އަލްފާޟިލް ޢަލީ ޙަސަންފުޅު
ފަޒާ ރ. ކަނދޮޅުދޫ

ޢަލީ ޙަސަންފުޅަކީ، 40 އަހަރަށްވުރެ ގިނަދުވަހު ސަރުކާރަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. 30 މޭ 1965 ގައި ސަރުކާރުގެ ޚިދުމަތް ފެށްޓެވީ މަޙްކަމަތުއް ޝަރުޢިއްޔާގެ 2 ނަންބަރު ކާތިބު ކަމުގެ ވަޒީފާއިންނެވެ. ކަސްޓަމްސްގެ ޚިދުމަތާ ފުރަތަމަ ގުޅިވަޑައިގަތީ، 10 މާރިޗު 1973 ގައެވެ. އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވަނީ ކަސްޓަމްސްގައެވެ. ދެފަހަރުމަތިން 29 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައިވެއެވެ.

ޢަލީ ޙަސަންފުޅު ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، ކަސްޓަމްސްގެ 2 ނަންބަރު ކާތިބު ކަމާއި، އެސިސްޓެންޓް ކާގޯ ކްލިއަރެންސް އޮފިސަރ ކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ކަމާއި، ޗީފް ކަސްޓަމްސް އޮފިސަރކަންވެސް ހިމެނެއެވެ. މީގެއިތުރުން، އެކި ސެކްޝަންތަކުގެ ހެޑްކަމާއި، އޮފިސަރ އިންޗާޖްކަންވެސް ކުރައްވައިފައިވެއެވެ.

ކަސްޓަމްސްގައި ޚިދުމަތް ކުރެއްވިއިރު، ޢަލީ ޙަސަންފުޅު ކުރެއްވި މައިގަނޑު އެއް މަސައްކަތަކީ، ކަސްޓަމްސްގައި އެކިއެކި ޚިދުމަތް ދިނުމުގައި ބޭނުންކުރާ ޑޮކިއުމަންޓްތައް ޗާޕްކުރެއްވުމުގެ މަސައްކަތާއި، ޗާޕްކޮށްގެން ފޮތް ހަދަންޖެހޭ ލިޔުންތަކުގެ ފޮތް ހެއްދެވުމާއި، ކަސްޓަމްސްއިން ޚިދުމަތް ހޯދާ ޢާންމުންނަށް ހަދައިދޭންޖެހޭ ފާސްތައް ހައްދަވައިދެއްވުމެވެ.

ޢަލީ ޙަސަންފުޅަށް ވަނީ ކަސްޓަމްސް އަށް 20 އަހަރު ޚިދުމަތް ކުރެއްވުމުން ދެއްވާ ކަސްޓަމްސް އެވޯޑު ލިބިވަޑައިގެންފައެވެ. އަދި، ކަސްޓަމްސްގެ ނަމޫނާ މުވައްޒަފަކަށްވެސް ވަނީ ހޮވިވަޑައިގެންފައެވެ. ޢަލީ ޙަސަންފުޅު ރިޓަޔަރ ކުރައްވައިފައިވަނީ 5 އޮގަސްޓް 2009 ގައެވެ.