އަލްފާޟިލް ޢަލީ ނަޞީރު އާދަމް
ހުސްނުހީނާގެ ހއ. ހޯރަފުށި

ޢަލީ ނަޞީރު އާދަމް، ސަރުކާރުގެ ޚިދުމަތް ފެށްޓެވީ 10 ޖުލައި 1978 ގައި ހޯރަފުށީ ކޯޓުގެ ކާތިބުކަމުގެ ވަޒީފާއިންނެވެ. އޭގެފަހުން ކޯޓުގެ ސީނިއަރ ކްލާކްކަންވެސް ކުރެއްވިއެވެ. ހޯރަފުށީ އޮފީހުގައި ޚިދުމަތް ކުރައްވަން ފެށްޓެވީ 2 ސެޕްޓެންބަރު 1992 ގައެވެ. އެއީ ކުޑަކަތީބު ކަމުގެ މަގާމުންނެވެ. އޭގެފަހުން، ހޯރަފުށީ ކަތީބުކަމާއި، ބޮޑުކަތީބުކަމާއި، އަޕަރ ނޯތު ޕްރޮވިންސް އޮފީހުގެ ކައުންސިލަރު ކަމާއި، ކޯޑިނޭޓަރުކަން ކުރައްވައިފައި ވެއެވެ. އޭގެފަހުން ހޯރަފުށީ ޞިއްޙީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރުކަންވެސް ކުރެއްވިއެވެ. އެންމެފަހުން އަދާކުރެއްވީ ހޯރަފުށީ ކައުންސިލަރުކަމެވެ. ކައުންސިލަރުކަމުން ވަކިވެވަޑައިގަތީ 16 މޭ 2021 ގައެވެ.

ޢަލީ ނަޞީރު އާދަމަކީ، ހޯރަފުށީގެ ވެރިކަމުގެ އެކި މަގާމުތަކުގައި ހުންނަވައިގެން، އެ ރަށަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ކުޑަކަތީބުކަމާއި، ކަތީބުކަމާއި، ބޮޑުކަތީބުކަން ޢަލީ ނަޞީރު ކުރެއްވި ދުވަސްވަރު، ރަށުގެ ތަރައްޤީއަށާއި ކުރިއެރުމަށް ކުރެވުނު ހުރިހާ މަސައްކަތެއްގައިހެން ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އެގޮތުން، ރަށުއޮފީހާއި، ރަށުކޯޓު އިމާރާތް ކުރުމުގެ މަސައްކަތުގައްޔާއި، ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތުގައްޔާއި، ރަށަށް ކަރަންޓް ދިނުމުގެ މަސައްކަތްތައް ހިންގެވުމުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. އޭގެއިތުރުންވެސް، ރަށުގެ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް، ރައްޔިތުން ލައްވައި ކުރުވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތުން ހިމެނެއެވެ. މިގޮތުން، 2001 ވަނަ އަހަރު ފާހަގަކުރެވުނު މަސްވެރިންގެ ދުވަހާ ގުޅިގެން ރަށުގެ ރައްޔިތުންގެ އަމިއްލަ މަސައްކަތުން ރަށުގެ ބަނދަރު ސަރަޙައްދުގެ އުތުރުން "މަސްވެރިންގެ ހިޔާ" ގެ ނަމުގައި މަސްމާރުކޭޓެއް ހިމެނޭގޮތަށް ދެބުރި އިމާރާތަކާއި، ބަނދަރުގެ ދެކުނު ސަރަޙައްދުގައި "މަސްވެރިންގެ އުފާ" ގެ ނަމުގައި އިމާރާތެއް، ރައްޔިތުންގެ އަމިއްލަ ޚަރަދުގައި ބިނާކުރުމުގައި ޢަލީ ނަޞީރުގެ ބައިވެރިވުން ފާހަގަކޮށްލެވެއެވެ. ހަމައެއާއެކު، ދިވެހިރާއްޖޭގެ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން 1 މާރިޗު 2006 ގައި ތިލަދުންމަތީ އުތުރުބުރީ ބެރިންމަދޫ ރައްޔިތުން ހޯރަފުށްޓަށް ބަދަލުކުރުމުގެ މުހިންމު ބޮޑު މަޝްރޫޢު ފުރިހަމަކުރެއްވުމުގައްޔާއި، ރަށުގެ ޒުވާނުންގެ ކުރިއެރުމަށާއި، ޒުވާނުންގެ މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ކުރިއަށް ގެންދިޔުމަށްޓަކައި ކުރެވުނު ކަންކަމުގައިވެސް ޢަލީ ނަޞީރު މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

ޢަލީ ނަޞީރު އާދަމަކީ، ރަށުގެ ވެރިކަމުގެ މަގާމުތައް ފުރުއްވިއިރު، ހއ.އަތޮޅު މަދަރުސާގެ ކުރިއެރުމަށްޓަކައި އަދި އެ މަދަރުސާގައި އެކި ވަސީލަތްތައް ޤާއިމުކޮށްދެއްވުމުގައި ރަސްމީ ހައިސިއްޔަތުންނާއި، އަމިއްލަފުޅު ހައިސިއްޔަތުންވެސް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. 2008 ވަނަ އަހަރު ހއ. އަތޮޅު މަދަރުސާގައި މަތީ ސާނަވީ މަރުޙަލާގެ ގްރޭޑްތައް އުފެއްދުމަށްޓަކައި ޢަލީ ނަޞީރު ކޮށްދެއްވި މަސައްކަތްތައް، ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ.