އަލްފާޟިލް މުޙައްމަދު ވަޙީދު
ދަފްތަރު. ނަންބަރު ރސ 1489

މުޙައްމަދު ވަޙީދު، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 23 މޭ 1979 ގައި ފުލުސް ކޯޓުގެ 2 ނަންބަރު ކާތިބެއްގެ ވަޒީފާއިންނެވެ. އޭގެފަހުން، މާފުށީ ކޯޓުގެ ޤާޟީކަން ކުރެއްވިއެވެ. ކަސްޓަމްސްގައި ޚިދުމަތް ކުރައްވަން ފެށްޓެވީ 21 ފެބުރުވަރީ 1980 ގައެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، މުޙައްމަދު ވަޙީދު ކަސްޓަމްސްގައި ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ރާއްޖެއަށް އެތެރެކުރާ މުދާ ޗެކްކުރެއްވުމާއި، މުދަލާބެހޭ ކަންކަން ސުޕަވައިޒްކޮށް ބެލެހެއްޓެވުމާއި، ގުޑްސް ޑިކްލަރޭޝަންގައިވާ މުދަލުގެ ތެރެއިން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ މުދާތަކަށް ސަމާލުކަމެއް ދެއްވައިގެން، މުދާ ދޫކުރާ އޮފިސަރުން ލައްވައި އެ މަސައްކަތް ކުރުވުން ހިމެނެއެވެ. އަދި، ރާއްޖޭގެ އެކި އަތޮޅުތަކުގައި ހުންނަ ކަސްޓަމްސް އޮފީސްތަކަށް ވަޑައިގެން، އެތަންތަނުން ދޫކުރަންޖެހޭ މުދާ ދޫކުރެއްވުމާއި، މުދާ ދޫކުރެއްވުމަށް ރިޒޯޓުތަކަށް ވަޑައިގަތުމާއި، އަދި ރާއްޖެއިން ބޭރުން އަންނަ ބޯޓުފަހަރަށް ކްލިއަރެންސް ދިނުމާބެހޭ ކަންކަން ކުރައްވައިފައިވެއެވެ.

މި ވޭތުވެދިޔަ 41 އަހަރު ދުވަހުގެ ދިގު މުއްދަތުގެ ތެރޭގައި، މުޙައްމަދު ވަޙީދު ވަނީ ކަސްޓަމްސްގެ ތަފާތު މަގާމުތައް ފުރުއްވައިފައިވެއެވެ. މީގެތެރޭގައި، ކަސްޓަމްސްގެ 2 ނަންބަރު ކާތިބު ކަމާއި، ސީނިއަރ ކާގޯ ކްލިއަރެންސް އޮފިސަރ ކަމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ކަމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ކަމާއި، ޗީފް ކަސްޓަމްސް އޮފިސަރުކަން ހިމެނެއެވެ. މިހާރު ހުންނެވި ސީނިއަރ ސުޕްރިންޓެންޑެންޓްގެ މަގާމު ފުރުއްވަމުން ގެންދަވަނީ، 18 ޖުލައި 2021 އިން ފެށިގެންނެވެ.

ކަސްޓަމްސްގައި މުޙައްމަދު ވަޙީދު ކުރެއްވި ޚިދުމަތްތަކުގެ އަގު ކަސްޓަމްސް އިން އެކި ފަހަރުމަތިން ވަނީ ވަޒަންކުރައްވައިފައެވެ. މިގޮތުން، ދިގު މުއްދަތުގެ ކުލަޔާއި، ކާމިޔާބުގެ ރަން ކުލަޔާއި، އަޚްލާޤީ ކުލަޔާއި، ޚިދުމަތުގެ ކުލަޔާއި، އިޚްލާޞްތެރިކަމުގެ ކުލަޔާއި، ޤާބިލުކަމުގެ ކުލަ ލިބިވަޑައިގެންފައިވެއެވެ. އަދި، ކަސްޓަމްސްގެ ރަން ބެޖުވެސް މުޙައްމަދު ވަޙީދަށް ލިބިވަޑައިގެންފައި ވެއެވެ.