މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު އަޙްމަދު ނަޞީރު އާދަމް
ފަހިވާ ހއ. އުލިގަން

އަލްއުސްތާޛު އަޙްމަދު ނަޞީރު އާދަމް، 4 ޑިސެންބަރު 1980 ގައި ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގަތީއްސުރެ ވަކިވެވަޑައިގަންނަވަންދެންވެސް ޚިދުމަތް ކުރެއްވީ ޝަރުޢީ ދާއިރާގައެވެ. ފުރަތަމަ އަދާކުރެއްވީ، އުތީމު ކޯޓުގެ ޤާޟީކަމެވެ. އޭގެފަހުން ހަތިފުށީ ކޯޓުގެ ޤާޟީކަމާއި، މޮޅަދޫ ކޯޓުގެ ޤާޟީކަމާއި، ތުރާކުނު ކޯޓުގެ ޤާޟީކަމާއި، މެޖިސްޓްރޭޓް ކަމާއި، ސީނިއަރ މެޖިސްޓްރޭޓްކަން ކުރައްވައިފައި ވެއެވެ. އުލިގަމު ކޯޓަށް ބަދަލުކުރައްވައިފައިވަނީ، 16 ފެބުރުވަރީ 2015 ގައެވެ. 8 މާރިޗު 2021 ގައި ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، އުލިގަމު ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމުގެ މަގާމުގައެވެ.

ޚިދުމަތުގައި ހޭދަކުރެއްވި 40 އަހަރު ދުވަހުގެ ދިގު މުއްދަތުގައި އަޙްމަދު ނަޞީރު އާދަމް ވަނީ ޝަރުޢީ ދާއިރާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އަދި ތަޢުލީމީ ރޮނގުންވެސް ވަނީ މަތީ ކާމިޔާބީ ހާސިލު ކުރައްވައިފައެވެ. މިގޮތުން، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ޑިޕްލޮމާ ހާސިލު ކުރައްވައި، އަދި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ބެޗްލަރސް ޑިގްރީއާއި، ޕޯސްޓް ގްރެޖުއޭޓް ޑިގްރީއާއި، މާސްޓަރޒް ޑިގްރީ ހާސިލު ކުރައްވައިފައި ވެއެވެ.

އަލްއުސްތާޛު އަޙްމަދު ނަޞީރު އާދަމް، ޝަރުޢީ ދާއިރާއާ ގުޅިވަޑައިގެންނެވިއިރު، އޭރު ކޮންމެ ރަށެއްގެވެސް ރަށު ކޯޓުގައި ހުންނަނީ އެންމެ ކާތިބެއް ކަމަށްވެފައި، ކޯޓުގެ ހުރިހާ މަސައްކަތެއްހެން ކުރަންޖެހެނީ ޤާޟީކަމުގެ މަގާމުގައި ހުންނަ މީހެކެވެ. އެގޮތުން، އަޙްމަދު ނަޞީރު ވަޒީފާ އަދާކުރެއްވި ކޯޓުތަކުގެ އިދާރީ ހުރިހާ ކަމެއްގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި އެ ކޯޓުތަކުގައި ވަޒީފާ އަދާކުރާ ކާތިބުންނަށް ތަމްރީނު ދެއްވައިގެން، ކޯޓުގެ ލިޔެކިޔުންތައް ބަލަހައްޓަންވީގޮތް ދަސްކޮށްދެއްވިއެވެ. އަދި އަޙްމަދު ނަޞީރު ވަޒީފާ އަދާކުރައްވަން ފެށްޓެވި ދުވަސްވަރު، ގިނަ ރަށްރަށުގެ ކޯޓުތަކުގައި ޤާޟީންނެއް ނުތިއްބަވައެވެ. ބައެއްފަހަރު ދެތިން ހަތަރު ކޯޓުވެސް އަޙްމަދު ނަޞީރު ބަލަހައްޓަވައިފައި ވެއެވެ.

މީގެއިތުރުން، އެދުވަސްވަރު ކޯޓުތަކުގައި ހިނގާ ޝަރީޢަތްތަކާ ގުޅިގެން ނަގާ ބަޔާންތައް، މަޙްޟަރްގައި ލިޔުއްވައި، ޝަރީޢަތް ނިންމެވިގޮތްވެސް ލިޔުއްވަންޖެހެނީ އަމިއްލަފުޅަށެވެ. އަދި ކޯޓުން ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ތަފާސްހިސާބުތައް ފޮނުވުމާއި، މުވައްޒަފުންގެ މުސާރަ ނެގުމަށް، ކޮންމެ މަހަކު އެއްފަހަރު އަތޮޅުވެރިކަން ކުރާ ރަށަށް ދަތުރުކުރެއްވުމަކީވެސް އޭރު ކުރެއްވި މުހިންމު މަސައްކަތްތަކެކެވެ.