އަލްފާޟިލާ ޝަކީބާ ޙުސައިން
ހ. ސަތުޙު

އަލްފާޟިލާ ޝަކީބާ ޙުސައިން، 2 މާރިޗު 1980 ގައި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީއްސުރެން ފެށިގެން މިއަދާ ހަމަޔަށް ޚިދުމަތް ކުރައްވަމުން ގެންދަވައިފައިވަނީ، ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާގައެވެ.

ޝަކީބާގެ އެންމެ ޚާއްޞަ އެއް ފަންނަކީ ޓައިޕް ކުރެއްވުމެވެ. ފަރިތަކަމާއެކު އިނގިރޭސި އަދި ތާނަ ޓައިޕް ކުރައްވާ ބޭފުޅެއްގެ ގޮތުގައި ޝަކީބާ ފާހަގަވެފައިވެއެވެ. ފުރަތަމަ ޚިދުމަތް ކުރައްވަން ފެށްޓެވިއިރު، އޮފީހުން ޓައިޕް ކުރަންޖެހޭ ހުރިހާ ލިޔުންތަކެއް ޓައިޕް ކުރެއްވީ ޓައިޕްރައިޓަރުންނެވެ. ޓައިޕިންގގެ ރޮނގުން ކުރައްވައިފައިވާ ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްތަކުގެ ތެރޭގައި، 1980 ގެ އަހަރުތަކުގެ ތެރޭގައި، ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޓެލެކޮމް ބިލްޑިންގ އިމާރާތް ކުރަމުންދިޔަ ދުވަސްވަރު، ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އަދި ޖަޕާން ތައިސޭ ކޯޕަރޭޝަނާ ދެމެދު ކުރެވުނު މުޢާމަލާތްތަކުގައި އޮފީހުގެ ފަރާތުން ހުށަހަޅަންޖެހުނު ހުރިހާ ލިޔެކިޔުންތަކެއް ޓައިޕް ކުރައްވައި، އެކަމުގައި ޢަމަލީގޮތުން ޝަކީބާ އަދާކުރެއްވި ދައުރު ފާހަގަކޮށްލަންޖެހެއެވެ.

އޮފީހުގައި ކުރެއްވި ޢާންމު މަސައްކަތްތަކުގެ އިތުރުން، އޮފީހުގެ ފަރާތުން ޓެލެކޮމް ސިޔާސަތު އެކުލަވައިލުމުގައްޔާއި، އަތޮޅުތެރޭގައި ބޭއްވުނު މަސައްކަތު ބައްދަލުވުންތަކުގައްޔާއި، މުވާޞަލާތީ ދާއިރާއިން ޢާންމުން ހޭލުންތެރިކުރުވުމަށް އަތޮޅުތެރޭގައި ބޭއްވުނު ޓެލެކޮމް ފެއަރތަކުގައިވެސް ޝަކީބާ ވަނީ ޢަމަލީގޮތުން މަސައްކަތް ކުރައްވައިފައެވެ.

ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާގެ އިދާރީ ހިންގުމުގައި 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޝަކީބާ ކޮށްދެއްވައިފައިވާ އިޚްލާޞްތެރި ޚިދުމަތްތަކަކީ، އެ ދާއިރާއަށް ލިބިފައިވާ ކުރިއެރުންތަކުގައި ހިއްސާވެގެންދާނެ ޚިދުމަތްތަކެކެވެ. ޝަކީބާ މިހާ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވިއިރު، އެއްވެސް ދުވަހަކު އޮފީހަށް ގަޑިޖެހި، ސަލާމްވިދާޅުވެފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

މި ދާއިރާގައި ހޭދަކުރެއްވި ދިގު މުއްދަތުގައި، ޝަކީބާ ޙުސައިން ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމަންޓްގެ ޓައިޕިސްޓް ކަމާއި، ޑިޕާޓްމަންޓް އޮފް ޕޯސްޓް އެންޑް ޓެލެކޮމިއުނިކޭޝަންސްގެ ކޮމްޕިއުޓަރ އޮޕަރޭޓަރ ކަމާއި، ސީނިއަރ ކޮމްޕިއުޓަރ އޮޕަރޭޓަރ ކަމާއި، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީގެ ސެކްރެޓެރީ ކަމާއި، ޓެލެކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ސީނިއަރ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން ހިމެނެއެވެ. މިހާރު ހުންނެވީ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގައެވެ.