އަލްފާޟިލް އާދަމް ނަޞީރު
އާވާޒު ނ. ހޮޅުދޫ

އާދަމް ނަޞީރު، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 14 އޮގަސްޓު 1977 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ވުޒާރަތުއްދާޚިލިއްޔާގެ ބަދިގޭ މަސައްކަތު މީހެއްގެ ވަޒީފާއެވެ. ދޮންނަ މީހެއްގެ ވަޒީފާ ހަމަޖެހިގެން، މުލީއާގޭގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 6 ސެޕްޓެންބަރު 1982 ގައެވެ. އޭގެފަހުން މުލީއާގޭ ލޯންޑްރީ އެސިސްޓެންޓް ކަމާއި، ލޯންޑްރީ އެސިސްޓެންޓް ގްރޭޑް 2 ކަމާއި، ލޯންޑްރީ އެސިސްޓެންޓް ގްރޭޑް 3 ގެ ވަޒީފާ އަދާކުރައްވައިފައި ވެއެވެ. އާދަމް ނަޞީރު، ރިޔާސީ ގަނޑުވަރުގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 38 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގައި އާދަމް ނަޞީރު ކުރައްވައިފައިވާ މައިގަނޑު މަސައްކަތަކީ، ދޮވެ އިސްތިރިކުރުމުގެ މަސައްކަތެވެ. އާދަމް ނަޞީރު މިހާގިނަ ދުވަހު އެއް މަސައްކަތެއްގައި ދެމިހުންނެވުނީ، އެކަމަށް ހިތްޕުޅުގައި އޮތް ޝައުޤުވެރިކަމެއްގެ ބޮޑުކަމުންނެވެ. އާދަމް ނަޞީރަކީ ގަޑިއަށް ފަރުވާތެރި، ހީވާގި އަދި އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވަމުން ގެންދަވާ ނަމޫނާ ބޭފުޅެކެވެ. މަޑުމައިތިރި މިޒާޖެއްގެ އަދި ހުރިހާ މުވައްޒަފުންނާއި ވެރިންނާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

މުލީއާގެއަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި، މުލީއާގެއަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި މުވައްޒަފުންނަށް ދެއްވި ހަނދާނީ ފިލާ، އާދަމް ނަޞީރަށް ވަނީ ލިބިވަޑައިގެންފައެވެ.