އަލްއުސްތާޛު މުޙައްމަދު ނަސީމް
ޖެމްނީހައުސް ގދ. ތިނަދޫ

އަލްއުސްތާޛު މުޙައްމަދު ނަސީމަކީ، 24 އޮގަސްޓު 1982 ގައި އައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކާތިބެއްގެ ވަޒީފާއިން ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ. އޯޑިޓް އޮފީހުގެ ވަޒީފާއަށް ބަދަލުވެވަޑައިގަތީ، 1984 ވަނަ އަހަރު ސެކްރެޓަރީއެއްގެ މަގާމަށެވެ. އަދި އޯޑިޓް އޮފީހުގައި ކުރައްވަމުން ގެންދެވި އެކިއެކި މަސައްކަތްތަކާއި ޚިދުމަތްތަކުގެ ފެންވަރު ފާހަގަކުރެވިގެން، އެކަމުގެ ސަބަބުން މަގާމުގެ ކުރިއެރުން ލިބިވަޑައިގެން، އޯޑިޓް އެކައުންޓެންޓް ކަމާއި، ސީނިއަރ އޯޑިޓް އެކައުންޓެންޓް ކަމާއި، އެސިސްޓެންޓް އޮޑިޓަރ ކަމާއި، އޮޑިޓަރ ކަމާއި، ޑިރެކްޓަރ ކަމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާ ހަމަޔަށް ވަޑައިގެންނެވި ބޭފުޅެކެވެ. އޯޑިޓް އޮފީހުގެ މަގާމުތަކުގެ ނަންތަކަށް ގެންނެވި ބަދަލުގައި، 2011 ވަނަ އަހަރު މެނޭޖަރ، ކޮމްޕްލެއިންސް އޮޑިޓްގެ މަގާމަށް ބަދަލުކުރެއްވިއެވެ. އެއަށްފަހު ޓެކްނިކަލް ސަރވިސްގެ މެނޭޖަރުކަންވެސް ކުރެއްވިއެވެ.

މުޙައްމަދު ނަސީމަކީ، އޮޑިޓަރެއްގެ ގޮތުގައްޔާއި، ޓީމް ލީޑަރެއްގެ ގޮތުގައްޔާއި، އޮޑިޓްގެ ވެރިއެއްގެ ގޮތުންނާއި، އޮފީހުގެ އެންމެ އިސްވެރިންގެ ފަންތީގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްގެ ހައިސިއްޔަތުން އޮފީހުގެ މަސައްކަތްތަކަށާއި ކުރިއެރުމަށް ނުހަނު ގިނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ އަދި މިހާރުވެސް އެ ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. އޯޑިޓް ޤާނޫނުގެ ދަށުން ފުރަތަމަ ޢައްޔަނު ކުރެވުނު އޮޑިޓަރ ޖެނެރަލް، މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އޮފީހުގެ އޮނިގަނޑު އެކުލަވައިލުމުގައްޔާއި، މަގާމުތަކަށް މީހުން ހަމަޖެއްސުމުގައި އޮޑިޓަރ ޖެނެރަލަށް ލަފާދިނުމަށް އެކުލަވައިލި ކޮމިޓީގެ ޗެއަރގެ ހައިސިއްޔަތުން އެ މަސައްކަތް ކުރެއްވުމާއި، އޯޑިޓް އޮފީހުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު އެކުލަވައިލިއިރު، ޢަމަލީގޮތުން އެ މަސައްކަތް ކުރެއްވުމާއި، އޮފީހުގެ މުވައްޒަފުންގެ ތެރެއިން ދައުލަތުގެ މާލިއްޔަތު ގަވާއިދު އެކުލަވައިލުމުގައި، އޯޑިޓް އޮފީސް ތަމްސީލު ކުރައްވާ ބޭފުޅެއްގެ ގޮތުންވެސް ނަސީމްވަނީ އަގުހުރި ޚިދުމަތްތަކެއް ކުރައްވައިފައެވެ. މުޙައްމަދު ނަސީމަކީ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން އޮފީސް ހިންގުމުގައި އޮޑިޓަރ ޖެނެރަލް ބޭނުންވާ ލަފަޔާއި އިރުޝާދު ދެއްވުމުގައްޔާއި، ބިޑް ކޮމިޓީއާއި، އެޗް.އާރު. އެންޑް އެތިކްސް ކޮމިޓީއާއި، އެނޫން ބައެއް އެހެން ކޮމިޓީތަކާއި ޓާސްކްފޯސްތަކުގައި އޮފީހުގެ ކަންކަން ނިންމުމުގައި ބައިވެރިވެވަޑައިގެން މިހާރުވެސް ޚިދުމަތް ކުރައްވާ ބޭފުޅެކެވެ.

އަލްއުސްތާޛު މުޙައްމަދު ނަސީމް ވަނީ އޯޑިޓް އޮފީހުގެ ވަޒީފާގައި ހުންނަވައިގެން، ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ހާސިލު ކުރައްވައިފައެވެ. މިގޮތުން، ޝަރީޢާ އެންޑް ލޯ އިން އޮނަރސް ޑިގްރީ އަދި ޝަރީޢާއިން މާސްޓަރޒް ޑިގްރީ ވަނީ ހާސިލު ކުރައްވައިފައެވެ. މިހާރު ހުންނެވީ ޤާނޫނީ ކަންކަމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ލަފާ ދެއްވާ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި، ލީގަލް ކައުންސެލްގެ މަގާމުގައެވެ.