އަލްފާޟިލާ ޢާބިދާ އަޙްމަދު
ދަފްތަރު. ނަންބަރު ރސ 2181

ޢާބިދާ އަޙްމަދު، ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 40 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މުލީއާގޭ މެއިޑެއްގެ ވަޒީފާއިން 15 ނޮވެންބަރު 1978 ގައެވެ. މެއިޑެއްގެ ވަޒީފާއިން 8 ޖޫން 1982 ގައި ވަކިވެވަޑައިގަތުމަށްފަހު، އަލުން ޚިދުމަތް ފެށްޓެވީ 26 ސެޕްޓެންބަރު 1983 ގައި މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ޓެލެފޯން އޮޕަރޭޓަރެއްގެ ވަޒީފާއިންނެވެ. އޭގެފަހުން 15 އޮގަސްޓު 1985 ން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ. މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ޢާބިދާވަނީ އެ މިނިސްޓްރީއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ.

ޢާބިދާ އަޙްމަދު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވަނީ، އެ މިނިސްޓްރީގެ އިދާރީ ހިންގުމާބެހޭ ސެކްޝަންތަކުގައްޔާއި، ޑިޕާޓްމަންޓްތަކުގައެވެ. އަދި، ދިވެހިރާއްޖެއިން ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވާ ޤައުމުތަކުން ދިވެހިރާއްޖެއަށް ޒިޔާރަތް ކުރައްވާ އެ ޤައުމުތަކުގެ ދައުލަތްތަކުގެ އިސްވެރިންގެ ޕްރޮޓޮކޯލް އަދި މެހްމާންދާރީ އަދާކުރެއްވުމުގެ މަސައްކަތްތަކުގައި، ހީވާގިކަމާއި ފަންނުވެރިކަމާއެކު ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ. މީގެއިތުރުން، ޒަމާނާއެކު އެ މިނިސްޓްރީގެ އިދާރީ ހިންގުމަށް އަންނަމުންދިޔަ ބަދަލުތައް ތަންފީޒު ކުރުމުގައި ޢާބިދާގެ ހިއްސާ ވަރަށްބޮޑެވެ.

ޢާބިދާ އަޙްމަދަކީ، ދިގު މުއްދަތެއްގައި އިޚްލާޞްތެރި މަސައްކަތްޕުޅުތަކެއް ކުރައްވައިފައިވާ އަދި އަލަށް އެ މިނިސްޓްރީއާ ގުޅިވަޑައިގަންނަވާ ޒުވާން މުވައްޒަފުން، އެމިނިސްޓްރީގެ މާޙައުލަށް އަހުލުވެރިކުރުވުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ނަމޫނާ ބޭފުޅެކެވެ. އަދި ޤާބިލު މުވައްޒަފުންތަކެއް އެ މިނިސްޓްރީގައި އުފެއްދެވުމަށާއި، ޚާރިޖީ ޚިދުމަތުގެ ތާރީޚު މިހާރުގެ މުވައްޒަފުންނަށް ފޯރުކޮށްދެއްވުމަށް މެދުވެރިވި ފާލަމަކަށް ވެގެން ގޮސްފައިވަނީވެސް ޢާބިދާ އަޙްމަދެވެ.

ޢާބިދާ އަޙްމަދަކީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް އެކި ކަންކަމުގައި ގުޅުއްވާ ބޭފުޅުން އެދިވަޑައިގަންނަވާ ކަންކަން، ހަމަޖައްސާފައި އޮންނަ އުސޫލެއްގެ ތެރެއިން ކޮށްދެއްވުމުގައިވެސް އެހެން މުވައްޒަފުންނަށް ނަމޫނާ ދައްކަވައިފައިވާ ބޭފުޅެކެވެ.

ޢާބިދާ އަޙްމަދު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، 2 ނަންބަރު ކާތިބާ ކަމުގެ އިތުރުން، ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓަރީ ކަމާއި، ސެކްރެޓަރީ ކަމާއި، އެސިސްޓެންޓް ޑެސްކް އޮފިސަރ ކަމާއި، ޑެސްކް އޮފިސަރ ކަމާއި، ސީނިއަރ ޑެސްކް އޮފިސަރުކަން ހިމެނެއެވެ.