އަލްފާޟިލް އަޙްމަދު ޝިޔާމް
ގ. ހުދުރުވާ

އަޙްމަދު ޝިޔާމް، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 1981 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ކާތިބެއްގެ ގޮތުގައެވެ. އަދި ފަހުން މިނިސްޓްރީގެ ނަން ބަދަލުވެ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައިވެސް 1990 ވަނަ އަހަރުގެ މޭ މަހުގެ 20 ވަނަ ދުވަހާ ހަމަޔަށް ޚިދުމަތް ކުރެއްވިއެވެ. އޭގެފަހުން ޚިދުމަތް ކުރެއްވީ، ވިލިނގިލީ އަވަށުގެ ސައިޓް މެނޭޖަރެއްގެ ގޮތުގައެވެ. އެ އަވަށުގައި މީހުން އާބާދު ކުރެއްވުމަށް ސަރުކާރުން ނިންމެވުމުން، މީހުން އާބާދު ކުރެއްވުމަށްޓަކައި މަގުތައް ހައްދަވައި، ގޯތިތައް ދެއްވުމުގެ މަސައްކަތުގައި ރެޔާދުވާލު ޝިޔާމް މަސައްކަތް ކުރައްވައިފައި ވެއެވެ.

އޭގެފަހުން އަޙްމަދު ޝިޔާމް ޚިދުމަތް ކުރައްވަމުން ގެންދެވީ، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގައެވެ. އަދި އެ ޑިޕާޓްމަންޓް، މިނިސްޓްރީއަކަށް ބަދަލުކުރެއްވުމަށްފަހު، 2008 ވަނަ އަހަރުގެ ނޮވެންބަރު މަހު، އެ މިނިސްޓްރީ އުވައިލައްވަންދެން އެ މިނިސްޓްރީގައި މަސައްކަތް ކުރެއްވިއެވެ. އިންފޮމޭޝަން މިނިސްޓްރީގައި ޝިޔާމް ކުރެއްވި ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ އެއްކަމަކީ، ދިވެހި ފިލްމު އެވޯޑު ތަޢާރުފް ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅެވެ. އަދި ދިވެހި ނޫސްވެރިކަން ޒަމާނާ އެއްގޮތަށް ހުޅުވައިލުމަށް ކުރެވުނު މަސައްކަތްތަކުގައްޔާއި، ރާއްޖޭގެ ރަށްރަށަށް ޓީ.ވީ.އެމް.ގެ ޚިދުމަތް ދިނުމަށް ހިންގި ބޮޑެތި މަޝްރޫޢުތަކުގައި، ޕްރޮޖެކްޓް ކޯޑިނޭޓަރެއްގެ ގޮތުގައިވެސް ޝިޔާމް މަސައްކަތް ކުރެއްވިއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކުރައްވައި، ތާރީޚީ އެކިއެކި ފޮޓޯތައް ނަންގަވައި، އަރކައިވް ކުރެއްވުމުގެ މަސައްކަތަކީވެސް ޝިޔާމް ކުރެއްވި ވަރަށް މުހިންމު މަސައްކަތްޕުޅެކެވެ. ސަރުކާރުން ނެރުއްވި "ފުރަދާނަ" ނޫހުގެ އިސްބޭފުޅެއްގެ ގޮތުގައި، 12 އަހަރު މެދުނުކެނޑުމެއްނެތި ޚިދުމަތް ކުރެއްވިއެވެ. މީގެއިތުރުން، ރޭޑިއޯއާއި ޓީ.ވީ.ގެ ސިޔާސަތުތައް އެކުލަވައިލެއްވުމުގެ މަސައްކަތުގައްޔާއި، އެތަންތަނުން އުފައްދާ ޕްރޮގްރާމްތައް އުފެއްދުމަށް ކޮންޓެންޓް ޗާޓް ތައްޔާރުކޮށްދެއްވައިފައި ވެއެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު އެކަށައެޅުމަށް، 2008 ވަނަ އަހަރު އެކުލަވައިލެވުނު ގަވާއިދާއި، ފަހުން އެ ގަވާއިދު ޤާނޫނަކަށްވުމުން، ޤާނޫނު ހިންގަން ފެށީއްސުރެން ފެށިގެން މިއަދާ ހަމަޔަށް، އެ މަސައްކަތުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި އެއް ބޭފުޅަކީވެސް އަޙްމަދު ޝިޔާމެވެ. ރާއްޖޭގައި ފުރަތަމަފަހަރަށް ބޭއްވުނު ޖަމުޢިއްޔާތަކުގެ ފޯރަމް ބޭއްވުމުގެ މަސައްކަތްތަކުގައްޔާއި، ރާއްޖޭގެ މީޑިއާ ކައުންސިލާއި، ބްރޯޑްކާސްޓިންގ ކޮމިޝަން ވުޖޫދަށް ގެންނެވުމުގައި، ކުރިންހުރި އިންފޮމޭޝަން މިނިސްޓްރީން ކުރެއްވި މަސައްކަތްތަކުގައި، ޝިޔާމްގެ ހިއްސާ ވަރަށްބޮޑުކަން ފާހަގަކޮށްލަންޖެހެއެވެ.

ހަމައެއާއެކު، މިހާރު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައި ހުންނަވައިގެން، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް މީހުން އަހުލުވެރިކުރުވުމަށާއި، އިންފޮމޭޝަން އޮފިސަރުން ތަމްރީނު ކުރެއްވުމުގެ މައިގަނޑު މަސައްކަތްތައްވެސް ވަނީ ކުރައްވައިފައެވެ. އަދި ޢާންމުންނަށާއި، އިންފޮމޭޝަން އޮފިސަރުންނަށް މަޢުލޫމާތު ދެއްވުމަށް ޝިޔާމް ވަނީ ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރައްވައި، އެ ރަށްރަށުގައި އިންފޮމޭޝަން އޮފިސަރުން ތަމްރީނު ކުރައްވައިފައެވެ. މީގެއިތުރުން، މި ދާއިރާގެ މަޢުލޫމާތު، މިނިސްޓްރީތަކާއި، މިނިވަން މުއައްސަސާތަކާއި، ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުންނަށް މިހާރުވެސް ދެއްވަމުން ގެންދަވަނީ އަޙްމަދު ޝިޔާމެވެ.