހަމަޖައްސަވައި ދެއްވުމުގައިވެސް ވަރަށްބޮޑު އެހީތެރިކަމެއް ވެދެއްވިއެވެ.

ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ގާރލްގައިޑާއި ސްކައުޓް ހަރަކާތް ފަށްޓަވައި، މަރުކަޒުގައި އިތުރު ހަރަކާތްތައް ހިންގެވުމުގައިވެސް ޢަފީފް ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ. އަދި އަތޮޅު ޤުރްއާން މުބާރާތްތަކުގައްޔާއި، ޤައުމީ ޤުރްއާން މުބާރާތަށް ކުދިން ތައްޔާރުކޮށްދެއްވުމަށް ޢަފީފް ކުރެއްވި މަސައްކަތްޕުޅުތަކުގެ ނަތީޖާއަކީ ފަޚުރުވެރި ވަނަތަކެއް ދަރިވަރުން ހޯދުމެވެ.

ތަޢުލީމީ ދާއިރާގައި ޙުސައިން ޢަފީފް ހިލޭސާބަހަށް ކުރެއްވި އެންމެ މުހިންމު މަސައްކަތަކީ، މީދޫ ޕްރީސްކޫލް ހިންގެވުމެވެ. ހިލޭސާބަހަށް 12 އަހަރު އެ ސްކޫލް ހިންގަވައިފައި ވެއެވެ. މީގެއިތުރުން، ރަށް ކުރިއަރުވާ ކޮމިޓީގެ މެންބަރުކަން 12 އަހަރު، ރަށް ކުރިއަރުވާ ކޮމިޓީގެ ނައިބު ރައީސްކަން 8 އަހަރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ސެކްރެޓަރީކަން 8 އަހަރު ކުރައްވައިފައި ވެއެވެ.

ޙުސައިން ޢަފީފް އެންމެފަހުން އަދާކުރެއްވީ، މީދޫ ކައުންސިލްގެ ރައީސްކަމުގެ މަގާމެވެ. މީދޫ ކައުންސިލްގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން، ރަށަށް ގިނަގުނަ ޚިދުމަތްތަކެއް ޢަފީފް ވަނީ ކޮށްދެއްވައިފައެވެ. ކުނި މެނޭޖް ކުރުމުގެ ޕްރޮގްރާމެއް އެކުލަވައިލައްވައި، އެމަސައްކަތް ފެށްޓެވުމާއި، ދިގު މުއްދަތެއްގައި ރަށަށް ޚިދުމަތް ކުރައްވައިފައިވާ ފަރާތްތަކާއި، އަދި ރަށަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެވޯޑެއް ތަޢާރުފުކުރައްވައި، އެވޯޑު ދެއްވުމުގެ ކަންކަން ކުރިއަށް ގެންދަވައިފައި ވެއެވެ.

ޙުސައިން ޢަފީފް، ކައުންސިލްގެ ރައީސްކަމުގެ މަގާމުވެސް ފުރުއްވައިފައިވަނީ، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ޤައުމީ ރޫޙާ އެކީގައެވެ.