އަލްފާޟިލް މުޙައްމަދު ނަސީމް
ވ. ފާލިކީ

މުޙައްމަދު ނަސީމް، މިނިސްޓްރީ އޮފް އެގްރިކަލްޗަރުގެ ވަޒީފާއާ ގުޅިވަޑައިގަތީ 1980 ވަނަ އަހަރުގެ މާރިޗު މަހުގެ 4 ވަނަ ދުވަހުއެވެ. ފީލްޑް އޮފިސަރެއްގެ ވަޒީފާއިން ޚިދުމަތް ފަށްޓަވައި، އެ އަހަރު މިނިސްޓްރީން ކުރި އެންމެ މުހިންމު އެއް މަސައްކަތް ކަމަށްވާ، މާލެއިން މީދާ މަދުކުރުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.

މުޙައްމަދު ނަސީމް، ސަރުކާރުގައި ހޭދަކުރެއްވި 42 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، ކޮންޓްރޯލް އޮފް ކޮމިއުނިކެބްލް ޑިޒީޒަސް ޑިވިޜަންގެ ޑޮމިސިލިއަރީ ވާރކަރު ކަމާއި، މިނިސްޓްރީ އޮފް އެގްރިކަލްޗަރުގެ ފީލްޑް އޮފިސަރ ގްރޭޑް 1 ކަމާއި، ސީނިއަރ ފީލްޑް އޮފިސަރު ކަމާއި، ސެކްރެޓަރީ ކަމާއި، އެސިސްޓެންޓް އެގްރިކަލްޗަރ އޮފިސަރު ކަމާއި، އެގްރިކަލްޗަރ އޮފިސަރު ކަމާއި، ސީނިއަރ އެގްރިކަލްޗަރ އޮފިސަރު ކަމާއި، އެސިސްޓެންޓް ޑިރެކްޓަރުކަން ހިމެނެއެވެ.

ރާއްޖޭގައި ދަނޑުވެރިކަން ތަރައްޤީ ކުރުމުގައި، އެ މިނިސްޓްރީގެ ފަރާތުން ކުރައްވަމުން ގެންދެވި މުހިންމު މަސައްކަތްތަކުގައި، މުޙައްމަދު ނަސީމް އަދާކުރައްވައިފައިވާ ދައުރު، ޚާއްޞަގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ. ނަސީމަކީ ދަނޑުވެރިކަމާ ގުޅޭ ގިނަ ތަމްރީނުތަކެއް، ރާއްޖެއިން ބޭރުގައި ފުރިހަމަކުރައްވައިފައިވާ ބޭފުޅެކެވެ. އެ ރޮނގުން ލިބިވަޑައިގެންނެވި ތަޖުރިބާތަކުގެ އަލީގައި، މާލޭ ނަރސަރީގައްޔާއި، ރަށްރަށުގެ ބައެއް ސްކޫލްތަކުގައި، ހައިޑްރޯފޯނިކް ޓްރޭނިންގ ކޯސްތަކެއް ހިންގަވައިފައި ވެއެވެ. އަދި އެކަމާބެހޭ ލުއި ފޮތްތައްވެސް ލިޔުއްވައިފައި ވެއެވެ. ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައިވެސް ދަނޑުވެރިކަމާ ގުޅޭ ވަރަށްގިނަ ކޯސްތައް ނަސީމް ވަނީ ހިންގަވައިދެއްވައިފައެވެ. އޭގެއިތުރުން، މާލޭގެ ނަރސަރީއާ ހަވާލުވެވަޑައިގެން ހުންނެވިއިރު، ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް ދަނޑުވެރިކަމާބެހޭ މަޢުލޫމާތުވެސް ދެއްވައިފައި ވެއެވެ. މުޙައްމަދު ނަސީމަށް ވަނީ ދަނޑުވެރިކަމުގެ މަސައްކަތްތަކުގައި، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައިފައެވެ. އަދި ރ.އަތޮޅުގެ ހުރިހާ ފަޅު ރަށަކަށްވެސް ވަޑައިގެންނެވިއެވެ.

މުޙައްމަދު ނަސީމަކީ ހުރިހާ މުވައްޒަފުންނާވެސް ވަރަށް ބޮޑަށް ގުޅިވަޑައިގެން މަސައްކަތް ކުރައްވައިފައިވާ އަދި ވަރަށް ފަރުވާތެރިކަމާއި އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އޮފީހުގައި ހޭދަކުރެއްވި މި ދިގު މުއްދަތުގައި، އެއްވެސް ދުވަހަކު ގަޑިނުޖެހި އޮފީހަށް ހާޒިރުވެވަޑައިގެންފައިވާކަން ފާހަގަވެއެވެ.