އަލްފާޟިލް މުޙައްމަދު އަބޫބަކުރު
ދަފްތަރު. ނަންބަރު ރސ 978

ސަރުކާރުގެ ޚިދުމަތާ މުޙައްމަދު އަބޫބަކުރު ގުޅިވަޑައިގަތީ 14 އޮގަސްޓް 1982ގައި މިނިސްޓްރީ އޮފް ހެލްތުގެ ވަގުތީ ކާތިބެއްގެ ވަޒީފާއިންނެވެ. އެއަށްފަހު، 19 އެޕްރީލް 1983ގައި ކަސްޓަމްސްގެ 2 ނަންބަރު ކާތިބުކަމުގެ މަގާމަށް ބަދަލުވެވަޑައިގަތީއެވެ. ކަސްޓަމްސްގައި ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ބޯޓުފަހަރަށް ވަޑައިގެން މުދާ ޗެކް ކުރެއްވުމާއި، މުދާ ދޫކުރެއްވުން ހިމެނެއެވެ.

1984 ވަނަ އަހަރު ފެށުނު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގެ މަސައްކަތަށް އޭރުގެ އައިޑެންޓިޓީ ކާޑު ޔުނިޓަށް މުޙައްމަދު އަބޫބަކުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރަސްމީކޮށް ބަދަލުކުރެއްވީ 24 މެއި 1986ގައެވެ. ނަމަވެސް އޭގެ ކުރިން 1984 ޖޫން މަހުގެ 6 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފެއްގެ ގޮތުގައި އައި.ޑީކާޑު ހެދުމުގެ މަސައްކަތަށް އެ ޔުނިޓަށް ދޫކުރެއްވީއެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމަޔަށްވެސް މުޙައްމަދު އަބޫބަކުރު ކުރައްވަމުން ގެންދަވަނީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދެވުމުގެ މަސައްކަތެވެ.

މުޙައްމަދު އަބޫބަކުރު، އައި.ޑީ ކާޑު ޔުނިޓުގައި ވަގުތީގޮތުން ހޭދަކުރެއްވުނު 2 އަހަރާއެކު، ޖުމުލަ 37 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވިއިރު، އެސިސްޓެންޓް ރެކޯޑްސް އޮފިސަރ ކަމާއި، ރެކޯޑްސް އޮފިސަރ ކަމާއި، ސީނިއަރ ރެކޯޑްސް އޮފިސަރ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން ކުރައްވައިފައި ވެއެވެ. އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމަށް މާލޭގައި އެއްކުރެވުނު މަޢުލޫމާތުތައް ފައިލް ކުރައްވައި، ރައްކާ ކުރެއްވުމުގެ މަސައްކަތްވެސް ކުރެއްވިއެވެ. މީގެއިތުރުން، އަތޮޅުތަކަށް ވަޑައިގެން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދެވޭ މީހުންގެ މަޢުލޫމާތުތަކާއި، މާލެއިން ކާޑު ހައްދާ އަތޮޅުތަކުގެ މީހުންގެ މަޢުލޫމާތު، ކޮންމެ އަތޮޅަކަށް ވަކި ފައިލިންގ ކެބިނެޓުތަކެއްގައި ކަރުދާސް ފައިލްތަކުގައި ކާޑު ނަންބަރު ތަރުތީބުން ބަލަހައްޓަވައިފައި ވެއެވެ.

މުހައްމަދު އަބޫބަކުރަކީ، ކާޑު ހެދުމަށް އަތޮޅުތަކަށް ކުރެވުނު ގިނަ ދަތުރުތަކެއްގައި ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ.

1994 ވަނަ އަހަރު އައި.ޑީ ކާޑު ޔުނިޓުގެ ނަން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ ނަމަށް ބަދަލުވުމާ ގުޅިގެން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށާއި، ކާޑު ނަންބަރަށް އައި ބަދަލާ ގުޅިގެން ކުރިން ކާޑު ހެދުމުގެ މަޢުލޫމާތު ރައްކާކުރުމުގެ މުޅި ސިސްޓަމް ބަދަލުވެގެންދިޔައެވެ. ކުރިން ކޮންމެ އަތޮޅަކަށް ވަކި ނަންބަރެއްދީގެން ކާޑު ހެދިނަމަވެސް، ފަހުން ގެނެވުނު ބަދަލާ ގުޅިގެން މުޅި ރާއްޖެއަށް، އެއް އުސޫލަކުން ނަންބަރު ދޭން ފެށުނެވެ. މި ބަދަލާއެކު ކުރިން އަތޮޅުތަކަށް ވަކިވަކިން ބޭނުންކުރެވުނު ފައިލިންގ ކެބިނެޓުތައް، ކާޑުހެދެމުންދާ ނިސްބަތުން ކުރީގެ ކާޑު ނަންބަރުން ފަހުގެ ކާޑު ނަންބަރުތަކަށް ތަރުތީބު ކުރެވުނެވެ. އަދި 2003 ވަނަ އަހަރު އައި.ޑީ ކާޑު ހެދުމުގެ މަސައްކަތް ކޮމްޕިއުޓަރައިޒް ކުރެވުނީވެސް މި ދެންނެވުނު ކާޑުގެ ނަންބަރުތަކުގައެވެ.

މިހާރު މުޙައްމަދު އަބޫބަކުރު މައިގަނޑު ގޮތެއްގައި ކުރައްވަނީ، އައި.ޑީ ކާޑުގައި ހިމެނޭ މަޢުލޫމާތުތައް ކަށަވަރު ކުރެއްވުމާއި، އެޕްރޫވް ކުރެއްވުމުގެ އިތުރުން، އަތޮޅުތަކުން ފޮނުވާ ރަޖިސްޓަރީތަކުގައިވާ މަޢުލޫމާތާ އެއްގޮތަށް ޑިޕާޓްމަންޓުގެ ޑޭޓާތައް ރަނގަޅު ކުރެއްވުމުގެ މަސައްކަތެވެ.