އަލްފާޟިލާ ސުލްޠާނާ މޫސާ
ޝޭޑީ ކޯނަރ ނ. ވެލިދޫ

ނ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދިވެހި ޓީޗަރެއްގެ މަގާމުގައި ހުންނެވި ސުލްޠާނާ މޫސާއަކީ، ނ. އަތޮޅު ތަޢުލީމީ މަރުކަޒަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. 18 މާރިޗު 1980 ން ފެށިގެން ވަރަށް ހީވާގިކަމާއެކު ދަރިވަރުންނަށް އުނގަންނައިދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްވެސްމެއެވެ. ޚިދުމަތް ކުރައްވަމުން ގެންދަވާތާ މެދުނުކެނޑި މިހާރު 41 އަހަރަށްވުރެ ދިގު މުއްދަތެއްވެފައިވާއިރު، މުދައްރިސުންގެ ކަންކަން ބަލަހައްޓަވާ ސުޕަވައިޒަރެއްގެ ގޮތުގައްޔާއި، މުދައްރިސުން ތަމްރީނު ކުރައްވާ އެދުރެއްގެ ގޮތުގައިވެސް ސުލްޠާނާ މޫސާ ހަރަކާތްތެރިވެވަޑައިގެންފައިވެއެވެ.

ދަރިވަރުންނަށް އުނގަންނައިދިނުން ހަރުދަނާ ކުރެއްވުމަށް ކަންކަން ރާއްވަވައި ހިންގެވުމުގައި، ސްކޫލްގެ ސީނިއަރ މެނޭޖްމަންޓްގައި ހަރަކާތްތެރިވެވަޑައިގަތުމުގެ އިތުރަށް، ދަރިވަރުންނަށްޓަކައި ހިންގާ އެކްސްޓްރާރ އަދި ކޯ-ކަރިކިއުލަރގެ ތަފާތު ހަރަކާތްތަކުގައި އެހީތެރިވެދެއްވުމާއި އިރުޝާދު ދެއްވުމުގައި، ސުލްޠާނާ އިސް ދައުރެއް އަދާކުރައްވަމުން ގެންދަވައެވެ.

ކިޔެވުމަށް އައި ޒަމާނީ ކުރިއެރުމާއި، އުނގެނުމާއި އުނގަންނައިދިނުމަށް އައި ތަރައްޤީގައި ދަރިވަރުންނަށް އުނގަންނައިދިނުމުގެ ވައްޓަފާޅި ބަދަލުވެ، އުނގަންނައިދެމުން އައި މަންހަޖު ބަދަލުވެ، މުޅިން އާ މަރުޙަލާއަކަށް ތަޢުލީމީ ޙާލަތު ފުރޮޅެމުންދާ ދިޔުމާ ފައިހަމަކުރުމަށް، ސުލްޠާނާ ފަންނީ ކުރިއެރުން ހޯއްދެވީ، އަމިއްލައަށް ކުރެއްވި މަސައްކަތްތަކުންނެވެ. މިގޮތުން، ސުލްޠާނާ މިހާރުވަނީ ދިވެހި ބަހުގެ ފުރަތަމަ ޑިގްރީވެސް ހާސިލު ކުރައްވައިފައެވެ.

ސުލްޠާނާ މޫސާ އަދާކުރައްވައިފައިވާ ވަޒީފާތަކުގެ ތެރޭގައި، ނ. ހޮޅުދޫ މޭނާ ސްކޫލްގެ ޕްރައިމަރީ ޓީޗަރު ކަމާއި، ނ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކޮމިއުނިޓީ އެޑިޔުކޭޓަރ ކަމާއި، ސުޕަވައިޒަރ/ލީޑިންގ ޓީޗަރުކަން ހިމެނެއެވެ.

ސުލްޠާނާއަކީ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އުފެއްދެވި ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ މެންބަރުކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އިޖުތިމާޢީ ޚިދުމަތަށް ބަލާއިރު، ސުލްޠާނާ ވަނީ ވެލިދޫ އަންހެނުން ކުރިއަރުވާ ކޮމިޓީގެ މެންބަރުކަމާއި، ވެލިދޫ އަންހެނުން ކުރިއަރުވާ ކޮމިޓީގެ ރައީސާކަންވެސް ކުރައްވައިފައެވެ.