އަލްފާޟިލް ޢަބްދުﷲ ރާޝިދު އާދަމް
ވ. ޕްރޮގްރަސް

ޢަބްދުﷲ ރާޝިދު އާދަމް، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 14 ޖަނަވަރީ 1979 ގައި އިލެކްޝަންސް ޑިވިޜަންގެ 2 ނަންބަރު ކާތިބު ކަމުގެ ވަޒީފާއިންނެވެ. އޭގެފަހުން ޕްރިޒްންސް ޑިވިޜަންގައި ކުޑަދުވަސްކޮޅަކު ޚިދުމަތް ކުރެއްވުމަށްފަހު، ކަސްޓަމްސްގެ ވަޒީފާއާ ގުޅިވަޑައިގަތީ، 26 ސެޕްޓެންބަރު 1979 ގައެވެ. އެ ދުވަހުން ފެށިގެން ރާޝިދު ޚިދުމަތް ކުރައްވަމުން ގެންދަވަނީ ކަސްޓަމްސްގައެވެ.

ވޭތުވެދިޔަ 42 އަހަރު ދުވަހުގެ ތެރޭގައި، ކަސްޓަމްސްގެ ތަފާތު މަގާމުތައް ރާޝިދު ފުރުއްވައިފައި ވެއެވެ. މިގޮތުން، އެސިސްޓެންޓް ޕްރިވެންޓިވް އޮފިސަރު ކަމުގެ މަގާމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 1ގެ މަގާމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1ގެ މަގާމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2ގެ މަގާމާއި، ޗީފް ކަސްޓަމްސް އޮފިސަރު ކަމުގެ މަގާމާއި، ސުޕްރިންޓެންޑެންޓް ކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ. ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް ކަމުގެ މަގާމު ފުރުއްވަމުން ގެންދަވަނީ، 18 ޖުލައި 2021 އިން ފެށިގެންނެވެ.

ޢަބްދުﷲ ރާޝިދު އާދަމް، ކަސްޓަމްސްގައި ފުރަތަމަ ކުރެއްވި މައިގަނޑު މަސައްކަތަކީ، ބޯޓުފަހަރަށް ވަޑައިގެން، ޓެލީ ކުރެއްވުމާއި، ރާއްޖެއަށް އިމްޕޯޓް ކުރާ ތަކެއްޗާއި، އެކްސްޕޯޓް ކުރާ ތަކެތި ޗެކް ކުރެއްވުމެވެ. އަދި ރާއްޖެއިން ބޭރުން އަންނަ ބޯޓުފަހަރުގައި ވަޒީފާ އަދާކުރާ މީހުން ގެންނަ މުދަލަށް ޑިއުޓީ ނަގަންޖެހޭނަމަ، ޑިއުޓީ ނެގުމަށް ޗިޓް ހަދައި ހަވާލުކުރެއްވުމާއި، ބޯޓުފަހަރަށް ގޮސްއައިސްވާ ދޯނިފަހަރާއި މީހުން ޗެކް ކުރެއްވުމެވެ. މިގޮތުން، ހާބަރުގެ މަސައްކަތްތައް، އެންމެ އިސްބޭފުޅެއްގެ ހައިސިއްޔަތުން ވަރަށްގިނަ ދުވަސް ވަންދެން ބަލަހައްޓަވައިފައި ވެއެވެ. މީގެއިތުރުން، މޯލްޑިވްސް ޕޯސްޓަށް އަންނަ ޕާރުސަލްތައް ޗެކްކޮށް ދޫކުރެއްވުމުގައި، ކަސްޓަމްސްގެ ފަރާތުން އިސްބޭފުޅެއްގެ ގޮތުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. އަދި ލ.ގަން ކަސްޓަމްސްގެ އިސްވެރިއެއްގެ ގޮތުންވެސް ޚިދުމަތް ކުރައްވައިފައި ވެއެވެ.

ރާއްޖޭގެ އަތޮޅުތަކުގައި ހުންނަ ކަސްޓަމްސްގެ އޮފީސްތަކުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި، ޢަބްދުﷲ ރާޝިދު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. ރާޝިދު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، ތިލަފުށީގައި ހުންނަ ކަސްޓަމްސް އޮފީހުގައެވެ. އެތަނުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، ބަނދަރުތައް ޗެކް ކުރެއްވުމާއި، އެ ތަންތަނުގައި ރާއްޖޭގެ ޤާނޫނާއި ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ކުރޭތޯ ބެއްލެވުން ހިމެނެއެވެ.