އަލްފާޟިލް މުޙައްމަދު އިބްރާހީމް
ހ. ނޫމުތީ

މުޙައްމަދު އިބްރާހީމް، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1972 ވަނަ އަހަރު ޑިޕާޓްމަންޓް އޮފް އެކްސްޓަރނަލް އެފެއާޒްގެ އިނގިރޭސި ކާތިބުކަމުގެ ވަޒީފާއިންނެވެ. ހައެއްކަ މަސްދުވަހުގެ ތެރޭގައި، އެއަރޕޯޓް އޮފީހުގެ އިނގިރޭސި ސެކްރެޓެރީގެ މަގާމަށް ބަދަލުކުރެއްވިއެވެ.

މުޙައްމަދު އިބްރާހީމް، ޑަބްލިޔު.އެޗް.އޯ.ގެ ސްކޮލަރޝިޕެއްގައި 1974 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރަށް ވަޑައިގެން، ޑިޕްލޮމާ އިން މެކޭނިކަލް އިންޖިނިއަރިންގ ކޯސް ފުރިހަމަކުރެއްވުމަށްފަހު އެނބުރި ވަޑައިގަތީ 1978 ވަނަ އަހަރުއެވެ. މާލެ ވަޑައިގެން މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީގެ މެކޭނިކަލް އިންޖިނިއަރގެ މަގާމު ފުރުއްވަމުން ގެންދަވާތާ ދެ އަހަރެއްހާ ދުވަސްވީފަހުން، ޕަބްލިކް މެއިންޓެނަންސް ޑިވިޜަންގެ ވަކީލުކަމުގެ މަގާމަށް ބަދަލުކުރެއްވިއެވެ.

1982 ވަނަ އަހަރުގެ ފެބުރުވަރީ މަހު، މުޙައްމަދު އިބްރާހީމަށް އެއަރޕޯޓުގައި ޚިދުމަތް ކުރެއްވުމުގެ ފުރުޞަތު ދެވަނަފަހަރަށް ލިބިވަޑައިގެންނެވިއެވެ. އެއީ، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމުގައެވެ. މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީއާއި މޯލްޑިވްސް އެއަރޕޯޓްސް ކަމްޕެނީ ލިމިޓެޑުގައި ޚިދުމަތް ކުރެއްވިއިރު، "އެއަރޕޯޓް މެނޭޖްމަންޓް" އާއި، "އެއަރޕޯޓް އިންޖިނިއަރިންގ" އާއި، އެނޫންވެސް ތަފާތު ދާއިރާތަކުގެ ތަމްރީނުތައް ފުރިހަމަކުރެއްވުމުގެ ސަބަބުން، ހުނަރާއި މަސައްކަތް ކުރެއްވުމުގެ ޤާބިލުކަން އިތުރުވެގެންދިޔައެވެ.

އެއަރޕޯޓް ކައުންސިލް އިންޓަރނޭޝަނަލްގައި، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ މަންދޫބުގެ ގޮތުގައި ވަނީ ޚިދުމަތް ކުރައްވައިފައެވެ. އޭ.ސީ.އައި. އޭޝިއާ ރީޖަންގެ ވައިސްޗެއަރމަން ކަމާއި، އެކްޓިންގ ޗެއަރމަން ކަމުގެ މަގާމާއި، އޭ.ސީ.އައި. ވާރލްޑް ގަވަރނިންގ ބޯޑުގެ މެންބަރު ކަމުގައި ޚިދުމަތް ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތުން އެއީ މުޙައްމަދު އިބްރާހީމަށާއި، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީއަށް ލިބުނު ޝަރަފެކެވެ. މުޙައްމަދު އިބްރާހީމްގެ މެނެޖިންގ ޑިރެކްޓަރ ކަމުގައި، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓަކީ، ފަސިންޖަރުންނާއި އެއަރލައިންތަކަށް ރަނގަޅަށް ޚިދުމަތްދޭ، އޭރޯނޯޓިކަލް ޚިދުމަތް ފުރިހަމަ ކުރެވިފައިވާ އަދި ނޮން-އޭރޯނޯޓިކަލް ޚިދުމަތްތައްވެސް ފުޅާ ދާއިރާއެއްގައި ދޭ ތަނަކަށް ވެގެންދިޔައެވެ. އަދި ވިޔަފާރި އުސޫލުން ކާމިޔާބުކަމާއެކު ހިންގައިގެން، ސަރުކާރަށް އެންމެބޮޑު އާމްދަނީއެއް ހޯދައިދޭ ތަނަކަށް ބަދަލުކުރެއްވިއެވެ.

އެއަރޕޯޓުގައި ތިންފަހަރެއްގެ މަތިން ޖުމްލަ 25 އަހަރު ޚިދުމަތް ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތުމުން، އެއަރޕޯޓުގެ ތަރައްޤީއާއި ކުރިއެރުމާއި ކާމިޔާބީގައި މުޙައްމަދު އިބްރާހީމް މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކަމްޕެނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ޚިދުމަތް ކުރެއްވުމާއި، އޭގެފަހުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބެއްގެ މަގާމުގައި ޚިދުމަތް ކުރެއްވުމުގެ ފުރުޞަތު، މުޙައްމަދު އިބްރާހީމަށް ލިބިވަޑައިގަތެވެ.

މުޙައްމަދު އިބްރާހީމްގެ 42 އަހަރުގެ ޚިދުމަތުގެ ތެރެއިން، އެންމެ ފާހަގަކުރެއްވުނު އެއް ޚިދުމަތަކީ، އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގައި ހުންނަވައިގެން، 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުތައް ކާމިޔާބުކަމާއެކު ބޭއްވިގެންދިޔަކަމެވެ.

2012 ވަނަ އަހަރުގެ ޑިސެންބަރު މަހު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންސްގެ މަގާމަށް މުޙައްމަދު އިބްރާހީމް ޢައްޔަނު ކުރެއްވިއެވެ. އަދި 2014 ވަނަ އަހަރު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންސް އުވައިލެއްވުމުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ މަގާމަށް ޢައްޔަނު ކުރެއްވިއެވެ. މުޙައްމަދު އިބްރާހީމް އެންމެފަހުން އަދާކުރެއްވީ، ދިވެހި ދައުލަތުގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަގާމެވެ. އެ މަގާމުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި 14 ޑިސެންބަރު 2014 ން 17 ނޮވެންބަރު 2018 އަށް ޚިދުމަތް ކުރެއްވިއެވެ.

މުޙައްމަދު އިބްރާހީމަކީ، ވަރަށް އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު، ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވި ނަމޫނާ ޝަޚްޞިއްޔަތެކެވެ. ޒިންމާދާރުކަމާއެކު ވާޖިބު އަދާކުރެއްވި ޚިދުމަތްތެރިއެކެވެ.