އަލްފާޟިލް ޢަލީ އަޙްމަދު
އައްސޭރި ފ. ނިލަންދޫ

ޢަލީ އަޙްމަދު، ސަރުކާރުގެ ޚިދުމަތް ފެށްޓެވީ 4 ފެބުރުވަރީ 1979 ގައި ފެމިލީ ހެލްތު ވަރކަރެއްގެ ވަޒީފާއިންނެވެ. ފެމިލީ ހެލްތު ވަރކަރުކަން 9 އަހަރަށްވުރެ ގިނަދުވަހު ޢަލީ އަޙްމަދު ކުރެއްވިއެވެ. ފެމިލީ ހެލްތު ވަރކަރެއްގެ ވަޒީފާގައި ހުންނެވިއިރު، ފ.އަތޮޅުއޮފީހުގެ އެދިވަޑައިގަތުމުގެ މަތިން، އަތޮޅުގެ އެހެން ރަށްރަށަށް ދަތުރުކުރައްވައި، ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދެއްވައިފައި ވެއެވެ. މުދިމެއްގެ ވަޒީފާއަށް ބަދަލުވެވަޑައިގަތީ 25 އޮކްޓޫބަރު 1988 ގައެވެ.

25 އޮކްޓޫބަރު 1988 ން ފެށިގެން 4 ފެބުރުވަރީ 1990 ގެ ނިޔަލަށް ޢަލީ އަޙްމަދު، ފ.ނިލަންދޫ މުދިންކަމުގެ ވަޒީފާ އަދާކުރެއްވުމަށްފަހު، ނިލަންދޫ ކަތީބުކަމަށް ބަދަލުވެވަޑައިގަތެވެ. ނިލަންދޫ ކަތީބުކަމުގައި، ދެ އަހަރެއްހާ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، އަލުން އަނެއްކާވެސް އިމާމެއްގެ ވަޒީފާއަށް ބަދަލުވެވަޑައިގަތެވެ. 1 މޭ 2001 އިން ފެށިގެން މިއަދާ ހަމަޔަށްވެސް ހުންނެވީ، އިމާމުކަމުގެ ވަޒީފާގައެވެ. އިމާމުކަމުގެ ވަޒީފާގައި ޢަލީ އަޙްމަދު ހުންނަވައިގެން، ކުދިންނަށް ޤުރްއާން ކިޔަވައިދޭ ކްލާސްތައް ހިންގަވައިދެއްވިއެވެ.

ސަރުކާރުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި، ޢަލީ އަޙްމަދު، މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވައިފައިވަނީ، ޒިންމާދާރުކަމާއި އިޚްލާޞްތެރިކަމާ އެކުގައެވެ. ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ހިންގޭ ކަންކަމުގައި ރައްޔިތުންނާ ގުޅިވަޑައިގެން ފަސްޖެހުމެއްނެތި މިހާރުވެސް ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ.