އަލްފާޟިލް އަޙްމަދު ނަޞީރު
އަޒްމު ހއ. ދިއްދޫ

އަޙްމަދު ނަޞީރު، ސަރުކާރަށް ޚިދުމަތް ކުރައްވަން ފަށްޓަވައިފައިވަނީ، 21 ސެޕްޓެންބަރު 1982 ގައި ދިއްދޫ އޮފީހުގެ ކާތިބުކަމުގެ ވަޒީފާއިންނެވެ. 6 ނޮވެންބަރު 1985ގައި ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، އަލުން ހއ.އަތޮޅުއޮފީހުގެ 2 ނަންބަރު ކާތިބެއްގެ ވަޒީފާއާ ގުޅިވަޑައިގަތީ، 4 ފެބުރުވަރީ 1986 ގައެވެ. ހއ.އަތޮޅުއޮފީހުގެ ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓަރީ ކަމާއި، ސެކްރެޓަރީ ކަމާއި، ސީނިއަރ ސެކްރެޓަރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ މަގާމާއި، ޕްލޭނިންގ އޮފިސަރ ކަމުގެ މަގާމު އަޙްމަދު ނަޞީރު ފުރުއްވައިފައި ވެއެވެ.

މި ވޭތުވެދިޔަ 38 އަހަރު ދުވަހުގެ ތެރޭގައި އަޙްމަދު ނަޞީރު ކުރައްވައިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ރަށްރަށުގެ ރައްޔިތުންގެ އެކައުންޓްގެ ފައިސާގެ ހިސާބު ބެލެހެއްޓުމާއި، ރަށްރަށުން ގޯތިދޭނޭ ސަރަޙައްދުތައް ކަނޑައެޅުމާއި، ގޯއްޗަށް އެދޭ މީހުންނަށް ގޯތި ދިނުމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތަކާއި، ރަށްރަށުގެ މަގުމަގަށާއި ގޯޅިތަކުގެ ތެރެއަށް ހުންނަ ރުއްގަހަށް ބަދަލުދިނުމުގެ މަސައްކަތްތައް ހިމެނެއެވެ. އަދި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސް ދޫކުރުމުގެ އެންމެހައި މަސައްކަތްތައް ކުރެއްވުމާއި، އުޅަނދުފަހަރު ބަނުމަށް ލަކުޑިއަށް އެދި ހުށަހަޅާ ފަރާތްތަކަށް ލަކުޑި ޗިޓް ހެއްދުމާބެހޭ އެންމެހައި މަސައްކަތްތަކާއި، އަތޮޅު ކައުންސިލަށް ލިބިދީފައިވާ ބާރާއި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ކަންތައް ތަންފީޒު ކުރުމަށް ބޭނުންވާ ޕްލޭން، އަތޮޅު ކައުންސިލަރުންގެ ލަފާގެ މަތިން އެކުލަވައިލެއްވުމަކީވެސް އަޙްމަދު ނަޞީރު ކުރައްވަމުން ގެންދެވި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

އަޙްމަދު ނަޞީރު މިހާރު ކުރައްވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ރަށު ކައުންސިލްތައް މޮނިޓަރ ކުރެއްވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމާއި، ރަށު ކައުންސިލްތަކުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބެލުމުގައި އެހީތެރިވެދެއްވުމާއި، އަތޮޅުތެރޭގެ ހާލަތު ދެނެގަތުމަށް އެއްކުރާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށްގެން ތަފާސްހިސާބު ތައްޔާރުކުރެއްވުމާއި، އަތޮޅު ކައުންސިލްގެ އިދާރާގެ ވެބްސައިޓް އަދާހަމަކުރައްވައި ބެލެހެއްޓެވުން ހިމެނެއެވެ.