އަލްފާޟިލް މުޙައްމަދު ޝަފީޤު
ހުޅުމާލެ. ފްލެޓް ނަންބަރު 03-1-131

މުޙައްމަދު ޝަފީޤު، ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާތާ މިހާރު 40 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ސަރުކާރުގެ ވަޒީފާ އަދާކުރައްވަން ފެށްޓެވީ 25 މާރިޗު 1981 ގައެވެ. އެދުވަހުން ފެށިގެން މިއަދާ ހަމަޔަށް ސަރުކާރުގެ އެކި އޮފީސްތަކުގައި އެކި ފެންވަރުގެ މަގާމުތައް މުޙައްމަދު ޝަފީޤު ވަނީ ފުރުއްވައިފައެވެ. އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ ކާތިބުކަމާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޭންކިންގ ކްލާކް ކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސީނިއަރ ކޮންފަރެންސް އޮފިސަރ ކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމު ހިމެނެއެވެ.

ސަރުކާރުގެ ސްކޫލްތަކުގެ ދާއިރާގައި މަސައްކަތް ކުރައްވަން ފެށްޓެވީ 1 އޮގަސްޓު 2000 ގައެވެ. ފުރަތަމަ އަދާކުރެއްވީ ޣިޔާޘުއްދީން ސްކޫލްގެ އެޑްމިނިސްޓްރޭޓަރގެ މަގާމެވެ. އޭގެފަހުން އިސްކަންދަރު ސްކޫލްގެ އެޑްމިނިސްޓްރޭޓަރގެ މަގާމުވެސް ފުރުއްވިއެވެ. 2010 ޖަނަވަރީން ފެށިގެން އަދާކުރައްވަމުން ގެންދަވަނީ، ޖަމާލުއްދީން ސްކޫލްގެ އެޑްމިނިސްޓްރޭޓަރގެ މަގާމެވެ.

މުޙައްމަދު ޝަފީޤު ޢާންމުގޮތެއްގައި ކުރައްވައިފައިވަނީ އިދާރީ ހިންގުމާބެހޭ މަސައްކަތްތަކާއި، މުވައްޒަފުންނާ ގުޅޭ ކަންކަން ހިންގަވައި ބެލެހެއްޓެވުމުގެ މަސައްކަތެވެ. ޚާއްޞަކޮށް، ފައިސާއާބެހޭ އެންމެހައި ކަންކަމެވެ. މާލިއްޔަތު ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ދަށުން ފައިސާއާބެހޭ އެންމެހައި ކަންކަން ޝަފީޤު ބަލަހައްޓަވަމުން ގެންދެވީ ވަރަށް ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކުގައެވެ. ފައިސާއާބެހޭ ކަންކަމުގައި އެންމެ ބޮޑަށް ބައްލަވަނީ ހަމަޖެހިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ގެންދެވުމުގެ މައްޗަށެވެ.

މުޙައްމަދު ޝަފީޤަކީ ފައިސާއާބެހޭ ކަންކަން ބެލެހެއްޓެވުމުގެ ގިނަ ތަޖުރިބާ ލިބިވަޑައިގެންފައިވާ ހިންގުމުގެ ދާއިރާގައި ނަމޫނާ ބޭފުޅެކެވެ. މީގެއިތުރުން، މުޙައްމަދު ޝަފީޤު ފާހަގަކުރެވިފައިވަނީ، ދައުލަތަށް ޚިދުމަތް ކުރެއްވި މި ދިގު މުއްދަތުގައި ދުވަހަކުވެސް ގަޑިނުޖެހި، ހާޒިރީއަށް ވަރަށް ބޮޑަށް ފަރުވާތެރި ބޭފުޅެއްގެ ގޮތުގައެވެ.