އަލްފާޟިލާ ޝަކީލާ ސަޢުދު
ނިޝާން ރ. މަޑުއްވަރި

ޝަކީލާ ސަޢުދު، ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 39 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. ސަރުކާރުގެ ޚިދުމަތް ފެށްޓެވީ، 20 ސެޕްޓެންބަރު 1980 ގައި ފެމިލީ ހެލްތު ވަރކަރެއްގެ ވަޒީފާއިންނެވެ. 10 އޮގަސްޓު 1986 ގައި ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، ދެވަނަފަހަރަށް ޚިދުމަތާ ގުޅިވަޑައިގަތީ، 5 ޖުލައި 1987 ގައެވެ.

ފެމިލީ ހެލްތު ވަރކަރެއްގެ ގޮތުގައި ފުރަތަމަ ޚިދުމަތް ކުރެއްވީ، ރ.އިންނަމާދޫގައެވެ. އޭގެފަހުން ރ. މަޑުއްވަރީގައެވެ. މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ރަށުގެ ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމާބެހޭ ގިނަ މަސައްކަތްތަކެއް، ވަރަށްފުޅާ ދާއިރާއެއްގައި ޝަކީލާ ވަނީ ކުރައްވައިފައެވެ. އެގޮތުން، ޞިއްޙީ ރޮނގުން ޢާންމުން ހޭލުންތެރި ކުރުވުމާއި، ގައިންގަޔަށް އަރާ ބަލިތަކާއި، ރަށުގައި ފެތުރޭ އެކިއެކި ރޯގާތައް ކޮންޓްރޯލް ކުރުމަށް، އެ ވަގުތަކު ދެވެންހުރި ހުރިހާ ފަރުވާއެއް، ދެވެންހުރި ފެންވަރެއްގައި ރައްޔިތުންނަށް ވަނީ ދެއްވައިފައެވެ. އަދި ޢާންމުންގެ ތެރޭގައި ހުރި ޞިއްޙީ ނުރަނގަޅު އާދަކާދަ، ރަނގަޅު އާދަކާދައަށް ބަދަލުކުރުމަށްޓަކައިވެސް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރައްވައިފައެވެ. ރާއްޖެއަށް ޝިގެއްލާ ރޯގާގެ ބަލިމަޑުކަން ކުރިމަތިވި ދުވަސްވަރު، ރައްޔިތުންނަށް ފަރުވާދިނުމުގައްޔާއި، އަދި އެ ބަލި ކޮންޓްރޯލް ކުރުމުގައި ޢަމަލީގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވައި، ބަލިން ރައްކާތެރިވުމުގައި ކުރިއެރުންތަކެއް ހޯއްދަވައިދެއްވައިފައި ވެއެވެ. އޭގެއިތުރުން، މެލޭރިއާއާއި، ފައިލޭރިއާއާއި އަދި ޓީ.ބީ.ފަދަ ނުރައްކާތެރި ބަލިތަކުގެ މީހުންނަށް ފަރުވާ ދެއްވައިފައި ވެއެވެ.

ޢާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ރަށުގެ އެކި ގޭގެޔަށް ޒިޔާރަތް ކުރައްވައި، ގޭގޭގެ ޢާންމު ސާފުތާހިރުކަން ބައްލަވައި، ޞިއްޙަތު ރައްކާތެރިކޮށް ބެހެއްޓުމާބެހޭ މަޢުލޫމާތު، ރައްޔިތުންނަށް ފޯރުކޮށްދެއްވަމުން ގެންދަވައެވެ. އަދި މަދިރިފަނި އާލާވާގޮތަށް ތަންތަން ހުރިތޯ ބައްލަވައި، ޗެކް ކުރެއްވުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދެވިއެވެ. ތުއްތުކުދިން ހެދިބޮޑުވަމުން އަންނަ މިންވަރު ބެލެހެއްޓެވުމާއި، އެކުދިންނަށް ކާންދޭނެ ފައިދާހުރި ކާނާއާ ގުޅޭގޮތުން ހޭލުންތެރިކުރެއްވުމާއި، ޅަފަތުގައި ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައިންނަށް މަޢުލޫމާތު ފޯރުކޮށްދެއްވައި، ހޭލުންތެރި ކުރެއްވުމުގެ މަސައްކަތްވެސް ޝަކީލާވަނީ ކުރައްވައިފައެވެ. ހަމައެއާއެކު، ތުއްތުކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމްތަކުގައި ޢަމަލީގޮތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ސްކޫލް ހެލްތު ޕްރޮގްރާމްގެ ދަށުން ސްކޫލްގެ ދަރިވަރުން ޞިއްޙީގޮތުން ހޭލުންތެރިކުރުވުމުގައްޔާއި، ހެލްތު ސްކްރީނިންގ ޕްރޮގްރާމްތައް ހިންގެވުމުގައިވެސް ޝަކީލާ ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވެއެވެ.